ސަރުކާރުން ޔާމީން ބަންދުކޮށް، އެކަހެރިކޮށްގެން ގެންގުޅުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް މަދަނީ ކޯޓުން ހުކުމްކޮށްފި

12:00


ހިމާޔަތް ދީފައި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ނުރުހުމުގައި އޭނާ ސިފައިގެން ބެލުމުގެ ދަށުގައި ގެންގުޅުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މާލޭގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް ބުނެ ޔާމީން ސިފައިންގެ ބެލެމުގެ ދަށުގައި ގެންގުޅުނު މައްސަލަ އަކީ ގާނޫނު އަސާސީން ލިބޭ މިނިވަންކަމާއި ހައްގުތަކުގެ މާއްދާތަކާ ފުށުއަރައި ދެބަސްވާ ކަމެއް ކަމަށް އެ ހުކުމުގައި ވެ އެވެ. އަދި  ގާނޫނު އަސާސީން ޔާމީނަށް ލިބިދޭ އަސާސީ، މަދަނީ ހައްގުތައް ނިގުޅައިގަތުމުގެ ބާރު ގައުމީ ދިފާއީ ބާރަށް ލިބިގެންނުވާ ކަމަށް ވެސް މަދަނީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.


މި މައްސަލަ މި ގޮތަށް ނިމުނުއިރު ޔާމީން މާލޭގައި ވަޑައިގެން ނޫޅުއްވަ އެވެ. ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލެއް ކަމަށްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ސިންގްޕޫރުގައި ހުންނަވާފައި ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ  ސިފައިން އެންމެ ފުރަތަމަ ޔާމީން ހައްޔަރުކުރި ހިސާބުން ފެށިގެން ވެސް ޔާމީނުގެ ފަރާތުން ދެކެމުން އައި ގޮތަށް މައްސަލަ ނިމުމުން ހިތްހަމަޖެހޭ ކަމަށެވެ.


އާޒިމާ ވިދާޅުވީ މި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެކަން ނުވަތަ ނޫންކަން ކަނޑައަޅުއްވާނީ ޔާމީން މާލެ ވަޑައިގަތުމުން އަންނަ ހަފުތާގައި ކަމަށެވެ.


ސިފައިން ޔާމީން ހައްޔަރުކޮށް ހިޔާމަތް ދީފައި ކަމަށް ބުނެ އާރަށަށް ގެންދިޔައީ މި އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖެހިއިރު ގ. އާބިންގައި ޔާމީން ހުންނަވަނިކޮށް ހަތިޔާރާއެކު ގޮހެވެ.


ޔާމީންގެ ނުރުހުމުގައި ސިފައިގެން މައިމަރުކަޒަށް ގެންގޮސް ހިމާޔަތް ދެނީ ކަމަށް ބުނެ އެކަހެރިކޮށް އާރަށުގައި ބަހައްޓާފައިވާތީ ގައުމީ ދިފާއީ ބާރުގެ މައްޗަށް ޔާމީންގެ ފަރާތުން ކުރެއްވި ދައުވާއަށް  ދައުލަތުން ބުނެފައި ސިފައިން ޔާމީން ގެންދިޔައީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ށ)އަށް ރިޔާއަތްކޮށް ގާނޫނު އަސާސީގެ 243 ވަނަ މާއްދާ އިން ސިފައިންނަށް ލިބިދީ އިހުތިޔާރުނެ ކަމަށެވެ.  ސިފައިން އަމަލުކޮށްފައި ވަނީ ސިފައިންގެ ގާނޫނުގެ ހަތަކާއި އަށްވަނަ މާއްދާއާ އެއްގޮތަށް ކަމަށެވެ. އަދި ބުނެފައި ވަނީ ޔާމީން މިހާރު ވީއްލާފައިވާތި މި ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި ޖެހެނީ ބާތިލު ކުރަން ކަމަށެވެ.


މަދަނީ ކޯޓުގެ އިސްގާޒީ މި މައްސަލަ ބެއްލެވުމަށް ފަހު އިއްވެވި ހުކުމުގައި ބުނަނީ ޔާމީންގެ ނުރުހުމުގައި އޭނާއަށް ހިމާޔާތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުން ގާނޫނު އަސާސީގެ 41 ވަނަ މާއްދާ އާއި 19 ވަނަ މާއްދާއި21 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 30 ވަނަ މާއްދާއި 37 ވަނަ މާއްދާއާއި 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ޔާމީނަށް ގެއްލިގެންދިޔަ ކަމަށެވެ.


ހުކުމުގައި ބުނަނީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ގާނޫނަކުން ނުވަތަ ގާނޫނު އަސާސީގެ 254 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަނި ކަމަށްވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު ނެތި ހިޔާމާތް ދިނުމަށް އަސާސީ ހައްގުތަކުން މަހުރުމޫވާ ގޮތަށް ސިފައިނަށް އެއްވެސް މީހަކު ވަކި ތަނެއްގައި ބެހެއްޓުމުގެ ބާރު ލިބިދާނެ ކަމަށް ތާއީދު ލިބޭ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއް ނެތް ކަމަށެވެ.


މީގެ އިތުރުން މީހަކަށް ރައްކާތެރިކަންދީ ހިމާޔަތް ދިނުމަކީ އެމީހަކަށް ގާނޫނުން ލިބޭ ފުރިހަމަ މިނިވަންކަމާއެކު އެމީހެގެ އިހުތިޔާރުގައި އެއްވެސް ގައިދެއް ނެތި އުޅެވޭނެ ގޮތަށް ކޮށްދޭންޖެހޭ ކަމަށްވާ ހިނދު އަމިލަ އިހުތިޔާރު ނެތް ގޮތެއްގައި ވަކި ތަނެއްގައި ވަކި ބައެއްގެ ބާރު ދަށުގައި ގާނޫނުގައި މީހަކަށް ލިބިދޭ އިހުތިޔާރީ މިނިވަންކަން ނެތް ގޮތް ވުމަކީ ރައްކާތެރިކަމާއި ހިމާޔާތުގެ މާނަ ފުށުއަރައިގެންދާ ކަމެއް ކަމަށެވެ.


ހުކުމުގައި އަދި ބުނަނީ ޔާމީނުގެ މައްސަލަ އަކީ ގާނޫނު އަސާސީގެ މިނިވަންކަމާއި ހައްގުތަކުގެ މާއްދާތަކާއި ދެބަސްވާ ކަމެއްކަން އެނގޭތީ ޔާމީނަށް ގާނޫނު އަސާސީން ލިބިގެންވާ ހައްގުތަކެއް އެގޮތުގައި ނިގުޅައިގަތުމަކީ ގައުމީ ދިފާއީ ބާރަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު