މިޔަންމާ ބިންހެލުން: މިހާތަނަށް 150 އަށްވުރެ ގިނަ މަރު

މިޔަންމާއާއި ތައިލޭންޑަށް 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމުގެ ސަބަބުން މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭތީ، އެ އަދަދު އިތުރުވާނެ އަދިވެސް މަތިވާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިޔަންމާގެ މެދުތެރޭގެ ސާގިން ސިޓީގެ ހުޅަނގު އުތުރުން މެންދުރު ފަހު ބިންހެލުން އައި ބިމުގެ ތިލަ ހިސާބަކަށް ކަމަށް އެމެރިކާގެ ޖިއޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނެއެވެ. ބާރުގަދަ ބިންހެލުމަށް ފަހު، 6.4 މެގްނިޓިއުޑްގެ އާފްޓާޝޮކެއް ވެސް އައިސްފައިވެއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިސްވެރިޔާ ސީނިއާ ޖެނެރަލް މިން އަންގް ހިލައިންގް ވިދާޅުވީ، ބިންހެލުމުގެ ސަބަބުން އެ ގައުމުން ގާތްގަޑަކަށް 144 މީހުން މަރުވެ، 730 މީހުން ޒަޚަމުވެފައިވާ ކަމަށެވެ. މި ބިންހެލުން ތައިލެންޑަށް ވެސް އަރާފައިވާއިރު، އެ ގައުމުގެ ވެރިރަށް ބެންކޮކުން 10 މީހުން މަރުވެފައިވާ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިޔަންމާގެ ނައިޕިޓާވްގެ ހޮސްޕިޓަލެއްގެ ބޭރުގައި ބިންހެލުމުން ސަލާމަތްވި މީހުން ސިއްހީ ފަރުވާއަށް ބައިތިއްބާފައި. ފޮޓޯ/ގެޓީ

އެ ހާދިސާއާ ގުޅިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ އެ ގައުމުގެ ހަ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ގައުމުގެ އެތައް ސަރަހައްދަކުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.

ބިންހެލުމާ ގުޅިގެން މިޔަންމާއިން ވަނީ ބައިނަލްއަގުވާމީ އެހީއަށް ވެސް އެދިފައެވެ.

ބިންހެލުމުގެ ސަބަބުން މިޔަންމާގެ ވެރިރަށް ނައިޕިޑޯއާއި އެކި ސަރަހައްދުތަކުގެ އިމާރާތްތައް ފުނޑުފުނޑުވެ، މަގުތައް ފަޅައިފަޅައިގެން ގޮސްފައިވާއިރު، ބެންކޮކްގައި ހަދަމުންދިޔަ އިމާރާތެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.

އިމާރާތް ވެއްޓުމުގެ ހާދިސާގައި ގާތްގަޑަކަށް އަށް މީހުން މަރުވެފައިވާ ކަމަށް އެ ސިޓީގެ އިންޓީރިއާ މިނިސްޓަރު އަނޫތިން ޗަރަންވިރަކުލްއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި، މިހާތަނަށް ނުފެންނަ މީހުންގެ އަދަދު 90 އާއި 110 އާ ދެމެދުގައި އުޅޭ ކަމަށާއި އެހެންވެ، މަރުވި މީހުންގެ އަދަދު އެ ގައުމުން ވެސް އަދި މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

މިޔަންމާގެ މިޔުޒިމަކަށް ބިންހެލުމުގެ އަސަރުކޮށްފައި. ފޮޓޯ/ގެޓީ

އެ ބިންހެލުމުގެ އަސަރު ކެމްބޯޑިއާ، ބަންގްލަދޭޝް އަދި އިންޑިއާއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާޚިލީ ހަނގުރާމައިގެ ތެރޭގައި އޮތް ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ އެއް ގައުމު ކަމަށްވާ މިޔަންމާއަށް ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޔޫއެސްޖީއެސްއިން ބުނާ ގޮތުގައި މިޔަންމާގައި ބިންހެލުންތައް ނިސްބަތުން އާންމެވެ. މިޔަންމާއަށް 1930 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ދެމެދު 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބާރުގަދަ ހަ ބިންހެލުމެއް އައިސްފައިވާ ކަމަށާއި އެއީ މިއަންމާގެ މެދުތެރެއިން އުތުރާއި ދެކުނަށް އޮން ސާގިން ފޯލްޓް ކައިރިއަށް އަންނަ ބިންހެލުންތައް ކަމަށް އެ އިދާރާއިން ބުނެއެވެ.

މިޔަންމާގެ މެދުތެރޭގެ ގަދީމީ ވެރިރަށް ބާގަންއަށް 2016 ވަނަ އަހަރު 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ތިން މީހަކު މަރުވެ އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

comment ކޮމެންޓް