ހޮލީވުޑްގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ސެލީނާ ގޮމޭޒްގެ ބަރުދަނާއި ހުންނަ ގޮތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުން އޭނާ ދެރަވެއްޖެއެވެ.
ކުޑައިރުން ފެށިގެން އިންޓަނެޓްގެ ގޯސް ކޮމެންޓުތަކަށް ސެލީނާއަކީ އާ ފަންނާނެއް ނޫނެވެ. އެގޮތުން، ސެލީނާ ހުންނަ ގޮތުން ފެށިގެން ވާހަކަ ދައްކާގޮތަށް ވެސް ތަފާތު ވާހަކަތަކެއް އަޑުއިވުމަކީ އޭނާ އާ ކަމެއް ނޫނެވެ. އަދި، ލޫޕަސްއާއި ޕީސީއޯއެސް ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑަށް އަންނަ ބޮޑެތި ބަދަލުތަކާ އެކު މީހުންގެ ފަރާތުން އިވެމުން އަންނަ ވާހަކަތައް ވަނީ މި ފަހަކަށް އައިސް އިތުރުވެފައެވެ.
އެންމެ ފަހުން އޭނާ މި ވާހަކަތަކަށް ރައްދު ދީފިއެވެ.
މަޝްހޫރު ޕްރެޒެންޓަރު ޖޭ ޖެޓީގެ ޕޮޑްކާސްޓް އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސެލީނާ ބުނެފައިވަނީ މީހުންގެ ތަފާތު ކޮމެންޓުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އޭނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނެފައިވަނީ އެންމެ ގިނައިން އާންމުންގެ ފަރާތުން ކޮމެންޓުތައް އިވިފައިވަނީ އޭނާގެ ބަރުދަނާ ގުޅޭގޮތުން ކަމަށެވެ. އޭނާގެ ބަލީގެ ސަބަބުން އޭނާގެ ބަރުދަން ކޮންޓްރޯލް ކުރުމަކީ އެންމެ ފަސޭހަ މަސައްކަތް ނޫން ކަމަށް ސެލީނާ ފާހަގަކުރިއެވެ. އެއާއެކު ވެސް ދުޅަހެޔޮކޮށް ހުރުމަށްޓަކައި ގަވާއިދުން މަސައްކަތް ކުރާކަން ސެލީނާ ބުންޏެވެ.
އެކަމަކު، އެއީ އެންމެނަށް އަބަދު ފެންނާނެ ކަންތައް ނޫން ކަމަށާއި އެންމެނަށް ވެސް ފެންނާނީ އާންމުންގެ ތެރެއަށް ނުކުންނަ ފަހަރަކު ނުވަތަ އިވެންޓެއްގެ ތެރެއިން އެކަނި ކަމަށް ވެސް ސެލީނާ ފާހަގަކޮށްފައިވެއެވެ.
ސެލީނާ ބުނި ގޮތުގައި މިކަހަލަ ކަންތައްތަކުގައި އަންހެން ތަރީންނަކީ ގިނަ ފަހަރަށް އާންމުންގެ ފާޑުކިޔުން ބޮޑަށް ރައްދުވާ ބައެކެވެ. ނަމަވެސް، ފިރިހެން ތަރީންނަށް މިފަދަ ފާޑުކިޔުން އެ ވަރަށް ރައްދުނުވާ ކަމަށް ވެސް ސެލީނާ ބުނެއެވެ.
ކޮންމެ ގޮތެއް ވިޔަސް މީހުން ހުންނަ ގޮތަށް ފާޑު ކިޔައި އެފަދަ ކަންތައްތަކާ ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަންތައް މިހާރު ހުއްޓާލަން ވެއްޖެ ކަމަށް ވެސް ސެލީނާ ބުނެފައިވެއެވެ.