މައިންބަފައިންނަކީ ތިބާގެ ހަޔާތުގެ އެންމެ އަހަންމިއްޔަތު ދޭން ޖެހޭ ބަޔެއްގެ ގޮތުގައި ދެކޭ އަންހެންކުދިންގެ ދިރިއުޅުން ބާއްޖަވެރިވާނެއެވެ."
***
އެވާހަކަތައް އަޑުއެހުމެއްނެތި ދުރަށް ދާން ހިނގައިގަތެވެ. މަންމަ ކޮޓަރިއަށް ވަންއިރު ދެއްކި ވާހަކަތައް އޭނައަށް އަޑު އިވުނެވެ. އީދު ސަޔާއި މެހުމާނުންގެ ވާހަކައެވެ. އަލަމާރި އެއްޗެހި ހުޅުވާ ލައްޕާ އަޑު އިވުނެވެ. އެއްފަހަރު ގަދަޔަށް ހީގަތެވެ. އެހެން މީހަކަށް އަޑު ނީވޭ ނުފެންނަ ފަރާތަކާއި ވާހަކަދައްކާ ހެނީފަދައިންނެވެ.
ބިހުގެ ގޮބޮޅިގަނޑުން އަތްތިލަ ހަޑިވެފައި ހުރި މިރިއަމްއަށް ހީވީ ދުނިޔެވެސް ދެފަޅިވީހެންނެވެ. އެއްފަޅީގައި ކުށެވެ. އަނެއް ފަޅީގައި މޮޅިވެރިކަމެވެ. އެއަށް ދޭނެ ނަމެއް އޭނައަކަށް އަދި ނޭގެއެވެ.
***
މިރިއަމް އެނދުގެ މަގަތުގައި ކުޑަގޮތަކަށް އިށީދެލައިގެން އިންއިރު ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަން ފުންވަމުން ދިޔައެވެ. މިރިއަމް އެދުވަހު ކަންތައް ހިނގިގޮތް ސިކުނޑިއަށް ނަގައިގަންނަން މަސައްކަތްކުރިއެވެ. އީދު ފާހަގަކުރުންވެސް އިހުސާސްވީ ދުރު ހަނދާނެއްގެ ގޮތުގައެވެ. ޚިޔާލުގެ ބުރަދަނުގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ ފަދައިންނެވެ. އޭނައަށް މަގުމަތީގެ ފޯރިއާއި އަވަށްޓެރިންގެ ހުނުމުގެ އަޑު އިވުނަސް އެއިން އެއްވެސް އުފަލެއް ހާސިލެއްނުވިއެވެ. އޭނަގެ ހުރިހާ ޚިޔާލުތައް ދައުރުވަނީ މަންމައާއި ހަމައަށެވެ.
މަންމަ އަމިއްލަ ނަފުސާއި ވާހަކަދައްކަނީހެއްޔެވެ؟ އެއިވެނީ ކޮން އަޑެއް ހެއްޔެވެ؟ އޭނައަށް އެކަންތައްތަކާއި އަޅާނުލާ ހުރެވޭކަށްނެތެވެ. ހަނދާންނެތުމަކީ އުމުރުން ދުވަސްވީކަމުގެ ނިޝާނެއްކަމުގައި ދެކެވުނަސް އެކަންތައް އިތުރުވެ އެހެން ދިމާލަކަށް ދާން ފަށައިފިއެވެ. އޭނަ އުއްމީދުކުރީ އެއީވެސް އުމުރުން ދުވަސްވުމުގެ އެއްބައި ކަމުގައެވެ. އެކަމަކު ގޭތެރޭގެ ހިމޭންކަމުގެ ތެރެއިން އޭނަގެ މެޔަށް ބާރުވެލީ ހަގީގަތް ރޭކާލާން ފެށުމުންނެވެ.
"އޭރު މަންމަ ހަނދާން ނެތެނީ ކުދި ކަންތައް. ތަށިތައް ބަހައްޓަންވީ ދިމާނޫން ތަނުގައި ބެހެއްޓުން...ނަންތައް ހަނދާން ނެތުން..އެކަމަކު ފަހުން އެކަންތައް މިދަނީ ބޮޑުވަމުން.. އަދި މަންމަ އަހަންނާއި ދިމާލަށް ކޮންފިއުޒްވެފައި ބަލާގޮތް...ނޯމަލް އެއް ނޫން.......މަންމަ އަހަންނަކީ ކާކުކަން ވިސްނަން މަސައްކަތްކުރާފަދަ.........." އޭނަގެ ހިތުގައި ރިއްސައިލިއެވެ.
" ހުރިހާކަމެއް ރަގަޅުކަމުގައި ޕްރިޓެންްޑް ކުރެވެން ނެތް...ވަގުތީގޮތުން ހަނދާން ނެތެނީކަމަށް އުއްމީދުކުރެވެންވެސް ނެތް..ކޮންމެވެސް ކަމެއް ގޯސްވެއްޖެ...އެކަމާއި ކުރިމަތިލާން ޖެހޭ.. ބިރުގެ ސަބަބުން މަންމައަށް ދިމާވާ ކަންތައް އަންޑަސްޓޭންޑް ނުވާކަމަށް ހެދިގެން ހުރެވެންވެސް ނެތް......" އޭނަ ފުން ނޭވާއެއް ދޫކޮށްލީ އަމަލުކުރަންވީ ގޮތް ކަނޑައަޅާފައެވެ.
އޭނަ މަންމަ ގޮވައިގެން ރަގަޅު ޑޮކްޓަރަކަށް ދައްކައިލަން ހޮސްޕިޓަލަށް ދާނީއެވެ. އޭނަ ޖަވާބު ބޭނުމެވެ. ގޫގުލްކޮށްގެން ހޯދާ ޖަވާބުތައް ދެކެ ބިރުގަނެއެވެ. ސާޔާގެ ބޮޑުދައިތަވެސް މަސައްކަތްކުރަނީ ހޮސްޕިޓަލުގައެވެ. އެއީވެސް ޑޮކްޓަރެކެވެ. އެތެރެެހަށީގައި އުފެދެމުން އައި ނުތަނަސްވަކަމުގެ ރާޅު ބޮޑުވިޔަސް އޭނަ ހަށިގަނޑު ސަމާލުކޮށްލީ މިއީ އޭނަގެ ޒިންމާއެއްކަމަށް ދެކެމުންނެވެ. ތެދުވުމާއެކު ކުޑަކޮށް ކޮޓަރި އެނބުރުނުހެން ހީވިއެވެ. މުސްތަގުބަލަށް ކޮންމެވެސްކަހަލަ ހިޔަންޏެއް އެޅުނަސް އެހުރިހާ ޚިޔާލުތައް އެއްފަރާތްކޮށްލީ ހިތްވަރުކޮށްލަމުންނެވެ. މަންމައަށް ވެގެން އުޅޭގޮތް އެނގެން ބޭނުންވިއެވެ. އިތުރަށް މަޑުކުރެވެން ނެތެވެ.
އޭނަގެ ދަބަސް ކޮނޑުގައި އަޅާލައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އީދު ހެދުމާއި ނަމާދު ދޮޅި އަޅައިގެންނެވެ.
އޭނަ ދޮރާއި އަރާ ހަމަވީއިރު ދޮރުގައި ޓަކިޖެހިއަޑަށް ސިއްސައިގެން ދިޔައެވެ. އިރުކޮޅަކަށް ނުރުހުންވިއެވެ. މަންމަގެ ސިއްހަތުގެ ހަގީގަތާއި ކުރިމަތިލުމަށް ވަގުތީގޮތުން އޭނަވަނީ ކޮންޓްރޯލް ނަގަން މަސައްކަތްކޮށްފައެވެ. ދެން މިވަގުތު އޭނަގެ މަސައްކަތް ލަސްކޮށް އުދަގޫކުރަން މިއައީ ކާކުހެއްޔެވެ؟
އޭނަ ދޮރު ހުޅުވުމާއެކު ލިބުނު ސިހުމާއެކު އެކަން ސިއްރުކުރަން އަދަބުވެރިގޮތަކަށް ހިނިތުންވެލިއެވެ. ދޮރުމަތީގައި ހުރީ ހަމްޒާ ފިޔަވާ ދެވަނަމީހެއްނޫނެވެ. އިސްކޮޅުން ދިގު އަމިއްލަ ނަފުސަށް އިތުބާރުކުރާ އަދި އެ ކަޅުލޮލުގައި އެތައް ސިއްރެއް ފޮރުވިފައިވާ ޒުވާނާއެވެ. ހަމައެކަނި އޭނަ އެތަނެއްގައި ހާޟިރުވެހުރުމުންވެސް ހުރިހާ ސަމާލުކަމެއް ދަމައިގަނެއެވެ.
ހަމްޒާގެ އަތުގައި އޮތީ ފަށުވިި ރިބަންތަކުން އައްސާލާފައިވާ ކުޑަ ޕާރުސަލެކެވެ. އޭނަގެ ގާތުގައި ހަމްޒާގެ މަންމަ ހުރީ އެހާ ރީތިކޮށް ހެދުން އަޅައިގެންނެވެ. ގަހަނާގެ ރީތިކަމާއި ވިދުވަރުގެ ސަބަބުން ފަރިކަން އިތުރުކޮށްދެއެވެ. ޝާހީ ކަމަނާއެއް ފަދައެވެ. އަތުގައި އޮތް ޕާސް ވެސް އަންގައިދިނީ އަގުބޮޑުކަމާއި މުއްސަދިކަމެވެ. އެއީ މިރިއަމް އެހާ ފަރިތަ ދުނިޔެއެއް ނޫނެވެ. ޝާހީކަމާއި ރީތިކަމުގެ ދެވަނައެއްނެތަސް ހަމްޒާގެ މަންމަގެ ބެލުމުގައި ހުރީ ތަފާތު ގޮތެކެވެ. ޔަގީނުންވެސް އެ ނަޒަރުން މިރިއަމްއަށް އުދަގޫ ކުރުވައިފިއެވެ.
ހަމްޒާ އޭނަގެ މަންމައަށް އިޝާރާތެއްކޮށްލިއިރު އެ ލޯ މިރިއަމް ސްކޭން ކުރަމުން ދިޔައެވެ. މަންމަގެ ނަޒަރު އިރުކޮޅަކަށް ދެމިގެން ދިޔުމަށްފަހު އަވަސްކަމާއެކު ހަމްޒާއަށް ހުއްޓުނެވެ. މަންމަގެ އެހިމޭން ނިންމުން އޭނައަށް ފެނުނުފަދައެވެ. ހަމްޒާގެ މަންމަގެ އެ ތޫނު ނަޒަރުން ކޮންމެވެސް އެއްޗެއް ފައުޅުވާން ހުއްޓެވެ. ފަހަރެއްގައި ހައިރާންކަމެކެވެ. އޭނަ އުއްމީދުކުރިފަދަ ކުއްޖަކަށް މިރިއަމް ނުވީމަހެއްޔެވެ؟ހަމްޒާއަށް އެތަނުގައި އުފެދިގަތް ނުތަނަވަސްކަން ދެނެގަނެވުމާއެކު އަވަހަށް ކަރުކަހައިލިއެވެ."މިއީ އަހަރެންގެ މަންމަ...."
"އައްސަލާމް އަލައިކުމް..އަހަންނަކީ ރުމައިސާ........."ރުމައިސާ ސަލާމްކޮށްލިއެވެ.
"ވައަލައިކުމުއްސަލާމް.."މިރިއަމްގެ އަޑުގައިވީ ނުތަނަވަސްކަމެވެ." ހައު މޭ އައި ހެލްޕް ......"
"މިއައީ މިރިއަމްއާއި މަންމައަށް ޒިޔާރަތްކޮށްލަން ބޭނުންވެގެން...."ހަމްޒާގެ އަޑުގައިވެސް ޖެހިލުމެއްވިއެވެ.
"އަހަރެންގެ މަންމަ؟" އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. އޭނަ ހުރީ މިފަދަގޮތަކަށް ހަމްޒާމެން އަތުވެދާނެކަމަށް އުއްމީދުކޮށްގެނެއްނޫނެވެ. ކުއްލިއަކަށް އެ ކޮޓަރިވެސް ކުޑަތަނަކަށްވެ ފިތޭހެން ހީވިއެވެ. މަންމަގެ ބަލިހާލުވެސް އިތުރު ބަރަކަށްވެފައިވާއިރު ބީރައްޓެހި އަންހެނަކު އައުމުން އިތުރަށް ނުތަނަވަސްވީއެވެ.
"އަހަރެމެންނަށް އެތެރެއަށް ވަދެވިދާނެތަ؟" ރުމޭސާ އަދަބުވެރިގޮތަކަށް އެހިއެވެ. މިރިއަމް އެމީހުން ވަންނަން ތަންދެއްކިއިރު ބަނޑުގައި ގޮށެއް ޖެހުނުފަދަ އިހުސާސެއްވިއެވެ. އަދިވެސް ސިޓިންރޫމަށް ތެޅުނު ބިހާއި ކެމޮމައިލްގެ ވަސް އެތަނުގައި ހިފާފައިވިއެވެ. އެތެރެއަށް ވަދެވުނުތަނާހެން ހަމްޒާގެ ފޯނު ރިންގުވާން ފެށިއެވެ. ހަމްޒާ އޭނައަތަށް އެ ޕާރުސަލް ދިއްކޮށްލިއެވެ."މިއީ އީދުހަދިޔާއެއް. މިރިއަމްއާއި އާއިލާއަށް...."
އޭނަ ވާހަކަދެއްކިއިރު އެންމެ ފަހަރަކުވެސް ބަލާނުލައެވެ. ފޯނު ނެގިއިރު މޫނުގެ ކުލަވަރު ބަދަލުވިއެވެ.
"ޢައިމް ސޮރީ...." އޭނަގެ އަޑު އޮމާންވިޔަސް ކޮންމެވެސް މުހިއްމުކަމެއް ދިމާވިފަދަ އަވަސްކަމެއް އަޑުގައިވިއެވެ."މި ކޯލު ކޮންމެހެންވެސް ނަގަންޖެހޭ.... ޕްލީޒް އެކްސްކިއުޒްމީ..."
ހަށިގަނޑު ސީދާކޮށްލައިގެން އިށީދެލައިގެން އިން ރުމޭސާއަށް ބަލައިލުމަށްފަހު ކުޑަކޮށް ބޯ ޖަހާލިއެވެ.
ހަމްޒާ ދޮރުން ބޭރަށް ނިކުތުމާއެކު ރުމައިސާގެ މިޒާޖަށް ވަގުތުން ފާހަގަވާފަދަ ބަދަލެއް އައެވެ. އެ ހޫނު ހިނިތުންވުން ފޭދި ތުންފަތް ޖައްސާބާރުކޮށްލައިގެން ބަލަން އިނީ ވިސްނާފަދަ ގޮތަކަށެވެ. ހަށިގަނޑުވެސް ކުރިއަށްވުރެ ހަރުކަށިވިފަދައެވެ. ސީޓުގައި ހަމަޖެހިލުމަށްފަހު އޭނަ މިރިއަމްއަށް ބަލައިލިއިރު ކުރިން ދެއްކި އަދަބުވެރިކަން އެއްކޮށް ގެއްލި ތަފާތު ކުލަަވަރެއް ފެނުނެވެ.
"މިހާރު ދެމީހުން އެކަނިވީމަ..."ހަމްޒާގެ މަންމަގެ އަޑުތަންކޮޅެއް ބަރެވެ."އަހަރެމެން ދެމީހުން އެބަޖެހޭ ވާހަކައެއް ދައްކައިލަން..."
އޭނަ ހުރީ ވާނުވާ ނޭގިފައެވެ. ވާހަކަފެށިގޮތުން ކުއްލި ސިހުމެއްލިބި ސަމާލުވެވުނެވެ. "ކޮންކަމަކާއި...."
ރުމައިސާގެ ނަޒަރު ހުއްޓިފައިވީ ދިރާސާކުރާ އެއްޗަކަށް މީހަކު ބަލާހެންނެވެ. މިފަހަރު ކުރިއަށްވުރެ ސީދާކޮށް އޭނަ މައުޟޫއަށް ގެންދިޔައެވެ.
" ހަމްޒާ މިފަހަކަށް އައިސް އުޅޭގޮތް ފާހަގަވޭ. އާއްމުކޮށް އުޅޭގޮތެއްނޫން. އޭނައަކީ ވަގުތު ބޭކާރުކުރާ ކުއްޖެއްނޫން. ޚާއްސަކޮށް ނުދަންނަ މީހަކަށްޓަކާ..މިހާރު....އޭނަ މިހިރީ..މިގޭ ދޮރުމަތީގައި އީދު ހަދިޔާ ހިފައިގެން އައިސް....ޒިޔާރަތް ކުރަން.."ރުމޭސާގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވިއެވެ." އަހަރެން އެނގެން ބޭނުމީ ހަމްޒާގެ ސަމާލުކަން ހޯދަން ތީނަ ކުރިކަމެއް.."
އޭނަގެ ވިންދު އަވަސް ހައިރާންކަން އިތުރުވިއެވެ."އަޅުގަނޑު އެއްވެސް ކަމެއްނުކުރަން...."
"އަހަރެން ކޮންމެހެން ވަަކި ކަމެއްގެ ތުހުމަތު އަޅުވަނީއެއްނޫން.." ސީދާ ކުރިމަތިލުމަކަށްދާ ފަދަ ރާގެއް ނެތަސް އެ އަޑުގައި ފިނިކަމެއްވިއެވެ." އެކަމަކު އަހަންނަށް ހަމަ އަޖައިބުވަނީ އަދި ހަމަ ގަބޫލުނުކުރެވެނީ ހަމްޒާ އޭނަ ގުޅޭ މީހުންނާއިމެދު ވަރަށް ފަރުވާތެރިވާތީ. ކޮންމެ ކޮންމެ މީހަކު ކަމަކުނުދާނެ..އެހެން މީހުންނަށްވުރެ ބޮޑަށް ހަމްޒާ އެނގޭނީ އަހަންނަށް...ކޮންމެވެސް ކަމެއް ތަފާތުވެއްޖެ. ބުނެބަލަ.. ކޮންކަމެއް ކުރީ؟"
މިރިއަމްގެ ހިތުގައި ނުރުހުމުގެ ކަންޏެއް ފިޔަޖަހައިލިއެވެ. އޭނަ ހަމްޒާގެ ސަމާލުކަން ހޯދަން އެއްވެސް ކަމެއްނުކުރަނީސް ކޮން ތުހުމަތެއްހެއްޔެވެ؟ އިނގިލި ދިއްކުރަންޏާ އޭނައަށްވެސް ކެތެއްނުކުރެވޭނެއެވެ. އެންމެ ރަގަޅެވެ. އޭނައަށްވެސް ހަމްޒާގެ ހިތްދަމައިގަންނަގޮތެއް ހުންނަކަން އެނގެއެވެ. އެކަން ގަބޫލުނުކުރާނީ ކާކުހެއްޔެވެ؟ އެކަމަކު އޭނަ ހަމްޒާގެ ފަހަތުން ނޫޅެއެވެ. ދޭތެރެއަކުން އެމޫނަށް ބަލައިލެވުނަސް އޭނަ ހަމްޒާއާއިމެދު އެހެން ނަޒަރަކުން ވިސްނާވެސް ނުލައެވެ. އެހާވަރުން ހަމްޒާވަރެއް ނެތިގެން އުޅުނީވެސް ލައިލާއެވެ. އޭނައެއް ނޫނެވެ. އޭނަގެ ހިތް ރޭސް ޖަހައިގަތުމާއެކު ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
"ތިބުނި އެއްޗެއް ނޭގުނު....."ޢޭނަ ފަރުވާތެރިކަމާއެކު ލަފުޒުތައް އަތުރަން މަސައްކަތްކުރިއެވެ."ހަމްޒާ އަދި އެކަކު އަނެކަކަށް އެނގެނީއެއްވެސް ނޫން..."
ރުމައިސާ އިރުކޮޅެއްވާންދެން އެ ޖުމްލައާއިމެދު ވިސްނަން އިނދެފައި ލޯ ހަނިކޮށްލިއެވެ." އަހަންނަށް ޔަގީން ތީނަވެސް ބޭނުމެއްނުވާނެކަން މި މައްސަލަ މިހެން ވެގެން ނިމޭކަށް ދޯ...."
"ހަގީގަތަކީ އަހަރެންގެ ދަރިފުޅަކީ މި މުޖުތަމައުގައި ވަރަށް ޚާއްސަ ގަދަރެއްދެވިފައިވާ އާއިލާއަަށް ނިސްބަތްވާ ޒުވާނެއްކަން...އޭނަގެ އެބައޮތް ފިއުޗާ...ކެރިއާ..އަދި އަހަރެމެން ވަރަށް އުއްމީދު އެބައޮތް ފަޚުރުވެރިވާފަދަ ދަރިއަކަށް ވާނެކަމަށް..އަހަރެމެންގެ އިއްޒަތް ހިފަހައްޓާދޭނެ ޒުވާނަކަށް ވާނެކަމަށް.......އާއިލާގެ ގަދަރުވެސް ހިފަހައްޓަން އެނގެންވާނެ....."
އޭނައަށް އެ ލަފުޒުތަކުން އެއްޗެއް ދޭހަވިއެވެ. ކޮންމެވެސް ސަބަަބަކާއިހެދި ހަމްޒަގެ މަންމަ ގަބޫލުކުރަނީ އޭނަ މި ކުޅިގަނޑު ކުޅެން ބައިވެރިވިކަމެވެ. މިދެކެވޭ ވާހަކަތަކުގެ މަގުސަދު ވިސްނުމުން އޭނަގެ ހިތްވެސް ގެނބިއްޖެއެވެ. ރުމައިސާ ރީތިބަހުން އޭނަގެ އާއިލާގެ ނިކަމެތިކަން ހަނދާންކޮށްދިނީއެވެ. އެމީހުންނާއި އެއް ފެންވަރެއްނޫންކަން ބުނެދިނީއެވެ.
"ފަހަރެއްގައި ރިއަލައިޒްނުވާނެ އެކަމަކު މިއީ ތިހީކުރާފަދަ އާދައިގެ ކަންތައްތަކެއްނޫން..."ރުމައިސާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ." ހަމްޒާކަހަލަ ޒުވާނެއްގެ ވަރަށް ގިނަ ފެކްޓާސްތަކަށް ބަލަން ޖެހޭނެ ދޯ.....އޭނަގެ ފިއުޗާ އެހާ ލައިޓްކޮށް ނެގިގެންނުވާނެ...އަހަރެން ބޭނުންވަނީ ތީނައަށް ކަމުގެ ބޮޑުވަރު އެނގެން..."
"އައި އަންޑަސްޓޭންޑް...." އޭނަގެ ހިތުގައި މި އަންހެނާއަށްޓަކާ ވަރުގަދަ ނުރުހުމަކާއި ފޫހިކަމެއް އުތުރި އަރައިގަތެވެ. ހަމްޒާގެ ސަމާލުކަން ހޯދަން ކުރި މަސައްކަތެއްނެތި އަދި މިއިން އެއްވެސް ކަމަކަށްނޭދެނީސް މި އަންހެނާ އޭނަގެ ގެއަށްވަދެ އޭނަގެ އާއިލާގެ ފޯރުންތެރިކަމެއްނެތްކަމާއި ނިކަމެތިކަމަށް މަލާމާތް ކުރަނީ ނޫންހެއްޔެވެ؟
ރުމައިސާ އޭނައަށް ބަލަން އިނީ ވަރަށް ގަދަޔަށް ދަސްކުރާފަދަ ގޮތަކަށެވެ." ކުރިންވެސް އަޑުއަހާފައި އޮނންނާނީ..އެކަމަކު ހަނދާން ކުރަން ޖެހޭނެ މީހުން އަންނަނީ ކޮން ތަނަކުން ކަން... އަހަރެންގެ ދަރިފުޅަށް ލިބެން ޖެހޭ ނަސީބާއި ކަންތައްތަކަށް މިކަހަލަ ގުޅުމަކުން އަސަރުކޮށްގެން ނުވާނެ.ހުރިހާކަމެއް ކޮމްޕްލިކެޓްވާނީ...އޭނަ މިގެއަށް ޒިޔާރަތްކުރި ސަބަބެއް އޭނައަށް އެނގޭނީ އެކަމަކު އޭނައަށްޓަކާ އަހަރެމެން ވިސްނަންވާނެ....."
ރުމައިސާ ސީދާ އޭނަ ކުށްވެރުކޮށް އެއްޗެކޭ ނުބުންޏަސް އެހަރުކަށި ލަފުޒުތަކުން އޭނަ ކުޑަކޮށްލައިފިއެވެ. އޭނަ ބޯ ޖަހައިލިއިރު ޖަޒުބާތުތައް ކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ.
"އައި އަންޑަސްޓޭންޑް..."އޭނައަށް ތަކުރާރުކޮށް ބުނެވުނީ ހަމަ އެކައްޗެކެވެ. އެކަމަކު މިފަހަރު ކުރިއަށްވުރެވެސް ރުމައިސާގެ ލަފުޒުތައް ގަބޫލުކުރެވުނުފަދަ ގޮތަކަށެވެ.
"ރަގަޅު..."ރުމައިސާގެ އަޑުގައި މިފަހަރުވީ އޯގާތެރިކަމެވެ.
ދެމީހުންގެ މުއާމަލާތު ވަރަށް ލަސް އަދި ހާސްކުރުވަނިވި އެއްޗަކަށްވިއެވެ. އޭނައަށް ކީއްވެކަމެއް ކިހިނެއްކަމެއްވެސް ނޭގުނެވެ. އޭނައަށް ހުރެވުނީ ހަމްޒާދިން ހަދިޔާގައި ހިފަހައްޓާލައިގެން ހުއްޓުން އަރާފައެވެ. އެހިނދުކޮޅުގެ ބުރަދަން މެޔަށް ފިތަމުން ދިޔައެވެ. އެވަގުތު ހަމްޒާވެސް އެތެރެއަށް ވަނެވެ.
"އަހަރެމެންނަށް ދެން މަންމައާއި ބައްދަލުކުރެވިދާނެތަ؟" ރުމައިސާ މިރިއަށް އަށް ބަލައިލިއެވެ.
މިރިއަމް އޭނަގެ މަންމަ ގޮވައިގެން ބޭރަށް އައުމުން ޖަމީލާ މަޑުމަޑުން ހުރީއެވެ. އަދިވެސް އެ ލުއި ހިނިތުންވުން ކުރީގެ އޯގާތެރިކަން ހިފައިގެން އުޅޭފަދައެވެ. އެކަމަކު ބަލީގެ ގޮތުން ކަން ނޭގެއެވެ. މެހުމާންދާރީ އަދާކުރަން އެހާ ފޯރިއެއް ނެތެވެ. ބީރައްޓެއްސެއް ފަދައެވެ.
"މަންމާ. މިއީ ހަމްޒާއާއި މަންމަ ރުމައިސާ.."
ޖަމީލާ ބޯ ޖަހައިލިޔަސް ލޮލުން ފެނުނީ ހައިރާންކަމެވެ. ކުރިން ދުވަހަކުވެސް ނުދެކޭ ބަޔެކެވެ. ހިނިތުންވިޔަސް އެ ހިނިތުންވުންވެސް ހަނދާނުގެ މަޑިކިލަބަށް ގެއްލިގެން ދިޔައީއެވެ.
"ވަރަށް އުފާވެއްޖެ ބައްދަލުވެވުނީމަ ޖަމީލާ..."ރުމައިސާގެ އަޑުގައިވީ ދުރުކަމެވެ. ވިސްނުންތެރިކަމާއެކު ބަސްތައް އަތުރާފަދައެވެ." އަހަރެމެންގެ ފަރާތުން މި ކުރެވުނީ އުދަގުލެއް ނުންކަމަށް އުއްމީދުކުރަން.."
ޖަމީލާ ވަގުތުން ޖަވާބެއްނުދެއެވެ. ހަމްޒާއާއި އޭނަގެ މަންމަގެ މޫނަށް ވަކިވަކިން ނަޒަރު ހުއްޓާލީ އެމީހުން މިތަނަށް އަންނާން ޖެހުނު ސަބަބެއް ނުވިސްނިގެންނެވެ. ހިމޭންކަން މާ ދިގުވެގެން ދިޔުމަށްފަހު ޖަމީލާ ވާހަކަދެއްކިއެވެ. ވަރަށް މަޑުން އަދި ޝައްކުގެ ނަޒަރަކުން ބަލަން ހުރެފައެވެ"ތިއީ....ކާކުތަ؟"
މިރިއަމްގެ ހިތަށް ފިނިވިއެވެ. ނަން ހަނދާން ނެތުމަކީ މަންމަގެ ފަރާތުން އަލަށް ފެންނަކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނަގެ ހިތަށް ތަދުވެއެވެ.
"އަހަންނަނީ ހަމްޒާގެ މަންމަ ރުމައިސާ...ދަރިފުޅާއި ޖަމީލާއާއި ބައްދަލުކުރަން މިއައީ....."
ޖަމީލާ ހިނިތުންވެލީ ބުނާނެ އެއްޗެއް ނޭގިފައެވެ. ކުޑަކޮށް ހައިރާންވެފައެވެ.
މިރިއަމްގެ ހިތުގައި ނުރުހުންތެރިކަމުގެ ރާޅެއް ޖަހައިލިއެވެ. އެވާހަކަތަކުގައި މަންމަގެ ބައިވެރިވުމެއް ނެތީމަ ކަމެއް ނޫނީ އެތަނުގައި ވި ނުތަނަވަސްކަމުގެ ސަބަބުންކަމެއް ނޭގެއެވެ. އެކަމަކު ހަމްޒާގެ މަންމަ ރުމައިސާ ހުރީ ނިކަން ހަމަޖެހިލައިގެންނެވެ. އޭނަގެ ލޯ ވަށައިގެން ސްކޭން ކުރަމުން ދިޔައީ ނުފޫޒު ހުރިފަދަ ގޮތަކަށެވެ. އެއާއެކު މިރިއަމްއަށް ނަޒަރު ހުއްޓައިލިއިރު އެލޮލުން ކުޑަ ޝައްކެއްގެ އަސަރު ފެނިލިއެވެ.
"އަޅުގަނޑު.........އަޅުގަނޑަށް ހީވަނީ މަންމަ އަރާމުކޮށްލަން ބޭނުންވާހެން..."މަންމަ ދުރަށް ބަލަމުން އަމިއްލަ ޚިޔާލަކަށް ގެއްލިިފައި ހުރިތަން ފެނި އޭނައަށް ބުނެވުނެވެ.
"އޮފްކޯޒް.."ހަމްޒާއަށް ވިސްނުނުފަދައެވެ."އަހަރެމެން އަދި ބައްދަލުވާނެ އިންޝާﷲ.....މިވަގުތު ދެން ދާން ވީ......"
ރުމައިސާ ގެ ހީލުގައި އަދަބިވެރިކަމެއް ހުއްޓަސް ފިނިކަމެއްވެސް ވިއެވެ." އަދި ފަހުން ވާހަކަދައްކާނީ ދޯ....މިރިއަމް...ޑޯންޓް ވޮރީ...ޓޭކް ކެއާ އޮފް ޔޯ މަދަރ..."
ހަމްޒާއާއި އޭނަގެ މަންމަ ނުކުތުމުން އޭނަ މަޑުމަޑުން ދޮރު ލައްޕައިލިއެވެ. ކިތަންމެ ބުންޏަސް އެ ޒިޔާރަތުގެ ސަބަބުން އޭނަގެ ހިތުގައި ވީ ކުޑަ ކުޑަ ހަމަޖެހުންވެސް ނަގާލައިފިއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސްމެއެވެ. އޭނަގެ މަންމަގެ ބަލި ހާލަތު ބޮޑުވެގެންދާއިރު ކައިވެންޏެއްގެ ހުށަހެޅުން އަންނަން އުޅޭކަމުގެ ނިޝާންތައް ފެނިއްޖެއެވެ.
ނުނިމޭ