"ޙަޔާ… ޙަޔާ… ޙަޔާ… ލޯ ނުމަރަބަ… ޙަޔާ……" ޙަޔާގެ ހެއަށް ގޮތްވާކަން އެނގުމުން ޒައުލް ބުނަމުންދިޔައެވެ. އޭނާ ބާރުބާރަށް ގޮސް ތިރީގައި އޮތް އެންބިއުލާންސްއަށް ޙަޔާ އެރުވިއިރު ޙަޔާގެ ދެލޯ ވަނީ މެރިފައެވެ..
އެ މަންޒަރު ފެނުމާއެކު ޒައުލްގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. ހިތުގެ ވިންދުތައް މަޑުޖެހިލިހެން ހީވިއެވެ. އޭނާގެ އަޑު އިވުމުން ޙަޔާ އެ ދެލޯ އެންމެ ފަހަރަކު ނަމަވެސް، ހުޅުވާލާނެ ނަމައޭ ޒައުލްގެ ހިތަށް އެރިއެވެ. އުންމީދު ކުރެވުނީ އެންމެ ފަހަރަކު ނަމަވެސް ޙަޔާ އޭނާއަށް ބަލައިލާނެކަމަށެވެ. އެހެންނަމަވެސް، މާޔޫސްވީ ޙަޔާ ލޯ ހުޅުވާނުލުމުންނެވެ. ޒައުލްގެ ދެލޯ ފެންކަޅިވިއެވެ.
ކައިވެނީގެ ފުރަތަމަ ރޭ އޭނާއާ މިކުރިމަތިކުރުވީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟ އެންބިއުލާންސްއަށް ޙަޔާ އެރުވުމާއެކު ޒައުލްވެސް އަރާ އިށީނެވެ. އޭރު ބިރާ ސިހުމުން އޭނާގެ ހިތް ތެޅެމުން ދިޔަލެއް ބާރުކަމާއެކު ދެލޮލުން ކަރުނަ ވެސް އައެވެ. އަތުގެ ނުފުށުން ދެލޯ ފުހެލުމާއެކު އޭނާއަށް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުން ފެށިއެވެ.
ހޮސްޕިޓަލަށް ގެންދެވުމާއެކު އެމަރޖެންސީގައި ވަގުތުން ޙަޔާއަށް ފަރުވާ ދެވެން ފެށިއެވެ. ޒަމީރުއާއި ހައިޝަމްމެންގެ ދެމަފިރިން އައީ އެމަރޖެންސީ ބޭރުގައި ޒައުލް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓައެވެ.
"ކޮބާ ޙަޔާ؟ ކިހިނެއްވީ؟" ހައިޝަމްއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނުއިރު، އެ އަޑުގައިވެސް ވަނީ ހާސްކަމެވެ. ޒައުލް ވީ ގޮތް، ހައިޝަމްއަށް ކިޔައިދިނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ޒައުލް ފާރުގައި ލެނގިލިއިރު، މޭގައި އުފެދުނު ތޫނު ރިހުން މުޅި ހަށިގަނޑަށް ފެތުރެން ފެށިހެންވެސް އޭނާއަށް ހީވިއެވެ. ޒައުލްގެ ކޮނޑުގައި އަތް ޖައްސާލަމުން ހައިޝަމް ހިތްވަރުކުރުމަށް އެދުނެވެ. މިވަގުތު ޒައުލްގެ ޙާލަތު އޭނާއަށް ރަނގަޅަށް ވަޒަންކޮށްލެވެއެވެ.
"އިންޝާ ﷲ ، ޙަޔާއަށް ދެރަގޮތެއް ނުވާނެ." ހައިޝަމް ބުނެލިއެވެ. ﷲ ގެ ރަޙްމަތުން މާޔޫސްނުވެ ދުޢާކުރުން މަތީ ދެމިތިބުމުގެ މުހިންމުކަން ހައިޝަމް ޒައުލްއަށް ހަނދާންކޮށްލަދިނެވެ.
"އިންޝާ ﷲ…… " ޒައުލް އެހެން ބުނުމާއެކު ގޮނޑީގައި އިށީނެވެ. އެއާއެކު އޭނާގެ ހަނދާނަށް އަންނަން ފެށީ ސާރާގެ ހަނދާންތަކެވެ. ސާރާގެ އެކްސިޑެންޓަށްފަހު ވެސް ހަމަ މިގޮތަށް އޭނާ ހޮސްޕިޓަލު ގޮނޑިއެއްގައި އިނެވެ. އެހެންނަމަވެސް އެ ދުވަހާ މިއަދާ ތަފާތެވެ. ޒައުލްގެ ހިތް ރޮމުން ދިޔަ ނަމަވެސް، ހިތްވަރުކުރަން އޭނާއަށް ވަނީ ދަސްވެފައެވެ. ﷲ އަށް އިތުބާރުކޮށް ވަކީލުކުރަން އޭނާއަށް ވަނީ ދަސްވެފައެވެ. އޭގެ އިރުކޮޅަކުން ޑޮކްޓަރު ނުކުމެފައި، ޙަޔާގެ އެހީތެރިއަކަށް ގޮވައިލުމާއެކު، އެ ދިމާލަށް އެންމެ ފުރަތަމަވެސް ދިޔައީ ޒައުލްއެވެ. އޭނާގެ ފަހަތުން އެހެން އެންމެންވެސް ދިޔައެވެ.
ޑޮކްޓަރު ބުނީ ޙަޔާގެ ޙާލަތު ވަރަށް ނާޒުކުކަމަށާއި، ޙަޔާއަށް އިތުރު ފަރުވާ ދިނުމަށް އައިސީޔޫއަށް ގެންދާކަމުގައެވެ.
ޙަޔާ އައިސީޔޫއަށް ގެންދެވުމާއެކު ޒައުލްއާއެކު އެންމެންވެސް ވެއިޓިން އޭރިޔާގައި މަޑުކޮށްލިއެވެ. އިރުކޮޅެއް ފަހުން، ކުއްލިއަކަށް ގޮނޑީގައި އިން ޒައުލް ތެދުވިއެވެ.
"ދަރިފުޅު ކޮންތާކަށް؟" ޒައުލްއަށް އައި ބަދަލުން ޒަމީރު ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ. ޒައުލް ގޯސް ފިޔަވަޅެއް އަޅާފާނެތީ އޭނާ ޖެހިލުންވިނަމަވެސް، މިހާރު އެއީ ކުރީގެ ޒައުލް ނޫންކަން ވިސްނި އެ ނުތަނަވަސްކަން ދުރުވިއެވެ. އޭނާ ގަޑި ބަލައިލިއިރު މެންދަމު ދޭއް ޖަހަނީއެވެ.
"މިސްކިތަށް. މި އަންނަނީ." ޒައުލް އެހެން ބުނެލާފައި ދިޔައީ ހޮސްޕިޓަލުގައި ހުންނަ މިސްކިތަށެވެ. ވުޟޫކޮށްލައިގެން އޭނާ ދަމު ނަމާދުކޮށްލިއެވެ. އަދި ދުޢާކުރަން އެތަކެއް އިރަކު އިނެވެ. މިވަގުތު ﷲ ނޫނީ އޭނާއަށް މަދަދު ދެއްވާނޭ އެހެން އެއްވެސް ފަރާތެއް ނެތްކަން ޒައުލްއަށް އެނގެއެވެ. ކުރީގެ ޒައުލްއާ މިހާރުގެ ޒައުލްގެ ތަފާތަކީ އެއީއެވެ. މިހާރު ކިރިޔާ ކަމެއްވާއިރުވެސް އޭނާއަށް ދުޢާ ދެންނެވެނީ ﷲ ގެ ހަޟްރަތުގައެވެ. އުންމީދުކުރެވެނީ އަބަދުވެސް ހެވަށެވެ. އިތުބާރުކޮށް ވަކީލު ކުރަނީ ﷲ އަށެވެ. ސާރާ ނިޔާވި ދުވަހާ މިއަދުގެ ތަފާތަކީ އެ ދުވަހު ﷲ މަތީން އޭނާ ހަނދުމަވެސް ނެތުމެވެ. އެހެންނަމަވެސް މިއަދު އޭނާ އަކީ ދިމާވާ ކޮންމެ ކަމެއްގައި ކެތްތެރިވެ ﷲ އަށް ޝުކުރުވެރިވުން މަތީ ދެމިހުރުމަށް މަސައްކަތްކުރާ މީހެކެވެ.
