"އަމިއްލަ ނަފުސަށް އިތުބާރުކުރުމަކީ އެހެން މީހުންނަށްވުރެ ތިބާ ރަގަޅުކަމަށް ހީކުރުމެއް ނޫނެވެ. އެކަމަކު އެހެންމީހުންނާއި ތިބާ އަޅާކިޔަން ޖެހޭ ސަބަބެއް ނެތްކަމަށް ގަބޫލުކުރުމެވެ."
***
އޭނަ ދެ ތަށްޓަށް ފެންއެޅިޔަސް މޭގައިވި ވާންކަމަކަށް ލުޔެއް ނުލިބުނެވެ. މަންމަ އެފަދަ ކަންތައް ކުރަން ވަގުތު ހުއްޓުވާނީ ކިހިނެއްކަމެއް އޭނައަކަށް ނޭގެއެވެ. އެއީ ދުވަހަކުވެސް އޭނައަށް ކުރެވޭނެކަމެއް ހެއްޔެވެ؟ މަންމަ ފެންބޮއިގެން ހިނގައިގަތް ތަނާ އޭނަގެ ކަންފަތުގައި ޖެހުނީ ތަޖައްޖުދު ނަމާދުގެ އަޑެވެ. ހުރިހާ ހާސްކަމަކާއި ހިތާމައެއް ފިލާ އިމާމްގެ ގުރުއާން ކިޔެވުމުގެ އަޑުއަހަން މުޅި ނަފުސްވެސް ދޫކޮށްލެވުނެވެ. އެހާ ރީތިކަން އެފަދަ ވަގުތުކޮޅެއްގައި އެކުލެވިދާނެކަން އޭނައަށް ކުރިއަކުން ނޭގެއެވެ. މިސްކިތްތަކުގެ ފާރު ފުރާނާލާފައި އައިސް ގުރުއާން އަޑުއަހަން ތިބޭ މީހުންގެ ހިތްތަކުގައި އެ ބަސްފުޅުތައް ބީހިލާއިރު އެލިބޭ ހިތްހަމަޖެހުމާއި ހިތަށް ލިބޭ ތަސައްލީތައް އޭނައަށްވެސް ބޭނުންވާކަމެއް ކުރިއަކުން ނޭގެއެވެ.
***
ލޮލުއެސްފިޔަ ޖަހައިލާހާ ހިނދުކޮޅެއްގެ ތެރޭގައި ރަމަޟާންމަސް އެންމެނާއި އަލްވަދާއު ކިޔައިފިއެވެ. ބައެއްމީހުންގެ އަޒުމަކަށްވީ ރޯދަމަސްފަދައިން އަޅުކަންތައްތަކާއިގެން މަޝްޣޫލުވުމަށެވެ. އަނެއްބަޔަކު އެމީހުން ދުރުހެލިވި މުނިފޫހިފިލުވުމާއި ކުޅިވަރު އަދި އަނގަތެޅުމަށް އެނބުރި އިއާދަވާން ކެތްނުލަވާފައި ތިބިފަދައެވެ.
މުޅި ހިސާބުގަނޑުގައި ހިފާފައިވީ ކަނަމަދުބޮނޑިބަތް ވަހެވެ. ކުދިން ހުސްފަޔާއި ތިބެ ދޮންވެލިލާފައިވާ މަގުމަތީގައި ދުވަމުން ދިޔައީ ޚިޔާލެއް ފިކުރެއްނެތިއެވެ. އަންހެންވެރިން އަވަށްޓެރިންނަށް ދޭން ކަދުރާއި މަދުތައް ކޮތަޅުތަކަށް ލާފައި ބަންދުކުރުމުގައި އަަވަދިނެތި އުޅުނުއިރު ހޫނުގަދަކަމުން ކަރުދާސްފަންކާތައް ބޭނުންކުރިއެވެ. ފިރިހެންވެރިން މަސްޖިދަށް އެއްވަމުން ދިޔައީ ރޯދަމަހުގެ އެންމެ ފަހުގެ އަސުރު ނަމާދަށެވެ.
މިރިއަމްއާއި ލައިލާ ބާޒާރުކޮށްލާފައި ގެއާއި ހަމަޔަށް އައުމާއެކު އޭނަގެ ތަބީއަތު ޚަރާބުވާންވީ ކީއްވެކަމެއް ނޭގުނެވެ. އޭނަ ލައިލާއާއެކު ގެއިން ނިކުތްއިރު މަންމަ އަވަދިނެތި އުޅުނީ ބަދިގޭގެ މަސައްކަތުގައެވެ. ޔޫނުސް ނިޔާވުމަށްފަހު މަންމަ ގެއިން ތައްޔާރުކުރާ އެއްޗެހި އަދި ކުނާގެ އިތުރުން ގޭގެ ވަލުތެރޭގައި ހައްދާ ދޮންކެޔޮ ފަޅޯ އަދި ކާށި ވިއްކައިގެން އާމްދަނީ ހޯދަންފެށިއެވެ. މިރިއަމް މަންމަގެ އެ "ވިޔަފާރި"އާއި އެއްވެސް ކަހަލަ ބައިވެރިވުމަކަށް ހިތް ދެކޮޅުހެދިއެވެ. އޭނަ މިފަދަ އެއްޗެއް ވިއްކަނިކޮށް ކްލާސްކުއްޖަކަށް ފެނިއްޖެއްޔާ ލަދުން މަރުވެދާނެ ނޫންހެއްޔެވެ؟ އޭނަ ދެކޭގޮތުގައި މިއީ ވަރަށް "ދަށް" މަސައްކަތެކެވެ.
"ހޫނުވީމަތަ؟ ނޫނީ ބަނޑުހައިވެގެން....ނޫނީ މަންމަ ކުނާ ވިޔޭތަން ފެނުނީމަތަ؟ ކޮންމެވެސް ސަބަބަކާއިހެދި ހަމަ ގެއަށް ވަދެވޭއިރަށް މޫޑު ޚަރާބުވެއްޖެ. ލައިލާ ކިހާ ހެޕީވާނެ. އަހަންނަށް މިކަހަލަ ލައިފެއް ނުލިބުނުނަމަ. ކިހާ ފޫހި މި ދިރިއުޅުން...އެހެން އަންހެންކުދިން ކިހާ އުފަލުގައި އެއުޅެނީ.. ދުރުން ބަލާނެކަމެއްނެތް. ލައިލާގެ މުއްސަދި ދިރިއުޅުން. އަހަރެންވެސް އުފަންވާންވީ ގަނޑުވަރަކަށް. ޕްރިންސެސްއަކަށް..މިކަހަލަ ފަގީރު ގެގަނޑަކަށް ނޫން...އީކް.............."އޭނަގެ ސިކުނޑިއަށް އެތައް އެއްޗެއް އަރާފޭބިއެވެ.
ޖަމީލާގެ އިނގިލިތަކުން ފަރިތަކަމާއެކު ހިކި ފަނުން އެއްވަޒަނަކަށް ގޮށްތައް ޖަހާ ބާރުކުރުމުގައި އަވަދިނެތި އިންއިރު އިސްއުފުލާ ބަލާވެސްނުލައެވެ. އެއްފަރާތުގައި ނިންމާފައި ބަރިއަކަށް ޖަހާފައި ހުރި ކުނާތައް ގުނަން އޮތީ މުސްކުޅި އަޖޫޒް އަވަށްޓެރިއެކެވެ. ބުރަކަށި ގުދުވެ ނުހިނގޭއިރުވެސް މިފަދަ މަސައްކަތްތަކަށް ޝައުގުހުރީކަން ނޭގެއެވެ.
"މި ކުނަލުން ސޭޓުއަށް ވާނެހެން ހީވޭ. އީދަށް ވިކި ރަގަޅު ފައިދާއެއްވެސް ލިބޭނެ..."
ޖަމީލާ ނިތްކުރީގައިވާ ދާތިކިތައް ހިޖާބުގެ ކަނުން ފޮހެލިއެވެ. ހިޖާބުން ބޭރަށް ނިކުމެފައިވާ އިސްތަށިތަކަށް އިރުގެ އަލި އެޅި ވިދައެވެ."މަޣުރިބަށްފަހު ގެންދާނަން އިންޝާﷲ...."
މިރިއަމް ބޭނުންނުކޮށްހުރި ފަންތަކެއް ގިރާކުރިއެވެ. މަންމަގެ މަސައްކަތަކަށް ނަޒަރު ހިންގައިލިއެވެ. މަންމަ މިމަސައްކަތްކުރާތާވެސް ކޮން ދުވަހެއްހެއްޔެވެ؟ ނުވީތާކަށް އިފްތާރަށް ފޮނި އެއްޗެހިވެސް ވިއްކިއެވެ. މަސައްކަތްކޮށް ކުރަކިވެފައިވާ އަތާއެކު މަންމަ އިށީދެގެން އިންގޮތުން ހިތަށް އުދަގޫވެސްވިއެވެ.
"މިރިއަމް އައީތަ؟" މަންމަގެ އަޑު އާދައިގެ މަތިން ކުލުނުން ފުރިފައެވެ.
"ހޫމް.....ބާޒާރަށް ދިޔައީ.."
"ފިނި ކަރާ ޖޫހާއި ކޭކު ހުންނާނެ..ޒުބޭރުގެ މަންމަ ފޮނުވީ...."
މިރިއަމްގެ ކޮނޑުގައި އާ ދަބަހެއް އަޅުވާފައިވާއިރު ކޮތަޅެއް ފުރެންދެން ހެދުންތަކެވެ."މަންމާ..ދެން މީ ކޮންހާ ކަމެއްތަ؟ މިކަން ނުކުރިޔަސް ހަމަ ހަމަޖެހިލައިގެން އުޅެވިދާނެއްނު މަންމައަށް އެކަމެއް ނޭޭގޭތަ؟"
"އާން ތިކަން އެނގޭ..."ކުނަލުގެ ނިމޭކޮޅުގައި އެންމެފަހުގެ ގޮށްޖަހަމުން ޖަމީލާ ތެދުވުނެވެ. ހެދުން ކުޑަކޮށް ފޮޅައިލިއެވެ." ހޫނުކަމުން އަނދާފާނެ..އަވަހަށް އެތެރެއަށް ވަދޭ.."
މަންމަގެ މަސައްކަތަށާއި ވަން ދޮރަށް ބަލަން އިރުކޮޅެއް ވާންދެން ހުއްޓުން އަރާފައި ހުރެފައި އޭނަވެސް އެތެރެއަށް ވަނެވެ.
އެތެރެއަށް ވަނުމާއެކު ވިޔެފައިވާ ތާޒާ ފަތުގެ މީރުވަހުގެ ތެރެއިން ފުރޭނިގެން އައިސް އޮރެންޖް ކޭކުގެ ވަސް ނޭފަތުގައި ޖެހިލިއެވެ.
"އާހް...ޒުބޭރު މަންމައަށް އަހަރެން އޮރެންޖް ކޭކުދެކެ ލައިކްވާކަން އެނގުނީ ކިހިނެއްތަ؟"އޭނަ ހައިރާންވިއެވެ. ފުން ނޭވައެއްދޫކޮށްލުމަށްފަހު އޭނަ މަންމަގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
***
ބޮޑުކޮޓަރީގައި ދިއްލާފައިވާ އޮރެންޖްގެ ފަނޑު އަލީގައި ހުދުކުލައިގެ ނަމާދުފޮށާއެއް އަޅައިގެން ޖަމީލާ ނަމާދުކުރަން އިނެވެ. ސޯފާގައި މިރިއަމް ފޯނާއި ކުޅެންއިނަސް އޭނައަށް މަންމަގެ ހަރަކާތްތަކަށް ބެލުނެވެ. މަންމަ ނަމާދު ދޮޅި ނުބައި ފުށުން އަޅައިގެން އިނީީ ކީއްވެހެއްޔެވެ؟
"މިރިއަމް.. މާދަން އީދު ދުވަސް. އަވަހަށް ނިދަންވާނެ.."
"އަހަންނަކީ ކުޑަކުއްޖެއްނޫން...ރިމައިންޑާ ބޭނުމެއްނުވޭ..."އޭނަ ކޮނޑު އަރުވާލާފައި ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ.
"އެނގޭ..އެކަމަކު އީދު ނަމާދަށް އަވަހަށް ދިޔުމަކީ ސުންނަތެއް..."ޖަމީލާ އުނގުމަތީގައި އޮތް ނަމާދު ދޮޅީގައި އަތް ހާކަމުން ދިޔައެވެ.
އޭނަ ނޭފަތުން ބޭރަށް ނޭވާދޫކޮށްލިއިރު ހަންގަނޑުގެ ތެރެއިންވެސް ނުރުހުމުގެ ބަބުޅިތައް އަރާފަދަ އިހުސާސެއްވިއެވެ. މަންމަގެ އަޑާއި އެ ކެތްތެރިކަންވެސް އޭނައަށް ވަނީ އުދަގޫކުރުވަނި އެއްޗަކަަށެވެ. އެއްވެސް ކަމެއް ބަދަލުނުވާފަދައިން މަންމަ އުޅެނީ ކީއްވެހެއްޔެވެ؟ މަންމަގެ އަޖައިބު ކުރުވަނިވި އަދި އިތުރުވަމުންދާ ހަނދާން ނެތުން އާދައިގެ ކަމަކަށް ވީފަދައެވެ.
"މަންމަ ނަގާފައި އޮތް އީދު ހެދުން މާދަން ލާންވީނު އެހެން ކަމެއް ނުވިޔަސް؟" އިރުކޮޅެއް ފަހުން ޖަމީލާ އުއްމީދުން ފުރިފައިވާ އަޑަކުން ބުނެލިއެވެ. މަންމަ ހޯދާފައިވަނީ ކަޅު އަބާޔާއެކެވެ. އަތުގެ ކުރިއަށް ތަންކޮޅެއް ފުޅާކޮށް ތިރީގައި ކުޑަ ކުޑަކޮށް ކުރެހުން އަޅާފައެވެ. އަދި ކަޅުމުށިކުލައިގެ ހިޖާބެކެވެ.
"އަހަރެންގެ އަތުގައި ހެދުން އެބަހުރި މަންމާ...ލައިލާ މާ ރަގަޅު ހެދުމެއް ދިން..."އޭނައަށް މޫނު ހަދައިލެވުނެވެ.
މަންމަގެ ލޮލުން ކޮންމެވެސް ވަރެއްގެ ޝުއޫރެއް ފެނިފައި ގެއްލުނެވެ. ހިތަށް ދަތިވެ ދެރަވީފަދައެވެ. ނޫނީ މާ ބޮޑަށް ވަރުބަލިވީއެވެ. މަންމަ ކުޑަކޮށް ބޯ ޖަހާލާފައި ތެދުވުނީ މުސައްލާ ފަށްޖަހާފައެވެ."އެންމެ ރަގަޅު..މިރިއަމް ރަގަޅަށް ނިދައްޗޭ..."
އޭނަ ޖަވާބެއް ނުދެއެވެ. މަންމަ ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ލޯމަތިން ގެއްލުމާއެކު އޭނަ ސޯފާމައްޗަށް ފޯނު އުކާލައިފިއެވެ.
