"ޒައުލްއަށް ފެންނަ ގޮތެއް. ފިރިމީހާގެ ބަހަށް ކިޔަމަންވާން އަހަންނަށް އެނގޭ." ޙަޔާ ލުއިކޮށް ހީނާލާފައި ސަމާސާ ރާގެއްގައި ބުނެލުމުން ޒައުލް ޙަޔާގެ އަތުގައި ހިފައްޓާލައިގެން އިނދެފައި އެ އަތަށް ބޮސް ދިނެވެ.

ޒައުލްގެ އެ އަމަލުން ޙަޔާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާއަށް ލިބުނު ޙަޔާތުގެ ބައިވެރިޔާގެ ފަރާތުން އެ ފެނިގެންދާ އަޅާލުލާއި އޯގާތެރިކަމުން އެ ހިތް އުފަލުން ފުރިގެން ދިޔައެވެ.

ފުރުމުގެ ކަންތައްތައް ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށްފަހު، ޒައުލް ޙަޔާ ގޮވައިގެން އިންޑިއާއަށް ފުރީ، މާލެ އާދެވޭނެ ދުވަހެއް ނޭނގޭތީ އޮފީސް ހިންގުމަށް ހައިޝަމްއާ ހަވާލުކޮށްފައެވެ. އޭރު އޭނާއާއި ޙަޔާއާ ދެމީހުންގެ ވެސް ދުޢާއަކީ، ވީ އެންމެ އަވަހަކަށް އެ އުނދަގޫ ޙާލަތުން މިންޖުވުމެވެ. އިންޑިއާއަށް ދިޔުމަށްފަހު، ފަރުވާ ފެށުމުން ޙަޔާގެ ހަށިގަނޑު ބަލިކަށިވާން ފެށީ ކާންޖެހޭ ބާރުގަދަ ބޭސްތަކާ، ދޭން ޖެހުނު ފަރުވާތަކެއްގެ ސަބަބުންނެވެ. ޙަޔާ އެ ފަދަ ޙާލަތެއްގައި ވާތަން ބަލަން ކެތްކުރަން އުނދަގޫވި ޒައުލް ކެތްތެރިކަން ހޯދަމުން ދިޔައީ ނަމާދާ ދުޢާގެ އެހީގައެވެ. ޒައުލްގެ ފަރާތުން ޙަޔާއަށް އިންތިހާއަށް އަޅާލުމާއި އޯގާތެރިކަން ލިބުނުއިރު، އޭނާ ދުވަހަކުވެސް ޙަޔާއަށް ޝަކުވާ ކުރާނެ ފުރުސަތެއް ނުދެއެވެ. ޒައުލްގެ އަމަލުތައް ހުންނަ ގޮތުން ޙަޔާގެ ހިތްވަނީ އުފަލުން ފުރިފައެވެ. އެފަދަ ފިރިއަކު އޭނާއަށް ދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

*** ދެ އަހަރު ފަސް ***

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އެރައިވަލް ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުރި ޒަމީރު ގަޑި ބަލައިލިއެވެ. ވަށައިގެންވީ އެ ހަަލަބޮލި މާހައުލަށް ކަޅި ހިންގައިލިއެވެ. އެއަށްފަހު އަނެއްކާވެސް، ގަޑިއަށް ބަލައިލިއެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ބަޔަކަށް ނުވަތަ މީހަކަށް އިންތިޒާރުކުރަނީކަން އެނގެއެވެ.

"ކޮބާ؟ އަދިވެސް ނުނިކުމޭތަ؟" ސިހުނީ އޭނާގެ ގާތަށް ހުއްޓުނު ހައިޝަމް ސުވާލުކޮށްލުމުންނެވެ. "ފްލައިޓް ޖެއްސީމަ މެސެޖުކުރި ނުކުންނަނީ އޭ ކިޔާފަ."

"އަދި ނުފެނޭ…" މީހުންގަނޑުގެ ތެރެއަށް ނަޒަރު ހުއްޓާލަމުން އެހެން ބުނެލި ވަގުތު، ޒަމީރުގެ ލޮލުގައި ޓްރޮލީއެއް ހިފައިގެން އެރައިވަލް ގޭޓުން ނުކުމެގެން އައި ޒައުލް ލޮލުގައި އަޅައިގަތެވެ. ޒައުލްގެ ކައިރީގައި ޙަޔާ ހުރި އިރު އޭނާ ހުރީ ޒައުލްގެ އަތުގެ މުލައްދަނޑީގައި އަތް ޖައްސާލައިގެންނެވެ. ޒަމީރު އަތުން ހަނާ އަޅައިލުމާއެކު އެ ދިމާލަށް އައި ޒައުލްއަށްވެސް، އެ ދެމީހުން ފެނިއްޖެއެވެ. އޭނާ ޙަޔާއަށް ބަލާލާފައި އަތުން ކުޑަކޮށް ޒަމީރުމެންނާ ދިމާލަށް އިޝާރާތްކޮށްލިއެވެ.

ޒައުލް އައިސް ކައިރިއަށް ހުއްޓިފައި ސަލާމް ގޮވައިލުމާއެކު، ޒަމީރު އޭނާގެ ގައިގައި ބައްދައިލިއެވެ. އަދި ކޮނޑުގައި ޖަހައިލިއެވެ. އެހާ ދުވަސްފަހުން ހަޔާ ފެނުމުން ހައިޝަމްވެސް ހުރީ ވަރަށް އުފާވެފައެވެ. އާއްމުކޮށް ބަންދުގައި އެމީހުން އެންމެން ޒައުލްއާ ޙަޔާ ކައިރިއަށް ދިޔަނަމަވެސް، މިހާރު އެ ދެމީހުން ނުފެންނަތާ ހަމަސް ވަރުވެއްޖެއެވެ.

"ކޮބާ ދޮންބެ ދައްތަ؟" ޙަޔާ ސުވާލުކޮށްލިއެވެ.

"އިނާ ކުޑަކޮށް ހުން ވައްތަރުވެފަ ހުރީމަ ނާދެވުނީ… އެބަ އުޅޭ ގޭގަ…" ހައިޝަމް ޖަވާބު ދިނެވެ.

"ހައިޝަމް… ކިހިނެއް؟" ޒައުލް ހައިޝަމްއަށް ބަލައިލިއެވެ.

"ٱلْحَمْدُ لِلَّٰهِ . ރަނގަޅު. ދެން އުޅޭ އަވަހަށް އޮފީހާ ހަވާލުވާން… މިހާރު ކޮން ދުވަހެއް؟" ހައިޝަމް ސަމާސާ ރާގަކަށް ބުނުމާއެކު ޒައުލްއަށް ލުއިކޮށް ހީނލެވުނެވެ. އެމީހުން ވާހަކައިގައި ތިއްބާ ޑްރައިވަރު އައިސް ފޮށިތައް ކާރަށް އަރުވައިދިނުމާއެކު، ހަތަރު މީހުންވެސް ކާރަށް އެެރިއެވެ.

*****

ރާއްޖެ އައުމަށްފަހު ޒައުލް ލަސްނުކޮށް އޮފީހުގެ މަސައްކަތްތަކާ ހަވާލުވިއެވެ.

އާދައިގެ މަތީން ދުވަހެކެވެ. އޮފީސް ނިންމާލާފައި ޒައުލް އައި އިރު ޙަޔާ އުޅުނީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑުގައި ހުރި ފޮތްތައް، ތަރުތީބު ކުރާށެވެ. ޒައުލް އެ ދިޔަ ގޮތަށް ގޮސް ޙަޔާގެ ފަހަތުން ބައްދައިލުމާއެކު އޭނާ ސިހޭ ގޮތްވިއެވެ.

"ޙަޔާ…" ޒައުލްގެ އަޑުގައިވަނީ ލޯތްބާއި އޯގާތެރިކަމެވެ.

"ޒައުލް…. ކޮން އިރަކު އައީ؟" ޙަޔާއަށް ބުނެވުނެވެ.

"ކޮން ޚިޔާލަކަށް ގެއްލިފަ ހުރީމަތަ އަހަރެން އައިކަން ވެސް ނޭނގުނީ…" ޒައުލް އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.

"ޒައުލް ހަނދާންވޭތަ މި ފޮތް." ޙަޔާ އެނބުރިލަން އުޅުމުން ޒައުލް ދޫދިނެވެ. އެއަށްފަހު ޙަޔާގެ ނަން ޖަހާފައި އޮތް ފިޔާތޮށި ކުލައިގެ ނޯޓު ފޮތަށް އޭނާ ބަލައިލިއެވެ. އެއީ އޭނާއަށް އެންމެ ފުރަތަމަ ލިބުނު ޙަޔާގެ ނޯޓު ފޮތެވެ. އެއާއެކު ޒައުލްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ފޮތް އޭނާއަށް ވަރަށް ޚާއްސައެވެ. އެ ފޮތް މަތިން އޭނާ ހަނދާން ނައްތާލާނީ ކިިހިނަކުން ހެއްޔެވެ؟

"އިނގޭތަ؟ މީ އަސްލު އަހަރެން ކުރީގަ ކޮލެޖުގަ އުޅުނުއިރު ކިޔަވަން ވެގެން ނޯޓްސްތައް ހަދަން ގެންގުޅުނު ފޮތް. ދެން އޭރު އެސައިންމަންޓަށް މައުލޫމާތު އެއްކުރާއިރުވެސް ވަރަށް ގިނަ ދީނީ ދަރުސްތަކާ އެއްޗެހި ބަލަން. އެގޮތަށް ނޯޓްކުރި މައުލޫމާތުތަކާ ނޯޓް ތައް މީ.. ޕްލަސް ކިޔަވަދިންއިރު، ބުނދޭން ފެސޭހައަކަށް. ދީނުގެ ކަންތައްތައް ބުނެދޭއިރު، ވަރަށް ސާފުކޮށެެއްނު ކިޔައިދޭން ވާނީ." ޙަޔާ ބުނެލިއެވެ.

"އަހަންނަށް މި ފޮތުން ވަރަށް ފައިދާކުރި. " ޒައުލް ބުންޏެވެ. އަދި ޙަޔާއަށް އޭނާގެ އަތުގެ ހިމާޔަތް ދިނެވެ. ޒައުލްގެ ކޮންމެ އަމަލެއްގައިވަނީ އޯގާތެރިކަމާއި ލޯތްބެވެ. އޭނާ ޙަޔާ ދެކެ ލޯބިވާ މިންވަރު އެފަދަ ކުދި ކުދި އަމަލުތަކުން އެކަނިވެސް ދޭހަވެއެވެ. އެހެން ހުއްޓާ، ޒައުލްގެ އަތަށް ނަޒަރު ހުއްޓުމާއެކު ޙަޔާ އެ އަތުގައި ފިރުމައިލިއެވެ.

"އަތަށް ތަދުވޭތަ؟" ޙަޔާ ސުވާލުކޮށްލަމުން ޒައުލްގެ އަތަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މީގެ ކުރިން ޒައުލްގެ އަތުގައި ކުރަހާފައިވާ ޓެޓޫ މިހާރުވަނީ އެކީ ފުހެވިފައެވެ.

"ނޫން. ނުވޭ." ޒައުލް ބުނެލިއެވެ.

"ތަދުވި ދޯ އަސްލު ފުހެލިއިރު." ޙަޔާ ބުނެލިއެވެ.

"ހޫމް. ދެން ކޮންމެވެސް ވަރަކަށް. އެކަމަކު ޙަޔާ އެ ޙާލުގައި އޮތްތަން ފެނި ހިތަށް ތަދުވި ވަރަކަށް ނުވި. އޭގައި އަސްލު ވަރަށް ގޯސް އެއްޗެއް ކުރެހިފަ އިނީމަ ފުހެލަން ބޭނުންވީ." ޒައުލް ބުނެލިއެވެ. އެއާއެކު ޙަޔާއަށް ހީނލެވުނެވެ.

"ޒައުލް އަސްލުވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ ދޯ." ޙަޔާއަށް ބުނެވުނެވެ.

"ޝައްކުވަނީތަ؟" ޒައުލް އެއްމިޔަކަށް ހީނލަމުން ސުވާލުކޮށްލިއެވެ.

"އުހުމް ދެން ބުނަބަ. އަހަރެން ހަމަ ޒައުލް އެހެން ބުނާ އަޑު އަހާހިތް ވަނީއޭ." ޙަޔާ ބުނެލިއެވެ.

ޒައުލް "ހޫމް" އެއް ލައްވައިލިއެވެ. އޭނާ ހުރީ ސަމާސާ މޫޑެއްގައެވެ. އެކަމުން ޙަޔާ ތުންކޮޅު އޫކޮށްލިއެވެ.

"ދެން ޒައުލް……" އޭނާ ޒައުލްގެ ނަން ދަމާލާފައި ކިޔައިލުމުން ޒައުލްގެ ހިނިތުންވުން ފުޅާވިއެވެ.

" ބުނެބަ…."ޙަޔާ އަނެއްކާވެސް ވެސް ތުއިވެލިއެވެ. އޭނާ ބޭނުންވާ ވާހަކަ ޒައުލް ލައްވާ ބުނުވާފައި ނޫނީ ހުއްޓާނުލާނެކަން އެނގުމުން ޒައުލް ހަތިޔާރު ބަހައްޓާ އަމާން ދިނެވެ.

"ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ….. ހެޕީ؟" ޒައުލް ބުނެލިއެވެ.

"ހޫމް. ވެރީ…" ޙަޔާ ބުނެލިއެވެ.

"ޙަޔާއަށް އެނގޭތަ އަހަރެން ކީއްވެގެންކަން އެންމެ ފުރަތަމަ ޙަޔާއަށް ޝައުޤުވެރިވީ؟......... ކެންސަރު ޖެހި، އެހާ ޙާލުގަ އުޅެމުންވެސް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލީމަ. ދުވަހަކުވެސް މާޔޫސްވެ ޝަކުވާކުރާ އަޑު އަހަންނަށް ނީވޭތީ. ހެއްދެވި ފަރާތަށް އިތުބާރުކޮށް ވަކީލުކުރަމުން ދިޔައީތީ. އަދި އޭގެ ފަހުން ޙަޔާގެ ދީންވެރިކަން ފެނި. އެހާ ބޮޑުކަމެއްގެ ތެރޭގަ އުޅެމުންވެސް އެހާ ހަމަޖެހިލާފައި ހުރި ހުރުން އަހަންނަށް އުނދަގޫކުރަން ފެށީ. އަހަރެންނަށް ހުރިހާ އެއްޗެއް ލިބެމެ، ފުރިހަމަ ސިއްޙަތަކާއި، ފައިސާއާއި މުދަލާ، ބޭނުން ހުރިހާ އެއްޗެއް ލިބިހުރެ އަހަރެންގެ ހިތަށް ހަަމަޖެހުމެއް ނުލިބޭތީ އެކަމާވެސް ހައިރާންވި. އޭގެ ޖަވާބު އަހަންނަށް ލިބުނީ ފަހުން. ހެޔޮ މަގު ފެނުނީމަ، އެ މަގަށް ރުޖޫޢަ ވެވުނީމަ ދެން އިނގިއްޖެ އަހަންނަށް އޭރު ހަމަޖެހުން ނުލިބުނީ ކީއްވެގެންކަން." ޒައުލް ގެ ވާހަކަތައް އަޑު އަހަން ޙަޔާ ހުރީ ޝައުޤުވެރިކަމާ އެކުގައެވެ.

"ޙަޔާއަށް އެހެން ވީ ދުވަހުވެސް ފުރަތަމަ އަހަރެން ހިތަށް އެރީ ކީއްވެބާއޭ އަހަންނަށް އަބަދު މިހެން މިވަނީ؟ އަހަރެން ލޯބިވާ އެންމެން އަހަރެން ދޫކޮށްފަ ދަނީއޭ. އެކަމަކު އެހެން ހިތަށް އަރާފަ ދެން ހިތަށް އެރީ މިއީވެސް އަހަންނާ ކުރިމަތި ކުރެއްވި އިމްތިޙާނެކޭ. މި އިމްތިޙާނުން ފާސްވާން ޖެހޭނެޔޭ. ކުރީގެ ޒައުލްއަށް ވާކަށް އަހަރެން ބޭނުމެއް ނުވި. އެ ފުރުސަތު އަމިއްލަ ނަފްސަށް ދޭކަށްވެސް... ދުޢާ ކުރުންމަތީގައި އަހަރެން ދެމިހުރީ، ޙަޔާއަށް ފުރިހަމަ ސިއްޙަތެއް ދެއްވުން އެދި.... އަދި ކޮންމެ ގޮތަކަށް ކަންތައްވީކަމަށް ވިޔަސް އަހަންނަށް ސާބިތުކަން ދެއްވުމަށް. ޙަޔާގެ މަންމަމެން ނިޔާވީ އަހަރެންގެ މަންމަމެން ނިޔާވި އެކްސިޑެންޓުގައިކަމަށް އިންޑިޔާގައި ހުރެފައި ޙަޔާ ބުނި ދުވަހު ވަރަށް ހައިރާންވި. އަހަރެން ހިތަށް އެރީ ޙަޔާ ހާދަ ކެތްތެރިއޭ… އަހަރެމެން ދެމީހުންނަށް ކުރިމަތިވީ އެއް ހިތާމައެއް. އެކަމަކު ދެމީހުން އެކަމާ ކުރިމަތިލީ ގޮތް ތަފާތުވީ… " ޒައުލް ބުނެލިއެވެ. އޭރު އެ އަޑުގައި ހިތާމައިގެ އަސަރުވެއެވެ. ޙަޔާ ޒައުލްގެ އަތަށް ބާރުކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

"ދެން އެކަމާ ނުވިސްނާ،. ޒައުލް ތައުބާވީމެއްނު. ދުޢާ އަކީ އަހަރެމެންގެ އަތުގައިވާ އެންމެ ބާރު ގަދަ ހަތިޔާރު. ކެތްތެރިވެ ދުޢާކުރުންމަތީ ދެމި ހުންނަ މީހުންނަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމުގެ ސަވާބާއި ދަރުމަ އާޚިރުގައިވެސް ދެއްވަވާނެ. ނަމާދުކޮށް ދުޢާކުރުމުން ހިތަށް ލިބޭ ހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެ." ޙަޔާ ބުނެލިއެވެ.

"ޙަޔާ ތީ އަހަންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެއް. ވީއިރު އަހަރެން ޙަޔާ ދެކެ ލޯބިނުވާންވީ ކީއްވެގެން؟" ޒައުލް ޙަޔާގެ ކޯތާފަތުގައި ފިރުމައިލިއެވެ.

"ޒައުލްއަށް އެނގޭތަ؟ އަހަންނަކަށް ވެސް ނޭނގެ ކިހިނެއް ކޮން އިރަކު ކަމެއް ޒައުލްއާ މެދު އެހާ ފުން އިޙްސާސްތަކެއް މި ހިތުގައި އުފެދުނީ… އަހަރެންގެ ހިތުން ޖާގައެއް ޒައުލް ކަށަވަރުކުރީ ޚުދު އަހަންނަށްވެސް ނޭނގި. މިހާރު އަހަރެންވެސް، ޒައުލް ދެކެ ހަމަ އެހާވަރަށް ލޯބިވޭ.. އޯ މޭބީ… އައި ލަވް ޔޫ މޯރ…" ޙަޔާ ބުމަ އަރުވައިލަމުން ބުނެލިއެވެ.

"އެހެންތަ؟" ޒައުލް ބުނެެލިއެވެ.

"ޔެސް…." ޙަޔާ އަނެއްކާވެސް ބުނެލިއެވެ. އެއާއެކު ޒައުލް ޙަޔާ ގާތްކޮށްލުމާއެކު ލާނެތް ސަކަރާތެއް ޖަހައިލުމާއެކު ޙަޔާގެ ލުއި ހުނުމެއް ކޮޓަރިތެރެއަށް ފޭދިގެން ދިޔައެވެ.

*** 10 އަހަރު ފަސް ***

ގެއަށް އައިސް ވަތް ޙަޔާ ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ އަމަލުތަކުން އެނގުނެވެ. ފައިވާން ހަރުގަނޑަށް ލުމާއެކު، ފަސް ބަލައިލުމެއްވެސް ނެތި އޭނާ ދިޔައީ ބަދިގެއާ ދިމާލަށެވެ. ސޯފާގައި އިން ޒަމީރު ސުވާލުގެ ނަޒަރުން ބަލަން އިންދާ އޭނާއަށް ދެން ފެނުނީ، ޙަޔާގެ ފަހަތުން ގެއަށް ވަދެގެން އައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާއެވެ. އެ މޫނުމައްޗަށް ބަލައިލަމުން އޭނާ ވެސް އެ ހުރީ ކުޑަކޮށް ހާސްވެފައިކަން އެނގުނެވެ. ބޫޓު ހަރުގަނޑަށްލަމުން އައިސް ސޯފާގައި އިށީނުމާއެކު ޒަމީރު އެ ކުއްޖާއަށް ބަލައިލިއެވެ.

"މަންމަ ކީއްވެ ހިތްހަމަ ނުޖެހިފަ އެ ހުރީ؟" ޒަމީރު ސުވާލުކޮށްލީ އޭނާގެ ކާފަ ދަރިފުޅު، އަދި ޙަޔާއާއި ޒައުލްގެ ދަރިފުޅު އާމާލްއާއެވެ.

"ނޭނގެ." އިސްޖަހާލަމުން އާމާލް އެހެން ބުނެލީ ޒަމީރަށް ކިރިޔާ އަޑު އިވޭވަރަށެވެ. ތެދު ހާމަކުރަން އޭނާއަށް ނުކެރުނީއެވެ. މަންމަ އެއްޗެއް ނުބުނި ނަމަވެސް އެ ހުރީ ވަރަށް ހިތްހަމަނުޖެހި، ދެރަވެފައިކަން އޭނާއަށް އެނގޭތީއެވެ.

ބަދިގެއަށް ވަދެ ފެންތައްޓެއް އެއްނޭވާއިން ދަމައިލުމަށްފަހު، ސިޓުން ރޫމަށް ނުކުތް ޙަޔާ ގަޑިއަށް ބަލައިލީ ޒައުލް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ޒައުލްވެސް އޮފީސް ނިންމާލާފައި އެބަ އަންނަމޭ ބުނެފައި ވާތީއެވެ. އާމާލް ކަންތައްކުރި ގޮތުން ހަޤީގަތުގައި ހިތްހަމަ ނުޖެހުމަށްވުރެވެސް ބޮޑަށް ޙަޔާ ދެރަވީއެވެ. އާމާލްއާ ދިމާލަށް އިތުރު އެއްޗެއް ނުބުނެވުނީވެސް އެހެންވެގެންނެވެ. އޭނާގެ ތަރުބިއްޔަތަށް އިނގިލި ދިއްކުރެވޭނެ ފަދަ ސިފައެއް އާމާލްގެ ފަރާތުން ފެނިފައިވާތީއެވެ.

ޙަޔާގެ އަމަލުތަކަށް ފަރުވާތެރިކަމާއެކު، ބަލަން އިން އާމާލް ގުޑިލަންވެސް ނުކެރިފައި ސޯފާގައި އިންއިރު ދެން ކަންތައް ވާނެ ގޮތަކާ މެދު ވިސްނަމުން ދިޔަކަން އެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަވަމުން ދިޔައެވެ.

މާގިނައިރު ޒައުލްއަށް އިންތިޒާރުކުރާކަށް ޙަޔާއަކަށް ނުޖެހުނެވެ. ޒައުލް ގެއަށް އަތުވެއްޖެއެވެ. އޭރު ޒަމީރުވެސް ޙަޔާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިންއިރު އިރުއިރުކޮޅަކުން އާމާލްއަށް ބަލައިލައެވެ. އާމާލް ކުށެއް ކުރިކަން އެނގުނެއް ކަމަކު، ޙަޔާ އެ ވާހަކަ ބުނަން ދެން އޭނާ މަޑުކުރިއެވެ.

"ކިހިނެއްވީ ޙަޔާ؟" ޙަޔާ ހުރި ގޮތުން ކޮންމެވެސް ކަމެއް އޭނާއަށް ވެއްޖެކަން އެނގުނު ޒައުލްގެ ލޮލުގައި ދެން އަޅައިގަތީ، ސޯފާގައި އިސްޖެހިފައި އިން އާމާލްއެވެ. "ދަރިފުޅާ. ކިހިނެއްވީ؟"

"ޒައުލް! އާމާލްގެ ކަންތައް މިހާރު މާ މައްޗަށް ދަނީ. ކުރިން ދުވަހު ޓީޗަރު ބުނީ، ކުދިންތަކަކާ އެއްބައިވެގެން ކްލާހުގައި ސަކަރާތްޖެހި ވާހަކަ. މިއަދު މި އިނގުނީ ކްލާހުގައި އިންނަ ކުއްޖަކަށް ބުލީ ކުރިކަން. ނަސްމާގެ ދަރިފުޅު އެނގެއެއްނު. ކީމޯއަށްފަހު ވަރަށް ބަލިކޮށް އުޅެނީ. ބޮލުގަ ބީނީ ކެޕްއެއް އަޅައިގެން ސްކޫލަށް ދަނީވެސް. އެ ކުއްޖާ ފަކީރުގެ ބޮލުގަ އިސްތައްޓެއް ނެތޭ ކިޔާފަ ކްލާހުގަ ތިބޭ ކުދިން ތަކަކާ އެއްބައިވެގެން އެ ކެޕް ނަގާފަ، އާމާލްވެސް ބުލީ ކުރީ…" ޙަޔާގެ ވާހަކަތަށް އަޑުއަހަން ހުރި ޒައުލްއަށް ވެސް ހިތްހަމަނުޖެހިފައި އާމާލްއާ ދިމާލަށް ބަލައިލެވުނެވެ. އާމާލްގެ ފަރާތުން އެފުނީ އޭނާ އުންމީދުކުރި ފަދަ އަމަލެއް ނޫނެވެ.

"ނަސްމާ ބުންޏޭ ސްކޫލަށް ނުފޮނުވަން އުޅުނީމަވެސް ދާހިތުން ނޭ ދަނީ. " ޙަޔާ އިތުރަށް ބުނެލިއެވެ.

"އެ ތެދެއްތަ އާމާލް؟" ޒައުލް އާމާލްއާ ކުރިމަތިލިއެވެ. އެ އަޑުގައިވި އަސަރުން ބައްޕަ އޭނާ ދެކެ ހިތްހަމަނުޖެހުނު ކަން އެނގި އޭނާ ކަންބޮޑުވެ ދެރަވާގޮތްވިއެވެ. އާމާލް އެއްޗެއް ނުބުނުމުން ޒައުލް ހިމޭންކަން ޚިޔާރުކުރި ވަގުތު ޙަޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މިއަދު އިނާއާއި ޒީކްއާއެކު އާމާލްއަކަށް ޕާކަކަށް ނުދެވޭނެ." ޙަޔާ ބުނެލިއެވެ. އޭނާ ބޭނުންވީ އާމާލްއަށް އޭނާ ކުރި ކުށުގެ ބޮޑުކަން އަންގައިދޭށެވެ. ޒީކް އަކީ ނައުފާއާއި ހައިޝަމްގެ ތިން އަހަރަށް ދާ ދަރިފުޅެވެ.

"ޙަޔާ… އަހަރެން އާމާލްއާ ވާހަކަ ދައްކާނަން. އިނގޭ… އިންޝާ ﷲ ރަނގަޅުވާނެ." ޒައުލް ޙަޔާ ގޮވައިގެން ދުރަށް ޖެހިލިއެވެ. "އިނގޭ ލޯބީ… ޕްލީޒް…"

ޒައުލްއަށް ޙަޔާގެ ޙާލަތު އިޙްސާސްކުރެވޭތީ ބުނެލިއެވެ. ޙަޔާ އެ ވިސްނަނީ ކޮންކަމަކާ ކަންވެސް އޭނާއަށް އެނގުނެވެ. އެ މަންޒަރު ބަލަން އިން ޒަމީރު އާމާލް އެތަނުން ފޮނުވައިލިއެވެ.

"ދޭ ޔުނިފޯމް ބަދަލުކޮށްލައިގެން، ކާން އަންނަން. " އޭނާ ބުނެލިއެވެ. އާމާލް ދިޔުމުން ޒަމީރު ޙަޔާއާ ވާހަކަ ދެއްކިއެވެ.

"މަޑުމަޑުން އާމާލްއަށް ވިސްނައިދިނުން ރަނގަޅުވާނީ… އާމާލްއަކީ ގޯސް ކުއްޖެއް ނޫން. ބަސްނާހާ ކުއްޖެއްވެސް ނޫން. ރައްޓެހިންގެ ބަހަށް ހެއްލި ބައެއް ފަހަރު އެކަހަލަ ކަންތައް ކުރެވުނަސް ވިސްނައިދިނީމަ އަމިއްލަ ކުށްވެސް އިޙްސާސްކުރެވޭނެ. އިންޝާ ﷲ. " ޒަމީރު ޙަޔާއަށް ބަލައިލިއެވެ.

"ޙަޔާ… ބައްޕަ އެބުނީ ތެދެއް. އަހަރެން މިއަދު އާމާލް ގޮވައިގެން ބޭރަށް ދާނަން. ގޮސް ވާހަކަ ދައްކާނަން. އަހަންނަށް ހީވަނީ ކަންތައްކުރެވުނު ގޮތުން އާމާލްވެސް އެހުރީ ވަރަށް ދެރަވެފައިހެން." ޒައުލް އެހެން ބުނެލާފައި ޙަޔާގެ އަތުގައި ހިފައްޓައިލަމުން އެ އަތަށް ބާރުކޮށްލުމުން ޙަޔާ ހިނިތުންވާން މަސައްކަތްކުރިއެވެ.

އެ ދުވަހު ހަވީރު ޒައުލް އާމާލް ގޮވައިގެން ކާރު ދުއްވާލަން ގޮސްފައި އެ ވާހަކަ ދެއްކުމުން އާމާލް ބުނީ އެއީ އޭނާގެ ކްލާސްކުދިން ބުނެގެން ކުރި ކަމެއް ކަމުގައެވެ.

"އެކަމަކު ކްލާސް ކުދިން ބުންޏަސް އާމާލް ނުވާނެއެއްނު އެގޮތަށް ކަންތައްކުރާކަށް. މާޝާ ކިހާ ދެރަވާނެ. " އެހެން ބުނެލާފައި ޒައުލް ނަސޭހަތްތެރިވީ އެފަދަ ކަންތައްތައް ކުރުވާ ނުވަތަ އެމީހުންނާއެކު އެއްބައިވާން ބުނާ އެކުވެރިންނާ ދުރުގައި އުޅުމެވެ. ކައިރީގައި އުޅޭ އެކުވެރިންގެ ފަރާތުން މީހާއަށް އަންނަ ބަދަލުތައް އެންމެ ގާތުން ތަކުރިބާކުރެވުނު އެކަކަށް އޭނާ ވާނެއެވެ. ކެންސަރުގެ އެ ވޭންދެނިވި ބައްޔާ ޙަޔާ ކުރިމަތިލި ވާހަކަތައް ޒައުލް ކިޔައިދިން ހިނދު އާމާލްގެ ދެލޮލުން ކަރުނަ ފާއްދައިލިއެވެ. ޒައުލް އާމާލްއަށް އެކި ގޮތްގޮތުން ނަސޭހަތްތެރިވުމުން، އާމާލްއަށް ވިސްނުމާއެކު، އޭނާ މާޝާ ގާތަށް ގޮސް ވަގުތުން މާފަށް އެދެން ބޭނުންވިއެވެ.

އެކަމުން ޒައުލްގެ ހިތަށް ފިނިކަން ލިބި ހިނިތުންވެވުނެވެ. އޭނާއާ ޙަޔާގެ ދަރިފުޅު އާމާލްއަކީ ގޮތް ދޫނުކުރާ ކުއްޖެއް ނޫނެވެ. އަދި ބައްޕަ ބުނިހެން ބަސްނާހާ ކުއްޖެއް ވެސް ނޫނެވެ. ބައެއްފަހަރު ކުށް ކުރެވުނު ނަމަވެސް ވިސްނައިދިނުމުން ގޮތް ދޫކުރުމުގެ ރީތި ސިފަ އާމާލްގެ ގައިގައި ހުރެއެވެ.

މާ ބޮނޑިއެއް ހިފައިގެން އާމާލް މާޝާ ކައިރިއަށް ގޮސް މާފަށް އެދިފައި ގެއަށް ދިޔައިރު ޙަޔާ އިނީ ސޯފާގައެވެ. އާމާލް ގޮސް ޙަޔާގެ ގާތުގައި އިށީނުމުން އޭނާ ޒައުލްއަށް އަވަސް ނަޒަރެއް ދިނެވެ. ޒައުލް ބޯ ޖަހައިލީ ހުރިހާކަމެއްވެސް ރަނގަޅޭ ބުނަމުންނެވެ. ޙަޔާ އާމާލްގެ ގައިގައި ބައްދައިލުމާއެކު އާމާލް އޭނާ ކަންތައްކުރި ގޮތްވެސް ބުނެލިއެވެ.

"ރުޅިއެއް ނާންނަން ދޯ މިހާރު." އާމާލް ޔަޤީން ކުރަން ބޭނުންވިއެވެ. ޙަޔާ ބޯ ޖަހައިލަމުން އާމާލް ލައްވާ ވަޢުދުކުރުވީ ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށެވެ.

އިރުކޮޅަކު ޙަޔާގެ ކައިރީގައި އިނދެފައި، އާމާލް ފިލާވަޅު ހަދާށޭ ކިޔާފައި ދިޔުމުން ޙަޔާ ޒައުލްއަށް ޝުކުރު އަދާކުރިއެވެ. ސޯފާގައި އިށީން ޒައުލްގެ ކޮނޑުގައި އޭނާ ބޯ އަޅައިލިއެވެ.

"އާމާލްއަށް ވިސްނޭނެޔޭ އަހަރެން ބުނީމެއްނު. " ޒައުލް ޙަޔާގެ އަތުގައި ހިފައްޓާލާ އެއަތަށް ބާރުކޮށްލިއެވެ.

"ތެންކިއު ޒައުލް. އެގޮތަށް އާމާލް ކަންތައްކުރީމަ އަހަރެން ވަރަށް ދެރަވި. ހިތަށް އެރި އަހަރެންގެ ތަރުބިއްޔަތުގައި ކޮން ކަމެއް އުނިވީބާއޭ؟" ޙަޔާއަށް ބުނެވުނެވެ.

"ޙަޔާގެ ތަރުބިއްޔަތުގައި ކަމެއް އުނިވީއެއް ނޫނޭ… އަހަރެމެން ދެމީހުން ވެސް މަސައްކަތް މިކުރަނީ ވީ އެންމެ ރަނގަޅަކަށް އެ ދަރިފުޅު ތަރުބިއްޔަތު ކުރާކަށްނު… ދެން އެކަމާ ނުވިސްނާ. އަހަރެން ދަންނަ ޙަޔާއަކީ އެހާ އަވަހަށް މާޔޫސްވާ މީހެއް ނޫން…." ޒައުލް އެ އަތަށް ބާރުކޮށްލުމުން ޙަޔާ ހިނިތުންވެލިއެވެ. މިއަދު އެ ދެމީހުންނަކީ އުފާވެރި ދެމަފިރިންނެވެ. އަބަދުމެ ކުރެވޭ ދުޢާއަކީ އަބަދުވެސް އެ ކައިވެނީގައި ބަރަކާތްލައްވާ، ދުނިޔޭގެ އިތުރުން ޖަންނަތުގައިވެސް އެކުގައި ލެއްވުމެވެ. އެމީހުންނެކޭ އެއްގޮތަށް އެމީހުންގެ ދަރިފުޅަކީވެސް، އިސްލާމްދީނަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައި ހުރެ ބޮޑުވަމުން ދިޔުމެވެ. މަސައްކަތް ކުރެވެނީ، ޒަމާނީ ފިކުރުތަކޭ މިކިޔާ އިސްލާމް ދީނާ ދުރު ފިކުރުތަކުން ސަލާމަތްކޮށް، ހެޔޮގޮތުގައި އާމާލް ބޮޑުކުރުމަށެވެ. މިފަދަ ޒަމާނެއްގައި އެއީ ފަސޭހަކަމަކަށް ނުވިނަމަވެސް، އެ ދެމީހުންގެ ހަޔާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި، ވީ އެންމެ ހެޔޮ ގޮތުގައި އެ ދަރިފުޅު ތަރުބިއްޔަތު ކުރުމެވެ.

(ނިމުނީ)

ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބުރަތްތެރި، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު