ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރަން އާރުޑީސީއަށް

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން: މިއީ ތަރިކައިގެ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނި -- ފޮޓޯ/ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން، ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓެޔާޑު ޢަލީ ޒުހައިރެވެ.

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއަށް -- ފޮޓޯ/ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، އެ މަސައްކަތް ނިމޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.

މި ވުޒާރާއިން ވަނީ މި މަހު 10ވަނަ ދުވަހު އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގައި ވެސް، އާރުޑީސީއާ އެކު ސޮއިކޮށްފައެވެ.

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއަށް:--ޕޮޓޯ/ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިނުވާ ފަދަ ތަފާތު މަޝްރޫޢަކަށް މި މަޝްރޫޢު ވާނެ ކަމަށެވެ.

ތަފުސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ތެރޭގައި އިޤުތިޞާދީ ބަޔަކާއި، އިއާދަކުރުމުގެ ބަޔަކާއި، ޒަމާނީ ޓެކްނޯލޮޖީގެ ބަޔަކާއި، ދިވެހީންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ތަރިކަ އަލުން ހިމެނުން އެކުލެވިގެންވާނެއެވެ.

މިހާރު ކުރަމުން އަންނަނީ މި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން އަމަލީ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ފެބުރުވަރީ 25އިން 28އަށް ހއ އުތީމު، ހއ ތަކަންދޫ އަދި ހއ ބާރަށަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާރާއާއި، އިޤުތިޞާދީ ކަންކަމާ ބެހޭ ވުޒާރާއާއި ތަރިކައާ ވުޒާރާ ގުޅިގެން ވަނީ ޚާއްޞަ ދަތުރެއްކޮށް ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިފައެވެ.

comment ކޮމެންޓް