"އަބަދުވެސް އަހަންނަށް އަމިއްލަ ނަފުސްދެކެ ރުޅިއާދެވެނި ކީއްވެ؟ މަންމަ ހުރިހާ ކަމެއް ހަނދާން ނައްތާލިޔަސް އަހަންނަށް ހަނދާން ނައްތައެއްނުލެވޭ.. ހުރިހާ ބޭއިންސާފެއް...އަހަރެން ކުޑަވާން ޖެހުނު ހުރިހާ ވަގުތުކޮޅެއް...އަދި އެންމެ ރުޅި ގަދަވަނީ މި ރުޅިގަނޑު މަންމައަށް ރަގަޅަށް ނުބޭލޭތީ...މަގޭ ލޯބިވާ ބައްޕަ ނޫން މީހަކާއި މެރީކުރީމަ..އާހް......މަންމައަށް އަހަރެން މި އަންނަ ރުޅި އިހުސާސެއް ހަމަ ނުވޭތަ؟ ހަމަ އަނދާވަރު އެބަވޭ..............."
އޭނަ އެނދަށް އެރީ އެތައް ދަމެއްވީ ފަހުންނެވެ. އެނދުގެ އަރިމަތީގައި ހުންނަ ކުޑަ މޭޒުމަތީގައި ހޫނު ކިރުތަށްޓަކާއި މެންޑަރިން އަދި ދޮންކެޔޮ އަޅާފައި ހުރި ކުޑަ ތަށްޓެއް ހުރިތަން ފެނުނެވެ. މިރިއަމްގެ ފަރާތުން އިތުރު ހެވަކަށް އުއްމީދުނުކޮށް އެއްވެސް ބަހެއް ބުނުމެއްނެތި މަންމަ ދަރިފުޅުގެ ޚިދުމަތުގައެވެ. މައިމީހާ އަބަދުވެސް ދަރިންދެކެ ލޯބިވެއެވެ. އެއީވެސް އެފަދަ މިސާލެކެވެ.
***
އީދު ދުވަހު ހެނދުނު މިިރިއަމް ހޭލުމާއެކު ފޯނަށް ކޮންމެވެސް ވަރަކަށް މެސެޖް އައިސްފައި ހުރިތަން ފެނުނެވެ. އެވެސް ވާދައަށްފަދައެވެ. ކޮންމެ މީހަކުވެސް އާގޮތަކަށް އީދު މުބާރިކް ފޮނުވަން މަސައްކަތްކޮށްފައިވިއެވެ. އޭނަގެ ފޯނު ލަސްކަމުން ގޫގުލްކޮށް ރީތި ފޮޓޯއެއް ހޯދައިލަން ވަގުތު ނެގިވަރުން އެންމެފަހުން ހަމަ އެކަނި "އީދު މުބާރިކް"އަކުން ފުއްދައިލަން މަޖުބޫރުވީއެވެ. ޔަގީނުންވެސް ލައިލާ ފޮނުވާނީ ފުރިހަމަ ފޮޓޯއެކެވެ. ކުޑަ ލޯގަނޑު ކުރިމަތީގައި ހުރެ އޭނަ ހެދުން ކުޑަކޮށް ތިރިއަށް ދަމައިލިއެވެ. ފަޔަށް ހިފާފައިވާ ޖިންސާއެކު އޭނަ ފެންނަނީ ނިކަން ތަފާތުކޮށެވެ. ބޮޑުމީހެއްފާޑު އެބަ ޖަހައެވެ. އަމިއްލަ ނަފުސަށް ޔަގީންކަމެއް ލިބުނެވެ.އޭނަގެ މަންމަ ދިން ހެދުން އަތް ޖައްސާނުލާ އެނދުގެ އެއްފަރާތުގައި އޮތެވެ. މަންމަ ކުޑަކުއްޖަކަށް ދޭފަދައިން ދިން ހެދުމެއް ލާން އޭނަ މޮޔަވީހެއްޔެވެ؟ އޭނަ ބޭނުމީ ޒަމާނީގޮތަށް އުޅުމަށެވެ.
ހެދުނުގެ ވައިރޯޅިތައް ތާޒާވެފައި ހޫނުކަމެއް އެކުލެވެއެވެ. އީދުގެ ޖޯޝުން ނޫނީ އަނެއްކާ އޭނައާއި މަންމަގެ ކުޑަ ކޯޅުމުގެ ހޫނުކަމެވެ. މަގުމަތިން އީދުގެ ފޯރިއާއި ރޫހު ފެންނާންފެށިއެވެ. އަންހެންވެރިންނާއި ކުޑަކުދިންތައް ގްރޫޕް ހަދައިގެން މިސްކިތާއި ދިމާލަށް ހިނގާފައި ދިޔައީ ސެންޓްލަމުންނެވެ. އަބާޔާތަކާއި ކުލަކުލައިގެ ސްކާފްތައް ވަޔާއި ވިހުރެމުންދާއިރު އިވޭ ލުއި މިއުޒިކްގެ އަޑު ކުޑަކުދިންގެ ހުނުމުގެ އަޑާއި އެއްވަމުން ދިޔައެވެ. އެންމެންހެން ދިގު އަބާޔާތައް ލައިގެން ތިބިކަން އޭނައަށް ފާހަގަކުރެވެން ފެށީ ތަންކޮޅެއް ފަހުންނެވެ. ބައެއް މީހުން އެއްކޮށް ކަޅުކުލައިގައެވެ. ބައެއްމީހުން އެހެން ކުލަތަކުގައިވެސް މެއެވެ.
އޭނައަށް ކުއްލިއަކަށް މީހެއްގެ ނަޒަރު އޭނައަށް ހުއްޓުނުހެން ހީވިއެވެ. މެދުއުމުރުގެ މީހަކު ހިނގާފައި ދަމުން އޭނައަށް ބަލައިލިއެވެ. އެނަޒަރު ދެމިގެން ދިޔައީ ފެނުގައި ތެޔޮކޮޅެއް ދެމުނުހެންނެވެ. އެ ރީދޫ ދަތްޕިލަ އިޝްތިހާރުކުރާފަދަ ހިންޏެއްގައެވެ. އެމީހާގެ ނަޒަރުން ނެއްޓުނީ އަދި އެހެން ޒުވާނަކު އަޑުހަރުކޮށް "އީދުމުބާރިކް"ކިޔުމުންނެވެ. އޭނަ ފިޔަވަޅުތައް އަވަސްކޮށްލިއިރު އަތުގައި އޮތް ނަމާދުދޮޅީގައި ބާރަށް ހިފަހައްޓައިލެވުނެވެ.
އޭނަގެ މެއިން ލުއްކެއްޖެހިއެވެ. މޭބޮޑުވާންފެށިއެވެ.
އޭނައަށް އެންމެ އުދަގޫވީ ރީދޫދަތްޕިލަ އިޝްތިހާރުކުރި މީހާ ސާޔާއާއި ސާޔާގެ މަންމައާއި އަރާ ހަމަވެފައި އަމަލުކުރިގޮތް ތަފާތުކަމުންނެވެ. ދެވަނަފަހަރަށް ބަލާނުލިތާގައި ހީވެސް ނުލިއެވެ. ދެވަނަފަހަރަށް އެ ދަތްޕިލާ ދައްކާނުލިއެވެ.
އޭނަ މޭމަތީގައި އަތް ހުރަސްކޮށްލީ ހެދުން ތަންކޮޅެއް ބާރުހެން ހީވުމުންނެވެ. ހަގީގަތުގައިވެސް އެހެދުން ގަޔަށް ހިފާފައިވާކަން ރޭކާލީ އެވަގުތުގައެވެ. އެހެން އެއްވެސް މީހަކު އެހެން ހެދުން އަޅާފައެއްނުވެއެވެ.
މިސްކިތަށް ދާ މަގު ކިތަންމެ ކުރުވިޔަސް އޭނަގެ ފަޔަށް ބަރުވެ ހިނގަން އުދަގޫވިއެވެ.
އީދު ނަމާދަށްފަހުވެސް ރަށުތެރެ ނިކަން ހަލަބޮލިއެވެ. އުފާވެރިކަމާއި ޖޯޝުން ފުރިފައިވީ އަޑުތަކެވެ. އޭނަ ނަމާދަށްފަހު ނަމާދު ދޮޅި ނުނަގަން ނިންމިއެވެ. ލައިލާވެސް ކޮންމެވެސް ކަމަކު އެހެން ދިމާލަކަށް ދިޔުމުން އޭނަ އެކަނި އުޅެނިކޮށް ޒުބޭރުގެ ދަންނަ އަޑު ކަންފަތުގައި ޖެހިލިއެވެ. އޭނައާއެކު ތަންކޮޅެއް ޅަ ދެކުދިން ތިއްބެވެ. ބޭބެގެ ކުދިންކަމަށްވެސް ވެދާނެއެވެ.
"މިރިއަމް..."ޒުބޭރު ލައިގެންހުރި ފައިވާނުން އަޑު ގޮއްވަމުން ދުވެފައި އައެވެ."ބުނެބަލަ..ކިހާ ވަރަކަށް ފައިސާ ހޯދައިފިން؟"
"ޒުބޭރުއަށް ވުރެ ގިނައިން..." އޭނަގެ ޚިޔާލު ވީ އެހެން ދިމާލެއްގައެވެ. އެހެންނޫނަސް ޒުބޭރުފަދައިން އޭނަގެ ބޮޑުބޭބެއިންނާއި ބޮޑުދައިތަމެން ނެތްކަން ނޭގެނީހެއްޔެވެ؟ އޭނައަށް އީދު ހަދިޔާ ދޭނީ ކޮންބަޔެއް ހެއްޔެވެ؟ ޒުބޭރުވެސް ހުރީ އެހެން ދުވަހަށްވުރެ ރީތިކޮށް ހެދުން އަޅައިގެންނެވެ. އާއްމުކޮށް ވިހުރުވިފައި އޮންނަ އިސްތަށިގަނޑު އޮމާންކޮށް މައްޗަށް ފުނާ އަޅާފައެވެ. ބުނަން ނޭގޭފަދަ ވިދުމެއް އެލޮލުގައިވިއެވެ. ތަރިތައް ވިދާފަދައެވެ.
"ނަމާދަށް ދިޔައިންތަ؟" އޭނަ އެހީ ޝައުގުވެރި އަދި މަލާމާތް ވެސް އެކުލެވޭފަދައިންނެވެ.
"ޔަގީންތާ...." ޒުބޭރު ވަގުތުން އެއްބަސްވިއެވެ.
"އަހަންނާއި ހަމްޒާ ދިޔައީ އާ މިސްކިތަށް. ހަމްޒާގެ ބައްޕަ އެމިސްކިތް ބިނާކުރީ...އެހާ ޖަމާއަތްވެސް ބޮޑެއްނޫން..."އޭނަ އިތުރަށް ބުނެލިއެވެ.
"ޒުބޭ ރޭ ތަރާވީސް ނަމާދުގައި އިމާމަކަށް ހުރީ..." ޒުބޭރުގެ ކޮއްކޮއަކު ފަޚުރުވެރިކަމާއެކު ބުނެލީ ތަންކޮޅެއް ތޫނު އަޑަކުންނެވެ.
"އޯ....ކޮންއިރަކުން އިމާމްކަން ކުރަންފެށީ؟"އޭނަ އެއްބުމަ އަރުވައިލީ ގަބޫލުކުރަން ދަތިވެފައެވެ.
"އަހަރެން ގުރުއާން ހިތުދަސްކުރިފަހުން.."
އެހާ އާދައިގެ ގޮތަކަށް އެ ލަފުޒުތައް ބުނެލުމުން މިރިއަމްއަށް އެ ލަފުޒުތައް ނަގައިގަންނަން އިރުކޮޅެއްވިއެވެ." ޔޫ....ވަޓް؟"
"އާނ.....ދުވަސްކޮޅެއްކުރިން....."
އޭނަ ޒުބޭރުއަށް ބަލަހައްޓައިގެން ހުރީ ކުޑައިރުއްސުރެން އެހާ ލާނެތްކޮށް ސަކަރާތްޖަހާ އުޅުނުކުއްޖަކު އެހާބޮޑު ފަޚުރެއް ހޯދައިގަތްގޮތެއް ވިސްނައިގަންނަން ދަތިވެފައެވެ. އެދެ ބައި މިނާކިރުމުގައި ސިކުނޑި އަވަދިނެތި އުޅުނެވެ.
ޒުބޭރު އޭނައަށް ބަލައިލިގޮތުން ހީވީ އޭނަ ކޮށްގެން ނުވާނެ ސުވާލެއްކުރިހެންނެވެ. އޭނަ މޮޔަ އެއްޗެއް އެހީހެންނެވެ.
"އެއީ ދެއްކުމަށް ކުރާކަހަލަ ކަމެއްނޫނެއްނު...."
ޒުބޭރުގެ އެ ޖުމްލައިން އޭނައަށް އިހުސާސްވީ ބޭޒާރުވީހެންނެވެ. އަބަދުވެސް ދުނިޔެއާއިމެދު އޭނަ ނުބައި ނަޒަރަކުން ދެކޭކަމެވެ. ލައިލާ އެ ލޯބި އިމާމްއަށްޓަކާ އެވާ ވަރެވެ. އޭނަ ސާޔާގެ ބަސް ގަބޫލުނުކޮށް ލައިލާގެ ފަހަތުން އުޅޭކަމެވެ. ރަމަޟާން މަސް ބޭކާރުކޮށްލެވުނު ގޮތެވެ. އަދި މިހާރު އޭނަގެ ކުރިމަތީގައި މިހިރަ ޒުބޭރުގެ އަނެއް ފަރާތް ފެނުމުން ލިބުނު ހައިރާންކަމެވެ. ކުޑައިރުއްސުރެ ހުސްފަޔާ ކުޅެން އުޅުނު ކުޑަ ފިރިހެންކުއްޖާ ޚުދު އޭނަ ދުވަހަކުވެސް އެކަމެއްކުރަން ހިތަށްވެސް ނާރާ ފަދަ ލަގަބެއް ހޯދީއެވެ.
"ފައިން......ހާފިޒު ޒުބޭރު.. އެހެންވިއްޔާ ކޮންމެވެސް އާޔަތެއް ކިޔަވަބަލަ..." ހިތުތެރޭގައި އުފެދިގަތް ނުތަނަވަސްކަން ފޮރުވައިލަން ފާޑަކަށް ހީލެވުނެވެ.
ޒުބޭރުވެސް އަމިއްލަ ނަފުސަށް އިތުބާރުކުރާފަދަ ގޮތަކަށް ހީލިއެވެ. ހަމްޒާގެ ރާގު އަދި ބަރު އަޑެއްވެސް ނޫނެވެ. އޭގެ ޒާތުގައި ތަފާތެވެ. އެއްވަރަކަށް ހިފެހެއްޓިފައިވާ އަޑެކެވެ. ވަރަށް ފަރިތައެވެ. ގޯހެއް ނޫނެވެ. ޒުބޭރުއާއި ގުޅެއެވެ. އޭނަ އަޑުއަހަން ހުރިއިރު މަޑުމަޑުން ނިޔަފަތިތައް އަތަށް ހެރުނެވެ.
ނުނިމޭ