Dhiraagu
Dhiraagu

"ކީކޭ ހައިޝަމް ބުނީ؟" ޒައުލްއަށް އަހައިލެވުނެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާއަށް ތެޅެމުންނެވެ.

Ooredoo

ޒައުލްއަށް ވެފައިހުރި ގޮތުން ޒަމީރުގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އާއެކޭ ބުނީ. މިރޭ އެގެއަށް އަންނާށޯ." ޒަމީރު އެހެން ބުނެލުމާއެކު, ޒައުލްއަށް ހީނލެވުނެވެ. އޭނާއަށް ޒަމީރަށް ޝުކުރު އަރާ ކުރެވުމާއެކު ޒަމީރުގެ ގައިގައި ކުޑަކޮށް ބައްދާވެސް ލެވުނެވެ.

"އިންޝާ ﷲ ޒައުލްގެ ހިތް އެދޭކަހަލަ ޖަވާބެއް ލިބޭނެ." ޒަމީރު ބުނެލިއެވެ.

*****

ފޯނު ކޯލު ނިންމާލާފައި އެނދުގައި އިށީނދެލި ހައިޝަމްއަށް، ނައުފާ ބަލައިލިއެވެ. އޭނާ އައިސް އެނދުގެ އެއްފަރާތުގައި އިށީނދެ ހައިޝަމްގެ އަތުގައި ހިފައްޓައިލިއެވެ.

"ކިހިނެއްވީ ހައިޝަމް؟" ނައުފާ ސުވާލުކޮށްލިއެވެ. "ކާކު ގުޅީ؟"

"މިކުރެވުނީ އަނެއްކާ ރަނގަޅުކަމެއްބާ؟ " ހައިޝަމްއަށް ނައުފާއަށް ބަލައިލެވުނެވެ.

"ކޮންކަމެއް؟ ކާކުތަ ގުޅީ؟" ނައުފާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. ލޯބިވާ ފިރިމީހާގެ ހާސްކަން އޭނާއަށް އުނދަގޫކުރުވިއެވެ. ތަކުރާރުކޮށް ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ.

"ޒަމީރު ސާރ. މިރޭ މިގެއަށް އަންނަން ބޭނުންވެގެން ގުޅީ. " ހައިޝަމް ބުނެލިއެވެ.

"މިގެއަށޭ؟" ހައިޝަމްއެކޭ އެއްގޮތަށް ނައުފާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހައިޝަމްއަށް ބަލައިލީ އިތުރު ތަފްސީލު ދޭށޭ ބުނާފަދައަކުންނެވެ.

"ޙަޔާ… ޙަޔާއާ ބެހޭގޮތުން ވާހަކަ ދައްކާށޯ. ޒައުލް… ޒައުލްވެސް އަންނާނެޔޯ."

"ޙަޔާއާ ބެހޭގޮތުންނޭ؟" އެހެން އަހައިލެވުނު ނައުފާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "އެއީ. އަނެއްކާ… ޙަޔާ….ހައިޝަމް… އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟"

"އަހަންނަށް ވެސް ހީވަނީ ހަމަ ތިހެން. ވާހަކަތަކުން ޔަޤީންކުރެވެނީ އެގޮތަށް. އެކަމަކު ޙަޔާއާ ވާހަކަ ވެސް ނުދައްކާ އާއެކޭ ބުނެވުނީމަ އެކަމާ މި ވިސްނެނީ މިހާރު.." ހައިޝަމްއަށް ބުނެވުނެވެ.

"ދެން ދޭބަލަ މިގަޑީ ވާހަކަ ދައްކަން. " ނައުފާއަށް ބުނެވުނެވެ.

"އަދި މާ ގިނަ ދުވަހެއް ނުވެއެއްނު ސިނާންމެން އައިތާ ވެސް. އެހެންވެ ހިތަށް މި އަރަނީ ޙަޔާ ހިތްހަމަނުޖެހިދާނެޔޭ…" ހައިޝަމްގެ ހިތަށް އުނދަގޫކުރުވަމުން ދިޔަ ވާހަކަތަށް އޭނާއަށް ލޯބިވާ އަނބިމީހާއާ ހިއްސާކުރެވުނެވެ. ހައިޝަމްގެ ޖެހިލުންވުން ނަގައިގަނެވުނު ނައުފާގެ މަޤްސަދަކަށްވީ ހައިޝަމްގެ ހިތަށް ފިނިކަން ގެނެސްދިނުމެވެ. ފިރިމީހާގެ ހާސްކަން ދުރުކޮށްދޭން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.

"ކީއްވެ ޙަޔާ ހިތްހަމަ ނުޖެހެންވީ؟؟ ހައިޝަމް އޭނަގެ ކައިވެނި ހަމަޖެއްސީއެއް ނޫނެއްނު ތީ؟ ދެން ބުނެބަ. ތި ޒައުލްއަކީ ކޮން ކަހަލަ ކުއްޖެއްތަ؟ ރަނގަޅު ކުއްޖެއްތަ؟ " ނައުފާ އަހައިލިއެވެ.

"އާނ. މިހާރު ވަރަށް ރަނގަޅު." ހައިޝަމްއަށް ބުނެވުނީ އެހެންނެވެ.

"އޭގެ މާނައަކީ ކުރީގައި ގޯހޭތަ؟" ނައުފާ ސުވާލު ކޮށްލިއެވެ.

"މާޒީގެ ވާހަކަ ބާއްވަމާ. މާޒީ އިން ޒައުލް ޖަޖްކުރާކަށް އަހަރެން ބޭނުމެއް ނޫން. އެއީ މިހާރު ކުރީގެ ޒައުލްއެއް ނޫން. އޭނާ އެވަނީ ވަރަށް ބޮޑަށް ބަދަލުވެފަ…. އަދި. މި ވީ ދުވަސްތަކުގައި އަހަންނަށް ޒައުލް ވަރަށް ރަނގަޅަށް ދަސްވެސްވެއްޖެ. އެއީ ރަނގަޅު ޒުވާނެއް." ހައިޝަމް ބުނެލިއެވެ.

"އެހެންވީމަ ދޭބަ. ގޮސް ޙަޔާއާ ވާހަކަ ދައްކަބަ. ކުޑަކޮށް ޚިޔާލު ހުރި ނެތްގޮތަށް ވެސް ބަލާލަބަލަ…. އޭރުން އިނގިދާނެއއްނު." ނައުފާ ހައިޝަމްގެ އަތުގައި ހިފާ ތެދުކުރުވިއެވެ. އަދި އޭނާގެ ބުރަކަށީގައި އަތް އަޅާ ދެއަތުން ކޮށްޕަމުން ދޮރާ ދިމާލަށް ގެންދިޔައެވެ. ނައުފާގެ އެ ސަމާސާ ހަރަކާތުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ހައިޝަމް ކުއްލިއަކަށް ހުއްޓުނީ ނައުފާއާ ލާނެތް ސަމާސާއެއްކޮށްލުމުގެ ގޮތުންނެވެ. އޭނާ ގުޑިލަން ބޭނުންނުވެފައި ހުރިއްޔާ ނައުފާއަށް އޭނާ ދޮރާ ދިމާލަށް ނުގެންދެވޭނެކަން ހައިޝަމްއަށް އެނގެއެވެ. ފަހަތުގައި ހުރެ އޭނާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަމުން ދިޔަ ނައުފާއަށް ހައިޝަމް ގުޑާނުލުމުން އެ މަސައްކަތް ހުއްޓާލާފައި އަތް އުރައިލިއެވެ.

"ހީވޭކަމެއްހެން…. އަހަރެން މިދަނީ ނައުގެ ބާރަކު ނޫނޭ." ހައިޝަމް ހީނލިއެވެ.

"އޯކޭ އޯކޭ އޭ… ދެން ދޭބަ." ހީނގަންނަމުން ނައުފާ ވެސް ބުނެލިއެވެ. ދެމަފިރިންގެ އެ ފަދަ ސަމާސާތަކުން، އެކަކު އަނެކަކު ދެކެ ވާ ލޯބި ފާޅުވަމުން ދިޔައެވެ. ނައުފާއާއި ސަމާސާކުރުމަކީ އަބަދުވެސް ހައިޝަމްގެ އާދައެކެވެ. އެ އާދަ ނައުފާއަށްވެސް ކަމުދަނީ އެކަމުން ދެމީހުން ދެމެދު އޮންނަ ގުޅުން ބަދަހިވެ ގާތްވާތީއެވެ. ދެމަފިރިން އެކުގައި އުފާވެރި ވަގުތު ހޭދަކުރުމަށް އިސްލާމްދީން އަބަދުވެސް ބާރުއަޅައެވެ. ފިރިމީހާ އަނބިމީހާގެ ހައްޤުތަކަށް ރައްކާތެރިވުމާއި، އަނބިމީހާ ފިރިމީހާގެ ހައްޤުތަކަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. ދީނުގެ އުސޫލުތަކާ އެއްގޮތަށް ދެމަފިރިން އަމަލުކުރާނަމަ ހަމަ ޔަޤީނުންވެސް އާއިލާތައް ރޫޅުމާއި، ވަރި މަދުވާނެއެވެ. އަދި ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރެވިގެން ދާނެއެވެ.

"ކޮބާތަ އިނާ؟ ކީއްވެ ނުފެންނަނީ؟" ނުކުންނަމުން ހައިޝަމް ސުވާލުކޮށްލިއެވެ.

"މަންމަމެން ގޭގަ." ނައުފާ ބުނެލިއެވެ. އެއާއެކު ހައިޝަމްވެސް ބޯ ޖަހާލާފައި އިތުރު އެއްޗެއް ނުބުނެ، ނުކުމެގެން ގޮސް ޙަޔާގެ ކޮޓަރީގައި ޓަކި ޖަހާލާފައި ހުއްދަ ލިބުމުން އެތެރެއަށް ވަނެވެ. އެހެންނަމަވެސް އޭނާއަށް ހަޔާއާ ވާހަކަ ދައްކާނެ ގޮތެއް ނޭނގި އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ.

"ކިހިނެއްވީ ދޮންބޭ؟" ޙަޔާއަށް ބަލައިލުމަށްފަހުވެސް، އެއްޗެކޭ ނުބުނެ ހައިޝަމް ހުންނަން ފެށުމުން ޙަޔާ ސުވާލުކޮށްލިއެވެ.

"މީ…" ދެންވެސް ހައިޝަމް މަޑުޖެހުނެވެ.

"ދޮންބެއަށް ބަޔަކަށް އާއެކޭ ބުނެވިއްޖެ…." ހައިޝަމްއަށް ބުނެވުނީ އެހެންނެވެ.

"އޭނ… ކީކޭ؟" ހައިޝަމް އެބުނި އެއްޗެއްގެ މާނަ ޙަޔާއަކަށް ފަހުމެއް ނުވިއެވެ.

"ދޮންބެއަށް އާއެކޭ ބުނެވިއްޖެ… އެމީހުން މިގެއަށް އަންނަ ވާހަކަ ބުނީ… ޙަޔާގެ ކައިވެންޏަށް އެދި ވާހަކަ ދައްކަން ވެގެން. ސޮރީ ނުބުނެ އާއެކޭ ބުނެވުނީމަ އެ ވަގުތު ވިސްނާނުލާ ބުނެވުނީ…" ހައިޝަމް މާފަށް އެދުނެވެ.

"އިޓްސް އޯކޭ ދޮންބޭ…" ޙަޔާ ބުނެލިއެވެ. "ކޮން ބަޔެއް؟"

"ޒައުލް…." ހައިޝަމްގެ ޖަވާބާއެކު، ޙަޔާއަށް އިތުރު ހައިރާންކަމެއް ލިބުނު ނަމަވެސް އޭނާގެ ހިތަށް އެވަގުތު އެނގުންވެލިއެވެ. ހިތުގެ ހިނގުމަށް ބަދަލު އައެވެ.

ޙަޔާއާ ވާހަކަ ދައްކާފައި، ޙައިޝަމް ނުކުތުމުން ޙަޔާއަށް ވިސްނަން އިނދެވުނީއެވެ.

*****

އެރޭ ޒަމީރު ޒައުލް ގޮވައިގެން އެގެއަށް އަތުވެއްޖެއެވެ.

އެ ދެމީހުންނަށް މަރުޙަބާ ކީ ހައިޝަމްއެވެ. އެމީހުން ތިން މީހުން ސޯފާގައި އިށީނދެ ހަމަޖެހިލުމާއެކު ނައުފާ، ޖޫހާ ބިސްކޯދާ އެއްޗެހި ގެނެސްދިނެވެ. ޒައުލް އިނީ އިސްޖަހާލައިގެންނެވެ. އެތަން ފެނި ހައިޝަމްގެ ގާތަށް ކުޑަކޮށް ހިނިވެސް އަންނަ ގޮތްވިއެވެ. ޒައުލް އަކީ އެހާ ޖެހިލުންވާ މީހެއްކަމެއް މީގެ ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. ލުއިކޮށް ހީނލައިގެން އިނދެ އޭނާ ޒަމީރާ ވާހަކަ ދެއްކިއެވެ. ޒަމީރު އޭނާ އައި ބޭނުން ބުނެލުމާއެކު، ހައިޝަމް ބަލައިލީ ޒައުލްއަށެވެ. އޭރުވެސް ޒައުލް އިނީ އިސްޖަހާލައިގެންނެވެ. ލަދުންކަމެއް ނޫނީ ޖެހިލުންވެފައިކަމެއް ނޭނގެއެވެ.

"ޒައުލްއެއް ނޫންތަ ތި ވާހަކަ ބުނަން ޖެހޭނީ؟" ހައިޝަމް އެހެން ބުނެލި އަޑަށް ޒައުލްއަށް އިސްއުފުލައިލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއިރު ހައިޝަމްގެ ހިނިތުންވުން ޒައުލްގެ ހިތަށް ފިނިކަމެއް ގެނެސް ދިނެވެ. އޭނާ ހައިޝަމްއާ ވާހަކަ ދައްކަން ފެށީ އުންމީދާއެކުގައެވެ.

"އަހަރެން… އަހަރެން ޙަޔާއާ ކައިވެނިކުރަން ބޭނުންވެގެން މިއައީ…. " ޒައުލްއަށް ބުނެވުނީހަމަ އެކަނި އެހެންނެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ބަސް ހުއްޓުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި މަޑުޖެހެވުނެވެ. އޭނާއަށް ބަލައިލެވުނީ ޒަމީރަށެވެ.

"އަހަރެންގެ ކުރިމަތީގައި ތީނީ މުޅީން އެހެން ޒައުލްއެއްނު." ހައިޝަމް ހީނލިއެވެ.

"ނޫން. މީ ހަމަ އެ ޒައުލް. އަހަރެންގެ ލައިފް ސްޓޯރީ ހައިޝަމްއަށް އެނގޭނެ. ޙަޔާއަށްވެސް ނޭނގޭނެހެނެއް ހިޔެއް ނުވޭ. ދައްކަން ބޭނުން ބައިވަރު ވާހަކަތައް އެބަ ހުރި. އެކަމަކު… ބުނާނެ ގޮތެއް ނޭނގެ. " ޒައުލް ހައިޝަމްއާ ކުރިމަތިލަމުން ބުނެލިއެވެ. ހައިޝަމް ނައުފާ ގާތު ޙަޔާއަށް ގޮވާލަން ބުނުމުން ނައުފާ ޙަޔާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ޒަމީރާ ޒައުލްއާ ދެމީހުން އައިކަން އެނގި ޙަޔާއަށް ހުރެވުނީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ސިހުނީ ކޮޓަރި ދޮރު ހުޅުވާލަމުންނެވެ. ނައުފާ އެދުނީ އޭނާއާއެކު އައުމަށެވެ. ޙަޔާ ވެސް ޖެހިލުންވެ ހުރެ ނުކުތެވެ. މިއީ ސިނާން އައި ދުވަހުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. އެހެންކަމުން ޚުދު އޭނާވެސް ހައިރާންވިއެވެ. އެހާ ޖެހިލުންވަނީ ކީއްވެބާއޭ ޙަޔާގެ ހިތަށް އެރިއެވެ.

ނައުފާ ޙަޔާ ގޮވައިގެން ސިޓިން ރޫމަށް ނުކުތެވެ.

ޙަޔާ ފެނުމާއެކު ޙަޔާއަށް އަވަސް ނަޒަރެއް ދިން ޒައުލް މި ފަހަރު އިސްޖަހައިލިއެވެ. ޙަޔާ އާއި ނައުފާއާ ދެމީހުން ސޯފާގައި އިށީނުމުން ޒަމީރު ޒައުލްއަށް ގޮވައިލިއެވެ. އެއާއެކު ޒައުލް ޙަޔާއާ ވާހަކަ ދައްކަން ފެށިއެވެ. މަޑުމައިތިރިކަމާއެކުގައެވެ. ޒައުލްގެ ވާހަކަތަށް ޙަޔާއަށް ކަމު ދިޔަނަމަވެސް، އޭނާ އެހާ އަވަހަށް ޖަވާބެއް ދޭން މިފަހަރުވެސް އުޒުރުވެރިވިއެވެ.

"އަހަރެން ބޭނުން ވިސްނާލަން ވަގުތުކޮޅެއް." ޙަޔާ ދިނީ ކުރިން ފަހަރުވެސް އޭނާ ދިން ޖަވާބެވެ.

"އަހަރެން ޖަވާބަކަށް އިންތިޒާރުކުރާނަން." އެދުވަހު ބައްދަލުވުން ނިމުނީ އެހާހިސާބުންނެވެ.

ޙަޔާ އާބަސް ނުދިނެއް ކަމަކު، ޒައުލްއާއި ޒަމީރާ ދެމީހުން އެގެއިން ނުކުތީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ޙަޔާ ކޮންމެ ޖަވާބެއް ދިނަސް ޒައުލް އެ ޖަވާބެއް ޤަބޫލުކުރާނެއެވެ. ޙަޔާއާ އޭނާއާ ނުގުޅުނު ނަމަވެސް، އެކަމުގައި ވެސް ހެވެއް ވާނެކަން އޭނާއަށް އެނގޭތީއެވެ. އަދި ގުޅުނު ނަމަވެސް އެކަމުގައި ވެސް ހެވެއް ވާނެއެވެ. ހުރިހާކަމެއްގައި ﷲ އަށް އިތުބާރުކުރުމަށް އޭނާ ވަނީ އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ.

އެމީހުން ނުކުތުމުން ހައިޝަމް ޙަޔާއާ، އޭނާ ޒައުލްއާ ދޭތެރޭ ދެކޭގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ. އަދި އޭނާއަށް ޒައުލް އެނގޭ މިންވަރުވެސް ކިޔައިދިނެވެ. ޒައުލްގެ މިޒާޖާއި ކަންތައްތައް ހުރި ގޮތްވެސް ހައިޝަމް ކިޔައިދިނެވެ. އެ ދެމީހުން ކުރެ އެކަކުވެސް ޒައުލްގެ މާޒީ ކޮނެ އަލުން އޭގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ޒައުލްއެވަނީ ތައުބާވެފައެވެ. ވީއިރު އެ މާޒީގެ ވާހަކަ ދެއްކުމުގެ ފައިދާއެއް ވެސް ނެތެވެ. އަދި ބޭނުމެއް ވެސް ނެތެެވެ. މީހަކު ކުރާ ފާފަޔަށް ތައުބާވުމަށްފަހު، އެ ފާފައިގެ ވާހަކަ ދެއްކުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ހައިޝަމްގެ ވާހަކަތަކުން ޙަޔާއަށް ޒައުލްއާ ގަޔާވެވުނެވެ. އެހެންނަމަވެސް ގޮތް ނިންމަން އޭނާއަށް އުނދަގޫވީ އާއެކޭ ބުނާ ހިސާބުން އެ ގުޅުމަކީ އުމުރަށް ގުޅޭނެ ގުޅުމަކަށް ވާތީއެވެ. އެހެންކަމުން ވަކި ޖަވާބެއް ދިނުމުގެ ކުރިން އޭނާ އިސްތިޚާރާ ނަމާދުކުރަން ބޭނުންވިއެވެ. އޭނާ އާއެކޭ ނުބުނެ ލަސްކުރި ސަބަބަކީވެސް އެއީއެވެ. ޙަޔާތުގެ ބޮޑެތި ކޮންމެ ނިންމުމެއް ޙަޔާ ނިންމަނީ އިސްތިޚާރާއަށްފަހުއެވެ. އެކަމަށްޓަކައިވެސް އޭނާ އިސްތިޚާރާ ނަމާދުކުރި ސަބަބަކީ އެއީއެވެ.

*****

ޙަޔާގެ ޖަވާބެއްގެ އިންތިޒާރުގައި ހުރި ޒައުލް ހައިޝަމްއާ ވެސް އިތުރު ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް ޒައުލްގެ އުޅުން ހުންނަ ގޮތުން އޭނާ އެ ސުވާލުކުރަން އުޅޭކަން ހައިޝަމްއަށް އެނގެއެވެ. އޭނާ އެވާހަކަ ޙަޔާގެ ގާތުގައިވެސް ބުންޏެވެ. ޒައުލްގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކަ ހައިޝަމް ޙަޔާގެ ގާތުގައި ދައްކަމުން ދިޔަ ވަރަކަށް ޙަޔާއަށް ވެސް ޒައުލްއާ އިތުރަށް ގަޔާވުން ނޫންކަމެއް ނުވިއެވެ. ޒައުލްއަށް އާއެކޭ ބުނުމަށް އޭނާގެ ހިތް ގޮވަންފެށި ނަމަވެސް ދެންވެސް، ޙަޔާ މަޑުކުރިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަމިއްލަ ބަލި ޙާލަތާ މެދުވެސް އޭނާއަށް ވިސްނެނީއެވެ.

އެންމެފަހުން ޖަވާބެއް ލައުން ނަސްވެ ޒައުލްގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އޭނާ ހައިޝަމްއާ ވާހަކަ ދެއްކީ އޮފީސް ނިންމާލާފައެވެ.

"ޙަޔާގާތުގައި ބުނެލަދީބަލަ ކޮންމެ ޖަވާބެއް ދިނަސް އަހަރެންގެ މައްސަލައެއް ނެތޭ. އަހަރެން ނޫޅެން ކައިވެންޏަށް ޙަޔާއަށް މަޖުބޫރުކުރާކަށް. އަހަރެމެން ދެމީހުން ގުޅުނަސް އަދި ނުގުޅުނަސް އެކަން ވާނީ އެންމެ ރަނގަޅަށް. އަހަރެމެންނަށް ނޭނގުނަސް، ﷲ ހުރިހާކަމެއް ވެސް ދެނެވޮޑިގެންވޭ. " އެ ދުވަހު ޒައުލް އެފަދަ ވަރަށް ގިނަ ވާހަކަ ހައިޝަމއާ ދެއްކިއެވެ. ހައިޝަމް އެދުނީ އޭނާއާއެކު އެގެއަށް ގޮސްފައި އޭނާގެ ކުރިމަތީގައި އަޅެ ޙަޔާގެ ގާތުގައި އެވާހަކަތައް ދެއްކުމަށެވެ. އެހެންނަމަވެސް ޒައުލް ދެކޮޅު ހެދިއެވެ. ޙަޔާ އޭނާގެ ގާތުގައި ވަގުތު ބޭނުންވާ ވާހަކަ ބުނެފައިވާތީއެވެ.

"ނޫން ހައިޝަމް. … ޙަޔާ އެދުނީ ޙަޔާއަށް ވަގުތު ދިނުމަށް. އެ ވަގުތު ދީގެން އަހަރެން މިހުރީ… " ޒައުލް ބުނެލިއެވެ. ޒައުލްގެ ވާހަކަތައް ހުރި ގޮތުން، ހައިޝަމް އުފާވެސް ވިއެވެ. އޭނާ ގޮސް އެވާހަކަ ޙަޔާއާ ހިއްސާކުރިއެވެ. ޙަޔާގެ ހިތުގައި ޒައުލްއަށް މަޤާމެއް ހުސްވެގެން ދިޔައެވެ. އާބަސް ބުނަން ބޭނުންވާން ފެށިއެވެ. އެންމެފަހުން ހައިޝަމް ގާތު ޙަޔާ އޭނާ ޒައުލްއާ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުންޏެވެ.

ހައިޝަމް އެ ވާހަކަ ޒައުލް ކައިރީގައި ބުންޏެވެ. އޭނާ އެދުނީ އެގެއަށް އައުމަށެވެ. ހިތުގެ އުންމީދުތައް ހާސިލްވެދާނެ ފަދަ އިޙްސާސް ޒައުލްއަށް ކުރުވީ ދެނެވެ.

*****

ރޭގަނޑެކެވެ. ތައްޔާރުވެލައިގެން ޒައުލް ނުކުތީ ހައިޝަމްމެން ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އޭނާ ނުކުތްތަނާ ޒަމީރު ޒައުލް ދާ ތަނަކާ ބެހޭގޮތުން ސުވާލުކުރުމުން، ޒައުލް ވާހަކަ ދެއްކިއެވެ.

"ޙަޔާ ބުނެގެން." ޒައުލް ބުނެލިއެވެ.

"އެގެއަށް ދޯ." ޒަމީރު އޮޅުން ފިލުވިއެވެ. ޒައުލް އާއެކޭ ބުނެފައި ގޮސް ނުކުމެ ކާރަށް އަރާ ދުއްވައިލިއެވެ. އޭނާއަށް ޙަޔާމެން ގެއަށް ދެވުނުއިރު، ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ.

ބެލް އަޅާލުމާއެކު ދޮރު ހުޅުވި ހައިޝަމް ސަލާމް ގޮވާލާފައި ޒައުލްއަށް މަރުޙަބާ ކިޔާފައި އޭނާގެ ގައިގައި ބައްދައިލިއެވެ. ޒައުލްވެސް ހައިޝަމްގެ ކޮނޑުގައި ޖަހާލާފައި ދުރުވެލިއެވެ.

ޒައުލް އެތެރެއަށް ވަނީ ސޯފާގައި ޙަޔާ އޭނާގެ އިންތިޒާރުގައި އިނދެދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް، އެތެރެއަށް ވަތްއިރު ޙަޔާ ސޯފާގައި އިންތަން ފެނި އޭނާ ފިނިވެއްޖެއެވެ. އޭނާ އައީ ވަރަށް ގިނަ ވާހަކަތައް ދައްކަން ހިތުލައިގެން ނަމަވެސް ޙަޔާ ފެނި މީހާއަށް ވީ ގޮތް ބުނަން ނޭނގި ސިކުނޑިވެސް ހީވީ ހުސްކަމެއްގެ ތެރެއަށް ދިޔަހެންނެވެ.

ޒައުލް ސޯފާގައި ބައިންދާފައި ހައިޝަމް ގޮސް އިށީނީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައެވެ. އެ ދެމީހުންނަށް އޭނާ ފެންނަހެން އަދި އޭނާއަށް ވެސް އެ ދެމީހުން ފެންނާނެ ފަދަ ގޮތަކަށެވެ. ފޯނާ ކުޅެން އިން ނަމަވެސް އޭނާ އެ ދެމީހުންނަށް ބަލާލައެވެ. އޭނާ ދުރަށް ދިޔައީ އޭނާ ހުންނަ ނަމަ ވާހަކަ ދައްކަން އުނދަގޫވެދާނެޔޭ ހީވާތީއެވެ.

"ޙަޔާ. އަހަންނަށް އޯކޭ ޙަޔާ އަހަންނަށް ކޮންމެ ޖަވާބެއް ދިނަސް. ކޮންމެ ޖަވާބެއްވެސް އަހަރެން ޤަބޫލުކުރާނަން." ޒައުލް ބުނެލިއެވެ. އަދި އޭނާ ޙަޔާއާ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ޒައުލްގެ ވާހަކަތަކުން ހިތްހަމަޖެހުނު ޙަޔާ އާއެކޭ ބުނަންވެގެން އުޅުނީ ޒައުލްގެ ފަރާތުން އޭނާއަަށް ކަމުނުދާ ސިފައެއް ނުފެނުމުންނެވެ. ސިނާން ފަދައިން ޒައުލް އޭނާއަށް އުނދަގުލެއް ނުކުރެއެވެ. ކައިވެނީގެ ކުރިން އެފަދަ ނޭދެމޭ ގުޅުމެއް ބާއްވާކަށް ދަޢުވަތެއް ނުދެއެވެ. އޭނާއަށް އިޚްތިރާމްކުރިއެވެ. އޭގެ އިތުރުން ނަމާދު ވަގުތު ޖެހުމާއެކު ލަސްނުކޮށް ނަމާދަށް ގޮސް ދީނީ ކަންތައްތަކަށް އިސްކަން ދޭކަން ހައިޝަމްގެ ފަރާތުން އެނގުނެވެ. އޮފީހުގައި ކިތަންމެ ބުރަނަމަވެސް، ޒައުލް ނަމާދަށް ޤަވައިދުން ދާ ކަމާއި މީޓިންތައް ރާވާއިރުވެސް ނަމާދުވަގުތުތަކަށް ބަލާކަން ވެސް ހައިޝަމް ބުންޏެވެ. އަދި އެކަން އޭނާއަށް ފެނިފައިވެސް ވެއެވެ. މި ދޭތެރެއަކުން ޒަމީރު ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނުއިރު އޭނާ ހުރި ދުވަހެއްގައިވެސް ބަންގިގޮވަން ކައިރިވުމާއެކު، ޒަމީރުގެ ކުރިން ނަމާދު ވަގުތުގެ ވާހަކަ ބުނެފައި އޭނާ ގޮވައިގެން ވުޟޫކުރަންވެސް ޒައުލް ދިޔައެވެ. އޭގެ އެހެން ދުވަހަކު އޭނާ ދިޔައިރު ޒައުލް އިނީ ޤުރުއާން ކިޔަވާށެވެ. އެފަދަ ބައިވަރު ކަންތައް ޒައުލްގެ ކިބައިން ޙަޔާއަށް ފެނެއެވެ. އެ ހުރިހާ ސަބަބެއް އެހެން ހުރުމާއެކު، ޙަޔާގެ ހިތުގައިވެސް ޒައުލްއަށް މަޤާމެއް އުފެދެމުން ދިޔައެވެ. އެންމެފަހުން އޭނާ އާބަސް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ޒައުލް އޭނާ މަޑުކުރުވިއެވެ. ހީވަނީ ކޮންމެވެސް ކަމެއްގެ މަތީން ހަނދާންވީ ހެންނެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން."

(ނުނިމޭ)

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ޡެންދަޔާ

4 day 20 hour ago

ޢޯ އެމް ޖީ! ޢެންމެ ކިއުރިއަސް ހިސާބުން ތި ނިންމާލީ. މީ ވަހަކައިގެ އެންމެ ރީތި އެޕް (ކުރީ އެޕް ވެސް ރީތި، އެކަމް މި އެޕް ވަލިން ހާއްސަކޮށް) ޒައުލް އެންޑް ހަޔާ ވވވ ގުޅޭ. ހިމީ ޒައުލްގެ ރިލީޖަސް އެންޑް ހީލިންގް ޖާނީ ގެނެސް ހުރި ގޮތް ވަރަށް ފުރިހަމަ. ދިސް ސްޓޯރީ އިސް ވެރީ އިންސްޕަޔަރިންގް. ޙިމީގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި. އަނެއް އެޕްގރ އިންތިޒާރުގަ.

comment ޖޯޖް

4 day 2 hour ago

އަޅޭ ހިތް އަވަސް ކޮށްލާފަ ތި ނިންމާލީ، ވަރަށް ރީތި މި ވާހަކަ

Treetop Hospital
ގުޅޭ ޚަބަރު
ގުޅޭ ޓެގު