ކާބޯތަކެތި ތައްޔާރުކުރާ ހަތަރުތަނެއް ބަލައި، ސައްޙަ ވިސާނެތް ހަ މީހަކު އަތުލައިގެންފި

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ/ އިމިގްރޭޝަން

ކާާބޯތަކެތި ތައްޔާރުކުރާ ހަތަރު ތަނެއް ބަލައި ފާސްކޮށް ސައްޙަ ވިސާނެތް ހަ މީހަކު އަތުލައިގެންފިއެވެ.

މި މީހުން އަތުލައިގެންފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށްފައި ވާކަމަށެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ/ އިމިގްރޭޝަން

އަދި އެ ތަންތަނުގައި ސައްޙަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ހަ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ބުނެފައެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ/ އިމިގްރޭޝަން

އެގޮތުން މިހާތަނަށް 6،076އަށްވުރެ ގިނަ ބިދޭސީން މިހާރު އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް މިނިސްޓްރީން ހަރަކާތެއް ކުރިއަށްގެންދާއިރު އެ ހަރަކާތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް