މިހާރު މަސައްކަތް ފަށާފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ބޮޑަށް އިޝްތިހާރު ކުރަން ނިންމާފައިވާ ތެލުގޫ މާކެޓަށް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެފިއެވެ.
ރީތި ލޯބީގެ ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ސަންޖޭގެ ފިލްމު "ލަވް އެންޑް ވޯ" އިންޑިއާގެ ސައުތު ސިނަމާގެ އޯޑިއަންސަށް މާކެޓު ކުރުމަށް ނިންމީ ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި ވިކީ ކޯޝަލްގެ އެންމެ ފަހު ދެ ފިލްމަށް ވެސް ސައުތު ސިނަމާގެ އޯޑިއަންސްގެ ފަރާތުން ލިބުނު ތަރުހީބާ ގުޅިގެންނެވެ.
ރަންބީރުގެ ފިލްމު "އެނިމަލް" އަދި ވިކީގެ ފިލްމު "ޗާވާ"އަކީ ތެލުގޫ މާކެޓުން ވަރަށް ބޮޑަށް ބަލައިގަތް ދެ ފިލްމު ކަމަށްވުމާ އެކު ސަންޖޭ ނިންމާފައި ވަނީ ފިލްމު "ލަވް އެންޑް ވޯ" އިންޑިއާގައި ވާހަކަ ދައްކާ އުޅޭ ގިނަ ބަހުރުވަތަކުން ރިލީޒްކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ލަވް އެންޑް ވޯ"ގެ ކާސްޓުން އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުފަންދުވަސް ފާހަގަކުރި މުނާސަބާގެ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ
ފިލްމު "ލަވް އެންޑް ވޯ" އަކީ ދުވަސްތަކަކަށްފަހު ސަންޖޭގެ ލޯބީގެ ފިލްމެއް ބެލުންތެރިންނަށް ފެންނާނެ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މިއީ ރަންބީރާއި ވިކީ ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމު ކަމަށްވާއިރު ވިކީއާ ސަންޖޭ ލީލާ ބަންސާލީ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ. ރަންބީރު އާއި އާލިއާ ވަނީ މީގެކުރިން ސަންޖޭއާ އެކު މަސައްކަތްކޮށްފައެވެ.
ހަމައެއާއެކު އާލިއާ ވަނީ ވިކީ ކޯޝަލްއާ އެކު ފިލްމު "ރާޒީ"ގައި މަސައްކަތްކޮށްފައެވެ. ފިލްމު "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހެވެ.