"ރަމަޟާން މަސް ވަކިވެގެން ދިޔަސް އަޅުކަމަށް ބަދަލު ނުގެނެސް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުން ހުސް އަތާއި ދުނިޔެއިން ވަކިވާކަށް ނުޖެހޭނެއެވެ."
***
"ގިނަ މީހުންނަށް މިހާރު ހީވަނީ އެވެސް ފެސްޓިވަލްއެއްހެން....ހުރިހާ ދުނިޔޭގެ އެދުންތައްވެސް އެކަމަށް ގެނެސްގެން މަޖާކުރުމުގައި އުޅެން ބޭނުންވަނީ....އެކަމަކު ހަނދާން ނެތެނީ އެންމެ ބެސްޓް ސެލެބްރޭޝަންއަކީ ހަގީގަތުގައި ﷲ ތައާލާގެ ރަހުމަތް ލިބުންކަން...މިރިއަމް ކީކޭ ބުނަނީ؟ މިހުރިހާ ކަންތައްތައް ހަމަ އޯކޭތަ؟"
ސާޔާގެ ލަފުޒުތައް އަޑުއަހާފައި އެއަށް ރައްދުދޭން ބޭނުންކުރާނެ އިބާރާތެއް ނުވިސްނުމުން އެދޭތެރެއަށް ހިމޭންކަން ވެރިވިއެވެ.
އެ ހިމޭންކަން ނައްތައިލީ ދަބަރުޖަހާފައިވާ ބައިސްކަލެއްގެ އަޑުންނެވެ. ޒަޚަމްވެފައިވާ ޖަނަވާރެއްގެ އަޑުފަދައެވެ.
"އެއީ ކޮން އަޑެއް؟" ދެމީހުން ބާޒާރު ހުރި ދިމާލަށް ހިނގައިގަތެވެ.
"ދެމީހުންނަށްވެސް އެނގެއެއްނު.."ސާޔާ ބުނެލިއެވެ.
ސާރާ އެހެން ބުނިތަނާ ގޯޅިން ލަނބައިލީ ޒުބޭރުގެ މަޝްހޫރު ދުވަސްވީ ދަބަރުޖެހި ބައިސްކަލްގަނޑެވެ. ފާލުގަނޑު އަނބުރަމުން ހުންގާނުގައި ހިފަހައްޓައިގެން އޮތީ ސަލާމަތަށް ބަރޯސާވާން އޮތް ހަމައެކަނި ވަސީލަތަކީ އެއީހެނ ހީވާފަދަ ގޮތަކަށެވެ. ކޮންމެ ފަހަރަކު ފާލުގަނޑު އަނބުރައިލާ ހިނދު ޗޭނުގަނޑު ކޭއްތި މަޑި ތެޅިގަނެ ތޫނު ހަޅޭކެއްގެ އަޑު މުޅި ހިސާބުގައި އިއްވައިލައެވެ. ފަހަތު ފުރޮޅު ދެންމެ ދެންމެ އޭގެ ވާޖިބު ދޫކޮށް އަމާންދީފާނެކަހަލައެވެ. އެކަމަކުވެސް ޒުބޭރުގެ އަޒުމަކަށް ބަދަލެއްނާދެއެވެ.
"އެއްފަރާތަކަށް ޖެހިބަ....އަވަހަށް...އަހަންނަކަށް މީތި ނުހުއްޓުވުނު...."ޒުބޭރު ހަޅޭއްލަަވައިގަތެވެ.
އެމީހުންނާއި ދިމާލަށް ބާރު ދުވެއްޔެއްގައި އައި ބައިސްކަލް އަރިވެގަތުމާއެކު މިރިއަމްއަށް ފުންމައިގަނެވުނީ ހަމަ ކިރިޔާއެވެ. ބައިސްކަލް އޭނަ ފަހަނަޅާ ދިޔަތަނާ ޒުބޭރުއަށް ބައިސްކަލް ސަމާލުކޮށްލެވުނެވެ.
"އޭތިގަނޑު މަނާ ކުރަން އެބަޖެހޭ..."ސާޔާއަށް ކުޅިބަލަން ހުރެވުނީ އަނގަމަތީ އަތް އަޅައިގެންނެވެ. މަޖާވެސް ވެފައެވެ.
"އަންދާލަން ޖެހެނީ...." އޭނަ ހެދުމުން ހިރަފުސް ފޮޅައިލިއެވެ.
އޭރު ޒުބޭރު ބައިސްކަލް ދުރުދުރުން އަނބުރާލާފައި އައީ އެކަމާއި އިހުތިޖާޖުކުރުމުގެ ގޮތުންނެވެ." ތިދެމީހުން އިންޖިނޭރުންގެ ކުޅަދާނަކަމަށް އެޕްރިޝިއޭޓް ނުކުރަނީ......"
"ޒުބޭރު.ތި ބުރަކިގަނޑުވެސް މަސައްކަތް ނުކުރެއެއްނު....."މިރިއަމް ހަށަން ބަދެލިއެވެ.
"ކުރޭ....."ޒުބޭރު ދެބަސްވިއެވެ." އަހަރެން ޖެހެނީ.....އެހެން ގޮތެއް ހޯދަން...."
"ކިހިނެއް؟" ސާޔާވެސް ލޯ ބޮޑުކޮށްލިއެވެ.
އެ ސުވާލުގެ ޖަވާބު އަމަލުން ދައްކަން ވެގެން އޭނަ ކުއްލިއަކަށް ބިންމަތީގައިި ދެފައިތިލަ އެއްކޮށް ޖައްސައިލުމާއެކު ބައިސްކަލަށް ލޮޅުމެއް އެރިއެވެ. އޭނައަށް ބައިސްކަލް ކޮންޓްރޯލްވިހެން ހީވިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭގެ މަޑި ނެއްޓިގެން ދިޔަގޮތެއްވެސް ނޭގުނެވެ.
"އާ.............އާ..."ޒުބޭރުގެ ހަޅޭކުގެ އަޑު މަގުގައި ގުގުމައިލިއެވެ. ފާލުގަނޑުން ފައިތިލަ ދޫވުމާއެކު އޭނަ ވިއްސައިގެންގޮސް މާދުރުގައި ޖެހުނެވެ. ދުއްވާނެ މީހަކު ނެތަސް އެއަށް އަމިއްލަ ވިސްނުމެއް ލިބިފައިވާފަދަ ގޮތަކަށް ކުރިއަށްގޮސް މައިތިރިވީ މީހެއްގެ ގައިގާ ޖެހިފައެވެ. ފިހާރައިން ނުކުމެގެން އައި އިމާމް ހަމްޒާ ފިޔަވާ ދެވަނަ މީހެއްނޫނެވެ. ހަމްޒާގެ އަތުގައި ހުރި ފުޅިތައް ބިންމަތީގައި ޖެހުމާއެކު ރަތްކުލައިން އެދިމާލުގައި ދަވާދުލެވުނުފަދައެވެ.އެއާއެކު ޖައްވުގައިވާފަދަ ފުން ހިމޭންކަމެއް ވެރިގެން ދިޔައެވެ. އެއާއެކު އެތާ ހުރިވަޅުގަނޑަކާއި ދިމާލުން ހަފުސްވެފައިވާ އަޑެއް އިވުނެވެ.
"ކޮންމެވެސް މީހަކު އެހީވެދީބަ...."
"އަނެއްކާ އޭނައަށް އަނިޔާއެއް ވީތަ؟" ސާޔާއަށް އަހައިލެވުނެވެ. އެދެކުދިންވެސް އެހީވާކަށް ގުޑައިލަންވެސް ހިތަކަށް ނޭރިއެވެ.
"އޮންލީ މައި ޕްރައިޑް....."ޒުބޭރުގެ އަޑު އިވުނެވެ.
"އެންމެ ރަގަޅު....އެންމެފަހުން ބައިސްކަލްގަނޑު މަރުވެއްޖެ..."މިރިއަމް ހިނިއައެވެ. އެސިކުންތުކޮޅު އޭނަގެ އެބަހަށް މަލާމާތްކުރިފަދައަކުން ބައިސްކަލުގެ ކުރީ ފުރޮޅު މައިގަނޑުން ވަކިވެހެން އެކުދިންނާއި ކައިރިން އެންމެފަހު ވަދާއީ ދަތުރުފެށިގޮތަށް މާދުރަށްގޮސް ހުއްޓުން އެރުމާއެކު މައިތިރިވެލައިފިއެވެ. ހަމްޒާގެ ހަރަކާތްތަކުގައި ހުރީ ނިކަން ހަމަޖެހޭގޮތެކެވެ. ސޯސްއިން ފުރިފައިވާ ދިމާލުން ރެކެމުންގޮސް އޭނަ ޒުބޭރުއާއި ދިމާލަށް އަތްދިއްކޮށްލުމް އިތުރަށް ރަކިވިއެވެ.
"ރަގަޅުތަ؟" ހަމްޒާގެ އަޑުގައިވީ އޯގާތެރިކަމެވެ. ޒުބޭރު އޭރުވެސް ހުރީ ޝޮކެއްގައެވެ. ރަކި ހިނިތުންވުމަކާއެކު އޭނަ ހަމްޒާގެ އެހީގައި ތެދުވެ ހަމަޖެހިލިއެވެ."އާނ...ރަގަޅު...ޝުކުރިއްޔާ ހަމްޒާ ބްރޯ...މި ބައިސްކަލް ހުރިހާ އެއްޗަކަށްވުރެވެސް ނުރައްކާތެރި...."
ހަމްޒާގެ ހިނިތިންވުން ލުއިކަމުން ހީލިހެން ވެސް ހިޔެއްނުވެއެވެ. އެނަޒަރު ކޮންމެވެސް ވަރަކަށް ސާޔާއަދި މިރިއަމްއަށް ހުއްޓުނުތަން ޒުބޭރުއަށް ފާހަގަވިއެވެ. އޭނައަށް ސަބަބެއް ނޭގުނަސް ހަމްޒާގެ ނަޒަރު ސިކުންތުކޮޅަކަށް މިރިއަށްއަށް ހުއްޓުނުހެން ހީވިއެވެ.އެކަމުން އޭނައަށް އުދަގޫކަމެއް ލިބުނެވެ. އެކަމަކު ކޮންމެހެން ހަމްޒާގެ ބެލުމުގައި ވަކި ޚާއްސަކަމެއް ހުރީއެއްވެސް ނޫނެވެ. ހަމައެކަނި އެވަގުތުކޮޅު ހަމްޒާއަށް މިރިއަމް ފާހަގަވީއެވެ. އޭނައަށް އަޅައިގަންނަވަރަށް އެ ބެލުން ދިގުދެމިހެން ދިޔައީއެވެ. ނޫނީ އޭނައަށް ހީވި ވަހުމެއް ހެއްޔެވެ؟
މިރިއަމްވެސް ހުނުންގަނޑު ހިފަހައްޓާލައިގެން ހުއްޓާ އިމާމްގެ ނަޒަރު ބައްދަލުވިހެން ހީވިއެވެ. ހަތަރުކަޅި ހަމަވީކަމެއް އޭނައަށް ޔަގީނެއްވެސް ނޫނެވެ. އެހާވެސް އަވަސް ނަޒަރެކެވެ. ވަގުތުން ދުރަށް ބެލީއެވެ. ޒުބޭރުއަށް ހުރިހާ ސަމާލުކަމެއް ހުއްޓުނެވެ. އޭރުވެސް އޭނަ އޮތީ ބައިސްކަލް ހަލާކުވީކަމާއިމެދު ހައިރާންވެފައެވެ.
"ހަމްޒާ...."ޒުބޭރުގެ ނަޒަރު ވަށައިގެންވި ލޭގެ ކޯރަށް ހުއްޓުނެވެ."ވަރަށް ބޮޑަށް މާފު...އަހަރެންގެ އަތުން އެހުރިހާ......ސޯސް ތެޅުނީ؟އެކަމަކު މިހުރިހާ ސޯސްއިން ކީއްކުރަން؟"
"އެއްވެސް ކަމެއްނުވެއެއްނު...އެއީ އެކްސިޑެންޓެއް..." އޭނަގެ ވާހަކަ ހުރިގޮތާއި ހަމަޖެހޭލެއް ބޮޑުކަމުން އެ މައްސަލައިން އިތުރު ނުތަވަސްކަމެއް ނުލިބި ހަމަނޭވާލެވޭވަރުވިއެވެ. މަގުމަތި ހަޑިވެފައި އޮތަސްމެއެވެ. ޒުބޭރުގެ ސަމާލުކަން އަނެއްކާވެސް ލިބުނީ ބައިސްކަލަށެވެ."އެހެންވީމަ މިވީގޮތުން ހުރިހާތަނަކަށް ފައިމަގުގައި...."
"ނޫނީ....މީގައި މޯޓަރެއް ހަރުކުރަންވީ.."އޭނަ އިތުރުކޮށްލިއެވެ.
"ނޫން...."މިރިއަމްއައަށް ބޭއިޚުތިޔާރުގައި ބުނެލެވުނީ ބިރުން ލޯ ބޮޑުކޮށްލަމުންނެވެ. މިކަހަލަ މޮޔަ ޚިޔާލެއް ހިތަށްވެސް އަރުވަައިގެން ނުވާނެ ނޫންހެއްޔެވެ؟ މިރަށުގެ އެންމެން މަރައިލަންވެެގެން އުޅެނީ ނޫންހެއްޔެވެ؟ ހަމްޒާއަށްވެސް އެއީ އެންމެ ރަގަޅު ޚިޔާލަކަށް ނުވިއެވެ.
"އެހެންވީމަ ދެން ޒުބޭރުގެ ޖަނާޒާ ތައްޔާރުކުރަންވީ ދޯ...."
މިރިއަމްއާއި ސާޔާއަށް ހިނިގަނޑު ހިފަހައްޓައިލެވެނީއެއް ނޫނެވެ. މިރިއަމްގެ ލޯ ހަމްޒާއަށް ހުއްޓެމުން ދިޔައެވެ. ބަސްމަދުވިޔަސް އޭނަގެ އެ ޝަޚުސާއި މަޑުމައިތިރިކަން އަދި އެހާ ސީރިޔަސްނުވުމުން ތަފާތެވެ. ހަމަޖެހޭ އަދި ކޮންމެ ކަމެއްގައި ކޮންޓްރޯލް ނެގުމުގެ ގާބިލުކަންވެސް އެބަހުއްޓެވެ.
ޒުބޭރު އަމިއްލަ ނަފުސަށް އޮތް ޔަގީންކަމުން ދޫދޭކަށް ނޫޅުނެވެ."ހޭ ދެން މާ ހަރުކަށިވާކަށް ނުވާނެ...އިޓްސް ވިންޓޭޖް....."
އޭނަ ބައިސްކަލްގައި މަޑުމަޑުން ޖެހިލުމާއެކުވެސް އަޑެއް ގޮއްވައިލުމުން ދެމީހުންނަށްވެސް ހެވުނެވެ. "އަހަންނަށްވެސް ހީވަނީ މި ދުއްވިދާނެހެން....އެހާވަރުން ނުރައްކާތެރި ކަންތައްތަކާއި ކުރިމަތިލާހިުން އުޅެންޏާ..."އޭނަގެ އަޑުގައި ހުރީ އެކުވެރިކަމެވެ. ފަސޭހައިން މީހުންނާއި ގުޅި އެކުވެރިވާން ދަންނަފަދައެވެ. އެވްރެޖް މީހުންނާއި ބަަލާފައި ތަންކޮޅެއް އެހެން މީހުންގެ އިހުސާސްތަކަށް އަޅާލާފަދައެވެ. މިރިއަމްއަށްވެސް ފާހަގަވީ ޒުބޭރުއާއި އޭނަ މުއާމަލާތް ކުރީ އެހާ ސީރިޔަސްކޮށް ނޫންކަމާއި އަދި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފަދައިންނެވެ. އެއްވަރަކަށް ބެލެންސްކުރަން އެބަ އެނގެއެވެ.
"އެނގޭތަ؟ މީގައި ތެޔޮ ޖަހާލާ ހަދައިލީމަ.....ކޮންމެވެސް ވަގުތެއްގައި ފިކްސްކޮށްދޭނަން އިންޝާﷲ....." އޭނަގެ އަޑުގައިވީ ހޫނުކަން އެންމެނަށްވެސް އިހުސާސްވިފަދައެވެ. ހިމޭންކަމާއެކު އަޑުއަހަން ތިބީ މަޑުމަޑުންނެވެ."އެއީ ހަމައެކަނި ސްޕީޑެއްނޫން.....ސްޓެޑީ ކޮށް ބަހައްޓަންވެސް ވާނެ..."
ޒުބޭރު އަތް ހިއްލައިލީ ޖަޒުބާތަކުން އަރައިގަންނަން އުޅޭފަދަ އަކުންނެވެ."ގްރޭޓް..އަހަންނަށް ހީވަނީ އާ މެކޭނިކެއް ލިބިއްޖެހެން..."
ހަމްޒާ ހީލާފައި މަގުމަތި ސާފުކުރަން އުޅުމުން ފިހާރައިގެ ސޭޓު ނިކުމެ އެކަން މަނާކޮށް ސާފުކުރަން އުޅެގަތެވެ. އޭނަ ޝުކުރުއަދާކޮށްފައި ހިނގައިގަތީ ސޯސްފުޅިތަކެއް ގަނެގެންނެވެ.ޒުބޭރުއަށް އުދަގޫކުރުވީ އޭނަ ދާން ހިނގައިގަތްއިރު އެންމެފަހަރަކުވެސް އަންހެންކުދިންނާއި ދިމާލަށް ބަލައިނުލާ ކުރިއަށް ބަލަން ހުރުމެވެ. އަބަދުވެސް އޭނަގެ ސަމާލުކަން ހުންނަނީ އެހެން ކަމަކަށް ފަދައިންނެވެ.
"ހަމްޒާ ހާދަަ ކޫލް...ނޫންތަ؟"މިރިއަމް މާބޮޑު ކަމަކަށް ނަހަދާ އާދައިގެ ގޮތަކަށް ބުނެލިއެވެ."މިކަހަލަ ކަމަކާއިވެސް މާބޮޑު ހާސްކަމެއްނެތް.." އޭނައަށް އެވަގުތު ޒުބޭރުގެ މޫނަށް އެރި ކުލަވަރު ފެނުނެވެ. ޒުބޭރުއަށް ކިހިނެއްވީހެއްޔެވެ؟ އޭނައަށް ބުމަ ހިއްލައިލެވުނެވެ. އިތުރު އެއްޗެއް ބުނުމުގެ ކުރިން މަންމަ ޖަމީލާ އަންނަތަން ފެނުނެވެ. މަންމަގެ ޝާހީ ހިނގުމުގައެވެ. އަބަދުވެސް ފަރި ހިނގުމެއް މަންމަގެ ހުރެއެވެ. ފުރަތަމަ ޒުބޭރުއާއި ބައިސްކަލުންގޮސް ނަޒަރު ހުއްޓުނީ މަންމައާއި އަރާ ހަމަވި ހަމްޒާއަށެވެ.
"އަނހަ. ޒުބޭރު އަނެއްކާވެސް މިއޮތީ ސަކަރާތްގަނޑެއް ޖަހާލާފައި...."މަންމަ ހިނިތުންވުމަކާއެކު ބުނެލިއިރު ކުލުނުގެ އަސަރު ފޮރުވިފައިވިއެވެ. މަންމައަށް ދުރުން އެ މަންޒަރު ދުރުން ފެނުނުފަދައެވެ. މަންމަ ހަމްޒާއަށް ނަޒަރު ހުއްޓައިލިއެވެ." އެހީތެރިވީކަމަށްޓަކާ ޝުކުރުކުރަން. އަބަދުވެސް އެކަހަލަ ކަމަކަށް ފުންމައިލުމަކީ އެކުއްޖާގެ އާދައެއް..."
ހަމްޒާ ބޯޯ ޖަހާލާފައި ހީލުމަށްފަހު ގޮސް ލޯމަތިން ގެއްލުމުން ޒުބޭރުވެސް ފުން ނޭވާއެއްދޫކޮށްލީ އޭނަގެ ނުތަނަވަސްކަން ފޮރުވުމަށެވެ. މިރިއަމްވެސް އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. އޭނަގެ ޚިޔާލުގައިވީ ހަމްޒާއެވެ. އޭނަގެ ސަމާލުކަން ހޯދައިގަތީ ހަމައެކަނި އެ މަޑުމައިތިރިކަމަކުން ނޫނެވެ. އޭނަ ވިސްނުން އެހެން ދިމާލަކަށް ގެންދާން މަސައްކަތްކުރިޔަސް ކޮންމެވެސް ދިމާލެއްގައި ވިއެވެ. ހަމްޒާއަކީ ކާކުހެއްޔެވެ؟
***
އެރޭ ދަންވަރު މިރިއަމް ނިދަން އޮވެފައި ހިރިލީ ވަޔާއެކު ކުޑަދޮރު ތެޅިލުމުންނެވެ. ހުވަފެނުގެ ކަނޑެއްގައި ރާޅުތައް އޭނަ ދަމައިގެން ގެންދިޔައިރު ހޭވެރިކަންވާން ފެށީ މަޑުމަޑު އަޑަކުންނެވެ. ކޮންމެވެސް އެއްޗެއް ހަރަކާތްކުރީއެވެ. ދޮރެއް ހުޅުވުނު އަޑެވެ. އޭނަ އެސްފިޔަ ޖަހާލާފައި ލޯ ހުޅުވައިލިއެވެ. ހަނދުގެ ފަނޑު އަލިން ކޮޓަރިތެރެއަށް ރިހިކުލައިގެ ހިޔަނިތައް އެޅިފައިވއެވެ.
އެ މަޑު އަޑު ކަންފަތުގައި ޖެހުނެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފަދައެވެ. އަވަހަށް ރަޖާ ނަގާފައި ފަރުވާތެރިކަމާއެކު އޭނަ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. އޭނަގެ މަންމަ ހުރީ ފުރަގަސްދީގެންނެވެ. ކައުންޓަރު ކައިރީގައެވެ. އަތުގެ ހަރަކާތުން ހީވަނީ ކާއެއްޗެއް ތައްޔާރުކުރަނީހެންނެވެ. އުނދުންމަތީގައި ހުރި ތަވާ ހުރީ ހުހަށެވެ. ކުރާވެސް ހުރީ ފިނިކޮށެވެ. ކުރިމަތީގައި ހުރިހާ އެއްޗެއް ހަމަކޮށްފައި ހުއްޓަސް އެއަކު އަތެއް ނުލައެވެ. އެއްވެސް އެއްޗެއް އަތުގައި ނެތަސް މަންމަ އަތުން ކޮށާ ހަރަކާތް ކުރަމުން އެއްޗެއް ކިޔަމުން ދިޔައެވެ.
"މަންމަ؟" އޭނަގެ މެޔަށް ވާންވެލިއެވެ.
"ގެއަށް އަންނަވާއިރަށް ބަނޑުހައިވެދާނެތީ. އަބަދުވެސް މި މީރުވެގެން އުޅެއެއްނު....." މަންމަ ބަލާނުލައެވެ.
އޭނަގެ މައިބަދައިން ފިނި ރާޅެއް ޖަހައިލިއެވެ.
"ކާކުތަ؟" އެނގޭއިރުވެސް އަހައިލެވުނެވެ.
މަންމަ އެނބުރުނުއިރު ތުންފަތުގައި ހިނިތުންުމެކެވެ. ނަޒަރު ހުރީ މާދުރަށެވެ."ބައްޕަ....."
އޭނައަށް ނޭވާވެސް ނުލެވުނެވެ. ހިމޭންކަން ދިގުދެމިގެން ދިޔައީ ނޭވާ ހާސްކޮށްކަމުންނެވެ. އެއާއެކު ހުވަފެނަކުން ހޭލެވުނުފަދައިން ހައިރާންކަމުގެ ކުލަވަރު މޫނަށް ވެރިވުމާއެކު އަޑު ކެނޑޭގޮތްވިއެވެ."މިރިއަމް؟ ކީއްވެ ހޭލާ ހުރީ؟"
"އަހަރެން....ފެންބޯން ވެގެން..."އޭނައަށް ހިންދިރުވައިލެވުނެވެ. މަންމަވެސް ހުސް ތެއްޔަށާއި ކުރިމަތީގައި ހުރި ތަކެއްޗަށް ބަލައިިލިއެވެ. ޚިޔާލަކަށް ގެއްލިފައިވާހްނެނެވެ. އަދި ފުން ނޭވާއަކާއެކު ޚިޔާލުގައި ވީ އެއްޗެއް ދޫކޮށްލިފަދައެވެ.
"މަންމަވެސް..." މަންމަ އުނދުނުން ދުރަށް ޖެހިލިއެވެ."ފެން ބޯންވީ ދޯ........"
އޭނަ ދެ ތަށްޓަށް ފެންއެޅިޔަސް މޭގައިވި ވާންކަމަކަށް ލުޔެއް ނުލިބުނެވެ. މަންމަ އެފަދަ ކަންތައް ކުރަން ވަގުތު ހުއްޓުވާނީ ކިހިނެއްކަމެއް އޭނައަކަށް ނޭގެއެވެ. އެއީ ދުވަހަކުވެސް އޭނައަށް ކުރެވޭނެކަމެއް ހެއްޔެވެ؟ މަންމަ ފެންބޮއިގެން ހިނގައިގަތް ތަނާ އޭނަގެ ކަންފަތުގައި ޖެހުނީ ތަޖައްޖުދު ނަމާދުގެ އަޑެވެ. ހުރިހާ ހާސްކަމަކާއި ހިތާމައެއް ފިލާ އިމާމްގެ ގުރުއާން ކިޔެވުމުގެ އަޑުއަހަން މުޅި ނަފުސްވެސް ދޫކޮށްލެވުނެވެ. އެހާ ރީތިކަން އެފަދަ ވަގުތުކޮޅެއްގައި އެކުލެވިދާނެކަން އޭނައަށް ކުރިއަކުން ނޭގެއެވެ. މިސްކިތްތަކުގެ ފާރު ފުރާނާލާފައި އައިސް ގުރުއާން އަޑުއަހަން ތިބޭ މީހުންގެ ހިތްތަކުގައި އެ ބަސްފުޅުތައް ބީހިލާއިރު އެލިބޭ ހިތްހަމަޖެހުމާއި ހިތަށް ލިބޭ ތަސައްލީތައް އޭނައަށްވެސް ބޭނުންވާކަމެއް ކުރިއަކުން ނޭގެއެވެ.
ނުނިމޭ.