ސާގަކީ މި އުފައްދާ ރުއް، ސައިންޓިފިކް ނަމުން ނަމަ މެޓްރޮކްސިލޮން ސާގު ނުވަތަ އިނގިރޭސި ބަހުން ނަމަ ސާގޯ ޕާމްގެ ލަކުޑިގަނޑުގެ އެތެރޭގައި އިންނަ މަދުގައި އުފެދޭ އެއްޗެކެވެ.
މިއީ އޭޝިއާގެ ޤައުމުތަކުގައި ކެއުމުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ރާއްޖޭގައި ވެސް ސާގަކީ އެކިއެކި މުނާސަބާތަކުގައި ދިވެހީންގެ ކެއުމުގައި ހިމަނައިލާ ވަރަށް މުހިއްމު ބާވަތެކެވެ. ސާގުން ސާގު ފުށް ތައްޔާރުކުރުމުގެ އިތުރުން ޕުޑިން، ބޮނޑިބަތް، ސާގު ފަނި އަދި ސާގު ބޯކިބާ ފަދަ ތަކެތި ވެސް ތައްޔާރުކުރެއެވެ.
ރަމަޟާން މަހަށް އެކަނި ބަލައިލި ކަމަށް ވިޔަސް އާދަވެގެން ކެއުމުގައި ސާގުގެ ބާވަތްތައް ހިމަނާ މީހުން ގިނައެވެ.

ސާގުން ތައްޔާރުކޮށްފައިވާ ސާގު ކަނދި. ސާގަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި މަގުބޫލު ބާވަތެއް--ފޮޓޯ/ލޮނުމެދު
ސާގުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާއިރު މީގައި ގުލްކޯޒާއި މޮލިކިއުލްސް ގުޅުވައިލަދޭ މާއްދާތައް ހިމެނޭ ކަމަށް ރެޖިސްޓަޑް ޑައިޓީޝަން އަދި ސެޓިފައިޑް ޑައިބީޓްސް ކެއަ އެންޑް އެޑިއުކޭޝަން ސްޕެޝަލިސްޓް ކެތީ ވޯވިކްގެ ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ.
ސާގުން ލިބޭ ފައިދާތައް ބަޔާންކޮށްފައިވާ މި ލިޔުމުގައި ކެތީ ބުނެފައިވަނީ ސާގުގައި އެކުލެވޭ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ހޯދައިދިނުމަށް އެހީތެރިވެދޭ ހަކުރުގެ ބާވަތެއް ކަމަށެވެ. މިއީ ނިއުޓްރީޝަން މާއްދާތައް މަދު ބާވަތެއް ކަމަށް ވިޔަސް ކާބްސްއިން މުއްސަނދިވެފައިވާ ބާވަތަކަށް ވުމުން ހަށިގަނޑަށް ހަކަތަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް ކެތީގެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.
މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭ ބާވަތަކަށްވުމުން ރޯދައަށް ހުންނައިރު ހަށިގަނޑަށް ބޭނުންވާ ފިނިކަމާއި ތާޒާކަން ހަށިގަނޑަށް ގެނުވައިދޭ ބާވަތެކެވެ. ހަމައެއާ އެކު ސާގަކީ ވަރަށް ފަސޭހައިން ހަޖަމުކޮށްލެވޭ ބާވަތަކަށްވުމުން ރޯދައަށް ހުންނައިރު ދިމާވާ ބަނޑުގެ އުނދަގޫތަކުން ވެސް ސަލާމަތްކޮށްދިނުމަށް އެހީވެދެއެވެ.
ސާގުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އަދި ރެސިސްޓެންޓް ސްޓާޗްގެ ސަބަބުން ސިއްހީގޮތުން ހަށިގަނޑަށް ލިބޭ ފައިދާތަކާ އެކު މިއީ ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދީ ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންވާ އިތުރު ހަކަތަ ގެނެސްދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ.
އެހެންކަމުން ރަމަޟާން މަހު ނޫނަސް މިއީ އާދައިގެ އެހެން މަސްމަހު ވެސް ކެއުމުގައި ހިމަނާލެވިދާނެ މުހިއްމު ބާވަތެކެވެ.