ދުފުމުގެ އިތުރުން ހަވާދުގެ ބާވަތްތައް ތައްޔާރު ކުރުމަށާއި ދިވެހި ބޭސް ތައްޔާރު ކުރުމަށް އަޅުގަނޑުމެން ބޭނުންކުރާ އެންމެ މުހިއްމު އެއް ބާވަތަކީ ކަރަންފުލެވެ.
ކަރަންފުލަކީ އިނގިރޭސި ބަހުން ނަމަ 'ކްލޯވް' އަދި ސައިންޓިފިކް ނަމުން ނަމަ 'ސިޒީޖިއަމް އަރޮމާޓިކަމް'އެވެ.
ކުޅި ރަހައެއް ހުންނަ ކަޅު ކުލައިގެ މި ބާވަތަކީ މަތިކަރާ ބޭހުގެ ބާވަތެކެވެ. ކަރަންފޫ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިއާ އަދި މަޑަގަސްކަރައިގައެވެ.
ކެއުންތަކަށް އިތުރު ރަހައެއް ގެނެސްދިނުމުގެ އިތުރުން ކަރަންފުލަކީ އެ ބޭނުން ކުރުމުން ހަށިގަނޑަށް ގިނަ ސިއްހީ ފައިދާތަކެއް ލިއްބައިދޭ މުހިންމު ބާވަތެކެވެ.

ކަރަންފޫ ގަހެއްގައި ކަރަންފޫ އަޅާފައި --ފޮޓޯ/އަލްފާއެރޮމެޓިކްސް
ރެޖިސްޓަޑް ޑައިޓީޝަނެއް ކަމަށްވާ އެމީ ރިޗަ ބުނެފައިވާ ގޮތުގައި ކަރަންފުލުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޖަރާސީމުތައް ނައްތާލައި، ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ.
ހަމައެއާއެކު ކަރަންފުލަކީ ފުރަމޭގެ ބަލިތަކަށް ވެސް ވަރަށް ރަނގަޅު ބާވަތެއް ކަމަށް އެމީ ރިޗަ މުތާލިއާކޮށްފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ.
ކަރަންފުލުގައި ހިމެނޭ މުހިއްމު ނިއުޓްރިއެންޓްސްގެ ތެރޭގައި، ފައިބަ، ވިޓަމިންކޭ އަދި ސިކުނޑި ދުޅަހެޔޮކަންމަތީ ދަމަހައްޓައި ކަށިތައް ވަރަގަދަކޮށް ބެހެއްޓުމަށް މުހިއްމު ދައުރެއް އަދާ ކުރާ މިނެރަލްސް މެންގަނީސް ހިމެނެއެވެ.

ކަރަންފުލުން ތައްޔާރުކޮށްފައިވާ އޭގެ ތެޔޮ--ފޮޓޯ/އަލްފާއެރޮމެޓިކްސް
ކަރަންފުލުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް މާއްދާތަކުގެ ސަބަބުން މީހާ ސްޓްރެސްވުމުން ދުރުކޮށްދޭ ކަމަށް އެމީ ރިޗަގެ ލިޔުމުގައި ވަނީ ބުނެފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި ކަރަންފުލުން ލިބޭ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ހޯދި ބައެއް ހޯދުންތަކުން އެނގުނު ގޮތުގައި ކަރަންފޫ ތެލުން ކެންސަރު ބަލި ހުންނަ މީހުންނަށް ވެސް ލުއި ލިއްބައިދެއެވެ.
ނަމަވެސް ކަރަންފޫ ތެޔޮ މާގިނައިން ބޭނުންކޮށްފި ނަމަ ފުރަމެއަށް އެކަމުން ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި ޚާއްސަކޮށް ކުޑަކުދިންނަށް އޭގެ ނުރައްކާ ބޮޑުކަމަށް އެމީ ރިޗަ ވަނީ ބުނެފައެވެ.
ކަރަންފޫ ތެޔޮ ބޭނުންކުރާ ނަމަ ފެނުގެ ތެރެއަށް އޭގެ 10 ނުވަތަ 15 ތިކި އެއްކޮށްލުމަށްފަހު ސްޕްރޭ ކުރެވިދާނެއެވެ. ހަންގަނޑު ނާޒުކު ކަމަށް ފާހަގަވާނަމަ ކަރަންފޫ ތެޔޮ، ގައިގެ ހަމުގައި ހޭކުމަށް އެންމެ ރަނގަޅު ގޮތަކީ ކާށިތެލާ އެއްކޮށްގެން ކަމަށް އެމީ ރިޗަ ވަނީ އިރުޝާދުދީފައެވެ.
ކަރަންފޫ ފެނަކީ ވެސް ވަރަށް ގިނަ ކަންކަމަށް އޮތް ފަރުވާއެކެވެ. އޭގެތެރޭގައި، މޭނުބައިކޮށް ބޮލަށް އެނބުރުން އަރާނަމަ އެކަމަށް ލުޔެއް ހޯދުމުގެ އިތުރުން، އަސްތަމާ ފަދަ ބަލިތައް އޭގެތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު ދަތުގައި ރިއްސާނަމަ ކަރަންފޫ ފުނޑުކުރުމަށްފަހު އެ ބައިތައް، ކަފަކޮޅަކާ އެކު ދަތުގެ ދޭތެރޭގައި ޖެހޭ ގޮތަށް ބެހެއްޓުމުން ރިހުމަށް ލުޔެއް ލިބޭ ކަމަށް އެމީ ރިޗަގެ ލިޔުމުގައި ވަނީ ބުނެފައެވެ.