ލިތިއަމް އަޔޯން ބެޓެރި ހިމެނޭ ޕަވާ ބޭންކްތައް ބޭނުންކުރުން މަނާކޮށް އޭޝިއާގެ ގިނަ އެއާލައިންތަކެއްގެ ގަވާއިދު ބަދަލުކުރަން ފަށައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގައި ދެކުނު ކޮރިއާއިން ނައްޓާލަން އުޅުނު އެއާ ބުސަންގެ ފްލައިޓެއްގެ ތެރޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ތަހުގީގުތަކުން ދައްކާގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު ގެންގުޅޭ އާދައިގެ ލިތިއަމް އަޔޯން ބެޓެރީ ޕަވާ ބޭންކަކުންނެވެ.
ދަތުރުތައް ކުރާ މީހުންނަށް ޕަވާ ބޭންކަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި, ދިގު ދަތުރުތައް ދާ ގިނަ ބައެއްގެ އަތުގައި އަބަދު ވެސް ޕަވާބޭންކެއް އޮންނާނެއެވެ. މި ޕަވާބެންކަކީ ހަމައެކަނި ފޯނު ޗާޖުކުރަން ގެންގުޅޭ އެއްޗެއް ނޫނެވެ. ފޯނުތަކުގެ އިތުރުން ލެޕްޓޮޕްތަކާއި ވަޔާލެސް ބަޑްސް އަދި އެ ނޫން ވެސް އިލެކްޓްރޯނިކް ޑިވައިސްތައް ޗާޖު ކުރުމަށްޓަކައި މި ބޭނުންކުރެއެވެ. އެއާއެކު ފްލައިޓުތަކުގައި ދަތުރުކުރާއިރު ފްލައިޓަށް ޕަވާބޭންކެއް އެރުވުމަކީ ވަރަށް އާންމު ކަމެކެވެ.
ނަމަވެސް, އެ ފަރުމާ ކުރުމުގައި ރައްކާތެރި ފިޔަވަޅުތައް އަޅާފައިނުވުމާއި ބެޓެރި ދުވަސްވުމާއި އެ ނޫން ވެސް ސަބަބުތަކާ ގުޅިގެން މި ޕަވާބެންކްތަކަކީ އެއިން ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮންނަ އެއްޗެއްސެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި ލިތިއަމް އަޔޯން ބެޓެރިތަކާ ގުޅުންހުރި 500 އަށްވުރެ ގިނަ ހާދިސާތައް ފްލައިޓުތަކުގައި ހިނގާފައިވެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށްޓަކައި އޭޝިއާގެ އެއާލައިންތަކުން މިހާރު ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. މި މަހުގެ ތެރޭގައި ކޮރިއާގެ ހުރިހާ އެއާލައިންއަކަށް ވެސް ޕަވާބެންކާއި އީ-ސިނގިރޭޓު އެރުވުމުގައި ގަވާއިދުތަކެއް ހަދާފައިވެއެވެ. އެގޮތުން، ފްލައިޓް ތެރޭގައި ޕަވާބެންކް ޗާޖުކުރުމާއި އޯވަހެޑް ކެބިންގައި މި ރައްކާކުރުން މަނާކޮށްފައިވެއެވެ.
ތައި އެއާވޭސްއިން ވެސް ވަނީ މި މަހުގެ ތެރޭގައި ޕަވާބެންކް ފްލައިޓުތަކުގައި ބޭނުންކުރުމާއި ޗާޖުކުރުން މަނާކޮށްފައެވެ. ސިންގަޕޯ އެއާލައިންސްއިން ކަނޑައަޅާފައިވާ ގަވާއިދުގައި ބުނާގޮތުން ފްލައިޓުގައި ޕަވާބެންކް ބޭނުންކޮށްގެން ފޯނު އަދި އެ ނޫން ވެސް އެއްޗެއް ޗާޖުކުރުން މަނާވާނެއެވެ.
އެއާ އޭޝިއާގެ ފްލައިޓުތަކުގައި ވެސް ޕަވާބެންކް ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައެވެ. ފްލައިޓަށް އެ އަރުވާ ނަމަ އެ އޮންނަން ޖެހޭނީ މުޅި ދަތުރު ނިއްވާލާފައި ކަމަށް އެއާލައިނުން ބުނެއެވެ.