22:37
ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ހަމަޖައްސަވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެ ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އޭނާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މި މަހު 16 އިން ފެށިގެން އެއް އަހަރު ދުވަހަށެވެ.
ޗެމްބަރު ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ހިމެނޭ ވަކީލުންނަށް ޗުއްޓީ ދިނުމާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް، އެއްވެސް ސަބަބަކާ ހުރެ ޝަރީއަތް މެދުކަނޑާލަން ޖެހޭ ފަދަ ހާލަތެއްގައި، މައްސަލައަށް އިތުރު މީހުން ވެއްދުމާއި އަދި ޖުމްލަކޮށް މައްސަލައަށް އުނި އިތުރު ގެނެއުމުގެ ކަންތައް ބަލައި ގޮތެއް ނިންމުމުގެ އިހުތިޔާރު ސުޕްރީމް ކޯޓުގެ ގަވާއިދުން ދެނީ ވެސް ޗެމްބަރު ފަނޑިޔާރަށެވެ.
އަދި އެއްފަރާތަށްވުރެ ގިނަ ފަރާތަށް ދައުވާ ލިބޭ މައްސަލަތައް ވަކިވަކި މައްސަލައެއްގެ ގޮތުގައި ހިންގައި ދިނުމަށް އެދޭ ނަމަ އެ މައްސަލަތަކާ މެދު ގޮތް ކަނޑައަޅުއްވާނީ ޗެމްބަރު ފަނޑިޔާރެވެ.
އޭގެ އިތުރުން އިލްތިމާސް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކަށް ދެވަނަ ފުރުސަތެއް ދިނުމުގެ މައްސަލަ ނިންމުމުގެ އިހުތިޔާރު ދެއްވާފައި ވުމުގެ އިތުރަށް ކަފާލާތުގެ މައްސަލަތައް ބަލައި ގޮތެއް ނިންމުމުގެ އިހުތިޔާރު ވެސް ކޯޓުގެ ގަވާއިދުން ދީފައި ވަނީ ޗެމްބަރުގެ ފަނޑިޔާރަށެވެ.