އެމެޒޯންގެ އިންޓަނެޓް ސެޓެލައިޓްތައް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވަނީ

ފުރަތަމަ ބުރުވެސް 27 ސެޓެލައިޓް އެއްފަހަރާ ފޮނުވާލާނެ --

އެމެޒޯން ކުންފުނީގެ ޕްރޮޖެކްޓް ކުއިޕާގެ ފުރަތަމަ ބުރާންޗް ސެޓެލައިޓްތައް ބުދަ ދުވަހު (އޭޕްރިލް 9، 2025) މެންދުރު 12:00 (އިރުމަތީ ގަޑިން) ފްލޮރިޑާގެ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުން ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ޖެފް ބެޒޯސްގެ ކުންފުނިން އީލޮން މަސްކްގެ ސްޕޭސްއެކްސް ސްޓާލިންކްއާ ވާދަކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ޔުނައިޓެޑް ލޯންޗް އެލަޔަންސް (ޔޫއެލްއޭ) ގެ އެޓްލަސް V ރޮކެޓެއްގައި 27 ސެޓެލައިޓް ފޮނުވައި ބިމުން 450 ކިލޯމީޓަރު (280 މޭލް) މަތީގައި މި ސެޓެލައިޓްތައް ބެހެއްޓުމަށް ވަނީ ރޭވިފައެވެ.

ސްޓާލިންކް ވަނީ މިހާތަނަށް 7،000 އަށްވުރެ ގިނަ ސެޓެލައިޓް އޯބިޓަށް ފޮނުވައި 70 ޤައުމަށް އިންޓަނެޓް ހިދުމަތް ދިނުމަށް ފަށާފައެވެ. އެހެންނަމަވެސް އެމެޒޯން ވަނީ 3،200 ސެޓެލައިޓްގެ ކޮންސްޓެލޭޝަނެއް ބިނާކުރުމަށް ނިންމާފައެވެ. މީގެކުރިން، 2023 ވަނަ އަހަރުގެ ފަހުކޮޅު އެމެޒޯން ވަނީ ޕްރޮޓޯޓައިޕް ސެޓެލައިޓެއް ކާމިޔާބުކަމާއެކު ފޮނުވާލައިފައެވެ.

ކުއިޕާ ސެޓެލައިޓްތައް ބިމުން 590 އާއި 630 ކިލޯމީޓަރު (367 އާއި 391 މޭލް) މަތީގައި ދުވާނެއެވެ. ސެޓެލައިޓްތަކުގައި އަމިއްލައަށް ފަރުމާކުރެވިފައިވާ ޕްރޮޕަލްޝަން ސިސްޓަމެއް ހިމެނެއެވެ.

އެމެޒޯންއިން ބުނާ ގޮތުގައި، ކުއިޕާ އިންޓަނެޓްއަކީ "އަތްފޯރާ އަގެއްގައި" ލިބޭނެ ޚިދުމަތެކެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އާންމު ޓާމިނަލްތައް އުފެއްދުމަށް 400 ޑޮލަރު ޚަރަދުވާނެއެވެ. މިއީ ސްޓާލިންކްގެ އަގަށްވުރެ ކުޑަ އަގެކެވެ. މީގެއިތުރުން، ޕްރޮޖެކްޓް ކުއިޕަރުން ސިކުންތަކަށް 400 މެގަބިޓަށް ވުރެ ބާރު ސްޕީޑެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މިއީ ސްޓާލިންކްގެ 300 މެގަބިޓްއަށްވުރެ ބާރެވެ.

ކުއިޕާ ޕްރޮޖެކްޓް އަމާޒުކުރަނީ ގޭގެއަށާއި، ވިޔަފާރިތަކަށާއި، ސަރުކާރުގެ އިދާރާތަކަށާއި އަދި އެހެނިހެން މުއައްސަސާތަކަށެވެ. ވޯޑާފޯން އަދި އޭގެ އެފްރިކާގެ ގޮފިކަމަށްވާ ވޯޑާކޮމް ވަނީ އެމެޒޯނާއެކު 4ޖީ/5ޖީ ނެޓްވޯކް ފުޅާކުރުމަށް އެއްބަސްވެފައެވެ.

އެމެޒޯންގެ ކުއިޕާ ޕްރޮޖެކްޓްގެ ވައިސް ޕްރެސިޑެންޓް ރަޖީވް ބަދްޔާލް ވިދާޅުވީ މިހާތަނަށް އުފެއްދި އެންމެ ޓެކްނޮލޮޖިކަލީ ތަރައްޤީވެފައިވާ ކޮމިއުނިކޭޝަން ސެޓެލައިޓްތަކަކީ އެއީ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު