މި ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގައި ހުންނަ ކަޢުބަތުﷲ ގެފުޅަށާއި، މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މަސްޖިދުއް ނަބަވީގައި ތިން މިލިއަނަށްވުރެ ގިނަ މީހުން ނަމާދުކޮށްފިއެވެ.
އެއްހާސް މައްސަރުގެ އަޅުކަމުގެ ދަރުމަ ލައްވަވާފައިވާ ލައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ 27 ވިލޭރެއަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެ ހަރްމަފުޅަށް ބާރުބޮޑު ރެއެކެވެ.
ސައޫދީ ގެޒެޓުގައި ބުނެފައިވާ ގޮތުގައި ދެ ހަރަމްފުޅުގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ހުރިހާ ތަނެއް ފުރި ހަރަމްފުޅުގެ ބޭރު މަގުތައް ވެސް އޮތީ ރޭ ފުރިބާރުވެފައެވެ.

ފޮޓޯ/ސައުދީ ގެޒެޓް
ދެ ހަރަމްފުގައި ވެސް އިޝާ ނަމާދާއި ތަރާވީހަށް ފަހު، ދަމު ނަމާދު ނިންމާލީ ދެ ހަރަމްފުޅު ވެސް ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެފައިވާ އިދާރާގެ ވެރިޔާ ޝައިޚު ޢަބްދުއްރަޙްމާނު އަލްސުދައިސް ހުންނަވައިގެން ކުރެއްވި ޚާއްސަ ދުއާއަކުންނެވެ.
ހަރަމްފުޅަށް ރޭ ވަނީ ވާރޭވެ ވެސް ވެހިފައެވެ.
ދެ ހަރަމްފުޅުގެ ކަންކަން ބެލެހެއްޓުމުގެ އިދާރާއިން ވަނީ އަޅުކަން ކުރާ މީހުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖައްސައި އިންސާނީ އަދި މެޝިނަރީގެ ވަސީލަތްތައް ވެސް އިތުރުކޮށްފައެވެ.
ނަމާދުކޮށް އަޅުކަން ކުރަން ތިބޭ ތަންތަން ސާފުކުރުމާއި ޒަމްޒަމް ފެން ފޯރުކޮށްދިނުމާއި، ފާޚާނާތައް ބެލެހެއްޓުމާއި ޓްރޮލީގެ ޚިދުމަތް ދިނުންވެސް އެ އިންތިޒާމުތަކުގެ ތެރޭގައި ހިމެނެއެވެ.