އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޭނުމަށް، ގދ. ކަނޑެވާރެހާ އެ އަތޮޅު ހޯޑެއްދޫގެ އިހުތިޞާސުން މިއަދު ވަކިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ހޯޑެއްދޫގެ އިހުތިޞާސުން ކަނޑެވާރެހާ ވަކިކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ހޯޑެއްދޫއަށް ވަޑައިގެން، ކަނޑެވާރެހާ ޓޫރިޒަމަށް ޚާއްސަކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ތެރޭ ހޯޑެއްދޫ ކައުންސިލުން ކަނޑެވާރެހާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް، ހިންގުމަށް ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލިއެވެ. ކޮންސެޕްޓު ކަރުދާހުގައި އެކައުންސިލުން ބުނެފައިވާގޮތުން، ކަނޑެވާރެހާގައި 100 ވިލާ ތަރައްގީކުރާނެއެވެ.
އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއްއަގެއްގައި ކޮޓަރި ވިއްކައިގެން 70 އިންސައްތައިގެ އޮކިއުޕަންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ސާފު ފައިދާއަށް 22.19 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭނެ ކަމަށް ކޮންސެޕްޓް ކަރުދަހުގައި ވެއެވެ.