ނަމާދުކޮށް ނިމިގެން މުސައްލަ ނަގާފައި ކަބަޑުމަތީގައި ބާއްވާލަމުން ރާމިޒާ މައުވާއާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ރޫމުގެ ދޮރު ހުޅުވައިލިއެވެ.
މައުވާ ހީކުރީ އަފްނާންކަމަށެވެ. އެއާއެކު އޭނާގެ ހިތުގެ ތެޅުންވެސް ބާރުވެލިއެވެ. އެހިތުގެ ވިންދަށް އައި ބަދަލުތަކުން އެކަނިވެސް، ޚުދު އޭނާވެސް އަފްނާން ދެކެން ކެތްމަދުވެފައިވާކަން އެހިނދު މައުވާއަށް ފަހުމްވިއެވެ. އެެހެންނަމަވެސް މާޔޫސްވީ އެއީ އަފްނާންއަށް ނުވީތީއެވެ.
އެތެރެއަށް ވަނީ ޒުލްފާއާއި ޖާވިދެވެ. އެމީހުންގެ ފަހަތުން އެމީހުންގެ އަންހެން ދަރިފުޅު ވަފާވެސް އެތެރެއަށް ވަނެވެ. ވަފާގެ މޫނުމަތިން ފެންނަމުންދިޔަ ފޫހިވެފައި ހުރިފަދަ އަސަރުތަކުން އޭނާ އެ އައީ ކޮންމެހެން އަންނަން ބޭނުންވެގެން ނޫންކަން ދެނެގަނެވެއެވެ. މައުވާމެން ފެނުމުންވެސް އެ މޫނުމަތީގައިވި ހިތްހަމަނުޖެހުމުގެ އަސަރުތަކެއް ވަންހަނާއެއް ނުކުރެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާ އެ އައީ ޖާވިދު މަޖުބޫރުކޮށްގެން ވިއްޔާއެވެ.
ރާމިޒާ ޖާވިދަށް ގޮވާލުމާއެކު ޖާވިދު ހިނިތުންވެލި ނަމަވެސް، ޒުލްފާ ހުރީ ތުންދަމާފައެވެ. ރާމިޒާގެ އިތުރުން މައުވާއަށް ވެސް އެކަން ފާހަގަވިއެވެ. އެއާއެކު އޭނާއަށް ރާމިޒާއަށް ބަލައިލެވުނެވެ. އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އަސަރުތައް މާނަކުރާނެގޮތެއް މައުވާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އެވަގުތު އޭނާ ހިމޭންކަން އިޚްތިޔާރުކުރީ އިތުރު ގޮތެއް ނެތުމުންނެވެ. ޒުލްފާގެ އިތުރުން ވަފާވެސް އެއްޗެއް ނުބުނެއެވެ. ވަފާ މައުވާއަށް އަވަސް ނަޒަރެެއްދީފައި ތުން ފިއްތާލާފައި ފޯނަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު ތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ. އެކަކުވެސް އެއްޗެއް ނުބުނުމުން އެކަމާ އެންމެ ކަންބޮޑުވީ ޖާވިދެވެ. އޭނާ މަސައްކަތްކުރީ ތަނަށް ފެތުރިގެން ދިޔަ ނުތަނަވަސްކަމާއެކު، އެ ހާސްކަން ފޮރުވޭތޯއެވެ.
"ރާމިޒާ!.... " ޖާވިދު ރާމިޒާއަށް ގޮވައިލިއެވެ. އަދި އޭނާ ޒުލްފާއާއި ވަފާއަށްވެސް އަވަސް ނަޒަރެއް ދިނެވެ. އެ ނަޒަރުން ރާމިޒާއާ މައުވާއާ ދެމީހުންނާ ވާހަކަ ދައްކާށޭ ބުނާފަދައެވެ. ޒުލްފާ ދެބުމަ ކުޑަކޮށް ގޮށް ޖަހައިލިތަން ފެނި ޖާވިދު ލޯ އަޅައިލިއެވެ. އެއާއެކު ޒުލްފާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޖާވިދު ބުންޏެއްކަމަކު ރާމިޒާއާ ވާހަކަ ދެއްކުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ރާމިޒާއަކީ އޭނާ ގަޔާވާ މީހެއް ނޫނެވެ. އޭނާއަށް ވެގެން ވާނަމަ އެގެއިންވެސް މިހާރު ނެރެލީހެވެ.
ޒުލްފާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކާއިި، ތުން އަނބުރައިލި މަންޒަރުވެސް ރާމިޒާއަށް ފެނުނެވެ. ރާމިޒާ ގަދަކަމުން ހިނިތުންވެލި ނަމަވެސް އޭނާގެ ހިތަށް ތަދުވިއެވެ.
"މައުވާ… ކިހިނެއް މިހާރު؟" ޖާވިދު އޯގާތެރިކަމާއެކު، ސުވާލުކޮށްލަމުން ޒުލްފާއަށް ބަލައިލިއެވެ. އެ ބެލުމުގައި މިފަހަރު ވަނީ އިންޒާރެކެވެ.
"އެ ތެދެއް؟ މައުވާ ރަނގަޅުތަ މިހާރު؟" އެންމެ ފަހުން، ޒުލްފާ ވާހަކަ ދެއްކީ މަޖުބޫރުވެގެންނެވެ.
"ރަނގަޅު. ٱلْحَمْدُ لِلَّٰهِ. ބޮޑު ދޮންބެ ކިހިނެއް؟" މައުވާ ހިނިތުންވެލިއެވެ. "ޒުލްފާއްތައާއި ވަފާ ރަނގަޅުތަ؟ ކޮބާ ޔުމްނު؟"
"ޔުމްނު ވީ ރާއްޖޭން ބޭރުގަ. އިން އޮސްޓްރޭލިޔާ. ޝީޒް ސްޓަޑީން ދެއަރ" ވަފާ ފަޚުރުވެރިވެލާފައި ބުނެލިއެވެ. މައުވާވެސް ރާއްޖޭން ބޭރަށް މަތީ ތަޢުލީމް ހާސިލްކުރަން ދާން ވަރަށް ބޭނުންވެގެން އުޅުނެވެ. އެހެންނަމަވެސް އޭރު ވަސީމްމެންގެ މާލީ ޙާލަތު ހުރި ގޮތުން ދެވޭ ގޮތްނުވީއެވެ. އެހެންކަމުން އޭނާވެސް އިންތިޒާރުކުރީ ސްކޮލަޝިޕްއެއް ލިބޭނެ އިރަކަށެވެ. އެމީހުން ހީކުރީވެސް މައުވާ އެހާ ކިޔަވަން މޮޅުވުމުން، އެންމެ ފުރަތަމަ ސްކޮލަޝިޕްއެއް ލިބިގެން ބޭރަށް ދާނީ މައުވާކަމަށެވެ. އެހެންނަމަވެސް ކަންތައް ދިމާވި ގޮތުން މައުވާއަށް ދެވޭގޮތްނުވީއެވެ.
މައުވާ ޔުމްނުއަށްޓަކާ އުފާކުރިނަމަވެސް، އޭނާގެ ހިތުގައި ރިއްސައިލިއެވެ. އެއީ އޭނާގެވެސް ނުހަނު ބޮޑު އުންމީދެކެވެ. ޑިގްރީއަށްފަހު މާސްޓާރސް އަދި ޕީއެޗްޑީވެސް އޭނާ ހަދަން ބޭނުންވަނީ ރާއްޖޭން ބޭރުންނެވެ. ޑިގްރީއަށް ކިޔެވިއިރު، އެހާ ވަރަށް ކިޔެވުމަށް މަސައްކަތްކުރީވެސް ޔުނިވާސިޓީގެ ފަރާތުން ކޮންމެ އަހަރަކު ބޭނުން ޤައުމަކަށް ގޮސް ކިޔެވުމަށްޓަކާ ދޭ ސްކޮލަޝިޕް ހޯދުމަށްޓަކައެވެ. އެހެންނަމަވެސް، އޭނާގެ އެ އުންމީދުވެސް ފުރިހަމަ ވާގޮތެއް ނުވިއެވެ. ޙަޔާތުން ގެއްލުނު ދުވަސްތަކުގެ ގިނަކަމާއި މުހިންމުކަން އެހިނދު އިޙްސާސްކުރެވުނު ހިނދު އޭނާއަށް ލޯ މަރައިލެވުނެވެ. މި ހާދިިސާ ދިމާނުވިނަމަ މިހާރު އޭނާވެސް ކިޔަވަމުން ދާނީ މާސްޓާރސްއަށެވެ. އެހެންނަމަވެސް އަނެއްކާވެސް އޭނާ ޖެހޭނީ ޑިގްރީއާ ހިސާބުން އަލުން ބަލުން ފަށަންކަން ހިތަށް އެރުމާއެކު މޭގައި ތޫނު ރިހުމެއް އުފެދިގެން އައެވެ. ދެލޯ ފެންކަޅިވެ މާޔޫސްވިއެވެ.
"އަހަރެމެން ހީކުރީ ފެެމެލީއިން މައުވާކަމަށް އެންމެ ފުރަތަމަ ކިޔަވަން ދާނީ. އެކަމަކު މައުވާ އެކްސިޑެންޓަށްފަހު ކޯމާއަކަށް ދިޔައީ. ޕުއަރ ޔޫ. އައި ފީލް ސޯ ސޭޑް ފޯ ޔޫ. އަލުން އަނެއްކާ ފަށަން ދޯ ޖެހޭނީވެސް." ވަފާ އެހެން ބުނެލީ ފާޑަކަށް ދެރަވެފައިނަމަވެސް އެ ޖުމްލަތަކުގެ ފަހަތުގައިވަނީ މަލާމާތްކަން މައުވާއަށް ވެސް އެނގުނެވެ. އޭނާގެ އިޙްސާސްތަކަށް ޤަދަރުކުރުމެއްނެތި ވަފާ އޭނާގެ ހިތުގައި ވިކައިގަތްފަދަ އިޙްސާސްއެއް އޭނާއަށް ކުރުވިއެވެ.
"ވަފާ… ދެން ކޮން ވާހަކައެއް ތި ދައްކަނީ؟" މައުވާއަށް ވީ ގޮތް ފެނި ޖާވިދު އަވަސް އަވަހަށް ވާހަކަ ދައްކަމުން ވަފާއަށް ލޯ އަލައިލިއެެވެ. އެއާއެކު ދެކޮނޑު އުފުއްލާލަމުން ވަފާވެސް ކިހިނެއްވީހޭ އަހާފަދަ އިޝާރާތެއް ކޮށްލިއެވެ. ބުނެވުނު ބަސްތަކުގެ ސަބަބުން މައުވާއަށް ކުރާނެ އަސަރާ މެދު އޭނާ ވިސްނައެއް ނުލިއެވެ.
"އިންޝާ ﷲ . އަދި މައުވާވެސް ކިޔަވާނެ." ޙާލަތު ހަމައަކަށް އަޅުވަމުން، ޖާވިދު ވާހަކަ ދެއްކިއެވެ. އެއާއެކު މައުވާ ބޯ ޖަހައިލިއެވެ. އެ މަންޒަރު ފެނުނު ޒުލްފާއަށް އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ. އޭނާގެ އެތެރެ ހަށީގައި ކެކެން ފެށި ނަފްރަތުގެ ހޫނު، ދުލުން ވިހަ ގަދަ ބަސްތަކެއްގެ ސިފައިގައި ބޭރުކޮށްލެވުނެވެ.
"މިހާރު ދެން ކާކު މައުވާއަށް ވަކި ކިޔަވައިދޭނީ؟ ވަސީމްވެސް ދުނިޔެއަކު ނެތެއްނު." ޒުލްފާ ބުނެލީ މާލާމާތުގެ ރާގަކަށެވެ.
"ޒުލްފާ...." ދަމާލާފައި ޖާވިދު ޒުލްފާއަށް ގޮވައިލީ ނުރުހިފައެވެ.
"ކިހިނެއްވީ؟ އަނެއްކާ އެ ޚަރަދުވެސް ކުރާނީ ޖާވިދުތަ؟" ޒުލްފާ އޭނާގެ ވިހަ ގަދަ ބަސްތައް ދުލުން ބޭރުކޮށްލީ އަނެކާއަށް ލިބޭނެ ތަކުލީފަކަށް ބަލާފައެއް ނޫނެވެ. އެހެންނަމަވެސް އަމިއްލަ ހިތުގައި އުފެދުނު ރުޅިވެރިކަން ބޭރުކޮށްލަން ބޭނުންވެފައި ހުރީތީއެވެ. ފިރިމީހާ ރާމިޒާއާއި މައުވާއަށް ހަރަދުކުރާތީ އޭނާ ހުންނަނީ ރުޅި އައިސްގެން ގޮސް މޮޔަވާން ކައިރިވެފައެވެ. ޔުމްނުވެސް ބޭރުގައި ކިޔަވަން ހުންނައިރު އެހާ ހަރަދު ދެއެވެ. އެވަރު ނުވެގެން ޖާވިދު މިހާރުވެސް އެ ދަނީ ރާމިޒާއާ މައުވާއަށް ޚަރަދުކުރަމުންނެވެ. އެކަން އޭނާ ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟ ޖާވިދު ކައިރީގައި ރާމިޒާ ގާތު އެހެން ގޮތެއް ހޯދާށޭ ކިޔާތާވެސް އެތަކެއް ދުވަހެއް ވެއްޖެ ވިއްޔާއެވެ. ވީއިރު ރުޅި އައުމުގެ ހައްޤު އޭނާއަށް އެބަ އޮތެވެ.
"ޒުލްފާ… ކީކޭ ތިކިޔަނީ؟" ޖާވިދު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ކިހިނެއްވީ؟ ގޯސް އެއްޗެއްތަ އަހަންނަށް މި ބުނެވުނީ؟ މިހާރުވެސް ޖާވިދެއް ނޫންތަ އެމީހުންނަށް ތި ޚަރަދުކުރަނީ؟" ޒުލްފާ ހީވަނީ ރާމިޒާއަށް އޭނާގެ ހައިސިއްޔަތު ދައްކައިލަދޭން އުޅޭހެންނެވެ. ޖާވިދުގެ އަޑުގައިވި ހިތްހަމަނުޖެހުމުގެ އަސަރާއި އެ އަޑުގައިވި ނުރުހުންތެރިކަމާއެކުވެސް ޒުލްފާގެ ހިތަށް އެއްޗެއް އެރިހެނެއް ހިޔެއް ނުވެއެވެ. ހީވަނީ މިހުރިހާ ދުވަހު ހިތުގައި ވި ނަފްރަތު އެހިނދު އެކީ ބޭރުކޮށްލަން ބޭނުންވެފައި ވާހެންނެވެ.
ވަފާވެސް ހުރީ މޫނަށް ފޫހިވައްތަރެއް ޖައްސާލައިގެންނެވެ. އޭނާވެސް ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި ވަޒީފާއަށް ގޮސްގެން ލާރި ހޯދައެވެ. އަނެއްކޮޅުން ޔުމްނުއަށް ވެސް ފައިސާ ފޮނުވަން ޖެހެެއެވެ. ބައްޕަ ރާމިޒާމެންނަށް ޚަރަދުކުރަން ޖެހޭތީ އެމީހުން ބޭނުންކޮށްލަން އޮންނަ އެތިކޮޅު އޮންނަނީ މަދުވެފައެވެ. އެހެންކަމުން ކޮންމެ މަހަކުވެސް އޭނާގެ މުސާރައިން ބޮޑުބައި ގެއަށް ހޭދަކުރަން ޖެހެއެވެ. އޭނާއަށް ވެސް ބޭނުންވާ އެއްޗެއް ނުގަނެވެއެވެ. ރައްޓެހިންނާއެކު ބޭރަށް ގޮސް މީރު އެއްޗެއް ނުކެވެއެވެ. މުސާރަ ލިބޭއިރު އޮންނަނީ ހުސްވެފައެވެ. ވަފާ އެންމެ ރުޅި އަންނަނީ އެހެންވެގެންނެވެ.
ޒުލްފާގެ ބަސްތަކުން ރާމިޒާ އިސްޖަހައިލިއިރު މައުވާއަށް ވެސް ވާނުވާ ކޮންމެވެސް ވަރަކަށް ރޭކާލާން ފަށައިފިއެވެ. މަންމަގެ މޫނުމަތީގެ އަސަރުތަކުން ދޭހަކޮށްދެނީ އެ ފަދަ ބަސްތައް އޭނާ އަޑު އެ އެހީ އަދި އަލަށް ނޫންކަމެވެ. ހިތާމަޔާއި ހިތްދަތިކަމާއި ވޭނުން ފުރިގެންވީ އެ ނަޒަރު ބުނަމުން ދިޔައީ މިހާ ހިސާބަށް އޭނާ އައީ ވެސް އެ ބަސްތައް އަޑު އަހަމުން ކަމުގައެވެ. މައުވާގެ ހިތުގައިވެސް ރިއްސައިލިއެވެ. ބައްޕަ ނިޔާވުމަށްފަހު، މަންމަ އުޅެމުން ދިޔަ ޙާލަކީ އެއީ ހެއްޔެވެ؟ ބޮޑު ދޮންބެ މަންމައާއި އޭނާއަށް ޚަރަދުކުރާތީ ޒުލްފާއްތަ މަންމައާ ދިމާލަށް ކޮންމެ ފަހަރަކުވެސް ހަމަ އެހާ އެއްޗެހި ކިޔާހެއްޔެވެ؟ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް މައުވާ މަޑުޖެހުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހައިލިއިރު އެތެރެ ހަށީގައި އުފެދެން ފެށި ޖަޒުބާތުތަކެއްގެ ސަބަބުން އޭނާ ފެންކަޅިވާގޮތްވިއެވެ.
"ރާމިޒާ ބުނީމެއްނު މައުވާ ވަރަށް އަވަހަށް ދޫކޮށްލާނެ ވާހަކަ؟ ޑޮކްޓަރު މިހާރު ވަކި އެއްޗެއް ބުނެފިތަ؟" ތަނުގެ އެތެރޭގައިވި އުދާސްކަން ފިލުވައިލުމުގެ ގޮތުން ޖާވިދު ވާހަކަ އޮޅުވައިލަން މަސައްކަތްކުރިއެވެ.
"ޑޮކްޓަރު ބުނީ ވަރަށް އަވަހަށް ވަކިގޮތެއް ނިންމާނެކަމުގަ." ރާމިޒާ ޖަވާބު ދިނެވެ.
"މައުވާ ދޫކޮށްލީމަ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. ދޫކޮށްލީމަ ދެން....." ޖާވިދު ވާހަކަ ދައްކަން ފެށިނަމަވެސް، މިފަހަރުވެސް ޖާވިދަށް ހުރަސް އެޅީ ޒުލްފާއެވެ.
"ދޫކޮށްލިޔަސް ވަކި ކޮންކަމެއް ބަދަލުވާނީ؟. މައުވާއަށް އިތުރު ކަމެއް އަދި ނުކުރެވޭނެ. އެހެންވީމަ ހަމަ ޖާވިދުތާ ޚަރަދުކުރަން ޖެހޭނީ..." ޒުލްފާ ބުންޏެވެ.
"ޒުލްފާ…….. " ޖާވިދު ޒުލްފާއަށް ގޮވައިލީ ރުޅިއައިސް ތަންކޮޅެއް ބާރަށެވެ. ޒުލްފާ ގޮވައިގެން އާދެވުނު މޮޔަ އޭނާގެ ހިތަށް އެރިއެވެ.
"އަހަރެމެން ދެން ގޮސްލީ އިނގޭ… އަދި އަންނާނަން… މައުވާ. ދަނީ އިނގޭ." ރާމިޒާއާއި މައުވާއާ ދެމީހުންނަށް ބަލައިލާފައި ޖާވިދު ބުނެލީ އިތުރަށް މަޑުކޮށްގެން ޙާލަތު ގޮސްވެދާނެތީއެވެ. އަދި އޭނާ، ޒުލްފާއާއި ވަފާއާ ދެމީހުންނަށް އޭނާއާއެކު އައުމަށް އިޝާރާތްކުރިއެވެ. އަދި ގޮސް ރޫމުން ނުކުތެވެ. ރާމިޒާއަށް ވެފައި ހުރި ގޮތުން ޒުލްފާ އުފާވެފައިހުރެ ނުކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ރާމިޒާގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކަށް ބަލައިލިއެވެ.
ހޮސްޕިޓަލުން ނުކުމެގެން އެމީހުން ގޮސް ކާރަށް އެރުމާއެކު ލަސްނުކޮށް ޖާވިދު ކާރު ދުއްވާލައިފިއެވެ. އޭނާ އޭނާ އިނީ ހިތްހަމަ ނުޖެހިފައި ނަމަވެސް އިތުރު އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. ޒުލްފާއަށްވެސް އެކަން އެނގުނެވެ. ޖާވިދު އެއްޗެއް ނުބުނެ އިންނަން ފެށުމުންވެސް އޭނާއަށް އުނދަގޫވިއެވެ. އެއާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"ކިހިނެއްވީ އެއްޗެއް ނުބުނެ ތި އިންނަނީ؟ އަހަންނަށް މި ބުނެވުނީ ދޮގެއްތަ؟ ނޫނީ ހަޤީގަތެއް ނެތް ވާހަކައެއްތަ މިދެކެވުނީ؟" ޒުލްފާ ދެބުމަ ގޮށްޖަހާލަމުން ޖާވިދަށް ބަލައިލިއެވެ. މަގުމައްޗަށް ސަމާލުކަން ދީގެން އިން ޖާވިދު ހިނދުކޮޅަކަށް ޒުލްފާއަށް ބަލައިލިނަމަވެސް، ދެންވެސް އޭނާ އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ.
"ޖާވިދު. އަހަރެން އެބަ ވާހަކަ ދައްކަމޭ… ކީއްވެތަ އަނގައިން ނުބުނެ ތި އިންނަނީ؟"
(ނުނިމޭ)