ރަސްދޫގައި ފިހުނު ފިރިހެން މީހާ: ކުރިއެރުމެެއް ލިބި ވެންޓިލޭޓަރުން ނަގައިފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ރަސްދޫގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ, ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.

އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާދޭން، ހާދިސާ ހިނގި ދުވަހު އެ ދެމަފިރިން މާލެ ގެނައެވެ. އަދި އައިޖީއެމްއެޗުގައި ދެމަފިރިންނަށް ފަރުވާ ދޭން ފެށީ ވެންޓިލޭޓަރުގައެވެ.

އެ ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ.

އެއާއެކު އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ޓަކައި އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެނދުމާއި، ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރެއް ވަނީ ގެނެސްފައެވެ.

ސައުވީސް އަހަރުގެ ތަޖުރިބާ ލިބިފައިވާ އެ ޑޮކްޓަރު ގެނައިތާ މާ ގިނަ ދުވަހެއް ނުވެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. އަންހެން މީހާ ނިޔާވީ މާޗު 31 ގައެވެ.

އެއާއެކު ފިރިހެން މީހާގެ ހާލާ ގުޅޭގޮތުން "ސަން"އާ މިއަދު ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިހާރު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން'އާ ވާހަކަދެއްކި ރަސްދޫ މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް