"ޖާވިދު. އަހަރެން އެބަ ވާހަކަ ދައްކަމޭ… ކީއްވެތަ އަނގައިން ނުބުނެ ތި އިންނަނީ؟"
"އަހަރެން ވަކި ކީކޭ ބުނަންވީ؟ ޒުލްފާއަށް ވިސްނައިދޭނެ ގޮތެއް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު." ޖާވިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ވާހަކަ ދެއްކީ މަގުމައްޗަށް ސަމާލުކަން ދީގެން އިނދެއެވެ. ޒުލްފާއަށް ބަލައެއް ނުލައެވެ.
"ދެން ހޮސްޕިޓަލުން ދޫކޮށްލީމަވެސް، އައިސް ވަންނާނީ އަހަރެމެން ގެއަށް. ތަން ބޮޑުވެގެންތަ މިއުޅެނީ. ޖާވިދު! އެނގޭ އެއީ ޖާވިދުގެ ކޮއްކޮކަން. އެކަމަކު ދެން މިހާރު އޭނާ ގާތުގަވެސް ބުނަން ވެއްޖެއެއްނު އިތުރު ގޮތެއް ހޯދަން. ޔުމްނުއަށްވެސް ހާދަ ބައިވަރު ފައިސާއެކޭ މިހާރު މި ފޮނުވަން ޖެހެނީ. ޖާވިދަށް އޮފީހުން ލިބޭ އެއްޗަކާ މި ކާރު ދުއްވައިގެން ޓެކްސީކޮށްގެން ލިބޭ އެއްޗަކުން، އަދި ދެބައިކުޅަ އެއްބައި އެބަޖެހޭ ވިއްޔަ ރާމިޒާއަށް ދޭން. ކިހިނެއްތަ މިހެން ދިރިއުޅޭނީ. ވަފާވެސް ވަޒީފާއަކަށް ދާކަމުން މިހާރު ފަރުޖައްސާލައިގެން މިއުޅެވެނީ. އެހެންނޫނީ އަހަރެމެން ތިބެން ޖެހޭނީ ނުކައި ނުބޮއި." ދެފަރާތަށް ބޯ ހޫރާލަމުން، ޒުުލްފާ ވާހަކަ ދެއްކިއެވެ. އޭރު ވަފާވެސް އެ އަޑު އަހަންވެގެން އިނެވެ.
"އިތުރަށް ތި ވާހަކަ ދައްކާނީ ގެއަށް ގޮސް." ޖާވިދު ބުނެލިއެވެ. އެއާއެކު ތުން އަނބުރާލަމުން ޒުލްފާ ބޭރު ބަލައިލިއެވެ. މިހާރަަކަށް އައިސް ޒުލްފާއާއި ޖާވިދާ ދެމެދު އެފަދަ އެތަކެއް ބަހުސެއް ކުރެވެއެވެ. މުޅީންވެސް ދެކެވެނީ ރާމިޒާއާއި މައުވާއަށް ކުރާ ޚަރަދުތަކުގެ ވާހަކައެވެ. މަންމަ އެހާވަރަށް އެއްޗެހި ކިޔާއިރުވެސް ބައްޕަ ހަމަ އެކުރާ ވަރަށް ރާމިޒާމެންނަށް ޚަރަދުކުރާތީ ވަފާވެސް ހުންނަނީ ހިތްހަމަނުޖެހިފައެވެ. އޭނާގެ ވިސްނުންވެސް ހުންނަނީ ޒުލްފާގެ ވިސްނުން ހުންނަ ގޮތާ ދާދި އެއްގޮތަކަށެވެ.
ޒުލްފާ ބޭރު ބަލަހައްޓައިގެން ހިމޭނުން އިނީ ކުޑަ ހިނދުކޮޅަކަށެވެ. އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
"ގެއަށް ގޮހެއް ނޫން. ހަމަ މިހާރު މި ވާހަކަ ދައްކަން ބޭނުމީ." ޒުލްފާ ގޮތެއް ދުލެއް ނުކުރިއެވެ.
"ޒުލްފާ ބޭނުންވަނީ އަހަރެން ރާމިޒާމެންނަށް ޚަރަދުނުކުރަންތަ؟" ޖާވިދު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަދިވެސް ހަމަ ނޭނގެނީތަ؟ އެކައްޗެއް ކިޔަކިޔާ މަ މިހާރު މޮޔަވާ ހިސާބަށް ގޮސްފި. އެމީހުން ކައިރީގަ ބުނާށޭ އިތުރު ގޮތެއް ހޯދާށޭ… ކިހނެއްތަ ހުރިހާ ޚަރަދެއް ޖާވިދު ކުރާނީ؟" ޒުލްފާ ބުނެލިއެވެ.
"އިތުރު ގޮތެއް ހޯދާށޭ ބުނާއިރު ޒުލްފާއަށް ވެސް އެނގޭނެ، ރާމިޒާގެ އިތުރު މީހެއް ނެތްކަން. މާލޭގެ އިތުރުން ރާއްޖެ ތެރޭ ރަށެއްގަވެސް ގޮދޮރެއް ހުރި މީހެއް ނޫން އެއީ. " ޖާވިދު ބުންޏެވެ. "މައުވާ ހޭއެރީ ކުރީ ފަހަރުވެސް ޒުލްފާ ބުނި ކަންތަކާ ވިސްނާފަ ރާމިޒާއާ ވާހަކަ ދެއްކި ފަހުންނޭ. ހޭ އެރީމަ ދެން އަހަންނަށް ވަކި ކިހިނެއް ރާމިޒާއާ، މައުވާ ދޫކޮށްލެވޭނީ؟" ޖާވިދު ބުންޏެވެ.
"ދެން ހެޔޮތަ އަހަރެމެން ނުކައި ނުބޮއި ތިއްބަސް." ޒުލްފާ ހުއްޓައެއްނުލިއެވެ.
"އަނެއްކާ އަނެކަކުވެސް އައިސް އަހަރެމެން ގޭގަ އެއްނު ގެ އަޅާނީ. " ޒުލްފާ ބުނީ މައުވާގެ ވާހަކަކަން ޖާވިދަށް އެނގުނެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނީ ޒުލްފާގެ ކައިރިން ކުރި ނޭރޭނެކަން އެނގުމުންނެވެ.
****
"މަންމާ…." އިސްޖަހާލައިގެން އޭނާގެ އެނދުކައިރީގައި ހުރި ގޮނޑި ކައިރީގައި އިން ރާމިޒާއަށް މައުވާ ގޮވައިލިއިރު އެ އަޑު ނުކުތީ ވަރަށް ވެސް މަޑުމަޑުންނެވެ. ރާމިޒާ ތަޙައްމަލް ކުރި ކަންތައް އެނގުމާއެކު މައުވާގެ ހިތަށް ތަދުވެފައިވާ މިންވަރު އޭނާގެ އެ ގޮވައިލުމުގެ ހުރި އަސަރުން އެކަނިވެސް ދޭހަވެއެވެ.
މައުވާ ގޮވައިލުމާއެކު، އިސްޖަހާލައިގެން އިން ރާމިޒާ އިސްއުފުލައިލިއެެވެ. އޭރު އެ ދެލޮލުގެ ތެރޭގައި ބޮޑެތި ކަރުނައިގެ މުތީތައް ވިދަމުން ދިޔައީ ހިތަށް ކޮށްފައިވާ އަސަރުތައް ބަޔާން ކުރަމުންނެވެ. ވަސީމް ނިޔާވިފަހުން، ރާމިޒާ ހިތްވަރުކުރީ ހަމައެކަނި މައުވާގެ ހައްޤުގައެވެ. އެހެން ނޫންނަމަ ހިތްދަތިވެގެން ގޮސް ވެސް އޭނާ މި ދުނިޔެއާ އަލްވަދާޢު ކީސް ކަންނޭނގެއެވެ.
"އަހަންނާ ހެދި މަންމައަށް ވަރަށް ގިނަ ތަކުލީފުތައް ލިބިއްޖެ ދޯ. " މައުވާ ވެސް ވަނީ ފެންކަޅިވެފައެވެ.
"ނޫން ދަރިފުޅާ. ތިހެން ނުބުނޭ." މައުވާ މާޔޫސްވެ ދެރަވިތަން ފެނި ރާމިޒާ އަވަސް އަވަހަށް ބުނެލިއެވެ. މައުވާގެ ސަބަބުން އޭނާއަށް ލިބޭނީ ކޮން ތަކުލީފެއް ހެއްޔެވެ؟ ކޮން އުނދަގުލެއް ހެއްޔެވެ؟ މައުވާ އަކީ އޭނާގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅެވެ. މައުވާ އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށުމުން ރާމިޒާއަށް ލިބުނު ހިތާމަ ދެގުނަވެގެން ދިޔައީ އެހެންވެގެންނެވެ. އޭނާއަށް މައުވާގެ އަތުގައި ހިފައްޓައިލަމުން ދެފަރާތަށް ބޯ ހޫރައިލެވުނީ އެފަދަ ގޮތަަކަށް ވާހަކަ ނުދައްކާށޭ ބުނުމުގެ ގޮތުންނެވެ. އެހެންނަމަވެސް މައުވާ އޭނާގެ ކަރުނަތައް ފުހެލުމާއެކު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ޒުލްފާއްތަ މަންމައާ ދޭތެރޭ ކަންތައްކުރަނީ ވަރަށް ގޯސްކޮށް ދޯ." މައުވާގެ ސުވާލާއެކު ރާމިޒާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް މައުވާއަށް ހުރިހާ ކަމެއް ވެސް އެނގުނެވެ.
"އެމީހުން އުޅޭ ތަނަކުން ހިޔާވަހިކަމެއް ދިނުމަކީ ވެސް ކިހާ ބޮޑު ކަމެއްތަ؟" ރާމިޒާ ކަރުނަތައް ފުހެލިއެވެ.
"ކީއްވެ އަހަރެން ކުރި ސުވާލަށް ޖަވާބު ނުދިނީ؟" ރާމިޒާ އޭނާއަށް ބައިވަރު ކަންތައްތައް ސިއްރުކުރަމުން ދާކަން އެނގޭ ޙާލު މައުވާ ބޭނުންވަނީ ރާމިޒާ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެ މަންމަ ހިތުތެރޭގައި ހާދަހާ ގިނަ ހިތާމަތަކެއް ރައްކާކޮށްފިއެވެ. ހާދަ ގިނަ ދުވަހެއް ވަންދެން ޝަކުވާއެއް ނުކޮށް ކެތްކޮށްފިއެވެ. ޒުލްފާގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. އެ ގޭގައި މަންމަ އެ ހޭދަކުރަމުން ދަނީ އުނދަގޫ ދުވަސްތަކެއްކަން އެހިތަށް ފަހުމްވިއެވެ. ރާމިޒާގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ދޭން ބޭނުންވެފައިވާ މައުވާ ދެރަވީ ޚުދު އޭނާއަށް އެކަން ކުރުމުގެ ޤާބިލުކަން ލިބިފައިނުވާތީއެވެ. މަންމަގެ އެ ހުރިހާ ހިތާމައެއްގެ އަސްލަކީ އޭނާއެވެ. އެރޭ އޭނާ ބަލައިގެން މަގު ހުރަސްކުރި ނަމަ މިއިން އެއްވެސް ކަމެއް ނުވީސް ކަންނޭނގެއެވެ. އަދި މިއަދު އޭނާގެ ބައްޕަވެސް ދުނިޔޭގައި ހުރީސް ކަންނޭނގެއެވެ. މައުވާގެ މޭގައި ދިލަ ތަދެއް އުފަންވަމުން އައި ހިނދު އޭނާއަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. މަންމައަށްޓަކައި އޭނާއަށް މިއަދު ކޮށްދެވޭނީ ކޮންކަމެއްހެއްޔޭ ސިކުނޑި ދިޔައީ ސުވާލު އުފައްދަމުންނެވެ.
"އެރޭ އަހަރެން ބަލައިގެން މަގު ހުރަސްކުރިނަމަ މިއިން އެއްވެސް ކަމެއް ނުވީސް،" ހިތުގައިވި ޝަކުވާގެ ފުނިވަރުތަކާއެކު އެންމެފަހުން މައުވާގެ ދުލުން އެބަސްތައް ނުކުތީ ބޭއިޚްތިޔާރުގައެވެ.
"ނޫނެކޭ ދަރިފުޅާ… ތިހެން ނުބުނެބަލަ…. ދަރިފުޅުގެ ސަބަބުންނެއް ނޫނޭ މިހުރިހާ ކަމެއް ވީ." ރާމިޒާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. މައުވާއަށް އިތުރު ތަކުލީފެއް ލިބެން ބޭނުން ނުވާތީ، ރާމިޒާ މައުވާގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުކުރުމަކީ އުނދަގޫކަމަކަށް ވިއެވެ.
"ސޮރީ މަންމާ…" މައުވާ މާފަށް އެދުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލީ ހަށިގަނޑުގެ އުދާސްކަމަށް ލުޔެއް ބޭނުންވެފައި ހުރީތީއެވެ. އޭނާ ދެރަވެފައި އިންހާ ހިނދަކު މަންމަގެ އުދާސްކަމަށް ބަދަލެއް ނާންނާނެކަން އެނގޭތީ އެންމެފަހުން މައުވާ، ވެސް ހަމަޖެހިލަމުން ދެލޯ ފުހެލިއެވެ.
*****
ކޮޓަރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ނަޖީބު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ގޮނޑީގައި ލެނގިލައިގެން، މައްޗަށް ބަލަހައްޓައިގެން އިންއިރު، ފާޚާނާއިން ރިސާމާ ނުކުތްކަމެއްވެސް އޭނާއަކަށް ރޭކާއެއް ނުލިއެވެ. ނަޖީބު އިނީ އެހާވެސް ބޮޑަށް ސިކުނޑީގެ އެތެރޭގައި ހިނގަމުން އެދާ ފިކުރުތަކުގެ ތެރެއަށް ގޮސް ގެއްލި ހުސްވެފައެވެ. ރިސާމާ އިރުކޮޅަކު ނަޖީބަށް ބަލަހައްޓައިގެން ހުރުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް ނަޖީބުގެ ކައިރީގައި ހުއްޓި އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ނަޖީބު…" ލޯތްބާއި އޯގާތެރިކަން އެކުލެވިގެންވާ އަޑަކުން ރިސާމާ ނަޖީބަށް ގޮވައިލިއެވެ.
ސިހުނު ނަޖީބު އޭނާއަށް ބަލަހައްޓައިގެން ހުރި ރިސާމާ ފެނުމާއެކު، ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ދެއަތް ޖޯޑުކޮށްލަމުން އޭނާ ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް ރިސާމާގެ ގާތު އެދުނެވެ. ނަޖީބު އެވަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑު ވެފައިވާކަން އެނގޭ ޙާލު، ރިސާމާވެސް އިށީނދެ ނަޖީބަށް ބަލައިލިއެވެ.
"ކިހިނެއްވީ؟ ކޮންކަމަކާ ހާސްވެފަ ތި އިނީ؟" ރިސާމާ ސުވާލުކޮށްލިއެވެ. ފިރިމީހާގެ ހާސްކަން ގުޅިފައިވަނީ އަފްނާންއާ ކަމުގައި އޭނާއަށް ހީކުރެވުނު ނަމަވެސް ނަޖީބުގެ ދުލުން އެ އަޑު އަހަން އޭނާ ބޭނުންވިއެވެ. ނަޖީބަށް ލުޔެއް ލިބޭނީ އޭރުންކަމުގައި ރިސާމާ ޤަބޫލުކުރިއެވެ.
"އަހަންނަށް ފެންނަނީ ލަސްނުކޮށް، މަޙުމޫދުމެންނަށް އަފްނާން ރައްޔާއާ ކައިވެނިކުރަން ދެކޮޅު ވާހަކަ އަންގަން. " ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތައް ނަޖީބު ރިސާމާއަށް ހާމަކޮށްލިއެވެ. "ނުބުނެ ލަސްކޮށްގެން ވަކި ފައިދާއެއް ވާނެ ކަމަކަށް އަހަންނަކަށް ހިޔެއް ނުވޭ."
"ނަޖީބު. އަހަރެން ވެސް މި ވިސްނަނީ ތިކަމާ." ރިސާމާގެ އަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ. ނަޖީބުގެ ހާސްކަން ގުޅިފައިވާ އެއް ސަބަބަކީ އެ ވާހަކަ ބުނުމުން އެމީހުންނާ މަޙްމޫދުމެންނާ އޮތް ގުޅުން ހީނަރުވެދާނެތީކަމުގައި ކަން ވެސް ރިސާމާއަށް އެ ހިނދު އެނގުނެވެ. އެއާއެކު ފިރިމީހާގެ އެ ކަންބޮޑުވުމާއި އުދާސްކަން ދުރުކޮށްދޭން އެވަގުތު ބުނާނެ އިތުރު އެއްޗެއް ސިކުނޑިއަށް ނައިސް ހުސްކަމެއް އުފެދިއްޖެއެވެ.
"ދުވަސްވީ ރަޙްމަތްތެރިކަމަށް ބުރޫއަރާކަށް ބޭނުމެއް ނޫން. އެކަމަކުވެސް ހީވަނީ މިފަހަރު އެއީ ނުވެ ނުދާނެކަމެއްހެން. އަހަރެމެންނަށް އަހަރެމެންގެ ދަރިންގެ އުފާތައް މުހިންމު ވާހެން އެމީހުންނަށް ވެސް ރައްޔާގެ އުފާތައް މުހިންމު ވާނެ. އަފްނާން މިކަމާ ދެކޮޅު ވާހަކަ ބުނާ އިރަށް އެމީހުން ސުވާލު އުފައްދާނީ ކީއްވެތޯ މިހާ ދުވަސް ވީއިރު ނުބުނީ؟ އެމީހުންގެ ދަރިފުޅު އެހާ ދިގު އިންތިޒާރެއްގައި ބެހެއްޓީ؟ އެމީހުންނަށް އުންމީދު ދިނީ... ޚާއްސަކޮށް ރައްޔާއަށް." ފިނި ނޭވާއެއް ނަޖީބަށް ދޫކޮށްލެވުނުއިރު ދެން ކަންތައް ވާނެ ގޮތުގެ ފަނޑު މައްޒަރެއްވެސް ސިކުނޑީގައި ކުރަހާލެވިއްޖެއެވެ. ޒަމާންވީ ރަޙްމަތްތެރިކަމުގެ ވާފަށް ކެނޑެން ބޭނުން ނުވިއެއްކަމަކު، އެކުވެރިކަމުގެ ސިއްކަ ޖެހޭނޭ ދުވަސް ދާދި ގާތްވެއްޖެ ކަމުގެ އިޙްސާސްއާއެކު މާޔޫސްވެސް ވިއެވެ.
"އަހަަރެން ބުނީމެއްނު ރިސާމާ ގާތު، ކުރިންވެސް އެމީހުންނަށް އުންމީދު ލިބޭ ފަދަ ގޮތަކަށް ވާހަކަ ނުދައްކައްޗޭ! އަފްނާން ވިސްނަން ވަގުތު ބޭނުންވެޔޭ ނުބުނެ، ކައިވެންޏާ ދެކޮޅު ވާހަކަ ސީދަލަށް ބުނެވުނު ނަމަ...."
ނަޖީބު އެހެން ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. ރިސާމާ އެ ގުޅުމާ މެދު ދުށް ހުވަފެންތަކެއްގެ ސަބަބުން، އޭނާ ރައިޙާނާމެންނާ ވާހަކަ ދެއްކި ގޮތާ މެދު ނަޖީބު ޚިޔާލު ފާޅުކުރީ އަލަށެވެ. އެ ވާހަކައިން ރިސާމާގެ ހިތުގައި ޖެހުނުކަން ރަމްޒު ކޮށްދިނީ ކުއްލިއަކަށް އެ މޫނުގެ ކުލަވަރު ބަދަލުވި ގޮތުންނާއި މޫނުގެ ކުލަ އޮއްސުނު ގޮތުންނެވެ.
"އަހަންނަށް މާފުކުރޭ ނަޖީބު... އަހަންނަށް އެހާ ވަރުން އެ ގުޅުމަށް އެދެވުނީ އަފްނާންއަށް ދެރަގޮތެއް ވާން ނޭދޭތީ. އަފްނާންގެ މުސްތަޤުބަލާ މެދު ވިސްނޭތީ. އަޒްލަފްގެ ދިރިއުޅުމަށް ވީހެން އަފްނާންގެ ދިރިއުޅުމަށް ވާން ނޭދޭތީ... އަޒްލަފް ގޮތަށް ޙަޔާތުގެ ބައިވެރިއެއް އަމިއްލައަށް އިޚްތިޔާރުކުރުމުގެ ފުރުސަތު ދީފިނަމަ އެފަދަ ގޮތަކަށް އަނެއްކާވެސް ކަންތައް ވެދާނެތީ....." އަފްނާންގެ މުސްތަޤްބަލުގެ ލަގަން އޭނާގެ އަތުން ދޫކޮށްލަން ބޭނުންނުވި ހަޤީޤީ ސަބަބަކީ އެހިތުގައިވި ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ. ނުބައި އަންހެނެއްގެ ހިޔަނި ދިރިއުޅުމަށް އެޅި އަޒްލަފް ފަދަ ހިތާމައެއް ކުރިމަތިވާން ބޭނުންނުވީތީއެވެ. ވި ދެރައާއެކު ރިސާމާއަށް އިސްޖަހައިލެވިއްޖެއެވެ.
"ރިސާމާ..." ބުނެވުނު ބަހުގެ ސަބަބުން ލޯބިވާ އަނބިމީހާއަށް ތަކުލީފު ލިބިއްޖެކަން ރޭކާލުމާއެކު، ނަޖީބު މާފަށް އެދޭ ފަދައަކުން ރިސާމާއަށް ގޮވައިލިއެވެ. އޭނާ ފަހަރެއްގައިވެސް އެހެން ބުނީ ރިސާމާ ދެރަކޮށް ކުށްވެރި ކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެހެންނަމަވެސް މިހުރިހާ ކަމަކާއެކު އޭނާއަށް ލިބިފައިވާ ހާސްކަމެއްގެ ސަބަބުން ބުނެވުނީއެވެ. ދެރައީ ވިސްނާނުލާ އެ ޖުމްލަ ދުލުން ބޭރުކޮށްލެވުނީމައެވެ. ރިސާމާއަށް ހީވާނީ އޭނަ އެކަމުގައި ރިސާމާ ކުށްވެރި ކުރަނީހެންނެވެ.
"ނަޖީބެކޭ އެއްގޮތަށް އަހަރެންވެސް ދަރިން ދެކެ ލޯބިވަން. ވަރަށް ބޮޑަށް ލޯބިވަން. އެހާ ވަރަށް އެކަމާ އުޅެވުނީ ވެސް އެހެންވެގެން ކަންނޭނގެ. މިއަދު މަޙްމޫދުމެންނާ އެކު އޮތް އެކުވެރިކަން ނިމުނަސް އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ އަހަރެން ." ރިސާމާއަށް ބުނެވުނެވެ. "ނަޖީބު ތި ބުނިހެން ރައިޙާނާމެންނަށް އުންމީދު ދިން މީހަކީ އަހަރެން..."
(ނުނިމޭ)