ދީނުގެ ޝިއާރުތައް އުފުލުމުގައި ރާއްޖެއަކީ ނަމޫނާއަކަށް ހަދަން މަސައްކަތްކުރާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަތް -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ދީނުގެ ޝިއާރުތައް އުފުލުމުގައި ރާއްޖެއަކީ ނަމޫނާ ގައުމަކަށް ހަދަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ، އީދުގެ އެންމެ މަތިވެރި މަގުސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުން ކަމުގައި އިލްމުވެރީން ވިދާޅުވާ ކަމަށެވެ.

މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް، އިސްލާމީ އަޚްވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާއާއި އިޚުލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް އީދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ، ކޮންމެ މީހަކުވެސް ޚާއްސަކޮށް، ރޯދަމަހު އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ސަރުކާރުން ވެސް މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން، މިއަދަކީ އީދު ދުވަސް ކަމަށް ކަނޑައަޅައި ބުނެފައިވަނީ، ރާއްޖޭގެ ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވި ކަމުގެ ޚަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.

އެހެންވެ، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު ރާއްޖޭގައި ސާބިިތު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މިއަދަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް