ފްލެކްސް ސީޑް: ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ކެއުމުގައި ހިމަނާލުން މުހިއްމު ބާވަތެއް

ފްލެކްސް ސީޑްސް އަކީ ހިތުގެ ބަލިތަކުންނާއި ކެންސަރު ބަލި ޖެހުމުން ދުރުކޮށްދޭ ބާވަތެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައި--ފޮޓޯ/ޕިންޓްރެސްޓް

ފްލެކްސް ސީޑްސް ނުވަތަ ލިންސީޑްސް އަކީ މެދުއިރުމަތީގައި މީގެ އެތައްހާސް އަހަރެއް ކުރިން ބޭނުންކުރަމުން އައި ކުދި ތެޔޮ އޮށްތަކެކެވެ.

މިފަހަކަށް އައިސް ފްލެކްސް ސީޑަސްއިން ލިބޭ ސިއްހީ ފައިދާތަކާ ގުޅިގެން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މިއީ ވަރަށް މަގުބޫލު ބާވަތަކަށް ވަނީ ވެފައެވެ.

ޚާއްސަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ޚާއްސަ ޑައިޓް ކެއުންތައް ތައްޔާރުކުރާ ފަރާތްތަކުގެ މެދުގައި މިއީ ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ވަނީ ބެލެވެން ފަށާފައެވެ.

ފްލެކްސް ސީޑްސް އަކީ އެކި ވައްތަރުގެ ސެލެޑުތަކުގައި ވެސް ބޭނުންކުރާ މުހިއްމު ބާވަތެއް--ފޮޓޯ/ހެލްތު.ކްލެވެލްއެންޑްކްލިނިކް

ފްލެކްސް ސީޑްސްއިން ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ކާނާ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑު ހަރުވުން ދުރުކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދީ، ޓައިޕް 2 ޑައިބެޓީސް އަދި ކެންސަރު ޖެހުމުން ދުރުކޮށްދިނުން ހިމެނެއެވެ.

ހަމައެއާއެކު މިއީ ފައިބާގެ މާއްދާތައް މަތީ މިންވަރަކަށް އެކުލެވޭ ބާވަތަކަށް ވުމުގެ އިތުރުން އޮމެގާ-3 މަތީ މިންވަރަކަށް ހުންނަ ބާވަތަކަށް ވުމުން ކެއުމުގައި ކޮންމެހެން ވެސް ހިމަނާލުން މުހިއްމު ބާވަތަކަށް ފްލެކްސް ސީޑްސް ވަނީ ވެފައެވެ.

އެންމެ 10 ގްރާމްގެ ފްލެކްސް ސީޑްސްއިން ހަށިގަނޑަށް ލިބިދޭ ނިއުޓްރިޝަނަލް މާއްދާތަކުގެތެރޭ ކެލޮރީސް، ފެން، ޕްރޮޓީން، ކާބްސް، ހަކުރު، ފައިބަ އަދި ފެޓް ހިމެނެއެވެ.

ފްލެކްސް ސީޑްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބެރީ ސްމޫތީއެއް--ފޮޓޯ/ވަންޑިގްރީހެލްތު

އައިސްލޭންޑްގެ ރެޖިސްޓަޑް ނިއުޓްރިޝަނިސްޓް އަހްތާ ބިޔަރުނާދޯތިއަ ބުނެފައިވާ ގޮތުގައި ފްލެކްސް ސީޑްސްގައި އެކުލެވޭ ފައިބާ މާއްދާގެ ސަބަބުން ހަށިގަނޑުގެ ގަޓް ބެކްޓީރިއާ މަސައްކަތްކުރާ މިންވަރު ރަނގަޅުކޮށްދެއެވެ. ފްލެކްސް ސީޑްސްގައި %29 ކާބޯހައިޑްރޭޓްސް އެކުލެވޭއިރު %95 އަކީ ފައިބާގެ މާއްދާއެވެ. އޭގެ ސަބަބުން ބަނޑުހަރުވުމުގެ މައްސަލަތަކުން މީހާ ދުރުކޮށްދޭ ކަމަށް އަހްތާ ވަނީ ބުނެފައެވެ.

ބައެއް މީހުން ފްލެކްސް ސީޑްސް ފެނާ އެއްކޮށްގެންވެސް ބޭނުންކުރެއެވެ. މީގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ކޮލެސްޓްރޯލްގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ ކަމަށް ނިއުޓްރީޝަނިސްޓް އަހްތާ ވަނީ ބުނެފައެވެ.

ފްލެކްސް ސީޑްސް އާއްމުގޮތެއްގައި ކެއުމުގައި ބޭނުންކުރަނީ ސީރިއަލް ނުވަތަ މޫސްލީއާ އެކުއެވެ. މީގެއިތުރުން އެކި ވައްތަރުގެ ސްމޫތީ ތައްޔާރުކުރާ އިރުވެސް ފްލެކްސް ސީޑްސް ބޭނުންކުރެއެވެ. ބައެއް ކަހަލަ ސެލެޑްތަކާ އެކު އަދި އެކި ވައްތަރުގެ ބަނަސް ނުވަތަ ޕާން ފަދަ ފިހެގެން ކެއުމުގައި ބޭނުންކުރާ ޕޭސްޓްރީތަކަށް ވެސް ފްލެކެސް ސީޑްސް ބޭނުންކުރެއެވެ.

ފްލެކްސް ސީޑްސް ކެއުމުގައި ހިމަނާލުމުގެ ކުރިން ސިއްހީ މާހިރެއްގެ ނުވަތަ ޑައިޓީޝަނެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް އަހްތާ ވަނީ ބުނެފައެވެ.

ޚާއްސަކޮށް ލޭ ދިޔާކުރާ ބޭސް ބޭނުންކުރާ މީހުންގެ އިތުރުން ބަނޑުގެ އޮޕްރޭޝަނަކަށް ތައްޔާރުވާ ނަމަ ފްލެކްސް ސީޑްސް ކެއުން އެހާ ރައްކާތެރި ނޫން ކަމަށް އަހްތާ ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު