"ދައުވަތަކާއި އެޕޮއިންޓްމެންޓަކާއި ނުލާ ތިބާއަށް ތިންކަމެއްލިބެއެވެ. ރިޒުގު ގަދަރު އަދި މަރެވެ. ޔާ ﷲ އަޅަމެންނަށް ހަލާލު ރިޒުގާއި ރަގަޅުގޮތް މިންވަރުކުރައްވާދޭވެ. އަޅަމެންގެ ގެ އަމަލުތަކާއިމެދު ތިބާ ރުހިވޮޑިގެންނެވުމުން ފުރާނަ ހިއްޕަވާދޭވެ."
***
ޒުބޭރުގެ އެ ޖުމްލައިން އޭނައަށް އިހުސާސްވީ ބޭޒާރުވީހެންނެވެ. އަބަދުވެސް ދުނިޔެއާއިމެދު އޭނަ ނުބައި ނަޒަރަކުން ދެކޭކަމެވެ. ލައިލާ އެ ލޯބި އިމާމްއަށްޓަކާ އެވާ ވަރެވެ. އޭނަ ސާޔާގެ ބަސް ގަބޫލުނުކޮށް ލައިލާގެ ފަހަތުން އުޅޭކަމެވެ. ރަމަޟާން މަސް ބޭކާރުކޮށްލެވުނު ގޮތެވެ. އަދި މިހާރު އޭނަގެ ކުރިމަތީގައި މިހިރަ ޒުބޭރުގެ އަނެއް ފަރާތް ފެނުމުން ލިބުނު ހައިރާންކަމެވެ. ކުޑައިރުއްސުރެ ހުސްފަޔާ ކުޅެން އުޅުނު ކުޑަ ފިރިހެންކުއްޖާ ޚުދު އޭނަ ދުވަހަކުވެސް އެކަމެއްކުރަން ހިތަށްވެސް ނާރާ ފަދަ ލަގަބެއް ހޯދީއެވެ.
"ފައިން......ހާފިޒު ޒުބޭރު.. އެހެންވިއްޔާ ކޮންމެވެސް އާޔަތެއް ކިޔަވަބަލަ..." ހިތުތެރޭގައި އުފެދިގަތް ނުތަނަވަސްކަން ފޮރުވައިލަން ފާޑަކަށް ހީލެވުނެވެ.
ޒުބޭރުވެސް އަމިއްލަ ނަފުސަށް އިތުބާރުކުރާފަދަ ގޮތަކަށް ހީލިއެވެ. ހަމްޒާގެ ރާގު އަދި ބަރު އަޑެއްވެސް ނޫނެވެ. އޭގެ ޒާތުގައި ތަފާތެވެ. އެއްވަރަކަށް ހިފެހެއްޓިފައިވާ އަޑެކެވެ. ވަރަށް ފަރިތައެވެ. ގޯހެއް ނޫނެވެ. ޒުބޭރުއާއި ގުޅެއެވެ. އޭނަ އަޑުއަހަން ހުރިއިރު މަޑުމަޑުން ނިޔަފަތިތައް އަތަށް ހެރުނެވެ. އީދު މެޓާކާާންވެގެން ދެބެންގެ ދެދަރިކޮއްކޮމެން ކިޔާވަރުން ޒުބޭރު އެއްފަރާތަކަށް ޖެހިލިތަނާ ފަހަތުން އައި ލައިލާ އަނގަ ހުޅުވިފއި ބަލަން ހުއްޓެވެ. އޭނަ އެސްފިޔަތައް ތަޅުވައިގަތެވެ."ވެއިޓް....އޭނަތަ ހަމަ؟"
"އެއީ ހަމަ ޒުބޭރު؟"
ދެކުދިން ގާވެފައި ހުއްޓިގެން ތިބިއިރު ރުކު ފަންތަކުގެ ދޭތެރެއިން އިރުގެ އަލި ބިމަށް އެޅި ނަށަމުން ދިޔައެވެ."އޭނަ އެހާ ރީތިކޮށް ގުރުއާން ކިޔަވާތަ؟ ނަމާދު ކޮންމެވެސް ވަރަކަށް ކޮށްލާކަން އެނގޭ..."
މިރިއަމްއަށްވެސް ހިންދިރުވައިލެވުނީ ލައިލާގެ ލަފުޒުތަކަކީ އޭނަގެވެސް ވިސްނުން ކުރިން ހުރިގޮތަށް ވީމައެވެ. އެއީ ހަމަ އެ ޒުބޭރުއެވެ. ދުވަސްވީ އިމާމެއްގެ ބައިސްކަލްގައި ހުސް ކާށިތަކެއް ހަރުކުރިކުއްޖާއެވެ. ކްލާހުގެ އެންމެ ގެ ތެރޭގައި އޭނައަށް "މަންކީ ފޭސް"ގެ ނަމުން ގޮވާ އުޅުނުކުއްޖާއެވެ. އެ ކަންނެތް ހިނިތުންވުމުގެ ވެރިޔާއެވެ. ހުސްފަޔާހުރެ ރުކަށް އަރާ މުޅި ދެފައި ނޫފައިގެން އިސްތަށިގަނޑުގައި ދޮންވެލި ލައިގެން އުޅުނީ ހަމަ އެޒުބޭރުހެއްޔެވެ؟
"އޭނަ ހާފިޒަކަށްވިތާ ކިހާ ދުވަހެއްހެން ހީވޭތަ؟"މިރިއަމްއަށް ސުވާލުކޮށްލެވުނެވެ. ކުއްލިއަކަށް އަމިއްލަ ނަފުސްގެ މޮޔަކަމާއިމެދު ވިސްނުނެވެ. އެކުދިން އޭނައަށް ކުރި ޖެއްސުމާއި މަލާމާތެވެ. "ޑެއާ"ޢަކަށް މަގުމެދުގައި ހުރެ އެންމެ ތޫނުއަޑުން ލަވަކިޔަން ޖެއްސި ދުވަހެއްވެސް އައެވެ.
ލައިލާއަށް ކަމަކަށް ސަމާލުކަން ދީގެން ހުރެވޭނީ ބަސްބުނާ ހިނދުކޮޅަކަށެވެ. ކުޑަ ލޯކޮޅަކުން އޭނަ މޭކަޕް ޗެކްކުރުމުގައި އަވަދިނެތި އުޅުނެވެ. ލޮލުގެ މަތީބޮނޑީގައި ފިޔާތޮށިކުލައެއް ވިދާއިރު ތުންފަތުން ލޭ އަންނަހާ ރަތެވެ. ކޮނޑާއި ހަމަޔަށް ވިހުރުވާލާފައި އޮތް އިސްތަށިގަނޑު ފުއްޕައިލިއެވެ.
"އަހަރެން ކިހިނެއް؟"ލައިލާ ހިނިތުންވެލުމުން ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ. އެކުއްޖާ ރީތިކަމަށް މިރިއަމްގެ ހިތްވެސް ތައުރީފުކުރިއެވެ.
"ތިހުރިހާ މޭކަޕަކާއިއެކީ ނަމާދުކުރެވޭނެ؟ "އޭނަ ބުމަ އަރުވައިލިއެވެ."ސާޔާ ބުނާގޮތުން ލިޕްސްޓިކާއި ޒީނަތްތެރިވާން ގެންގުޅޭ ސާމާނުގައި ހަލާލު ނޫން އެނިމަލް އިންގްރީޑިއެންޓްސް ހުރޭ އަދި އެލްކޮހޯލްވެސް ފުދޭވަރެއްގެ ބޮޑުކޮށް..."
"ހޭ މިރިއަމް ދެން ހުއްޓާލަބަލަ....މިހާރު ހަމަ ހީވަނީ ސާޔާހެން...އޭނައާއިއެކު އުޅުން ހުއްޓާލީމަ އެންމެ ރަގަޅުވާނީ...."ލައިލާގެ މަގުން މެއްސެއް ފޮޅައިލާހެން އަތް ހޫރައިލިއެވެ. ނަމާދުގެ މުހިއްމުކަން ލައިލާއަށް ހަމަ ރޭކާނުލަނީހެއްޔެވެ؟އޭނަގެ ޚިޔާލު ތަންކޮޅެއް ކުރިއަށް ދަތުރުކުރިއެވެ. އޭރު އޭނަވެސް މޭކަޕަށް ނިކަން ފޯރި ހުއްޓެވެ. އެކަމަކު އެ ސާމާނު ހުސްވުމާއެކު ޝައުގުވެސް ދިޔައީއެވެ. ސްކޫލް ޕްރޮޖެކެއްޓެއް ނިންމަން ސާޔާމެން ގޭގައި އުޅެނިކޮށް ނަމާދުވަގުތު ޖެހުުން އޭނަވެސް ވުޟޫކޮށްގެން އައެވެ. ސާޔާ ތަންކޮޅެއް ކައިރިވެފައި ރަގަޅަށް އޭނަގެ މޫނަށް ބެލިއެވެ."މޭކަޕްކޮށްފައި ދޯ؟"
"ހަމައެކަނި އައިލައިނާ..އަދި އަނދުން...ކުޑަކޮށް ކޮންސީލާ...."ސާޔާއާއި ހަތަރުކަޅި ހަމަނުކުރަން އޭނަ މަސައްކަތްކުރިއެވެ.
"އަނދުންވެސް ވޯޓާ ރެސިސްޓެންސްކަން އެނގެއެއްނު....އަދި އަހަންނަށް އެނގޭގޮތުން ވިއްޔާ ކޮންސީލާއާއި މޭކަޕްކުރާ ގިނައެއްޗެހި ވޯޓަޕްރޫފް...އެހެންވީމަ ވުޟޫ ގުނަވަންތަކުގައި ފެން ނުޖެހޭނެއްނު..އަދި އެސްފިޔަތައް............."
"ތިހާ މައްސަލަ ބޮޑުކަމެއްކަމެއް ނުދެނެހުރިން..."
"ވުޟޫއަކީ ނަމާދުގެ ތަޅުދަނޑި...ވުޟޫ ސައްހަ ނޫނިއްޔާ ނަމާދުވެސް ނުވާނެ....ހުުރިހާ ކަމަކަށްވުރެ މުހިއްމު ﷲގެ ހަޟުރަތުގައި ތިމާ ކޮޅަށް ހުރުން....." ސާޔާ މަޑުން ވާހަކަދެއްކިއިރުވެސް ނިކަން ސީރިޔަސްއެވެ.
"އެކަމަކު އެންމެ ނަމާދެއްނު..."އޭނަ ނުތަނަވަސްވެގެން އެއްފައި މައްޗަށް ކުޑަކޮށް ބުރަވެލިއެވެ.
"އެންމެ ނަމާދެއް؟"ސާޔާގެ ރާގު މަޑުމައިތިރިވިއެވެ. އެކަމަކު އެއިން ކޮންމެ ލަފުޒެއްގައިވެސް ތޫނުކަމެއްވިއެވެ."ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރައްވާގައިވަނީ ގިޔާމަތްދުވަހު އެންމެ ކުރިން ސުވާލުކުރެވޭނީ ނަމާދުންކަމަށް. ނަމާދަށް ފަރުވާކުޑަވެއްޖެއްޔާ އެހެން ހުރިހާކަމެއް ބޮއްސުންލައިގެން އެދިޔައީ..."
އޭނައަށް އަތްތިލައަށް ބަލައިލެވުނެވެ. ނިޔަފަތީގައި ކެހިފައިވާ ޕޮލިޝްއަށް އަލި އެޅިފައިވިއެވެ.
"ރަސްކަލަކާއި ބައްދަލުކުރަންދާއިރު ކުލަހޭކިފައިވާ ހެދުމަކާއި ދެވައްތަރުގެ އިސްޓާކީނަށް އަރައިގެން ގޮސްދާނަން؟ނުދެވޭނެ..ވީއިރު އާލަމްތަކުގެ ވެރި ފަރާތުގެ ހަޟުރަތަށް ތައްޔާރުނުވެ ތިބެދާންވީ ކީއްވެ؟ އަހަރެމެންގެ ހަށިގަނޑާއި ހިތް ސާފުނުކޮށް؟"
އޭނަގެ އަޑުގައި ފާޑުކިޔުންފަދަ ގޮތެއްނެތެވެ. ހަމައެކަނި ތެދުބުނީއެވެ. ކަންބޮޑުވާތީއެވެ.
"މޭކަޕްދެކެ ލައިކްވާތީ....އެލީމަ ބޮޑަށް ޔަގީންކަމެއް އޮވޭ...."
"މިރިއަމްއަކީ ރީތި ކުއްޖެއް..އެކަމަކު ޝައިތާން އަހަރެމެން ލައްވާ ހީކުރުވަނީ ލޭޔާސްތަކާއި ފިލްޓާސް ނުލައި ނުފުދޭކަމަށް. އެއްވެސް ގޮތަކަށް ކެއާނުކުރާ ބަޔެއްގެ ކުރިމައްޗަށް ޒީނަތްތެރިވެގެން ދިޔުމުގެ ހައްގުގައި ނަމާދު އެޅިޔަސް އޯކޭކަމަށް ހީކުރުވަނީ..."
އޭނަ ހުރީ މަޑުމަޑުންނެވެ. ސާޔާ ކިޔާހާ އެއްޗަކަށް ސަމާލުވެގެންނެވެ.
"އެކަމަކު އެނގޭތަ؟ ހަލާލް މޭކަޕް ބޭނުންކުރެވިދާނެ. ގުދުރަތީ އެއްޗެހި. ވުޟޫގެ ކުރިން ކްލީންސާއަކުން ދޮވެލާނީ. ކޮންމެ ކަމެއްގައިވެސް މަގެއް އޮންނާނެ. އެކަމަކު އަހަރެމެން އެގޮތް ބޭނުންވެގެން...އެކަހަލަ ކަމެއް ޓްރައި ކުރެވޭނީވެސް އެކަމަށް އެދިގެން....."
އޭނަގެ ހިތުގެ ތެރެއިން ގޮށެއްޖެހުނެވެ. ފަހަރެއްގައި ކުށްވެރިއިހުސާސެވެ.
"އަހަރެމެން އެންމެންވެސް މަސައްކަތްމިކުރަނީ މިރިއަމް. އެކަމަކު ނަމާދު ހުއްޓައެއްނުލެވޭނެ. އެއީ ލައިފްލައިން.. ހުރިހާ އެއްޗެއް ދޫވެގެން ދިޔަސް އޭގައި ހިފަހައްޓަންވީ އެއްޗަކީ ނަމާދު....."
މިރިއަމްއަށް ޚިޔާލުގެ ތެރެއިން ނުކުމެވުނީ ލައިލާގެ ފޯނުގެ ރިންގްޓޯންއިން ކަންފަތް ފަޅައިލުމުންނެވެ. ލައިލާގެ ދޮންކޯތާފަތް ރަތްވެގެންގޮސް ޖަންބުކުލަ އަރައިފިއެވެ. ޔަގީނެވެ. ޚާއްސަ ފޯނުކޯލެކެވެ.
"ކާކުތަ؟"އޭނަ ލޯ ހަނިކޮށްލިއެވެ."އެހެން ބޯއިއެއް؟"
ލައިލާއަށް ޖަވާބު ދެވުމުގެ ކުރިން ދުރުން އަންނަ ސައިކަލެއްގެ އަޑު އިވުމާއެކު އެކުއްޖާ ފޯރިއާއެކު އަތް ހޫރައިގަތެވެ. ސައިކަލްގެ ޓައިރު ކަހާލައިގެން ދިޔުމާއެކު ދޮންވެލިގަނޑުވެސް ބުރައިގެން ދިޔުމުން މިރިއަމްއަށް ލޯ ހިމާޔަތްކުރަން އެސްފިޔަ ލައްޕައިލެވުނެވެ. ލޯ ހުޅުވައިލިއިރު ސައިކަލްމަތީގައި އިށީދެލައިގެން އިނީ ބޭރު ގައުމެއްގެ ޒުވާނެކެވެ. ރަންކުލައިން ޑައިކޮށްލާފައިވާ އިސްތަށިގަނޑެކެވެ. އޭނަ އަވިއައިނު ނަގަމުން ހީލިގޮތުން ޕާޓީއަކަށް އާދެވުނުފަދައެވެ."
އޯ. މިހިރީ ދޯ..."އޭނަ ލައިލާއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ލާފައި ހުރި އަތްކުރި ޓީޝާޓުގައި ކޮންމެވެސް މޫދުސްލޯގަންއެއް ކުލަ ފަނޑުވެފައިވާއިރު ލައިގެން ހުރީވެސް ބީޗާއި ގުޅޭ ސޯޓެކެވެ. އޭނަގެ ރާގުގައިވެސް ބޭރުފާޑު ހުއްޓެވެ. ލައިލާ ރަކިހިންޏަކާއެކު އެ ޒުވާނާގެ އަތުކުރީގައި ބީހިލިއެވެ.
"ޖޯން..ހީކުރިވަރަށްވުރެ ފަސޭހައިން އަހަރެމެން ހޯދައިފިން..."
ޖޯންގެ ނަޒަރު ދަތުކުރީ މިރިއަމްގެ މޫނަށެވެ."މިއީ އެ ލަދުރަކު ބެސްޓްފްރެންޑް މިރިއަމް...ނޫންތަ؟"
އޭނައަށް ހައިރާންކަމާއެކު އެސްފިޔަޖަހައިލެވުނެވެ. މި ޒުވާނާއަށް އޭނަގެ ނަންވެސް އެބަ އެނގެއެވެ. އޭނައަށް އެއްޗެކޭ ނުބުނެެނީސް އެ ޒުވާނާ އަތް ފުޅައިކޮށްލަމުން އޭނައާއި ދިމާލަށް އައިގޮތަށް ބައްދައިލިއެވެ. އިރުގެ އަވީގެ ސަބަބުން އެ ހަށިގަނޑުގައި ހޫނުކަމެއްވިއެވެ. އަގުހެޔޮ ކޮލޯންއާއެކު ދަލުގެ ވަސް އޭނަގެ ނޭފަތުގައި ޖެހުނެވެ. ފަޅި ސިކުންތުކޮޅަކަށް އޭނަ ގަނޑުވިއެވެ. އަތެއްފަޔެއް ހަލުވައެއްނުލެވުނެވެ. ސިކުނޑިވެސް ހުސްވިފަދައެވެ. އެންމެ ސިކުންތުކޮޅެއްގެ އެ އަމަލު ގަރުނަކަށްދެމިގެން ދިޔަހެން ހީވިއެވެ. އޭނަގެ އަތް އޭރުވެސް ހަރަކާތެއް ނުކުރެއެވެ. ހިތްވެސް ބާރުބާރަށް ތެޅެމުންދާއަޑު ކަންފަތުގައި ޖެހުނެވެ.
"ޗިލް އައުޓް،" ޖޯން ފަހަތަށް ޖެހިލަމުން ހީލިއެވެ."ޖަސްޓް އެ ފްރެންޑްލީ ހަގް......"
އޭނައަށް ޖަބާވެއްނުދެވުނެވެ. ހަށިގަނޑުގައި އަލިފާން ހިފިފަދައެވެ.އެއާއެކު ކަންފަތް ބައްވާހާ ބާރަށް އޭނަގެ ނަމުން ގޮވައިލެވުނެވެ،
"މިރިއަމް.."މަންމަ ގޯޅިކަންމަތީގައި ހުއްޓިލައިގެން ހުރިއިރު އަޅައިގެން ހުރި ބުރުގާވެސް އޮތީ ސޮއްސާލައިގެން ކޮނޑުމަތީގައެވެ. ގަބޫލުކުރަން ދަތިގޮތަކަށް ލޯ ބޮޑުކޮށްލައިގެން މޭގައި އަތް އަޅައިގެން ހުރީ މޭމަތީގައި އެއްޗަކުން ޖެހި އަނިޔާވިފަދައިންނެވެ.
އޭނައަށްވެސް ދުނިޔެ ހަނިވީހެން ހީވިއެވެ.
ޖަމީލާގެ ފިޔަވަޅުތައް ކުރިއަށް އަޅަންފެށިއިރު އަވަސްކަމުން އަލިފާންމަތިން އައި ވައިހާ ބާރެވެ. ފިޔަވަޅުތައް ބަރުވެފައި އަވަހެވެ.
"ޢެއީ ކާކު؟" ޖަމީލާގެ ހަޅޭކުގައި ތުރުތުރުލުމެއްވިއެވެ. ކަރުގައި އެއްޗެއް އަޅައިގެން ވާހަކަދެއްކުން ދަތިވީހެންނެވެ." ކާކު މަގޭ އަންހެންދަރީގެ ގައިގާ އަތްލީ؟"
ޖޯން ހަމަޖެހިލާފައި އަތް ހިއްލައިލިއެވެ."ހޭ...ވޯ...ރިލެކްސް..."
"ވާހަކަ ނުދައްކާ..."ޖަމީލާގެ އަޑު ގުގުރިއެއްފަދައެވެ. ކޮންމެހެން އިނގިރޭސިން އެންމެ ލަފުޒެއްވެސް ބުނަން ޖަމީލާއަށް މުހިއްމެއްނުވިއެވެ." ދެވަނަފަހަރަކު އޭނަގެ ގައިގާ އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ. ހަނދާން ކުރާތި.."
ޖަމީލާ އެނބުރުނީ މިރިއަމްއާއި ދިމާލަށެވެ." މޮޔަވީތަ؟ އެހެން މީހަކު އައިސް އެގޮތަށް އޭނަގެ އަތް ހަށިގަނޑު ވަށާލިޔަދޭން ޖެހޭތަ؟ ބޭރު އަންހެނުންހެން..އަމިއްލަ ނަފުސްގެ އިއްޒަތެއް ހުރުމަތެއް ނެތް؟ އެމެރިކާ މީހެއްތަ ތީ؟"
"މަންމާ. އަހަރެން ކަމެއް ނުކުރަން...އޭނަ އަމިއްލައަކަށް...."އޭނައަށް ބުނެވުނީ ނިކަން މަޑުންނެވެ.
"އެކަމަކު ނުހުއްޓުވީމެއްނު. ކުޑަކޮށްވެސް ގުޑިވެސް ނުލާ...."ޖަމީލާގެ އަރުތެރެ ބެދޭގޮތްވީ ޖަޒުބާތުގެ އަސަރުންނެވެ." ފިރިހެނަކާއެކު މިތާ ތިހިރީ އެއްވެސް މައްސަލައެއް ނޫންގޮތަށް؟ ހެމުން އޭނައަށް ބެލިޔަދީ އަތްލިޔަދީ؟"
ޖޯން އަވަހަށް ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އޭނަގެ އަނގައިގާ ރަލުގެ ވަސްހުއްޓެވެ." އޯލްރައިޓް. އޯލްރައިޓް. އައިޑިޑްން ނޯ އިޓް ވޯޒް ދެޓް ސީރިުަސް...އައިމް ގޮއިން.."