ނަމާދުކޮށްލާފައި ދުޢާ ކޮށްލެވުމުން ހިތަށް ލުއިވިއެވެ. ހަމަޖެހުމެއް އިޙްސާސްކުރެވުނެވެ. އެއަށްފަހު، އޭނާ އައިސީޔޫއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އޭނާ ހުއްޓުން އެރީ ކޮންމެވެސް މީހަކު އޭނާއަށް ގޮވާލުމުންނެވެ. އެއީ ޒައުލް ދަންނަ އަޑަކަށް ވުމާއެކު އޭނާ ފަސް އެނބުރުނެވެ. ފެނުނު މަންޒަރުން ޒައުލް ހައިރާންވިއެވެ. ފުރޮޅުލީ ގޮނޑީގައި އެ އިނީ، އަރީޝް ނޫން ދެވަނަ މީހެއް ނޫނެވެ.
"އަ… އަރީޝް.." ޒައުލްއަށް ގޮވައިލެވުނެވެ. އަރީޝްގެ ގޮނޑި ދުއްވަން ހުރީ އޭނާގެ ބޭބެއެކެވެ.
"ޒައުލް… އަހަރެން ޒައުލްއަށް ގުޅަން އުޅުނީމޭ… ކީއްތިކުރަނީ މިތާ؟" އަރީޝް ސުވާލުކޮށްލިއެވެ.
"އަހަރެންގެ އަންހެނުން ބާއްވައިގެން." ޒައުލް ދިން ޚަބަރުން އަރީޝްއަށް ލިބުނީ ހައިރާންކަމެކެވެ. އެކަމާ ގުޅުވާ ސުވާލު ކުރަން އުޅެނިކޮށް ޒައުލް ވާހަކަ ދެއްކުމުން އަރީޝް އޭނާގެ ސުވާލު ފަހަށް ބޭވިއެވެ.
"ތީ ކިހިނެއް ވީކަމެއް؟" ޒައުލް ސުވާލުކޮށްލިއެވެ.
"އަހަރެން މެސެޖު ކުރީމެއްނު ޒައުލްއަށް. ތައުބާވެއްޖައިން ކަމަށް ބުނެފައި އަދި މާލެ ގޮސް ހަބަރު ވާނެކަމަށް ބުނެ. ހަނދާންވޭތަ؟" އަރީޝް ތަންކޮޅެއް ކުރީގެ ދުވަހެއްގެ ހަނދާން އާކޮށްލަދިނެވެ.
" އޭގެ ފަހުން އަހަރެން އަރީޝްއަށް ގުޅިން. އެކަމަކު ނުވެއް ގުޅޭ." ޒައުލް ބުނެލިއެވެ.
"ހޫމް. ފޯނާ ވަރަށް ދުރުގަ އުޅެވެނީ.. އަސްލު ވީ ގޮތަކާ އަހަރެން ޒައުލްއަށް މެސެޖްކުރީ ކޯމާއިން ހޭއަރާފަ. ޒައުލް އަހަންނަށް ނަސޭހަތް ދިން ރޭ ބުނީމެއްނު މަރޭ އަހަންނާ އެންމެ ގާތުގަ ވަނީ. އެރޭ އަހަރެން އެކްސިޑެންޓުވެ ކޯމާއަކަށް ދިޔައީ. ހަފްތާއެއްހާ ދުވަހު އެހެން އޮވެފަ ހޭއެރީ. އަހަންނަށް ޒައުލް ބުނި ބަސްތަކާ ދޭތެރޭ ވިސްނުނީ ހޭއެރުމަށްފަހު. މަރަކީ ކިހާ ގާތުގައި ވާއެއްޗެއްކަން ވެސް އިޙްސާސްވީ ދެން... އެހެންވެ މެސެޖްކުރީ..... ރާއްޖެ މިއައީ އިއްޔެގަ. މިރޭ މާ ބޮޑަށް ތަދުވާން ފެށީމަ ޑޮކްޓަރަށް ދައްކާލަން އެމަރޖެންސީއަށް މިއައީ.މިހާރު ދެން ނިމިގެން ދާން މިދަނީ…." އަރީޝް ބުނެލިއެވެ.
"އެހެންތަ؟ ޝަފާކަ ﷲ." ޒައުލް ހިނިތުންވެލިއެވެ. "އަހަރެން ވަރަށް އުފާވެއްޖެ އަރީޝްއަށް ވިސްނުނީމަ. ٱلْحَمْدُ لِلَّٰهِ ."
"އިންޝާ ﷲ އަދި ވާނެ ދިމާވެލަން.…ދެން ބުނެބަލަ. ކޮން އިރަކު ކައިވެނި ކުރީ؟" އަރީޝް ސުވާލުކޮށްލިއެވެ.
"މީގެ އިރުކޮޅެއް ކުރިން…" ޒައުލް ބުނެލިއިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ފަދަ ވޭނެކެވެ. އެއާއެކު ވީ ގޮތް އަރީޝް އޮޅުން ފިލުވިއެވެ. ޒަައުލް ޙަޔާގެ ޙާލަތު ކިޔައިދިނުމުން އަރީޝް އެދުނީ ހިތްވަރުކުރުމަށެވެ. ޒައުލްވެސް އޭނާ އަދި އަރީޝްއާ ދިމާކުރާނަމޭ ބުނެ ދިޔުމުން އަރީޝްއަށް ވެސް ޒައުލްއަށް އައިސް ހުރި ބަދަލު ފާހަގަ ކުރެވުނެވެ. އެއީ ކުރީގެ ޒައުލް ނޫންކަން އޭނާއަށް ފުރަތަމަ ފެނިލުމުން އެކަނިވެސް ދޭހަވެއްޖެއެވެ. ޙަޔާ އެ ޙާލަތުގައި އޮތްއިރުވެސް އެ ހުރި ކެތްތެރިކަމަށް އޭނާއަށް ތަޢުރީފް ކުރެވުނެވެ. ޒައުލްއަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ އިސްލާމީ ހިދާޔަތުކަން ވިސްނުމާއެކު އަރީޝްއަށް ވެސް ﷲ އަށް ޙަމްދުކޮށް ޝުކުރުކުރެވުނީ އޭނާ ގެއްލުމާ ހަލާކުގެ ތެރޭގައި ވަނިކޮށް އޭނާއަށް ތެދުމަގު ދެއްކެވީތީއެވެ.
ޒައުލް ދިޔައިރުވެސް ޒަމީރުމެން އެންމެން އެތަނުގައި ތިއްބެވެ. ހައިޝަމް ޒައުލްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ޔޫ އޯކޭ؟" ހައިޝަމް އަހައިލިއެވެ.
"ޔާ… އައެމް ފައިން…" ޒައުލް ބޯ ޖަހައިލިއެވެ.
އެގޮތުގައި ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޙަޔާ ހެޔެއް ނާރައެވެ. އެކަމުގެ ސަބަބުން ޑޮކްޓަރުންނަށް ވެސް މާޔޫސްކަމެއް ލިބެމުން ދިޔައެވެ. އެގޮތުގައި ފާއިތުވެދާ ކޮންމެ ސިކުންތަކީ ޙަޔާއަށް އޮތް ނުރައްކަލަކަށްވީތީއެވެ.
އެހެންނަމަވެސް ޒައުލް އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ކޮންމެ ނަމާދެއްގެ ފަހުގަޔާއި ދުވާލުގެ ކޮންމެ ވަގުތަކުމެ ޙަޔާއަށްޓަކައި ދުޢާކުރެއެވެ. ޙަޔާއަށް ޝިފާ ދެއްވެވުން އެދިއެވެ. ބޭހާ ފަރުވާގެ ސަބަބުން، ވަރަށް ބޮޑަށް ޙަޔާއަށް ލުއިވެފައިވާތީ ފަހުން އޮޕަރޭޝަނަކަށް ނުގޮސް އަދި މަޑުކުރެވިދާނެކަމަށް ބުނެފައި އޮއްވާ ޙާލަތު ގޯސްވުމުން، އެމީހުން ވެސް ތިބީ ހާސްވެފައެވެ. ޑޮކްޓަރު ފަހުން ދިން ޖަވާބުން އެ ހާސްކަން އިތުރު ވިއެވެ. ޑޮކްޓަރުން ބުނީ ޙަޔާ ހޭ އަރާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމުގައެވެ. ޒައުލްގެ މޭގައި އުފެދިފައިވާ ތޫނު ރިހުމާއެކު ވެސް އޭނާ އުންމީދާއެކު ކެތްތެރިވެ ދުޢާކުރުން މަތީގައި ދެމި ހުއްޓެވެ. ދުޢާ އަކީ މުސްލިމުންގެ އަތުގައިވާ އެންމެ ބާރު ގަދަ ހަތިޔާރެވެ. ދުޢާގެ ބާރުގައި، އުންމީދުނުކުރާ ކިތަންމެ ކަމަކަށް މަގުފަހިވެއެވެ. ކޮންމެ ޙާލަތެއްގައިވެސް ﷲ އަށް ދުޢާ ދަންނަވާ ކެތްތެރިވާ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.
ރޮވޭ ޙާލު ކޮންމެ ރެއަކުމެ ނުނިދާ އެތައް ދަމެއް ޒައުލް ދުޢާކުރުމުގައި ހޭދަކުރިއެވެ. އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވީކަމުގައި ވީނަމަވެސް، އެކަމާ ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށެވެ. ކުރީގެ ޒައުލްއަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ސާބިތުކަންމަތީގައި ދެމިހުރުމުގެ ހިތްވަރު ދެއްވާތޯ އޭނާ ދުޢާ ކުރަމުން ދިޔައެވެ.
ޒައުލްގެ އިތުރުން ޒަމީރާ ހައިޝަމްމެން އެންމެންވެސް ޙަޔާއަށްޓަކައި ކެނޑިނޭޅި ދުޢާކުރަމުން ދިޔައެވެ. އެހާލުގައި ހަފްތާއެއް ފާއިތުވެގެން ދިޔަފަހުން އެ އެންމެންގެ ހިތުގެ އެދުން ހާސިލްވީ ހީވެސް ނުކޮށް ތިއްބައެވެ. ޑޮކްޓަރު ނުކުމެ ޙަޔާ ހޭ އެރި ޚަބަރު ދިނެވެ. އެއްވެސް ވަރަކަށް އުންމީދެއް ނެތިފައި ތިއްބާ ޙަޔާ ހޭއެރުމުން އެމީހުންވެސް އުފާވިއެވެ.
އެތެރެއަށް ވަންނަން ހުއްދަ ލިބުމާއެކު، ޒައުލް އައިސީޔޫއަށް ވަދެގެން ގޮސް ޙަޔާގެ ކައިރީގައި ހުއްޓިލިއެވެ. އޭރު ޙަޔާ އޮތީ ލޯ މަރާލައިގެންނެވެ. ޙަޔާއާ ކައިރިވެލާފައި ޒައުލް މަޑުމަޑުން ޙަޔާއަށް ގޮވައިލިއެވެ. އެއާއެކު ލަސްލަހުން އެސްފިޔަތައް ދުރުކޮށްލާފައި ޙަޔާ އޭނާގެ ލޯ ހުޅުވާލައިފިއެވެ. ޒައުލް ފެނުމާއެކު، ޙަޔާގެ ދެލޮލަށް ކަރުނަތައް ޖަމަވާިއެވެ. ޒައުލް ލޯތްބާއެކު އެ ކަރުނަތައް ފުހެދީފައި ޙަޔާގެ ނިތުގައި ބޮސްދީފައި އެ މޫނުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު، ގޮނޑީގައި އިށީނދެލި ޒައުލްއަށް އެންމެ ފުރަތަމަ ވެސް ޝުކުރުކުރެވުނީ ހެއްދެވި ފަރާތަށެވެ. އޭނާ މަޑުމަޑުން ޙަޔާގެ އަތުގައި ހިފައްޓައިލިއެވެ.
"އަހަރެން ވަރަށް ލޯބިވޭ…." ޒައުލް އޭނާ ޙަޔާ ދެކެ ވާ ލޯތްބަށް އިޤުރާރުވަމުން ދިޔައިރު، ޙަޔާ އެ ޙާލުގައި އޮންނަތަން ބަލަން އޭނާއަށް ކެތްކުރަން އުނދަގޫވިނަމަވެސް، ޙަޔާގެ ކުރީގެ ވާހަކަތަކެއް އޭނާގެ ހަނދާނަށް އައެވެ. ޙަޔާ ބުނީ، ދިމާވާ ހިތާމަޔަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާ ގާތްވުމަށް ލިބޭ ފުރުސަތެއް ކަމުގައެވެ. އެކަމަށް ކެތްތެރިވެ ނަމާދާ ދުޢާއިން ވާގި ހޯދާކަމުގައިވާނަމަ އެކަމުގެ ޘަވާބާއި ދަރުމަ އެމީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާނެކަމުގައެވެ.
"އަހަރެންވެސް….ލޯބިވޭ…" އުނދަގުލުން ނަމަވެސް، ޙަޔާ ޒައުލްގެ ވާހަކައަށް ރައްދު ދިނެވެ. އޭނާގެ އަޑު ނުކުތީ ކެނޑިކެނޑިގެން ނަމަވެސް، އެބުނި އެއްޗެއް ޒައުލްއަށް އެނގުނެވެ.
"އިންޝާ ﷲ ، ޙަޔާ ވަރަށް އަވަހަށް ރަގަޅުވާނެ. ޙަޔާ ބުނަމެއްނު ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލާކަށް ނުވާނެޔޭ. އެކަލާނގެ ރަޙްމަތް އަބަދުވެސް ތަނަވަސްވެގެން ވެޔޭ. ހިތްދަތިވާ ވަގުތު ދުޢާކޮށް ނަމާދުކުރާށޭ. އޭރުން ހިތަށް ހަަމެޖެހުން ލިބޭނެޔޭ. އެބަސްތަކުގެ ތެދުކަން މިއަދު އަހަންނަށް އިޙްސާސްވޭ." ޒައުލްގެ ވާހަކައާއެކު، ޙަޔާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ޙަޔާ އެގޮތަށް ރޯތަން ފެނުމުން ޒައުލް ވެސް ދެރަވިއެވެ.
"ނުރޮއިބަލަ." ޒައުލް ޙަޔާގެ ކަރުނަތައް ފުހެދިނީ ލޯތްބާއެކުގައެވެ.
"ޙަޔާ ފޮތުގަ ލިޔެފަ އޮތް އެއްޗެއް މަތިން އަހަރެން ހަނދާންވެއްޖެ." ޒައުލް ބޭނުންވީ ޙަޔާގެ ހިތް ހަމަ ޖައްސައިލަދޭށެވެ. އެހެންކަމުން ސަމާސާ ރާގަކަށް އޭނާ ބުނެލީ އެހެންވެގެންނެވެ. ޙަޔާ ކޯންޗެއްހޭ އެހުމުން، ޒައުލް ވާހަކަ ދައްކަން ފެށިއެވެ.
"އެ ނޯޓު ފޮތުގަ އޮތް ހަނދާންވޭ، ރޭގަނޑު ކިތަންމެ އަނދިރިނަމަވެސް، އިރުގެ އަލި ﷲ ގެ އަމުރު ފުޅާއެކު، އެ އަނދިރިކަމުގެ މައްޗަށް ކުރި ހޯދައޭ… ވަގުތު ޖެހުމުން އެ އަނދިރިކަމަށް ނިމުން އިރުގެ ދޯދިތަކުން ގެންނަފަދައިން، ހަމަ އެގޮތަކަށް، ޙަޔާތަކީ އަބަދު އެއްގޮތަަަކަށް އޮންނާނެ އެއްޗެއް ނޫނޭ. ހިތާމައަށްފަހު އުފަލެކޭ އަދި އުފަލަކަށްފަހު ހިތާމައެކޭ. އެއީ ދުނިޔޭގެ އާދައޭ. އެކަމަކު ކޮންމެ ޙާލެއްގައި ވެސް އަހަރެމެން ހެއްދެވި ފަރާތަށް ދުޢާ ކުރަން ވާނެޔޭ..... ޝުކުރުވެރިވާން ވާނެޔޭ. ކޮންމެކަމެއްވެސް ވެސް ވަނީ ﷲ ގެ އިރާދަފުޅާ ލައިގެންކަމަށް ވާއިރު، އެކަލާނގެ ނިންމެވުމަށް ރުހެން ވާނެޔޭ. އަހަރެމެންނަށް ނޭނގުނަސް ކޮންމެކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅަށޭ... " ޒައުލްގެ ވާހަކައިން ޙަޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޒައުލް އޭގައި އޭނާ ހަދާފައިވާ ނޯޓުތައް ބަލާފައިވާ މިންވަރު އޭނާއަށް ފަހުމްވުމުންނެވެ.
ޙަޔާ ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނު ނަމަވެސް، ޒައުލް އެކަމަށް ހުރަސް އެޅިއެވެ. ސަބަބަކީ ވާހަކަ ދައްކަން ޙަޔާއަށް ދަތިވެފައިވާކަން އޭނާއަށް އިޙްސާސްކުރެވޭތީއެވެ.
"ފަހުން… ދޯ…" އެހެން ބުނެލާފައި، ޒައުލް ޙަޔާގެ އަތުގައި ފިރުމާލަ ފިރުމާލާ އެތަކެއް އިރަކު އިނެވެ.
*****
އޭގެ ތިން ދުވަސްފަހުން ޙަޔާ ޕްރައުވެޓް ރޫމަކަށް ޝިފްޓުކުރެވުނެވެ. އެތަކެއް ދުވަހަކަށްފަހު އެންމެން އެއްތަނަކުން ފެނުމުން ޙަޔާ އުފާވިއެވެ. ޒައުލް ޑޮކްޓަރާ ވާހަކަ ދައްކަން ބޭރަށް ނުކުމެލި ވަގުތު ހައިޝަމް ޙަޔާއާ ވާހަަ ދެއްކީ ޒަމީރުވެސް ނެތް ވަގުތެއްގައެވެ.
"ޙަޔާއަށް އެނގޭތަ؟ ޒައުލްއާ ޙަޔާ ކައިވެނިކުރީތީ ދޮންބެ މިއަދު ވަރަށް އުފާވެއްޖެ. ޒައުލް އެންމެ ހިނދުކޮޅަކުވެސް ހޮސްޕިޓަލުން ދުރަކަށް ނުދޭ. އޭނަގެ ހުރިހާ ވަގުތެއް ހުސްކުރީ މިތަނުގަ. ނޫނީ މިސްކިތުގަ. ރަނގަޅަށް ނިދިކަމެއް ވެސް ނޭނގެ މިވީ ދުވަސްކޮޅުގައި. ގެއަށް ދަނީވެސް ހަމައެކަނި ފެންވަރަން އެކަނި ކަހަލަ ގޮތަކަށް." ހައިޝަމް ބުނެލިއެވެ. ހައިޝަމްގެ ވާހަކައިން ޒައުލްއާ މެދު ޙަޔާގެ ހިތުގައިވާ ލޯބި ފުންވެގެން ދިޔައެވެ. އެއާއެކު އޭނާގެ ހިތުން ޒައުލްއަށް ދެވުނު ޤަދަރު އެތަކެއް ގުނައެއް އުފުލުގެން ދިޔައެވެ.
އިރުކޮޅަކުން ޒައުލް އައިސް އެތެރެއަށް ވަނެވެ. އޭރު އޭނާގެ އަތުގައި ކޮންމެވެސް ލިޔެ ކިޔުންތަކެއް ހުއްޓެވެ. ޙަޔާ ހިނިތުންވެލިއެވެ. ހައިޝަމްވެސް އެތަނުން ނުކުތީ އެ ދެމީހުންނަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ.
"ތީ ކޯންޗެއް؟" ޒައުލްގެ އަތުގައި ހުރި ލިޔެކިޔުންތަކަށް އިޝާރާތް ކޮށްލާފައި، ޙަޔާ ސުވާލުކޮށްލިއެވެ.
"މީ ލިޔުންތައް. ޙަޔާ… އަަހަރެން ބޭނުން ޙަޔާ ގޮވައިގެން އިންޑިއާއަށް ދާން. ފަރުވާއަށް." އެ ލިޔުންތައް ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައި، އައިސް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު ޒައުލް، ޙަޔާގެ އަތުގައި ހިފައްޓައިލިއެވެ. އަދި އެ އަތަށް ބާރުކޮށްލިއެވެ.. "އެނގޭ މިތަނުން ފަރުވާ ލިބެން ހުރިކަންވެސް. އެކަމަކުވެސް…. ޕްލީޒް. ދެކޮޅު ނުހަދައްޗޭ…." ޒައުލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ޒައުލްއަށް ފެންނަ ގޮތެއް. ފިރިމީހާގެ ބަހަށް ކިޔަމަންވާން އަހަންނަށް އެނގޭ." ޙަޔާ ލުއިކޮށް ހީނާލާފައި ސަމާސާ ރާގެއްގައި ބުނެލުމުން ޒައުލް ޙަޔާގެ އަތުގައި ހިފައްޓާލައިގެން އިނދެފައި އެ އަތަށް ބޮސް ދިނެވެ.
(ނުނިމޭ)