ފޮރެންސިކް ދާއިރާގައި އެއް ގަރުނަށްވުރެ ގިނަ ދުވަހު ބޭނުންކުރަމުން އައި މުހިންމު ހެއްކެއް ކަމުގައިވާ އިނގިލީގެ ނިޝާނަކީ ކޮންމެ މީހެއްގެ ވެސް ތަފާތު އެއްޗެއް ނޫންކަން އޭއައި ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ކޮލަމްބިއާ އިންޖިނިއަރިންގެ ސީނިއާ އަންޑަގްރެޖުއޭޓް ދަރިވަރެއް ކަމަށްވާ ގޭބް ގުއޯ އިސްވެ ހުރެގެން ކުރި މި ދިރާސާއިން ދައްކާގޮތުގައި އެކެއްގެ އެކި އިނގިލިތަކުގެ ނިޝާން ވެސް އެއްގޮތްވުން އެކަށީގެންވެއެވެ. މިއީ މިހާތަނަށް ޢާންމުކޮށް ގަބޫލުކުރެވިފައިވާ ގޮތާ ޚިލާފު ހޯދުމެކެވެ.
ކޮލަމްބިއާ ޔުނިވާސިޓީގެ މޭކާސްޕޭސް ފެސިލިޓީގެ ކޯ-ޑިރެކްޓަރު ހޮޑް ލިޕްސަން އާއި ޔުނިވާސިޓީ އޮފް ބަފަލޯގެ ވެންޔާއޯ ޒުގެ އެހީތެރިކަމާއެކު ކުރެވުނު މި ދިރާސާގައި، އެމެރިކާ ސަރުކާރުގެ ޢާންމު ޑޭޓާބޭސްއެއްގައި ހުރި 60،000އަށްވުރެ ގިނަ އިނގިލީގެ ނިޝާން ބޭނުންކޮށްފައިވެއެވެ. މި ނިޝާންތައް ޑީޕް ކޮންޓްރާސްޓިވް ނެޓްވޯކަކަށް ފީޑްކޮށްގެން ދިރާސާ ކުރެވުނެވެ.
މިހާތަނަށް ގަބޫލުކުރެވިފައިވަނީ އެކެއްގެ ކޮންމެ އިނގިއްޔެއްގައި ވެސް ވަކި ވައްތަރެއްގެ ރޮނގުތަކާއި، ލޫޕްތަކާއި، ދައުރުވާ ގޮތްތަކެއް ހުންނާނެ ކަމަށެވެ.
މި ދިރާސާގެ ނަތީޖާއަކީ ކުށްވެރިން ހޯދުމުގައި އަދި ކުށުގެ ވެށްޓާ ގުޅުވުމުގައި ބޭނުންކުރާ މުހިންމު ހެއްކެއް ކަމުގައިވާ އިނގިލީގެ ނިޝާނުގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. އަދި މިއީ ފޮރެންސިކް ދާއިރާގެ ޢާންމު ގަބޫލުކުރުންތަކަށް ގޮންޖެހުމެއް ކަމުގައި ވެސް ބެލެވެއެވެ.
ނަމަވެސް، މި ދިރާސާގެ ނަތީޖާ ބަލައިގަތުމުގައި ގިނަ ފަރާތްތަކުން ދެކޮޅުހަދާކަން ވެސް ފާހަގަކުރެވެއެވެ. އެގޮތުން، މި ދިރާސާ ރިވިއުކުރި ނަން ހާމަނުކުރާ ފަރާތަކުން ބުނެފައިވަނީ ކޮންމެ އިނގިލީގެ ނިޝާނަކީ ވެސް ތަފާތު އެއްޗެއްކަން އެނގިފައިވާ ކަމަށެވެ.
މި ދިރާސާގައި ބޭނުންކުރި އޭއައި ސިސްޓަމުން، ތަފާތު ކަމަށް ފެންނަ އިނގިލީގެ ނިޝާންތައް ދެނެގަތުމުގައި 77 އިންސައްތައިގެ ސައްހަކަމެއް ހާސިލުކޮށްފައިވެއެވެ. އަދި ގިނަ ސާމްޕަލްތަކެއް އެއްކޮށް ބެލުމުން މި ސައްހަކަން އިތުރަށް މަތިވެފައިވެއެވެ. މިއީ މިހާރު ބޭނުންކުރާ ފޮރެންސިކް އުސޫލުތައް 10 ގުނައަށްވުރެ ބޮޑަށް ހަރުދަނާކުރެވިދާނެ ކަމުގެ ހެއްކެކެވެ.
ނަމަވެސް، މި ދިރާސާގެ ނަތީޖާ ޝާއިޢުކުރުމުގައި ދަތިތަކާ ކުރިމަތިވިއެވެ. އެގޮތުން، ފޮރެންސިކް ދާއިރާގެ ނަން މަޝްހޫރު ޖާނަލަކުން މި ދިރާސާ ބަލައިނުގަތެވެ. އޭގެ ފަހުން ވެސް އެހެން ޖާނަލަކުން މި ދިރާސާ ބަލައިނުގަތުމުން، ހޮޑް ލިޕްސަން އެކަމާމެދު ސުވާލު އުފެއްދިއެވެ.
މި މަޢުލޫމާތުގެ ސަބަބުން ކުރީގެ މައްސަލަތައް އަލުން ބެލުމަށް މަގުފަހިވެ، ކުށެއް ނުކުރާ މީހުން ވެސް ކުށުން ބަރީއަވުމަށް މަގުފަހިވެދާނެ، ކަމަށް ލިޕްސަން ބުންޏެވެ.
އިނގިލީގެ ނިޝާން ދިރާސާކުރުމުގައި އާންމުކޮށް ބަލަނީ މިނުޝިއޭ ކިޔާ، އިނގިލީގެ ރޮނގުތަކުގައި ހުންނަ ގޮފިތަކާއި ނިމޭ ހިސާބުތަކަށެވެ. ނަމަވެސް މި ދިރާސާގައި ބޭނުންކުރި އޭއައި ސިސްޓަމުން ބަލާފައިވަނީ އެހެން ކަންތައްތަކަކަށެވެ.
"އޭއައި އިން ބަލާފައިވަނީ އިނގިލީގެ ނިޝާނުގެ މެދުގައި ހުންނަ ދައުރުވާ ގޮތްތަކާއި ލޫޕްތަކުގެ އެންގަލްތަކާއި ކާވޭޗާތަކަށް،" ގޭބް ގުއޯ ބުންޏެވެ.
މި ހޯދުމުން ދައްކާގޮތުގައި، މާހިރުން މިހާތަނަށް ނުބަލާ ދޫކޮށްލާފައިވާ މުހިންމު ވިޝުއަލް ހެކިތަކެއް ހުރެދާނެއެވެ.
މި ދިރާސާގައި ބައިވެރިވި ކޮލަމްބިއާ އިންޖިނިއަރިންގެ ގްރެޖުއޭޓް ދަރިވަރު އަނިވް ރޭ އާއި ޕީ.އެޗް.ޑީ ދަރިވަރު ޖުޑާ ގޯލްޑްފެޑާ ބުނާގޮތުގައި، މި ދިރާސާގެ ކާމިޔާބީ އިތުރަށް ބޮޑުވާނީ އިތުރު ޑޭޓާ ބޭނުންކޮށްގެންނެވެ.
"ހާސްތަކެއްގެ ބަދަލުގައި މިލިއަންތަކެއްގެ އިނގިލީގެ ނިޝާންތަކުން މި ސިސްޓަމް ޓްރެއިންކުރެވިއްޖެނަމަ، މިދިރާސާގެ ޞައްޙަކަން އިތުރަށް އެނގިގެން ދާނެކަމަށް ރޭ ބުންޏެވެ. މިއީ ކުށުގެ ވެށިތަކުން ހެކި ހޯދުމުގައި ތަޙްޤީޤުކުރާ ފަރާތްތަކަށް އިތުރު ކުރިއެރުމެއް ލިބިދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެއް ގަރުނަށްވުރެ ގިނަ ދުވަހު ގަބޫލުކުރެވިފައިވާ އުސޫލުތަކަށް ގޮންޖެހުމަކަށް ވީ ނަމަވެސް، މި ދިރާސާ ކުރި ޓީމުން ދިރާސާ އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރިއެވެ. އަދި އެންމެ ފަހުން މި ދިރާސާ ޕިއަރ-ރިވިއުޑް ޖާނަލެއް ކަމަށްވާ ސައިންސް އެޑްވާންސަސްގައި ޝާއިޢުކުރެވުނެވެ.
މި ދިރާސާއިން އިނގިލީގެ ނިޝާން އެއްގޮތް ވެދާނެކަމަށް ދައްކާފައި ވީނަމަވެސް، ކޮންމެ މީހެއްގެ އިނގިލީގެ ނިޝާން ތަފާތު ވާނެކަމަށް ކީރިތި ގުރުޢާނުގައި ބަޔާންކޮށްފައި ވެއެވެ. މި ވާހަކަތައް އައިސްފައި ވަނީ ޤިޔާމަ ސޫރަތުގައެވެ.