"އަވަހަށް ދޭ. ބާރަށް ދޭ..."ޖަމީލާގެ އަޑުގައިވީ ފިނިކަމެވެ. އެލޮލުން ޖޯން ގަނޑުކޮށްލަފާނެފަދައެވެ. މަންމަގެ އެ ސިފަ ކުރިއަކުން މިރިއަމް ނުދެކެއެވެ. "ދުވަހަކުވެސް މަގޭ އަންހެންދަރީގެ ކައިރިއަށް ނާންނާތި ނޫނީ ﷲ ގަންދީ ހުވާކޮށް މިބުނީ............."
ޖޯން އަވަހަށް ސައިކަލަށް އަރައިގެން ދުއްވައިލަމުން ކީއެއްޗެއް ސާފެއްނޫނެވެ. ލައިލާ ހުރީ ލޯބޮޑުކޮށްލައިގެންނެވެ.
"ލައިލާ..."ޖަމީލާ އޭނައަށް އިޝާރްތްކުރިއެވެ. ކަލޭ އޭނަ މިތަނަށް ގެނައީ؟ ހަމަމިވަގުތު ގެއަށް ދޭ ނޫނީ ހަސީނާއަށް މިހުރިހާ ވާހަކައެއް އިވޭނެ.."
ލައިލާ ކުޑަކޮށް މަޑުޖެހިލާފައި އެއްޗެކޭ ބުނަން އުޅެފައި އަނގަ ލައްޕައިލިއެވެ. އެއާއިއެކު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
މިރިއަމް ދަރިފުޅާއި ދިމާލަށް އެނބުރުނެވެ. އޭރު އެގަދަ ރުޅިގަނޑު ފިނިވެއްޖެއެވެ.ބާކީ އޮތީ އިންތިހާ ހިތާމައެވެ. ޖަމީލާގެ ލޯ ކަރުނުން ފުރުނެވެ." އެކަނިމާއެކަނި ތިކުއްޖާ ބަލާބޮޑުކުތަން ގުރުބާންވީވަރު އެނގޭތ"އަހަރެމެންނާއި ބެހޭގޮތިން ދައްކާ ވާހަކަ އެނގޭތަ؟"
"މަންމާ ޕްލީޒް.."
"އަހަރެން ހީކުރީ މިއަށްވުރެ ރަގަޅަށް ކަމަށް ހިމާޔަތް ކުރެވުނީ......ތަރުބިއްޔަތު ކުރެވުނީ...."ޖަމީލާގެ އަޑު އޮއްސުނެވެ."ހީކުރީ...އެންމެ ކުޑަވެގެން ހެއްދެވި ފަރާތަށް ބިރުގަންނާނެކަމަށް.....ފިރިހެނަކު އެގޮތަށް ބަލައިލިޔަސް އަމިއްލަ ނަފުސަށް ލަދުވެތިވާނެކަމަށް...."
ޖަމީލާ އެނބުރުނުއިރު އެލޮލުގައި ކަރުނަތިކިތައް އެއްވެފައި ހުއްޓެވެ.
މިރިއަމް ހުރީ އެކަނިވެރިވެފައެވެ. އަތްވެސް ދެފަރާތަށް ތިރިވިގޮތަށް ހަރަކާތެއްނެތިފައެވެ. މޫނަށް ހޫނުވަމުން ދިޔައީ ލިބުނު ހައިރާންކަމާއި ރުޅިއާއި ކުށުގެ އިހުސާސްތައް އެއްވެގެންނެވެ.އޭނައަށް އެހެން ލާފައި ދިޔަ ހަމްޒާއަށް ހުރިހާކަމެއް ފެނި އެވާހަކަތައް އަޑުއިވުނުކަމެއްވެސް ފާހަގައެއްނުވިއެވެ. އޭނައަށް ފާހަގަވީ މަންމަ ދިޔައިރު ކޮނޑުވެސް ތެޅުނުކަމެވެ. އޭނަ ކުޑައިރު އެ ކުޑަ އަތްތިލައިގާ ހިފަހައްޓައިގެން ނަމާދުކުރަން ދަސްކޮށްދިން މަންމައެވެ.
ދުވަހަކުވެސް އޭނައަށް އެފަދަ ގޮތަކަށް އިހުސާސެއްނުވިއެވެ. މީހާ މުޅިން ކުޑަވީފަދަ އިހުސާސްއެކެވެމަންމަގެ ފަހަތުން އޭނަވެސް ގެއަށް ވަންއިރު އާދައިގެ މަތިން ދޮރުން ޒާތެއްގެ އަޑެއް ކިއެވެ. ގޭގެ ދޮރުވެސް ހަލާކުވެ އާކުރަންވެފައި ހުއްޓަސް އެކަންވެސް އޮތީ ނުވެފައެވެ. އަދިވެސް ގޭތެރޭގައިވަނީ ކެމޮމައިލްގެ ވަހެވެ. ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. އެކަމަކު އެއްޗެއް އަނދާވަސް ދުވަންފެށިއެވެ. ބަތްތަވާ އުނދުންމަތީގައި މާގިނައިރުވީކަން ނޭގެއެވެ.
***
އޭނައަށްވުރެ ކުރިން މަންމަ އެތެރެއަށް ވަނުމުން އޭނަ ހުރީއެވެ. މަންމަވެސް އެ ކުރިމަތިލުމަށްފަހު އެހެރީ ހިމޭންވެފައެވެ. އަނގައިން ނުބުނެއެވެ. އެހިމޭންކަންދެކެވެސް އޭނަ ބިރުގަނެއެވެ. މަންމަގެ ފައިވާން ތަޅުންމަތީގައި ޖެހޭ އަޑެއްވެސްނީވެއެވެ. ބަދިގެ ތެރެއިން އެއްޗެއް ތެޅިލިހެން ހީވިއެވެ. ދެން އިވުނީ އަލަމާރިތައް ހުޅުވާ ލައްޕާއަޑެވެ. އެއްފަހަރެވެ. ދެވަނަފަހަަރަށެވެ. ތިންވަނަ ފަހަރަށެވެ. އެއާއެކު ހިމޭންކަން ވެރިވިއެވެ.
"މިރިއަމް؟" މަންމަގެ އަޑުގައި ކަންބޮޑުވުމުގެ އަސަރެއްނެތެވެ. އޭނަ ސަމާލުވެހުރެ އެތެރެއަށް ވަނެވެ. މަންމަ ފްރިޖްގެ ކުރިމަތީގައި ހުރިއިރު އެއްއަތުގައި ފުށް ކޮތަޅެއް އަނެއް އަތުގައި ކުކުޅުބިހެއް އޮތެވެ.
"ކޭކު ހެދީތަ؟"
"ކީކޭ؟"މިރިއަމް ހައިރާންވިއެވެ.
"ކޭކު..."މަންމަގެ އަޑުގައިވީ ޔަގީންކަމެވެ." އެ މެހުމާނުން އަންނަންވާއިރަށް....އަސުރުފަހުން ދޯ އަންނަނީ.."
"މަންމާ..އެއްވެސް މެހުމާނުންނެއް މިގެއަކަށް ނާދޭ...."އޭނަ ފަރުވާތެރިކަމާއެކު ވާހަކަދެއްކިއެވެ.
"ދެން ކީއްވެ ބިސްތައް ބޭރަށް ނެރެފައި ހުރީ؟"
"ބިސް ބޭރުގައި ބެހެއްޓީ މަންމަ...."
ޖަމީލާ އެއްޗެއް ބުނަން އަނގަ ހުޅުވާފައި ލައްޕައިލިއެވެ. އަދި އަތުގައި އޮތް ބިހަށް ބަލައިލީ ހައިރާންކަމާއެކުގައެވެ. ކުއްލިއަކަށް ބިސް އަތަށް އައިގޮތެއް ވިސްނުމަކަށް ނައިފަދައެވެ."އޯ.....އަހަރެން ހީކުރީ..."
ޖަމީލާ ހިނގައިގަތީ ފްރިޖްގެ ދޮރު ލައްޕާނުލައި ބިސް އަތަށް ލައިގެންނެވެ.
އޭނަ މަޑުމަޑުން ފްރިޖްގެ ދޮރު ލައްޕައިލިއެވެ. ބޭރަށް ނިކުމެލިއިރު ފެނުނީ އޭނަގެ މަންމަ ވަށްބުރަކަށް މަޑުމަޑުން އެނބުރެމުން ދާތަނެވެ.
"މަންމަ؟"
"މިތާ ބޭއްވީ.....އެ ހުދު ބުރުގާ..ރިހިކުލައިގެ ބަރަނިން ފަހާފައި އޮންނާނީ....މިތާ އަޅުވާފައި އޮތީ....."މަންމަ އިޝާރާތްކުރީ ބިތުގައި ހުރި ހެދުން އަޅުވަން ޖަހާފައި ހުރި ތަންކޮޅަކަށެވެ.
"މަންމަ ތިން ދުވަސްކުރިން އެބުރުގާ އަޅައިގެން ހުރީ..."
"ނޫން ނޫން.."މަންމަގެ އަޑު ތޫނުވިއެވެ."ޒުވާބުނުކުރޭ..މިއަދު ހެދުނު އެއްޗެހި ދޮވުނީ..ހިއްކަން އެޅީ މިތާ...ހަމަ ޔަގީން.."
"މަންމަ މިހަފްތާގައިވެސް އެއްޗެއް ނުދޮންނަކަން ޔަގީން..."
"ދޮވުނިން....."ޖަމީލާ ލަކިޖެހިއެވެ.މަންމަގެ އަޑު ހަރުކަމުން އޭނަވެސް ސިހި ލޯ މެރުނެވެ." އަހަންނަކީ މޮޔައެއްކަމަށް ހަދައިގެން ވާހަކަ ތިދައްކަނީ؟"
އެ ލަފުޒުތައް ވައިގައި ހިފެހެއްޓި ތަނަށް ހިމޭންކަން ވެރިވިއެވެ. ދެމީހުންވެސް ހަރަކާތެއް ނެތި ތިބީ ކުއްލިއަކަށް ހުވަފެނަކުން ހޭލެވުނު ފަދައިންނެވެ. ޖަމީލާވެސް ދަރިފުޅުގެ މޫނަށް ހުއްޓި ނަޒަރު ތިރިކޮށްލެވުނެވެ. އަތުގައިވާ ކުކުޅު ބިހަށެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ.
"އަހަންނަށްވެސް ނޭގޭ ކޮން މައްސަލައެއްކަން މި ދިމާވެގެން އުޅެނީ؟" މިނިޓަކަށްފަހު ޖަމީލާ ބުނެލިއެވެ.
އޭރުވެސް މިރިއަމް ހުރީ ގަޑުވެފައިވާ ބުދެއްހެންނެވެ. އޭނަވެސް ކުރިން މަންމަގެ ރުޅިއާއި ހިތްހަމަނުޖެހުމާއި ވަރުބަލިކަން ދެކެފައިވިއެވެ. މިފަހަރު ތަފާތެވެ. މަންމަގެ ފަރާތުން ފެނުނީ ބިރުގެންފައިވާކަމުގެ ސިފަތަކެވެ. އަތުން ދޫވެގެން ވެއްޓުނު ބިސް ބިންމަތީގައި ޖެހުނުގޮތަށް ތަޅައިގެން ދިޔަ ލުއިއަޑު އިވުމުން ހުސް ނަޒަރަކުން އެތަނަށް ބަލައިލިއެވެ.
"މައްސަލައެއްނޫން..ސާފުކޮށްލާނަން.."މިރިއަމް އަވަހަށް ގުދުވެލިއެވެ. މަންމަ އެއްވެސް ހަރަކާތެއްނެތެވެ. އެސްފިޔަވެސް ޖަހާނުލައެވެ.
"އަހަރެން މަރިޔަމް ބަލާ ބޮޑުކުރީ އެގޮތަށް ހިލޭ ފިރިހެނުން އަތްލިޔަދޭކަށް ނޫން...."ޖަމީލާ އަމިއްލަ ނަފުސާއި މުޚާތަބުކޮށް ބުނެލިއެވެ. ތެޅިފައިއޮތް ބިސްތޮށިގަނޑު ނަގަން އުޅުނުގޮތަށް މިިރިއަމްގެ އަތުގެ ހަރަކާތް ހުއްޓުނެވެ.
"މަންމާ. އަހަންނަކީ އެކަހަލަ ކުއްޖެއް ނޫން..."އޭނަ އަވަހަށް ތެދުތެދަށް ބުނެލިއެވެ."އެއީ އެހެން ހިނގިކަމެއްނޫން.. ނޭގޭ ދެން..އޭނަ..."
މަންމަ އެވާހަކަތައް އަޑުއެހުމެއްނެތި ދުރަށް ދާން ހިނގައިގަތެވެ. މަންމަ ކޮޓަރިއަށް ވަންއިރު ދެއްކި ވާހަކަތައް އޭނައަށް އަޑު އިވުނެވެ. އީދު ސަޔާއި މެހުމާނުންގެ ވާހަކައެވެ. އަލަމާރި އެއްޗެހި ހުޅުވާ ލައްޕާ އަޑު އިވުނެވެ. އެއްފަހަރު ގަދަޔަށް ހީގަތެވެ. އެހެން މީހަކަށް އަޑު ނީވޭ ނުފެންނަ ފަރާތަކާއި ވާހަކަދައްކާ ހެނީފަދައިންނެވެ.
ބިހުގެ ގޮބޮޅިގަނޑުން އަތްތިލަ ހަޑިވެފައި ހުރި މިރިއަމްއަށް ހީވީ ދުނިޔެވެސް ދެފަޅިވީހެންނެވެ. އެއްފަޅީގައި ކުށެވެ. އަނެއް ފަޅީގައި މޮޅިވެރިކަމެވެ. އެއަށް ދޭނެ ނަމެއް އޭނައަކަށް އަދި ނޭގެއެވެ.
ނުނިމޭ