ރަމަޟާން މަހަކީ ދިރިއުޅުމަށް ހުރިހާ ގޮތަކުން ވެސް ވަރަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ މައްސަރެކެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ރަމަޟާން މަހާ ގުޅުވައިގެން ގެނެވުނު ހެޔޮ ބަދަލުތައް ދެމެހެއްޓުމަކީ ސިއްހީ ގޮތުން ބެލިކަމުގައި ވިޔަސް ހަށިގަނޑަށް އޭގެއިން ނުހަނު ފައިދާތަކެއް ކުރިމަގުގައި ކުރާނެ ކަމެކެވެ. މުޅި އަހަރު ތެރޭގައި ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.
އިންޑިއާގެ ހައިދްރައާބާދުގެ ކްލިނިކަލް ޑައިޓީޝަން ޖީ.ސުޝްމާ ވަނީ ރަމަޟާން މަހަށް ފަހު ވެސް ދެމެހެއްޓިދާނެ ރަނގަޅު އާދަކާދަތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
އޭގެ ތެރޭގައި ފެން ބުއިން، ލުއި ކަސްރަތު ކުރުމަށް އާދަކުރުން، ރަނގަޅު ބެލެންސްޑް ޑައިޓެއް ކެއުމުގައި ގެންގުޅުން، ހަށިގަނޑަށް ބޭނުންވާ ނިދި ހަމަކުރުމަށް ސަމާލުކަންދިނުން، އަމިއްލަ ނަފުސުގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން އަދި ބޭނުންނަމަ ހަފުތާއަކު ދެ ދުވަހު ރޯދައަށް ހުރުން ނުވަތަ އިންޓަމިޓެންޓް ފާސްޓިންގްގެ އާދަ ހިމެނެއެވެ.
މަތީގައި ފާހަގަކޮށްލެވުނު ކަންކަމުގެ ތަފުސީލަށް ބަލާލާއިރު، ހަށިގަނޑު ޑީހައިޑްރޭޓްވުމުން ސަލާމަތްކުރުމަށް މަދުވެގެން ދުވާލަކު 10 ތަށި ފެން ބުއިމަކީ އެދެވިގެންވާ ކަމެއްކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެހެންކަމުން ގަވައިދުން ފެން ބުއިމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން، ފެނުގެ މާއްދާ އެކުލެވޭ ތަރުކާރީ ނުވަތަ މޭވާ ކެއުމަކީ ވެސް ހަށިގަނޑަށް ސިއްހީގޮތުން ނުހަނު ގިނަގުނަ ފައިދާތަކެއް ކުރުވާ ކަމެކެވެ. އޭގެ ތެރޭގައި، ކަރާ އަދި ކިއުކަމްބާ ފަދަ ބާވަތްތައް ހިމެނެއެވެ.

ރަމަޟާން މަހު ކަސްރަތު ކުރުމަށް ދިން އަހައްމިއްޔަތުަކަން އެހެން މަސްތަކުގައި ވެސް ދިނުމަށް އިސްކަން ދިނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ނިންމިދާނެ މުހިއްމު ނިންމުމެއް--ފޮޓޯ/ޕިންޓްރެސްޓް
ރަމަޟާން މަހާ އެކު ހަށިގަނޑަށް ބޭނުންވާ ކަސްރަތު ކުރުމަށް އިސްކަންދިން ފަދައިން އެ މަސް ނިމުމުން ވެސް އާދަވެގެން ލުއި ކަސްރަތެއް ކޮށްލުމުގެ އާދައަކީ ކުރިމަގުގައި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ރަމަޟާން މަހަކީ ވަރަށް ގިނަ ބަޔަކަށް ފުރިހަމައަށް ނިދި ހޯދުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވާ މައްސަރެކެވެ. ނަމަވެސް، ރަމަޟާން މަސް ނިމުމާ އެކު މަދުވެގެން ނުވަ ގަޑިއިރުގެ ނިދި ހަށިގަނޑަށް ހޯދުމަކީ ވެސް ދުޅަހެޔޮކަންމަތީ ދެމިހުރުމަށް އިސްކަންދިނުން މުހިއްމު ކަމެކެވެ.
އާއްމުގޮތެއްގައި ވަރަށް ގިނަ ބަޔަކީ ސުންނަތް ރޯދަ ހިފުމަށް އާދަވެފައިވާ ބައެއް ކަމުން ރަމަޟާން މަސް ނިމުމުން ވެސް ހަފުތާއަކު ދެ ދުވަހު ރޯދައަށް ހުރުމަކީ ސިއްހަތަށް އެކަމުން ނުހަނު ގިނަ ފައިދާތަކެއް ކުރުވާ ކަމެކެވެ.