MTCC
Dhiraagu

ބޮޑު ދޮންބެ އަދި ކިތަންމެ ރަނގަޅަކަސް ޒުލްފާގެ ޒީލަގަދަކަމުގެ ސަބަބުން، އެ ގޭގައި އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގި މައުވާއަށް ވިސްނެމުން ދިޔައެވެ.

"މި ވަގުތަށް އެ ގެ ނޫނީ ދާނެ އިތުރު ތަނެއް ނެތް." ރާމިޒާ މާޔޫސްކަމާއެކު ބުނެލިއެވެ.

"އެމީހުން މަންމައާ ދިމާލަށް އެހާ އެއްޗެހި ކިޔާތަން ބެލުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން." މައުވާ ހާމަކުރީ ހަޤީީގަތެވެ. އޭނާއަށް އެ މަންޒަރު ތަކުރާރުވާތަން ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

"ދެން ވަކި ކޮންތާކަށް ދާނީ؟" ރާމިޒާ މައުވާގެ އަތުގައި ހިފައްޓައިލިއެވެ.

"އިތުރު ގޮތެއް ހަމަޖެހެންދެން އެހަށް ހިނގާ އެގެއަށް." ރާމިޒާގެ އެވާހަކައަށް މައުވާ ބޯ ޖަހައިލިއިރު އޭނާގެ އުންމީދަކަށް ވީ އެންމެ އަވަހަށް، ޒުލްފާމެންގެ ހިޔާވެހިކަމުން ވަކިތަނަކަށް ދިޔުމެވެ. ކޮންމެ ގޮތެއް ވިޔަސް މިވަގުތަށް، ޒުލްފާގެ ވިހަ ގަދަ ބަސްތައް އަޑު އެހުން ނޫން ގޮތެއް އޭނާއަށް އަދި އޭނާގެ މަންމައަކަށްވެސް ނެތެވެ.

"ދެން އެކަމާ ނުވިސްނާ، ޒުލްފާ ކިތަންމެ ވަރަކަށް ރުޅި އަޔަސް ބޭބެ ރަނގަޅެއްނު. އޭނަ އަކީ އެއް އިރެއްގައިވެސް، މީހަކާ ދޭތެރޭ ހެޔޮ ބަހެއް ބުނާ މީހެއް ނޫން. މައުއަށްވެސް އޭނާގެ ގޮތް އެނގެއެއްނު." ރާމިޒާ ބޭނުންވީ މައުވާގެ ހިތް ހަމަޖައްސައިލަދިނުމަށެވެ. އެކަމާހެދި މައުވާގެ ހިތުގެ ހަމަޖެހުން ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ރާމިޒާގެ ވާހަކައަށް ބޯ ޖަހައިލަމުން އަމިއްލަ އިޙްސާސްތައް ފޮރުވަން މައުވާ މަސައްކަތްކުރީ އޭނާގެ ނުތަނަވަސްކަމާއެކު ރާމިޒާއަށް ވެސް އިތުރު ހިތްދަތިކަމެއް ލިބޭނެކަން އެނގޭތީއެވެ. މިއަދު އެ ދެމީހުން ހިތްވަރު ހޯދަން ތިބީ އެކަކު އަނެކަކުގެ ކިބައިންނެވެ. އެ ދެމީހުން ނޫނީ މިއަދު އެކަކު އަނެކަކުގެ ހިތާމަޔާއި ހިތުގެ އުދާސްކަން ހިއްސާކުރާނެ އިތުރު މީހަކު ނެތެވެ.

"މަންމަ މިހުރިހާ އެއްޗެއް ދަބަހަށް އަޅާލާނަން. " އެހެން ބުނެލާފައި ރާމިޒާ، އެއްޗެހި ދަބަހަށް އަޅަންވެގެން އަވަސްވެގަތެވެ. މައުވާވެސް އިތުރު އެއްޗެއް ނުބުނެ ރާމިޒާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. ރާމިޒާ އެ މަަސައްކަތް ކޮށް ނިމުނުތަނާ ރޫމުގެ ދޮރުފަތް ހުޅުވާާލާފައި ނަރުސް ކުއްޖަކު އެތެރެއަށް ވަނެވެ.

އޭނާ ދިއްކޮށްލީ މައުވާގެ ޑިސްޗާރޖް ސަމަރީއެވެ. ހިނގާފައި އެހާ ދުރަށް ދިޔުމަކީ އުނދަގޫކަމަކަށްވާނެތީ އޭނާ ވޯރޑް ބޯއީއަކަށް ގޮވާ ގެނައެވެ. މައުވާ ގޮނޑީގައި އިށީނުމާއެކު ގޮނޑި ދުއްވައިލުމުން، ސާމާނުތައް ހިފައިގެން ރާމިޒާ ވެސް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހު ދުވަހުގެ ބޮޑު ބައި ހޭދަކުރި އެ ކޮޓަރި ތެރެއަށް އޭނާއަށް ނަޒަރު ހިންގައިލެވުނެވެ. އެއާއެކު އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙުސާސެކެވެ. އިރުކޮޅަކު ހުއްޓިފައި ހުރެވުނު ސަބަބަކީވެސް އެއީއެވެ. އެހެން ހުރެފައި ދެން ރާމިޒާއަށް ބަލައިލެވުނީ މައުވާއަށެވެ.

އެ ފްލޯއިން އެންމެ ތިރިއަށް އަދި ހޮސްޕިޓަލުގެ ގޭޓާ ހިސާބަށްވެސް މައުވާ ގެންދިޔުމަށް ވޯރޑް ބޯއީ އެހީތެރިވެދިނެވެ. އެ ހިސާބުން ރާމިޒާ އަވަސްވެގަތީ ޓެކްސީއެއް ނެގުމަށެވެ. އޭރު ޖެހެމުންދިޔަ ވައިރޯޅިތަކާއި، ފަޒާގައިވި އަސަރުތަކުން، ވާރޭ ވެހިގަންނަން އުޅޭކަމުގެ އިންޒާރު ދެމުން ދިޔައެވެ. ނަސީބަކުން މާ ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ދޮރުމައްޗަށް މީހުން ހުސްކުރި ޓެކްސީގައި އިން ޑްރައިވަރު އެމީހުން އެރުމަށް ބުނެލިއެވެ. ރާމިޒާގެ އެހީގައި މައުވާ ޓެކްސީއަށް އަރާ އިށީނެވެ. ޑްރައިވަރު ކާރު ދުއްވައިލީ ރާމިޒާވެސް އަރާ އިށީނދެ ހަމަޖެހިލުމުންނެވެ.

ރާމިޒާ ފޯނު ނަގާ ޖާވިދަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު ޖާވިދު ފޯނު ނެގިއެވެ.

"މީ… ބޭބޭ… މައުވާ ޑިސްޗާރޖްކޮށްފި." ރާމިޒާ ކުޑަ ޖެހިލުންވުމަކާއެކު ބުނެލިއެވެ.

"އެހެންތަ؟. މިހާރު ކޮންތާކު ތި ތިބީ؟" ޖާވިދު ސުވާލުކޮށްލިއެވެ.

"މިހާރު ކާރަށް މިއެރީ…." ރާމިޒާ ބުނެލިއެވެ.

"ރާމިޒާމެން އަންނައިރު ތިރީގަ ހުންނާނަން. އެކަނި އެއްޗެހިތައް އަރުވަން އުނދަގޫވާނެއެއްނު." ޖާވިދުގެ އަޑުން އޭނާ ރާމިޒާއަށް މަރްޙަބާ ކިޔާކަން އެނގުނު ނަމަވެސް، އެކަމާ ޒުލްފާ ނުރުހޭނެކަން ރާމިޒާއަށް އެނގެއެވެ. އޭނާގެ ހިތުގައިވި ނުތަނަވަސްކަމަށް ލުޔެއް ނުލިބުނީ އެހެންވެގެންނެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ފޯނު ބާއްވަމުން، މައުވާއަށް ބަލައިލާ މައުވާގެ އަތުގައި ހިފައްޓައިލީ ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނުމުގެ ގޮތުންނެވެ. މައުވާވެސް ގަދަކަމުން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

ގެއާ ހިސާބަށް ދެވުމުން އެއްޗެހިތައް ބައިލަން ޑްރައިވަރު އެހީތެރިވެދިނެވެ. އޭރު ޖާވިދު ތިރީގައި އެމީހުން ދެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.

ހުރިހާ ސާމާނެއް އޭނާގެ އަތަށް ނަގަމުން ޖާވިދު ބުނީ ރާމިޒާ މައުވާއަށް އެހީތެރިވުމަށެވެ. ރަނގަޅަށް ނުހިނގޭ މައުވާއަށް ތިންވަނަ ފްލޯއަށް އެރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ތަންކޮޅަކަށް އަރާލާފައި މަޑުޖެހިލަން ޖެހެއެވެ. އެހެންނަމަވެސް، އިތުރު ގޮތެއް ނެތީތީ މައުވާވެސް ހިތްވަރުކޮށްފައި މައްޗަން އަރަމުން ދިޔައެވެ.

ތިންވަނަ ފަންގިފިލާއަށް އެރުމާއެކު މައުވާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއިރު ރާމިޒާއަށް ވެސް މާ ނޭވާ ލެވެއެވެ. ޖާވިދު ދޮރު ހުޅުވައިލަ ދިނުމާއެކު، ރާމިޒާ މައުވާ ގޮވައިގެން، އެތެރެއަށް ވަދެލިއެވެ.

ވަށައިގެން މައުވާއަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟ ތަން ކަމުނުދަނީ ދޯ؟" ސިހުން ލިބުނީ ޒުލްފާގެ ރުންކުރު އަޑުންނެވެ. މައުވާއާއި ރާމިޒާއާ ދެމީހުންނަށް އެއްފަހަރާ ސޯފާއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ޒުލްފާ އިނީ ދެބުމަ ގޮށް ޖަހާލައިގެންނެވެ. މޫނުމަތީގައިވަނީ ނުރުހުމެވެ. ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ. ޒުލްފާގެ ރުންކުރު ބަސްތައް އަޑު އިވި ޖާވިދަށްވެސް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒުލްފާއަށް ވިސްނައިދޭނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ޒުލްފާގެ އަޑުން މައުވާއަށް ދޭހަވި، ނަފްރަތާއެކު އޭނާއަށް ޖާވިދަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޖާވިދަށް ވެސް މައުވާއަށް ވީ ގޮތް ނަގައިގަނެވުމާއެކު، ޒުލްފާއަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟ ތަންކޮޅު ކިތަންމެ ކުޑަޔަސް ޖާވިދަށް ވެސް ވަރިހަމައެއްނު... ހުރިހާ ޚަރަދެއް ކުރަން ޖެހޭނި އަހަރެމެންނެއްނު. ދެރައީ ދޭ މީހާ ދިނަސް ހިފާ މީހާ ވިސްނާނުލާތީ..." ޒުލްފާ ތުން އަނބުރައިލިއެވެ.

"ޒުލްފާއްތާ. އިރަދުކުރެއްވިއްޔާ އަހަރެމެން މިގޭގައި މާ ގިނަ ދުވަހަކު ނުތިބޭނަން." ޒުލްފާގެ ބަސްތަކާއެކު ރާމިޒާ އިސްޖަހައިލިތަން ފެނި މައުވާއަށް ހިމޭނުން ހުންނަން އުނދަގޫވިއެވެ. އެފަދަ ވިހަ ދުލެއްގެ ވެރިއަކާއެކު އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟

ލޯ އަޅައިލާފައި އިތުރު އެއްޗެއް ނުބުނަން ޒުލްފާއަށް އިންޒާރު ދީފައި ޖާވިދު މައުވާމެން ގޮވައިގެން ގޮސް ވަނީ ރާމިޒާ އުޅޭ ކުޑަ ކޮޓަރިއަށެވެ. ސިންގަލް އެނދުގެ އެއްފަރާތުގައި، ގޮދަޑިއެއް ބަހައްޓާފައި ހުރުމުން އެ އެއީ އޭނައާއި މަންމަ އުޅެން ޖެހޭ ކޮޓަރިކަން މައުވާއަށް ދެނެގަނެވުނެވެ. ކޮޓަރި ކިތަންމެ ކުޑަނަމަވެސް ތަނުން ސާފުތާހިރުކަމާއި ތަރުތީބުކަން ފެންނަމުން ދިޔައެވެ.

"ކަމެއް ބޭނުމިއްޔާ ނުބުނެ ނުހުންނައްޗޭ." މައުވާގެ ބޮލުގައި ފިރުމާލާފައި ޖާވިދު ނުކުމެގެން ދިޔުމާއެކު މައުވާ އެނދުގައި އިށީނދެލިއެވެ. އެއާއެކު ރާމިޒާ ވެސް މައުވާގެ އެއްފަރާތުގައި އިށީނދެލިއެވެ.

ޖާވިދު ނުކުތުމަށްފަހު ޒުލްފާއާ ވާހަކަ ދެއްކިއެވެ.

"ތިކަހަލަ އެއްޗެހި މީގެފަހުން ނުބުނައްޗޭ..." އެހެން ބުނެފައި ޖާވިދު ޓީވީން ޗެނަލް ބަދަލުކޮށްލިއެވެ. ޒުލްފާވެސް ފޫހިކަމާއެކު ސޯފާއިން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. ހީވަނީ އޭނާ ރުޅި އައިސް ހުރި ވަރު އެންމެންނަށް އަންގަން ކުރި ކަމެއް ހެންނެވެ.

*****

ޑޮކްޓާރސް ލައުންޖަށް ވަތް އަޒްލަފް އެންމެ ފުރަތަމަ ވެސް ގޮސް ހުއްޓުނީ ކޮފީ މެޝިން ކައިރީގައެވެ. ކޮފީއެއް ހަދާލައިގެން އޭނާ ނުކުމެލީ އެތަނުން ނުކުމެވެން ހުންނަ ބެލްކަންޏަށެވެ. އުޑުމައްޗަށް ބަލައިލުމާއެކު ހަނދާ ތަރިތަކުގެ އަލި ފަނޑުކޮށްލަމުން މަތި މައްޗަށް ނަގަމުން ދިޔަ ބޯ ވިލާތައް ފެނިލިއެވެ. އޭރު ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތަކުގައި ވެސް ވަނީ ނުސިޔާނުކަމާއި ބާރު ކަމެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ އިންޒާރުގެ ރަނގަބީލުތައް ދެމުން ދިޔައީ ފަޒާގައި ހިފާފައިވާ ޒޫމް އަޑުންނެވެ. ދެންމެ ދެންމެ ވާރޭ ވެހިގަތްފާނެހެން ވެސް ހީވެއެވެ.

ކޮފީގެ ޖޯޑު ތުމުގައި ޖެހުމަށްފަހު އެތި ފޮދެއް ބޮއިލުމާއެކު އަޒްލަފްގެ ފިނިވެފައިވާ ހަށިގަނޑުގައި އަރާމު ހޫނެއް ދަތުރުކޮށްލިއެވެ. މައުވާއާ މެދު އޭނާއަށް ވިސްނެމުން ދިޔައެވެ. މައުވާ ހޮސްޕިޓަލުން ދޫކޮށްލި ވާހަކަ އޭނާ އަފްނާން ކައިރީގައި ބުނަންވީ ހެއްޔެވެ؟ ނޫނީ އެކަންތައް ސިއްރުކުރަން ވީ ހެއްޔެވެ؟ އަފްނާން މައުވާ ދެކެ އިންތިހާއަށް ލޯބިވާކަން އަޒްލަފްއަށް އެނގެއެވެ. ކުރެވުނު ކުށުގެ ސަބަބުން އޭނާ އެވަނީ ލަދުގަނެފައެވެ. އެފަދަ ވިސްނުންތަކެއްގައި އޭނާ އެތަކެއް އިރަކު ހުއްޓެވެ.

"އަޒްލަފް!..." ސިހުނީ ފަހަތުން މީހަކު އޭނާއަށް ގޮވާލުމާއެކު ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.

"ލުޔޫ…" އަޒްލަފް ގޮވައިލިއެވެ. އޭރު ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ޔޫ އޯކޭ؟" ލުޔޫނާ ސުވާލުކޮށްލިއެވެ. އޭނާއަށް އެ ސުވާލުކޮށްލެވުނީ ސަބަބެއްނެތި އެއް ނޫނެވެ. އަޒްލަފްގެ ކޮނޑުގައި އަތް ނުލާ ހުރެ ވެސް އޭނާ ދެތިން ފަހަރު އަޒްލަފްއަށް ގޮވައިލިއެވެ. އެހެންނަމަވެސް ވިސްނުމުގައި ހުރުމުގެ ސަބަބުން، އެކަން އަޒްލަފްއަށް ނޭނގުނީއެވެ.

"ޔެސް އައި އޭމް… ކީކުރަނީ މިތާ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"ކަމަކު މިހިސާބަށް އައިތަނުން އަޒްލަފް އެތެރެއަށް ވަތްތަން ފެނުނީމަ ކުރަން އައި ކަންތައް ނިންމާލާފަ ހަމަ ދިމާކޮށްލަންވެގެން އައީ." ލުޔޫނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމާއެކު އަޒްލަފްއަށް ލުޔޫނާއަށް ފުން ނަޒަރަކުން ބަަލައިލެވުނެވެ. އަޅާފައިވާ ޕީޗް ކުލައިގެ ބުރުގާގެ ތެރެއިން ފެންނަމުން ދިޔަ ލުޔޫނާގެ މޫނަށް ބަލަހައްޓައިގެން އަޒްލަފްއަށް ހުރެވުނުއިރު އެ ހިތުގެ ތެޅުމަށް ބަދަލު އަތުވެއްޖެއެވެ. މޭތެރޭގައި އޮތް ހިތުގެ ޖަޒުބާތުތައް ކިޔަމަން ކުރުވާނެ ގޮތެއް އެހިނދު އަޒްލަފްއަކަށް ނޭނގުނެވެ. މިވީ ދުވަސްތަކުގައި ލުޔޫނާއާއި ވަރަށް ގިނައިން ބައްދަލުވެ ވަރަށް ގިނަވަގުތު އެކުގައި ހޭދަކުރެވުނެވެ. އެކުގައި ކޮފީއަށް ވެސް ދެވެއެވެ. ވުމާއެކު ލުޔޫނާއާ މެދު އަޒްލަފްގެ ހިތުގައި އުފެދިފައިވާ އިޙްސާސްތައް ވަނީ ފުންވެފައެވެ.

"ކިހިނެއްވީ؟ ހާދަވަރަކަށް ތިބަލަނީ؟ އަނެއްކާ އަހަރެން މޫނުމަތީ އެއްޗެއް ހުރީތަ؟" އެހެން ބުނެލާފައި ލުޔޫނާ އިސްޖަހައިލަމުން އަޒްލަފްއާ ނަޒަރު ވަކިކޮށްލިއެވެ. އޭރު އެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

"ނޫނޭ….. ސޮރީ…." ލުއިކޮށް ހީނލަމުން އަޒްލަފް ކޮފީތަށި ތުމުގައި ޖެހިއެވެ. ލުޔޫނާގެ މޫނުމައްޗަށް އެރި އަސަރުތަކުން އޭނާ ހުރީ ހިތްހަމަނުޖެހިފައި ނޫންކަން އެނގި އަޒްލަފްގެ ހިތަށް ފިނިކަން ލިބުނެވެ. ލުޔޫނާވެސް އޭނާއާ ގަޔާވެޔޭ ހިތާހިތުން ބުނެލެވުނީ ލުޔޫނާގެ މޫނުމައްޗަށް އެރި ކުލަވަރު ތަކަކުންނެވެ.

އަޒްލަފް އޭނާއަށް ބަލަން ހުރި ގޮތުންނާއި އެ ނަޒަރުން، ލުޔޫނާ ލަދުގަތެވެ. އެހެން ނޫނީ އަޒްލަފް ބެލުމުން ނުވާފަދަ ގޮތެއް އޭނާއަށް ވެގެން ދިޔައެވެ. ހިތުގެ ހިނގުމަށް ބަދަލުތަކެއް ހަމަގައިމުވެސް އަތުވެއްޖެއެވެ. ހިތުތެރޭގައި އުފަންވެގެން އައި ޖަޒުބާތުތަކުގެ އަސަރުތައް މޫނުމަތިން ފާޅުވާން ފެށުމާއެކު، އެ އަސަރުތައް އަމިއްލަ ބާރުގެ ދަށަށް ގެނައުމަށް އޭނާ މަސައްކަތްކުރިއެވެ.

"އާއިން ކިހިނެއް؟" ތަނަށް ވެރިވެގެން ދިޔަ ހިމޭންކަން ފޫދުއްވައިލަމުން ލުޔޫނާ ސުވާލުކޮށްލިއެވެ.

"އާއިން ރަނގަޅު." އަވަސް ނަޒަރެއް ލުޔޫނާއަށް ދެމުން، އަޒްލަފް ކޮފީ ތައްޓަށް ބަލައިލިއެވެ. އެވަގުތު ވާރޭ އޮއްސައިގަތެވެ. ބެލްކަނި ހިޔާވެފައި ހުރިނަމަވެސް، ގަދަ ވަޔާއެކު ބުރައިގެން އަންނަ ވާރޭގެ ތިކިތަކުން ސަލާމަތެއް ނުވެވުނެވެ. އެންމެފަހުން ލުޔޫނާއާއި އަޒްލަފްއާ ދެމީހުން އެތެރެއަށް ވަދެލިއެވެ. ފިނިވެފައި ހުރި ލުޔޫނާއަށް ބަލައިލަމުން ތަނުގެ ފިނި މަޑުކޮށްލުމާއެކު، އަޒްލަފް ކޮފީ މެޝިނު ކައިރިއަށް ހުއްޓުނީ ލުޔޫނާއަށް ކޮފީއެއް ތައްޔާރުކޮށްލަ ދިނުމަށެވެ. ލުޔޫނާވެސް ސޯފާގައި އިށީނދެ އަޒްލަފްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއިރު، އެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އަޒްލަފްގެ އެ ފިރިހެންވަންތަ ކަމަށް އޭނާއަށް ހިތާ ހިތުން ތަޢުރީފް ކުރެވެން ފެށިއެވެ. އެ ބެލުމުގައި ހުރި އަސަރުތައް ހަނދާންވާން ފެށުމުން ފިނި ރާޅެއް މީހާގެ ހަށިގަނޑުގައި ދައުރުކޮށްލިއެވެ.

"ކޮފީ…" އަޒްލަފް އައިސް އޭނާއަށް ކޮފީތަށި ދިއްކޮށްލިއެވެ.

"ތޭންކްސް." ކޮފީ ތަށީގައި ހިފަމުން ލުޔޫނާ ޝުކުރު އަދާކުރިއެވެ. ހޫނު ކޮފީތަށީގައި ހިފުމުން ފިނިވެފައިވާ އަތަށްވެސް އަރާމުކަމެއް އިޙްސާސްވިއެވެ.

"ކިހިނެއް ޑިއުޓީ؟ " އަޒްލަފް ސުވާލުކޮށްލިއެވެ.

"މިވަގުތަށް ނިމުނީމި. އަޒްލަފްވެސް ކަމެއް ނެތީތަ؟" ލުޔޫނާ ސުވާލުކޮށްލަމުން ކޮފީ ތަށި ތުމުގައިޖަހާ އެތި ފޮދެއް ބޮއިލިއެވެ.

"ޔާ. ޑިސްޗާރޖްތައް ނިންމާލާފަ މިއައީ…" އަޒްލަފް ބުނެލިއެވެ.

އެފަދަ ތަފާތު އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ދެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތާ ދިމާލަށް މިސްރާބު ބަދަލުވި ވަގުތު، އަޒްލަފްގެ ސުވާލެއް ލުޔޫނާއަށް އަމާޒުވިއެވެ.

"ދެން ހަމަ ދުވަހަކުވެސް މީހަކާ އިންނަ ޚިޔާލެއް ނުކުރާނަންތަ؟" އަޒްލަފް އަހައިލިއެވެ. އަދި އޭނާ ވަރަށް ފަރުވާތެރިކަމާއެކު ލުޔޫނާގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާކުރަން ފެށީ ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައަކުންނެވެ.

އަޒްލަފްގެ އެ ސުވާލުން ލުޔޫނާ ކުޑަކޮށް ހައިރާންވިނަމަވެސް އޭނާ އެ ސުވާލަށް ޖަވާބުދޭން ނިންމިއެވެ.

"ފިރިމީހާ ނިޔާވުމަށްފަހު، ތީ އަސްލު ވިސްނަން ބޭނުންވިކަމެއް ނޫން، އެކަމަކު އަހަންނަށް އެނގޭ، އަހަންނާ ހެދި ފެމިލީ އެންމެންވެސް ކަންބޮޑުވާކަން. އެންމެންވެސް ބުނަނީ އަހަރެން އަދި ވަރަށް ޔަންގްއޭ، ދިރިއުޅުން އޮތީ ކުރިއަށޭ. ވިވިއަން އަށްފަހު އެހެން މީހަކާ އިނުމަކީ ވިވިއަންއަށް ވެވޭ ބޭވަފާއެއް ނޫނޭ. އަހަރެން އަބަދު މިހެން އުޅޭކަށް ވިވިއަން ވެސް ޚުދު ބޭނުމެއް ނުވާނެއެއް ނޫންހޭ… އެކަންތައްތަކާ މެދު މިހާރު ވިސްނާލީމަ ހިތަށް އަރާ އެކަނި އަދި ދިރިއުޅުމެއް އުޅުމަކީ ވަކި ރަނގަޅު ގޮތެއް ނޫނޭ. ޓުބީ އޮނެސްޓް މިހާރު ބައެއް ފަހަރު ދެވަނަ ކައިވެންޏަކާ މެދު ވިސްނޭ…" ލުޔޫނާ ބުނެލިއެވެ. އެވާހަކައާއެކު އަޒްލަފްއަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔަ ހިނދު ހިތަށް އުފާވެރިކަމެއްގެ އިޙްސާސްވެސް ގެނުވައިފިއެވެ.

"ހޫ ނޯސް، ހަމަ ރަނގަޅު ޕްރޮޕޯޒަލްއެއް ލިބުނިއްޔާ އައި މައިޓް ގެޓް މެރީޑް ހަމަ…" ބުނާނެ އެއްޗެއް ނޭނގި އަޒްލަފްއަށް އިނދެވުނު ހިނދު ލުޔޫނާ އަނެއްކާވެސް އިތުރުކޮށްލިއެވެ. އޭނާ ހީވަނީ ކަމެއް އަޒްލަފްއަށް އަންގައިދޭން ބޭނުންވެގެން އުޅޭހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު