ބްރޮކޮލީ: ވިޓަމިނާއާއި މިނެރަލްތަކުން މުއްސަނދި ތަރުކާރީއެއް

ބްރްކޮލީ: ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމެނުން މުހިއްމު ފައިދާހުރި ތަރުކާރީއެއް--ފޮޓޯ/ޕިންޓްރެސްޓް

ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ބްރޮކޮލީ އަކީ އޭގައި ދުވާ ވަހުގެ ސަބަބުން ބައެއް މީހުން އެހާ ގަޔާވާ ތަރުކާރީގެ ބާވަތެއް ނޫނެވެ. ނަމަވެސް މިއީ ގިނަ އަދަދެއްގެ ވިޓަމިންސް އާއި މިނެރަލްސްއިން މުއްސަނދިވެފައިވާ ސިއްހަތަށް އެތަކެއް ފައިދާއެއް ލިއްބައިދޭ ފެހި ތަރުކާރީގެ ބާވަތެކެވެ.

ބްރޮކޮލީ ކެއުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާ އަކީ، އޭގައި ހިމެނޭ ނިއުޓްރިއެންޓް މާއްދާއިން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ކުރުވާ ކަމެވެ.

އެއް ޖޯޑު ބްރޮކޮލީގައި ހިމެނޭ މުހިއްމު މާއްދާތަކުގެތެރޭ، ކާބްސް، ޕްރޮޓީންސް، ފެޓް، ފައިބާ، ވިޓަމިން ސީ، ވިޓަމިން އޭ، ވިޓަމިން ކޭ، ވިޓަމިން ބީ9، ޕޮޓޭސިއަމް އަދި ފޮސްފަރަސް ހިމެނެއެވެ.

ބްރޮކޮލީ އަކީ މިފަހަކަށް އައިސް ސިއްހަތަށް ފައިދާހުރި ކާނާތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއް ބާވަތް--ފޮޓޯ/ޕިންޓްރެސްޓް

ބްރޮކޮލީ އަކީ ކައްކައިގެން އަދި ރޮލާ ވެސް ބައެއް މީހުން ކެއުމުގައި ބޭނުންކުރާ ތަރުކާރީއެކެވެ. މި ދެގޮތަށް ބްރޮކޮލީ ބޭނުންކުރި ނަމަވެސް ސިއްހަތަށް އޭގެ ފައިދާ ކުރާނެ ކަމަށާއި ނަމަވެސް ހަށިގަނޑަށް ލިބިދޭ ނިއުޓްރިއެންޓްސް މާއްދާތައް ތަފާތުވާނެ ކަމަށް ރެޖިސްޓަޑް ޑައިޓީޝަން އެންސްލޭ ހިލް ވަނީ ބުނެފައެވެ.

ބްރޮކޮލީ ކެއްކުމުން ވެސް އަދި ނުކައްކާ ކެއުމުގައި ހިމެނުމުން ވެސް އެއީ ހަށިގަނޑަށް ވިޓަމިން ސީ ފޯރުކޮށްދޭ މުހިއްމު ބާވަތެއް ކަމަށް ހިލް ވަނީ ބުނެފައެވެ.

ބްރޮކޮލީއިން ލިބިދޭ ސިއްހީ ފައިދާތަކުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމުގައި ބްރޮކޮލީ ހިމެނުމަކީ އަންހެނުންގެ ކަނދުރާގެ ނާރުތަކަށް ދިމާވާ މައްސަލަތަކަށް ލުޔެއް ލިބުމަށް އެހީތެރިވެދޭ ބާވަތެއް ކަމަށް ހިލް ވަނީ ބުނެފައެވެ.

ބްރޮކޮލީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސެލެޑެއް--ފޮޓޯ/ޕިންޓްރެސްޓް

ހަމައެއާއެކު ބްރޮކޮލީގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ކަމަށް އޭނާގެ ލިޔުމެއްގައި ވަނީ ބަޔާންކޮށްފައެވެ. އާދަވަގެން ބްރޮކޮލީ ކާނަމަ އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރުން ދުރުހެލިކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ބްރޮކޮލީއަކީ އިރުގެ އަލިން ހަމަށް ކުރާ ނޭދެވޭ އަސަރުތަކުން ހަންގަނޑު ސަލާމަތްކޮށްދިނުމުގައި ވެސް އެހީވެދޭ ތަރުކާރީއެކެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު މައިމީހާއަށާއި ދަރިފުޅަށް ބޭނުންވާ ބީ ވިޓަމިންސް ބްރޮކޮލީއިން ހަށިގަނޑަށް ލިއްބައިދެއެވެ.

ހަށިގަނޑުގެ ކަށިތައް ދުޅަހެޔޮކަންމަތީ ބަހައްޓައިދިނުމަށް އެހީތެރިވެދޭ މި ތަރުކާރީގެ ބާވަތަކީ އަޅުގަނޑުމެންގެ ދިފާއީ ނިޒާމު ވަރަގަދަކޮށްދޭ ބާވަތެކެވެ.

ބްރޮކޮލީ އަކީ ސްޓީމްކޮށްގެންނާއި ތަފާތު އެކި ވައްތަރުގެ ސޫޕް އަދި ސެލެޑުތަކުގައި ވެސް ބޭނުންކުރެވިދާނެ ތަރުކާރީގެ ބާވަތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު