ރާބިތާއިން މައުމޫން ފައުންޑޭޝަނަށް 211 މުސްހަފު ހަދިޔާކޮށްފި

ރަބިތަތުލް އާލަމުލް އިސްލާމިއްޔާ އިން މައުމޫން ފައުންޑޭޝަނަށް މުސްހަފްތަކެއް ހަދިޔާ ކޮށްފި އެވެ.

މިރޭ މައުމޫން ފައުންޑޭޝަންގައި އޮތް ރަސްމިއްޔާތެއްގައި 211 މުސްހަފު ރާބިތާއިން ވަނީ އެ ފައުންޑޭޝަނާއި ހަވާލުކޮށްފަ އެވެ.

ރާބިތާގެ ފަރާތުން މުސްހަފުތައް ހަވާލުކޮށްދެއްވީ ރާބިތާގެ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ އެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން މުސްހަފުތަކާ ހަވާލުވެ ވަޑައިގަތީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

މުސްހަފުތަކާއި ހަވާލުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާބިތާއިން އެ ފައުންޑޭޝަނާއި ދޭތެރޭ ބަހައްޓާ ގާތްކަމާއި އެހީތެރި ކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނާމެދު އޮންނަ ލޯބި އިތުރުވެގެންދާ ކަމެއް ކަމަށެވެ. ތައުލީ މީގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރާބިތާއިން ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާތީ ރާބިތާއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މީގެ ކުރިން ވެސް ރާބިތާއިން އެ ފައުންޑޭޝަނަށް މުސްހަފުތަކެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެ ފައުންޑޭޝަނުން އިއުލާންކޮށްގެން އެކަމަށް ކުރިމަތިލީ ގުރުއާން ކުލާސްތަކަށް އެ މުސްހަފުތައް ހަދިޔާ ކޮށްފައިވާކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު