Dhiraagu
Dhiraagu

"އަހަރެން ބޭނުން ވާހަކައެއް ބުނަން."

ADK GENERAl

ޒައުލްގެ އަޑާއެކު ޙަޔާ މަޑުޖެހުނެވެ. އެ އަޑުގައިވަނީ ޖަޒުބާތުން ފުރިގެންވީ އަސަރެކެވެ. ޖެހިލުންވުމާއި ހާސްކަމުގެ އަސަރުތައްވެސް ކޮންމެވެސް ވަރަކަށް ވިއެވެ. އެހާވަރަށް ޒައުލް އަޑު އަހަން ބޭނުންވެގެން އެ އުޅޭ ލަފުޒު ބުނުމުގެ ކުރިން އޭނާ މަޑުކުރުވުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

ޙަޔާއަށް ބަލައިލުމަށްފަހު، ޒައުލް ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކުވެސް، އޭނާ ޙަޔާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއް ނޫނެވެ. ގުޅުމެއްގެ ބިންގާ އަޅަން ޖެހޭނީ ތެދުވެރިކަމާ އެކީގައެވެ.

"އަހަރެން ކުރިން ކައިވެންޏެއް ކުރިން." ޒައުލް ހާމަކޮށްލިއެވެ. އެއާއެކު ޙަޔާގެ އިތުރުން އެ ވާހަކަ އަޑު އިވުނު ހައިޝަމްއަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް ވެސް އަތުގައި އޮތް ފޯނު ތިރިކޮށްލުމާއެކު އެ ދެމީހުންނަށް ބަލައިލެވުނެވެ. ޒައުލް މީގެ ކުރިން އެފަދަ ވާހަކައެއް އޭނާއާ ވެސް ހިއްސާކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން ލިބުނު ސިހުމުގައި ޙަޔާގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ ހުސްކަމެކެވެ.

"އަހަރެން މިކަން ސިއްރުކުރީކީ ނޫން. އެ ދުވަހުވެސް ބުނަން ބޭނުންވި. އެކަމަކު ހާސްވެފަ އިން ވަރުން ނުބުނެވުނީ. ޙަޔާ ގާތު މި ވާހަކަ ބުނަން ކިތަންމެހާވެސް ބޭނުންވެފަ ހުރީ............. ޙަޔާ އަހަންނަށް ޖަވާބެއް ދިނުމުގެ ކުރިން…. "ޒައުލްގެ އަޑުން ޙަޔާއަށް ހާމަވީ ތެދުވެރިކަމެވެ. ހައިރާންވިއެއްކަމަކު، އޭނާގެ ހިތުގައި ޒައުލްއާމެދު ރުޅިވެރިކަމެއް އަދި ޝަކުވާއެއް ވެސް ނުއުފެދުނެވެ. ކީއްވެކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެކަމުން އޭނާއަށް ފަރަޤު ނުވިކަމެވެ.

"އެއީ….. ސާރާ… އަހަރެން ދީނާ އެންމެ ބޮޑަށް ދުރުވީ ސާރާ ނިޔާވިފަހުން. އަހަރެން ހިތަށް އެރީ، ކީއްވެގެންބާއޭ އަހަންނަށް ހުރިހާ ދެރައެއް ލބެނީ. އެންމެ ފުރަތަމަ އިންޑިޔާގައި ހިނގި ރެއިލް އެކްސިޑެންޓުގައި ނިޔާވީ މަންމަ.... އެކަމުގެ ހިތާމަޔާ ޝަކުވާތައް ހިތުތެރޭ ހުއްޓާ އަހަންނާ ސާރާއާ ދެމީހުން ދިމާވީ..... ކުޑަވެސް ހިތްވަރަކަށް ވީ ސާރާ. އެކަމަކު، ސާރާގެ އެހީގައި އެކަމުން އަރައިގަނެވުނު ތަނާ ސާރާ ވެސް ނިޔާވެއްޖެ. އެވެސް އެކްސިޑެންޓެއްގައި. ކެނެޑާގައި. އޭރު ސާރާ ބަނޑުބޮޑު. ދަރިފުޅުގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ދަނިކޮށް އެ އުފާ ވެސް އަހަރެންގެ އަތުން ބީވެގެން ދިޔައީ… އެހުރިހާކަމެއް އެގޮތަށް ދިމާވުމަށްފަހު، އަހަންނަށް ގޮސް މަގު ޚިޔާރުކުރެވުނީ. ތެދުތެދަށް ބުނަންޏާ އަހަންނަކީ އެއް އިރެއްގައިވެސް ދީނާ އެހާ ގާތް މީހެއް ނޫން. އަޅުކަމާ އެހާ ދުރުވެފަ ހުއްޓާ އެކުވެރިންގެ ބަސްތަކަށް ހެއްލި މުޅި މީހާ އެކީ ބަދަލުވީ. އޭރު އަހަންނަކަށް ނޭނގުނު ދުޢާއިން ހިތްވަރު ލިބިގަންނާކަށް. ﷲ ގެ ރަޙްމަތުގެ ތަނަވަސްކަން ވަޒަނެއް ނުކޮށްލެވުނު. އެކަމަކު މިހާރު އެ ހުރިހާކަމެއް ބަދަލުވެއްޖެ. ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އަހަރެން މިހާރު އަޅުކަމާ ދުރަކަށް ނުދަން. ދުޢާކުރުން ހުއްޓައެއް ނުލަން. އަނދިރިކަމުގެ ތެރޭގައި ވަނިކޮށް ތެދުމަގު ދައްކަވާ، އަހަރެން އަލިކަމަށް ނެރެދެއްވީތީ ﷲ އަށް އަހަރެން އަބަދުވެސް ޝުކުރުކުރާނަން. ކޮންމެ ޙާލެއްގައި ވެސް…" ޒައުލް ބުންނެވެ. އެ އަޑުގައިވި ވޭނީ އަސަރާއެކުވެސް އޭނާ ހިނިތުންވެލިއެވެ.

ޒައުލްގެ ވާހަކަތައް އަޑު އަހަން އިން ޙަޔާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒައުލްއަށް ހިތުގައި އުފެދުނު މަޤާމާއެކު އޭނާ ވާހަކަ ދެއްކިއެވެ.

"އަހަރެން ޒައުލްއާ ކައިވެނިކުރަން އެއްބަސް." ޙަޔާ ބުނެލިއެވެ. އުފާވެރިކަމާއެކުގައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް އިސްޖަހާލެވުނެވެ. ބުނެވުނީ ޖޯޝުން ފުރިގެންވީ އަޑަކުން ކަމަށް ވާތީއެވެ. އެ އަޑު އިވުނު ހައިޝަމްވެސް ތެދުވެގެން އައިސް އެ ދެމީހުން ކައިރީގައި ހުއްޓުނެވެ.

އެވާހަކަތަކަށްފަހު ޙަޔާ އޭނާއާ ކައިވެނިކުރަން އެއްބަސްނުވާނެހެން ހީވި ޒައުލްއަށް އިވުނު ޖުމްލަ އެންމެ ފުރަތަމަ ޤަބޫލުނުކުރެވުނެވެ. ޙަޔާގެ އާބަހަށްފަހު ޒައުލް އެރޭ ނުކުމެގެން ދިޔައީ ވަރަށް އުފަލުން ހުރެއެވެ.

ޖެހިގެން އައި ހަފްތާގައި ޒަމީރު ގޮވައިގެން އައި ޒައުލް އެންމެންނާ ވާހަކަ ދެއްކުމަށްފަހު، ކައިވެނީގެ ތާރީޚާ ބެހޭގޮތުން މަޝްވަރާކުރިއެވެ. ޒައުލްއަށް ޙަޔާގެ ބަލި ޙާލަތު އެނގޭކަމަށް ބުނެފައި ވެސް ކައިވެނި ލަސްކުރަން ބޭނުން ނުވާތީ، ޙަޔާވެސް ޒައުލްއަށް އިތުބާރުކޮށްފައި ވީ އެންމެ އަވަހަކަށް ކައިވެންޏަށް އެއްބަސްވިއެވެ. ޒައުލް ބުނީ ޙަޔާގެ ބައްޔާއެކުވެސް އޭނާ ޙަޔާ ޤަބޫލުކުރާނެކަމުގައެވެ. އެކަމާ ހާސްނުވުމަށެވެ. ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި އޭނާ ޙަޔާއާއެކު ވާނެކަމުގައެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް އެންމެފަހުން ކައިވެނިކުރާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ކައިވެނިކުރެވުނީ މިސްކިތެއްގައެވެ. ޒައުލްގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނެލި ވަގުތު ޙަޔާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަދި ޒައުލްގެ ވެސް މެއެވެ. ޒައުލް ޙަޔާއަށް ބަލައިލިއިރު ޙަޔާ އިނީ އިސްޖަހާލައިގެންނެވެ. އެ މޫނުމަތި ނުފެނުނެއްކަމަކު ޙަޔާ ލަދުގަނެފައިވާ މިންވަރު ޒައުލްއަށް އިޙްސާސްވިއެވެ.

ކައިވެނިކުރުމަށްފަހު، ދެން އެމީހުން ދިޔައީ ވަލީމާއަށް ތައްޔާރުކުރެވިފައިވާ ތަނަށެވެ. އެކަން އޮތީ ޒައުލްމެން ދާދިފަހުން ހުޅުމާލޭގައި އިމާރާތްކުރި ހޮޓެލެއްގައެވެ. އަންހެނުންނާ ފިރިހެނުންނަށް ވަކީންނެވެ. ޙަޔާގެ ބަލި ޙާލަތު ހުރި ގޮތުން ހަފްލާ އެހާ ދިގުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށްފަހު މެހެމާނުން ގޮސް ހުސްވެއްޖެއެވެ. ޒައުލްއާއި ޙަޔާއާ ދެމީހުން އެކަކު އަނެކަކަށް ފެނުނީ ދެނެވެ. އޭރު އެތަނުގައި ތިބީ ހުސް އާއިލާގެ މީހުންނެވެ. ޒަމީރާ ހައިޝަމްއާއި ނައުފާއާއި އިނާގެ އިތުރުން އެހެން މީހަކު ނެތެވެ.

"ހިނގާ ދާން." އެހެން ބުނެލާފައި އެންމެން ގޮވައިގެން ގޮސް އެތަނުން ތިރިއަށް ދިޔުމަށްޓަކައި ޒަމީރު ލިފްޓަށް އެރިއެވެ. ކައިވެނި ކުރި ވަގުތުން ފެށިގެންވެސް ޙަޔާއާ ޒައުލްއަށް އެކަނި ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ނުލިބޭކަން އެނގުމުން ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ.

"ޙަޔާ…" އެ މަންޒަރު ބަލަން ހުރެފައި، ޒައުލް ޙަޔާއާ ކައިރިވެލިއެވެ. "ހިނގާ ގެއަށް ދާން."

"ހޫމް…" ޒައުލްއާ އެހާ ގާތުގައި ހުންނަން ވުމުން ޙަޔާގެ ނޭވާ ކުރުވާގޮތްވިއެވެ. ހިތް އަވަސްވެ މީހާ ފިނިވިއެވެ.

"މޭ އައި؟" ޒައުލްއަށް ހުއްދަ އޮވެމެ އޭނާ ޙަޔާގެ އަތަށް އިޝާރާތްކޮށްލީ ޙަޔާގެ ޙާލަތު އޭނާއަށް ވަޒަންކޮށްލެވޭތީއެވެ. ލަސްލަހުން އާއެކޭ ބުނެފައި ޙަޔާ ބޯ ޖަހައިލުމާއެކު، އިސްޖަހައިލިއެވެ. ދެން ފެނުނީ އޭނާގެ އަތުގެ ތެރެއަށް ޒައުލްގެ އަތުގެ އިނގިލިތައް ލާމެހިގެން ދިޔަތަނެވެ. ދުވަހަކު އެކަކު އަނެކަކާ ވަކިނުވާން އެ އިޝާރާތުން ހާމާކޮށްދެމުން ދިޔައެވެ.

ޒައުލް ހީނލަމުން ޙަޔާ ގޮވައިގެން ލިފްޓަށް އެރުމަށްފަހު، ދިޔައެވެ. ކާރަށް އެރުމަށްފަހު ވެސް ޒައުލް އިނީ ޙަޔާގެ އަތުގައި ހިފައްޓާލައިގެންނެވެ. އެޕާރޓްމެންޓަށް ގޮސް ޕެންޓް ހައުސްއަށް ވަދެވެންދެންވެސް އޭނާ ޙަޔާގެ އަތުން ދުލެއް ނުކުރެއެވެ.

އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ވެސް ޙަޔާގެ ބަސް ހުއްޓުނެވެ. އޭނާއަށް ވަަށައިގެން ބެލެމުން ދިޔައެެވެ. އެއީ ކިތަންމެ ހާވެސް ފުރިހަމަ ގެއެކެވެ. ފަރުމާއަށް އެކަނި ބަލައިލި ނަމަވެސް، ތަނުގެ ރީތިކަމާމެދު އާޝޯޚުވާވަރު ވިއެވެ. ހައިޝަމް އޭނާގެ ގާތުގައި ބުނީ ހަމަ ތެދެކޭ ޙަޔާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އެގެ މިހާ ފުރިހަމަ ވެދާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ވަށައިގެން ބަލަމުން ދިޔަ ޙަޔާ ހައިރާންވެފައި ހުންނަން ފެށުމުން ޒައުލް ޙަޔާގެ އަތަށް ބާރުކޮށްލިއެވެ.

"މީ މީގެފަހުން ޙަޔާގެވެސް ގެޔޭ." ޒައުލްގެ އެބުނުމުގައި ހުރި އަސަރުން ޙަޔާގެ މެއަށް ފިނިވެލިއެވެ. "ވަރުބަލިވެފަ ދޯ. ހިނގާ ރޫމަށް. " ޒައުލް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ. އަދި ޙަޔާ ގޮވައިގެން ހިނގައިގަތެވެ. ޒައުލްއާ އެއް ހަމައެއްގައި ކަހަލަ ގޮތަކަށް ހިނގަމުން ދިޔަ ޙަޔާގެ ހިތުގެ ވިންދުތައް އަވަސްވީ އެހެން މިހެންނަކުން ނޫނެވެ. ޙަޔާއަށް ވަމުން ދިޔަ ގޮތުން ޒައުލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ޙަޔާ ހިތްހަަމަ ޖައްސަން ވާހަކަތައް ދައްކަން ފެށިއެވެ. އެގޮތުން އެގޭގެ ވާހަކަތަކާއި، ގޭގައި އިތުރު ބަޔަކު ނޫޅޭ ވާހަކައެވެ.

އެއަށްފަހު އޭނާ ޙަޔާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ޙަޔާއަަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އެއީ ވެސް ޖާގަ ތަނަވަސް ބޮޑު ކޮޓަރިއެވެ. އެމީހުން އުޅުނު އެޕާރޓްމެންޓު ވަރު އެ ކޮޓަރި އެކަނިވެސް ވާނެޔޭ ޙަޔާގެ ހިތަށް އެރިއެވެ.

އެމީހުން ވަނީ މިއަދު ޙަޔާގެ ބައެއް އެއްޗެހި އެގެއަށް ގެނެސްފައެވެ. ބާކީ އެއްޗެހި ގެންނާނީ މާދަމާ ކަމުގައި ޒައުލްވަނީ ބުނެފައެވެ.

މިހާރު ހައިޝަމް މެންވެސް އުޅެނީ ޒައުލްމެން އުޅޭ އެޕާރޓްމެންޓް ކޮމްޕްލެކްސްގައެވެ. އެމީހުން އެތަނަށް ބަދަލުވީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެހެންކަމުން ޙަޔާގެ އެއްޗެހިވެސް ގެންނާކަށް އުނދަގުލެއް ނުވާނެއެވެ. އެއީ ޕެންޓު ހައުސްގެ ތިރީ ފްލޯގައި ހުންނަ ދެ ކޮޓަރީގެ އެޕާރޓްމެންޓެކެވެ. އެތަން ހުސްވުމާއެކު، އެކަން އެމީހުންނަށް ހަމަޖައްސައިދިނީ ޒަމީރެވެ.

އެނދުގެ ފައިލާ ކޮޅު ކައިރީގައި، ހުއްޓި ހުރި ޙަޔާގެ ގާތުގައި ޒައުލް މަޑުކޮށްލިއެވެ. އޭނާއާ ކުރިމައްޗަށް ވާގޮތަށެވެ. އިސްޖަހާލައިގެން ހުރި ޙަޔާއަށް ގޮވާލަމުން އޭނާއަށް ބަލައިލުމަށް ޒައުލް އެދުނެވެ. އިސްއުފުލައިލި ޙަޔާ ޒައުލްއަށް ބަލައިލިއެވެ. އޭރުވެސް އޭނާ ހުރީ މޫނު އަޅައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެމީހުންގެވެސް ހިތުގެ ތެޅުން އަވަސްވިއެވެ. ކައިވެނީގެ ކުރިން ޙަޔާގެ މޫނު އޭނާއަށް ފެނިފައިވިޔަސް، މިރޭ ޙަޔާގެ މޫނު ދުށުމުގެ ޝައުޤުވެރިކަން ޒައުލްގެ ހިތުގައި ވަނީ މާ ބޮޑަށެވެ. ޙަޔާގެ މޫނުމަތީގެ އަސަރުތައް ބަލާލަން އޭނާ ނުހަނު ބޭނުމެވެ. އޭނާ މޫނު ފޮތިކޮޅުގައި އަތް ޖައްސައިލިއެވެ.

"ޙަޔާ، އޯކޭތަ؟" ޒައުލް އޯގާތެރިކަމާއެކު، ބުނެލުމާއެކު ޙަޔާ ބޯ ޖަހައިލިއެވެ. ޒައުލްގެ އަމަލުތަކުގައި ހުރި، މަޑުމައިތިރިކަމާއި، ޖަޒުބާތީ އަސަރުން ޙަޔާއަށް އާއެކޭ ބުނެވުނީ ބޯ ޖަހައިލަމުންނެވެ. އެ އަޑުގައިވި އަސަރުން ޙަޔާގެ މެއަށް ފިނިވެލިއިރު ޒައުލްގެ ހިނިތުންވުން ފުޅާ ވިއެވެ.

ޒައުލް މަޑުމަޑުން ޙަޔާގެ މޫނު ފޮތިކޮޅުގައި ދެ އަތުން ހިފައްޓައިލާ ނައްޓައިލުމާއެކު، ޙަޔާ ޒައުލްއާ ނަޒަރު ވަކިކޮށްލީ ލަދުންނެވެ. ހިތް އަވަސްވެފައިވާ ޙާލު ޙަޔާއަށް ދެލޯ މަރާލެވުނު އިރު ޒައުލްގެ ޙާލަކީ ކޮބައިތޯއެވެ. ޙަޔާއަށް ނޭނގުނު ނަމަވެސް ޒައުލްގެ ހިތްވެސް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. މޭ ފަޅާލާފައި ނުކުންނަން އުޅޭ ކަހަލައެވެ.

ލޯ މަރާލައިގެން ހުރި ޙަޔާ ފެނި ޒައުލްއަށް ޙަޔާއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނެވެ. މޭކަޕަކާއި ނުލާވެސް ޙަޔާ ރީއްޗެވެ. ފުރިހަމައެވެ. އެ ދޮން މޫނާއި ފިޔާތޮށި ތުންފަތާއި ލޮލުން ވެސް ޙަޔާގެ ރީތިކަން ފުރިހަމައަށް ފެންނަމުން ދިޔައެވެ. އެހިނދު އޭނާއަށް ހިިނިތުންވެވުނީ އޭނާ ނޫން މީހަކަށް ޙަޔާގެ މި ރީތިކަން ފެނިފައިނުވާތީއެވެ. އެކަމަށް އޭނާ ފަޚުރުވެރި ވެސް ވިއެވެ.

ޒައުލްއަށް މީގެ ކުރިން އޭނާގެ މޫނު ފެނިފައިވީ ނަމަވެސް އެކަނި ޒައުލްއާ އެކު ހުންނަންވުމުން ޙަޔާއަށް އުފާވެރިކަން ލިބުނު ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ހުރީ ލަދުގަތްފައެވެ.

"ޙަޔާ…" ޒައުލް މަޑުމަޑުން ޙަޔާއަށް ގޮވައިލިއެވެ. އެއާއެކު ޙަޔާ އިސް އުފުލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު އިރުކޮޅަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ.

ހަމަޖެހިލަމުން، އެރެއަށް ޚާއްސަކުރެވިފައިވާ ދުޢާ ޒައުލް ކިޔުމަށްފަހު، ދެން ދެމީހުންވެސް އަވަސްވެގަތީ ނަމާދުކޮށްލުމަށެވެ. ވުޟޫކޮށްލައިގެން ނުކުމެ ކުރި އެ ނަމާދަކީ ދެމީހުން އެކީގައި ކުރި ފުރަތަމަ ނަމާދެވެ. ނަމާދަށްފަހު، ކައިވެނީގައި ބަރަކާތްލައްވާ އެ ކައިވެނި އުފާވެރި ކޮށްދެއްވުމަށް އެއި ދެމަފިރިންވެސް ދުޢާ ކުރިއެވެ.

ނަމާދަށްފަހު، ޒައުލް ތެދުވެ ޙަޔާއަށް ބަލައިލީ އުފާވެރިކަމާއެކު ނަމަވެސް، ޙަޔާ ފެނުމާއެކު އޭނާގެ އުފާވެރިކަން ފޭދިގެން ދިޔައެވެ. ތެދުވެގެން ގުދަށް ކަހަލަ ގޮތަކަށް ހުރި ޙަޔާގެ މޫނުމަތީން ފެންނަނީ އޭނާ ބޮޑު ވޭނެއް ތަޙައްމަލް ކުރާ ފަދަ އަސަރުތަކެކެވެ.

"ޙަޔާ." މުސައްލަ އެނދުމަތީގައި ބާއްވަމުން ޒައުލް އަވަސް އަވަހަށް ގޮސް ޙަޔާގެ ގައިގައި ހިފައްޓައިލިއިރު އެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އޭނާ ޙަޔާ އުފުއްލާލައިގެން ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ.

"ކިހިނެއްވީ؟ ތަދުވަނީތަ؟" ބަނޑުގައި އަތް އަޅާލައިގެން އޮވެ ޙަޔާ ތަދު ތަޙަންމަލް ކުރަމުން ދިޔަ މަންޒަރު ފެނި ޒައުލްއަށް ވީ ގޮތްވެސް ނޭނގުނެވެ. އޭނާ އަވަސްވެގަތީ އެންބިއުލާންސްއަށް ގުޅާށެވެ. އެހެން ހުރިހާކަމަކަށް ވުރެ އޭނާއަށް ޙަޔާ މުހިންމުވިއެވެ.

"ކޮން އިރަކުން ފަށައިގެން ތަދުވާން ފެށީ؟" އެންބިއުލާންސްއަށް ގުޅާފައި ޒައުލްއަށް ސުވާލުކޮށްލެވުނެވެ.

"ޕާރޓީގައި ހުއްޓާ ކުޑަކޮށް ތަދުވި. ކުރިންވެސް އެހެން ވޭ. އެކަމަކު މިރޭ…." ތަދުވާވަރުން ޙަޔާއަށް ވާހަކައެއް ނުދެއްކުނެވެ.

"ދެން ކީއްވެ ނުބުނީ؟ ބޭސް ކެއިންތަ؟" ޒައުލްގެ އެ ސުވާލަށް ވެސް ޙަޔާ ބޯ ޖަހައިލިއެވެ. ތަދުވާވަރުން ކަންނޭނގެއެވެ. ޙަޔާގެ ބޮލަށް އެނބުރުން ވެސް އަރަން ފެށިއެވެ. އެވަގުތު އެހެން އެންމެނަށް ގުޅަން ބޭނުންވިނަމަވެސް، ޒައުލްއަށް އެކަން ނުކުރެވުނީ ޙަޔާއަށް އެހީތެރިވާން ޖެހުމުންނެވެ. ޒައުލް ޙަޔާ އަތްދަނޑި މައްޗަށް އުފުލާލައިގެން ނުކުމެ ބައްޕާއޭ ކިޔާފައި ގޮވަން ފެށި އަޑަށް، ޒަމީރުވެސް ކޮޓަރިން ނުކުމެއްޖެއެވެ. ޒައުލް އެދުނީ ހައިޝަމްއަށް ގުޅާފައި ޚަބަރު ދިނުމަށެވެ. ތައްޔާރުވެލައިގެން އައުމަށް ބުނެފައި އޭނާ ތިރިއަށް ފޭބީ، އެންބިއުލާންސް ތިރީގައިކަމަށް ބުނެފައެވެ.

"ޙަޔާ… ޙަޔާ… ޙަޔާ… ލޯ ނުމަރަބަ… ޙަޔާ……" ޙަޔާގެ ހެއަށް ގޮތްވާކަން އެނގުމުން ޒައުލް ބުނަމުންދިޔައެވެ. އޭނާ ބާރުބާރަށް ގޮސް ތިރީގައި އޮތް އެންބިއުލާންސްއަށް ޙަޔާ އެރުވިއިރު ޙަޔާގެ ދެލޯ ވަނީ މެރިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ޡެންދަޔާ

4 day 15 hour ago

އަޅޭ! ޙަޔާއަށް ދެރަ ގޮތެއް ނުހަދައްޗޭ. ވަރަށް ބިރުގަނޭ އެބަ. ވަރަށް ރީތި މިބައިވެސް. ޢަނެއް އެޕްގެ އިންތިޒާރުގާ

comment ފާތި

4 day 19 hour ago

ދެން ނޫން

comment ހުމާ

4 day 20 hour ago

ވާހަކަ ވަރަށް ރީތި. ހަޔާއަށް ދެރަގޮތެއް ނުހަދައްޗޭ..

comment ޒައުލް

4 day 21 hour ago

ހަޔާ މަށާވަކިނުކުރާތި

Dhiraagu
ގުޅޭ ޚަބަރު
ގުޅޭ ޓެގު