***
"ދަ ގްރޭސް...ދަ ޕޮއިޒް.....ދުވަހަކުވެސް މި ހިނދުކޮޅު ހަދާން ނައްތައެއް ނުލެވޭނެ...."ލައިލާއަށް މަޖާވިއެވެ. ސާޔާ ލޯ ހިމަކޮށްލާފައި ބަލައިލި ނަމަވެސް އޭނަގެ ތުންފަތަށްވެސް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ދެކުދިންގެ ސަކަރާތުގެ މުއާމަލާތު ދެކެން އިން މިރިއަމްގެ ހިތަށް ކުޑަ ހޫނުކަމެއް ވެރިވިއެވެ. ސާޔާއަކީ އެކުދިންނާއި ބަލާއިރު މާ މަތީގައި ހުރި ކުއްޖެއްކަމުގެ އިހުސާސް ކުރެވުނަސް މާ ދިގުކޮށް ނަމާދުކުރިޔަސް ބުއްދިވެރި ވާހަކަތައް ދެއްކިޔަސް އަދި ދިރިއުޅުމުގެ ވައްޓަފާޅި ރަގަޅުވިޔަސް ދެންމެ ގުޅައަކަށް ޖެހިފައި އޮވެ ލައިލާއާއި ދިމާލަށް ކުދިކިޔަސް މިރިއަމްއަށް އެނގުނީ އެންމެ ކަމެކެވެ. ސާޔާއަކީވެސް އިންސާނެއްކަމެވެ. އެކުއްޖާއަށްވެސް ދިމާވާ ބަލިކަށި ވަގުތުތަކާއި އިމްތިހާނުތަކާއެކުވެސް ރަގަޅަށް އުޅެން މަސައްކަތްކުރާއިރު ފަހަރެއްގައި މިރިއަމް މެނަށްވެސް އެ މަގު ޚިޔާރު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެކުދިންނަށްވެސް ބަހަނާއެއް އޮވެގެން ނުވާނެއެވެ
މަޑުމަޑުން ދެކެވެމުން ދިޔަ ވާހަކައަށް ހުއްޓުމެއް އައީ ދޮރުގައި ކޮންމެވެސް މީހަކު ބާރަށް ޓަކި ޖެހުމުންނެވެ. ފާރަށް ލެނގިލައިގެން ހުރި މިރިއަމް ދޮރާއި ދިމާލަށް ބަލައިލިޔަސް ފިޔަވަޅެއް އަޅަން ހަރަކާތެއް ނުކުރިއެވެ. ލައިލާއަށް ސާޔާގެ ގައިގާ ކޮށްޓައިލެވުނެވެ.
"މީހަކު އައުމުގެ އިންތިޒާރުގައި؟"
ސާޔާގެ ހަށިގަނޑުު އިތުރަށް ސީދާކޮށްލުމާއެކު އަވަސްއަވަހަށް ބޯ ޖަހައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ސާޔާ ކޮރިޑޯ ހުރަސްކޮށް ހިނގައިގަތްއިރު އޭނަގެ އަބާޔާ ބިންމަތީގައި ކޭއްތެމުން ދިޔައެވެ. އޭނަ ލޯމަތިން ގެއްލުމުން ލައިލާއާއި މިރިއަމް ނަޒަރު ބަދަލުކޮށްލުމަށްފަހު ހަދާނެގޮތެއް ހުސްވެފައި ތިއްބާ އަނެއްކާވެސް ޓަކިޖެހި އަޑު އިވުނެވެ. މިފަހަރު ތަންކޮޅެއް މަޑުންނެވެ. ނަމަވެސް އެއް ވާނަކަށެވެ. ސާޔާގެ ބައްޕަ ސައިޖޯޑު މޭޒުމަތީގައި ބަހައްޓާފައި ހިނގައިގަތީ ލަސް ފިޔަވަޅުތަކެއްގައެވެ. އަންނަ މެހުމާނަކީ ކާކުކަން ނޭގޭޭފަދަ ގޮތެއް އެ މޫނުމަތިން ފައުޅުވިއެވެ.
އޮރެންޖް ބޮކިން މުޅި ފެންޑާއަށް ހިތްގައިމު އައްޔެއް ފަތުރާލާފައިވިއެވެ. ދޮރުމަތީގައި ކުރީގެ ދަންނަ އެކުވެރިއަކު ހުރިތަން ފެނުމުން ބައްޕަގެ މޫނުމަތި އުޖާލާވިއެވެ. ކައިރީގައި ޒުވާން ފިރިހެންކުއްޖަކު ހުރިއިރު ޝަޚުސްގެ ވަރުގަދަކަން ފެނެއެވެ. އިސްކޮޅުން ދިގުވެފައި ސްމާޓެވެ. ކަޅުކަން ގަދަ ބުމައާއިއެކު ތުބުޅީގެ ސަބަބުން މޫނު އިތުރަށް ފުރިހަމައެވެ.ފުރަތަމަވެސް ދެމީހުން ސަލާންކޮށްލާފައި ބައްދައިލީ އަރަބިންފަދައިންނެވެ.
"ސުބުހާނަﷲ އަހުމަދު...މިއީ ކޮންކުއްޖެއްތަ؟ ދަރިފުޅު އުސްމާން؟"
ސާޔާގެ ބައްޕަގެ ހިނިތުންވުމާއެއްފަދަ ހިނިތުންވުމެއް އަހުމަދުވެސް ބަދަލުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ލޮލުގައި ރޫޖެހިފައިވާއިރު އިސްތަށިގަނޑުގެ ބައެއް ދިމާލުން ހުދު އިސްތަށިތައްފެނުމުން މާތްގޮތެއް ހުއްޓެވެ. ދެމީހުން މާޒީއަށް ފީނައިގެން އެކީގައި ކިޔެވި ދުވަސްވަރާއި ވަޒީފާގެ ވާހަކަތައް ދެއްކިއިރު އެ ޒުވާނާ ހުރީ އިސްޖަހާލައިގެންނެވެ.
"އެއީ އަހަންނަށް ހީވާ މީހާ؟ އޭނަގެ ނަމަކީ އުސްމާން؟" ލައިލާ ވައި އަޑަކުން ކިޔައިލީ ގަބޫލުނުކުރެވިފައެވެ. އަތްވެސް ކުޑަކޮށް ހިއްލައިލެވުނެވެ. މަޑުމަޑުންގޮސް ހުރިހާ އަރަތެއް ހައްލުވިއެވެ. އެޒުވާނާގެ ވާހަކަ އެތައް ފަހަރު ދައްކާ އޭނަގެ ޝަޚުސާއި ރީތިކަމާއި އަޅައިގަނެގެން އުޅެނިކޮށް މިހާރު މިހުރީ ކުރިމަތީގައެވެ. ސާޔާމެންގެ ގޭގައެވެ. ހިތަށް ނާރާފަދަ ކުއްލި ފެނިލުމެކެވެ. މިރިއަމް ލައިލާގެ ސަމާލުކަން އަތުލައިގަންނަން މަސައްކަތްކުރިއެވެ. އޭނަގެ ގައިގާ ވިކައިގަތެވެ. ގެއަށް އައި މެހުމާނުން ސޯފާތަކާއި ދިމާލަށް ހިނގައިގަތެވެ.
"އަހަރެމެން މިތަނުން ދާންވީ..." އޭނައަށް ބުނެވުނެވެ.
ލައިލާގެ ހިތް އެތަނުން ދާކަށް އެއްބަސްނުވިޔަސް ތެދުވުނެވެ. ދެމީހުން ގޮސް ދޮރާއި އަރާ ހަމަވީއިރު އުސްމާންއާއި މިރިއަމްގެ ހަތަރުކަޅި ފަޅި ސިކުންތުކޮޅަކަށް ބައްދަލުވިއެވެ. ކޮންމެހެން އުސްމާން ޝައުގުވެރިވެގެނެއް ނޫނެވެ. ކަންދިމާވިގޮތުންނެވެ. ބަޔަކު ކުއްލިއަކަށް ހަރަކާތްކުރުމުން އޮޅިގެން ބަލައިލެވުނީއެވެ. އެސިކުންތުކޮޅު އުސްމާނުގެ ލޮލުން ޖެހިލުންވުމުގެ އަސަރު ފެނިލިއެވެ.
މިރިއަމްގެ ހަތަރެސްކަނަށްވާ މޫނަށް ބޮކީގެ އަލި އެޅި އެ ކޯތާފަތުގެ އުސް ކޯކަށިގަނޑުގެ ތޫނުކަން ވަކިން ފައުޅުކޮށް ވަރުބަލިކަމުގެ އަސަރު އެކުލެވޭ ލޮލަށް ހިޔަނިއެޅިފައިވާއިރު ދެއްކުންތެރިކަމެއް ނެތެވެ. ރީތިވާން އެއްވެސް ވަރަކަށް މަސައްކަތްނުކުރިޔަސް ލިބިފައިވާ ލޫޅާފަތިކަމާއެކު އަންހެންވަންތަ މަޑު ސިފަތައް އެންމެ ނަޒަރަކުންވެސް މީހަކަށް ދެނެގަނެވިދާނެއެވެ. ވައިރޯޅިތަކުގު ގޯނާތަކުން ބައެއް އިސްތަށިތައް ހިޖާބުން ބޭރަށް ނިކުމެ މޫނަށް އެޅިފައިވީއިރު ކެމޮމައިލްގެ ލުއިވަހެއްވެސް ނޭފަތުގައި ޖެހުނެވެ. އެކުޑަ ކުޑަ ފެނިލުމުން ބޮޑު އަސަރެއް ކުރުވިކަން ނޭގި ދެވަނަފަހަރަށް ބަލައިލުމެއް ނެތި މިރިއަމް ޖެހިލީ ބޭރަށެވެ. އެއާއެކު އޭނަގެ ފަހަތުން ދޮރުވެސް ލެއްޕުނެވެ.
އުސްމާންއާއި ބެހޭގޮތުން އޭނަގެ ޚިޔާލު ދިނުމަށްފަހު ވަރަށް ޖޯޝުގައި ހުރެ ލައިލާ ގެއާއި ދިމާލަށް މިސްރާބުޖެހުމުން މިރިއަމްވެސް ގެއަށް ވަންނާން ދިޔައެވެ. ގެ ފެނުނީ ނިކަން ފަޅުކޮށެވެ. އާދަޔާ ޚިލާފަށް ހިމޭނެވެ. މައިދޮރުވެސް ވަޔާއި ތެޅެމުން ދިޔައެވެ.
"މަންމާ..."މިރިއަމްއަށް ގޮވައިލެވުނެވެ. އޭނަ އަވަހަށް އަތުގައި ހުރި ފޮތްތައް މޭޒުމައްޗަށް އެއްލައިލިއެވެ. "މަންމާ.................."
އޭނަ ކިތަންމެ ބާރަށް ގޮވިޔަސް އެއްވެސް ޖަވާބެއް ނުލިބުނެެވެ. އޭނަ ކަނުގައި އަޅާފައިވާ ނަމާދު ކުނަލަށްވެސް ނަޒަރެއްދިނެވެ. ކޮޓަރިއާއި ބަދިގެ ތެރެވެސް ހޯދިއެވެ. ގޭގެ ފަހަތުގައި އޮންނަ ވަލުތެރެއަށް ވަނީވެސް މަންމައަށް ގޮވަމުންނެވެ.
އޭނަގެ މެޔަށް ލޮޅުމެއް އެރިއެވެ. "ޕެނިކް"ގެ ހަމަލާއެކެވެ.
މަންމަ ގޭގައި ނެތްކަން ޔަގީންވުމުން އޭނަ ދެފަޔަށް ބާރުލާފައި ދުއްވައިގަތީ މަގުތައް ހޯދަމުންނެވެ. ހިތުގެ ކަނަކަން އިންޒާރުދިނީ އަވަހަށް މަންމަ ހުރިތަނެއް ހޯދުމަށެވެ. ވަގުތު ފާއިތުނުވަނީހެވެ. މަންމަގެ ނިޝާނެއް ނެތުމުން ހިތް ފިނިވެ ބިރުގަނެ ދުވާނެ ހިތްވަރެއް ނެތި މަގުމައްޗަށް ވެއްޓޭގޮތްވެސް ވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނަ އެތަން މިތަން ހޯދަމުންގޮސް ނުކުމެވުނީ މޫދާއި ދިމާލަށެވެ.
އެންމެފަހުން އޭނަގެ މަސައްކަތުގެ ނަތީޖާ ހާސިލުވިއެވެ. މަންމަ ހުރިތަން ފެނުނީއެވެ. އޭނަގެ މަންމަ މޫދުކައިރީގައި ގެއްލިފައިވާ ކުޑަކުއްޖެއްހެން ފައިވާން އަތަށް ނަގައިގެން ހުސްފަޔާ ހުރިތަން ފެނުމުން ހިތަށް ނުބައި ގޮތެއްވިއެވެ.
"މަންމަ ކީއްތިކުރަނީ؟"މިރިއަމްއަށް އަވަސްވެގަނެވުނީ މަންމަ ކައިރިއަށް ދިޔުމަށެވެ.
"މިދަނީ ގެއަށް...."މަންމަ ގެ އަޑު މަޑެވެ.
"މަންމާ. އެކަމަކު ގެ ހުރީ އެދިމާލުގައި...." އޭނަ ހާސްކަމާއެކު ބަލައިލީ ދުރުދުރަށްދާންދެން ފެންނާންއޮތް މޫދުގެ ލޮނުގަނޑަށެވެ. މަންމަ އެސްފިޔަޖަހާލާފައި އަތުގައިވާ ފައިވާނަށް ބަލައިލިއެވެ. އެހިސާބަށް އާދެވުނުގޮތެއް ނޭގޭފަދަ ނަޒަރެކެވެ. އަދި މޫދަށްވެސް ނަޒަރު ހިންގައިލިއެވެ. އެއާއެކު ކުޑަ ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެވެ.
"އޯ......އެހެންތަ؟"
މަންމަގެ ދެލޮލަށް ބަލައިލުމާއެކު އޭނައަށް ހިންދިރުވައިލެވުނެވެ. އަދި މަޑުމަޑުން އޭނަގެ އަތުތެރެއަށް މަންމަގެ އަތްތިލަ ލިއެވެ. ވަރަށް ނާޒުކް އެއްޗަކަށް ފަރުވާތެރިވީފަދައިންނެވެ. އެއާއެކު ދެމީހުން އެކީގައި ގެއާއި ދިމާލަށް ހިނގައިގަތެވެ. އެކަމަކު ގެވެސް މިހާރު ތަފާތުހެން ހީވިއެވެ. އެއީވެސް ސިކުނޑީގައިވާ ހަނދާންތައް ގެއްލުވައިލާފަދަ ތަނެއްފަދައެވެ. އެތާގެ ރެނދުތަކުން ވަގުތުވެސް ގެއްލިގެންދާ ފަދައެވެ. އެއާއެކު އޭނައަށް މަންމައާއިމެދު ދެކެވުނީ މޮޔައެއްކަމުގައެވެ. މޮޔަ މަންމައެއް ހުރުމަކީ ލަދުވެތި ކަމެކެވެ. އޭނަ އަވަސް އަވަހަށް މަންމަގެ އަތް ނައްޓުވާލާފައި މަންމަ ކުރީގައި ހުރެގެން ހިނގަން އެދުނެވެ.
***
ދެވަނަފަހަރަށް އެފަދަ ކަމެއް ތަކުރާރުވުމުން މިރިއަމް ބޭނުންވީ އޭނަގެ މަންމަ ނިދީގައި ހުރެ ކުރެވުނު އަމަލެއްކަމަށް ނިންމުމަށެވެ.
އޭނައަށް ހޭލެވުނީ ކާފޫރުތޮޅި އަނދާވަހެއް ދުވައިގެންނެވެ. ބޯ ހިތި ވަހެއް ހަންޑިއެއްހެން ހޯލް ތެރެއިން އެނބުރެމުން އައިސް ކޮޓަރިއަށް ވަދެގެން ނޭވާ ހާސްކުރުވިފަދައެވެ. އޭނަ އަވަހަށް ބަދިގެ ފަރާތަށް ދިޔައިރު މަންމަ ހުރީ އުނދުން ކައިރީގައެވެ. ތެލި އެއްކޮށްހެން އަނދާ ހުލިވެފައިވާއިރު މަންމަ ހުރީ ނިކަން ހަމަޖެހިލައިހެންނެވެ. އޭނަ އެތެރެއަށް ބަލައިލިއިރު އޭގެ ތެރޭގައި ހުރި ސައިފަތްތައް ކަޅުވެ ދެފަރާތުގައި ކިރު ފޮނުގަނޑެއް ހެދިފައެވެ.
"މަންމަ؟"އޭނަ ނިދި އަޑަކުން ގޮވައިިއެވެ. މަންމަ އެނބުރުނީ ލަސްލަހުންނެވެ. މޫނުމަތިން ފެނުނީ މަޑުމައިތިިކަމެވެ. ލޮލުގައިވީ ޝުއޫރުތައް ކިޔަން ފަސޭހައެއްނޫނެވެ. އެކަމަކުވެސް ކޮންމެވެސް ގޯހެއް އެބައުޅެއެވެ. ޖެހިލުންވުމެކެވެ.
"ސައި ހަދަން އުޅުނީ....." އެންމެ ޖުމްލައަކުން މަންމަ ހުރިހާ ތަފްސީލެއް ދިންފަދައެވެ. މިރިއަމް އެ ތެލި އުނދުނުން ނެގިއެވެ."މަންމައަށް މި އަނދާ ވަސް ނުދުވާތަ؟"
މަންމަ އަމިއްލަ އަތަށް ބަލައިލިއެވެ."ހަނދާން ނެތުނީކަމަށް ވާނީ."
އެއީ އާދައިގެ ކަމެކެވެ. މީހުން ހަނދާންނެތި ވަރަށް ގިނަފަހަރު މިފަދަ ކަންތައްތަކާއި ކުރިމަތިވެއެވެ. ބައެއްފަހަރު އެހެން ކޮންމެވެސް ކަމަކަށް ސަމާލުކަން ދޭން ހަދައިގެން ސިކުނޑިން ކައްސައިލަނީއެވެ. އޭނަ ކަޅި އަނބުރާލާފައި ކުދި ކިޔަމުން ދިޔައީ މަންމަ މުސްކުޅިވީކަމަށް ކިޔަމުންނެވެ. އެކަމާއި ވިސްނާކަށް އިތުރު ވަގުތެއްވެސް ނުވިއެވެ. ރޯދައިގެ ސަބަބުން ވަރުބަލިވެފައިވާތީ އޭނައަށް އަރާމު ނިދި ނޫން އެއްޗެއް މުހިއްމެއް ނޫނެވެ.
***
މިފަހަރު މަންމައަށް އޭނަގެ ނަން ޔަގީން ނުވީއެވެ. އޭނަގެ މަންމަ ޖަމީލާ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުރިއިރު ލޯވަނީ ދުރުން ފެންނަން އޮތް މޫދުގެ ލޮނުގަނޑަށް ހުއްޓިފައެވެ. ލޮނުގަނޑު ފެންނަނީ ރަން ވިރިގެން އަޅާފައިވާހެންނެވެ. ދޮންވެލިގަނޑާއި އޭނަގެ މަންމަ އަޅައިގެން ހުރި ބުރުގާއަށްވެސް ރަންކުލަ އެޅިފައިވިއެވެ. މަންމަ ހުރީ ދުޢާކުރުމުގައި ގެއްލިފައި ކަހަލަ ގޮތަކަށެވެ. އަތުގައި އޮތް ތަސްބީހަ ގުނަމުން ދިޔައިރު މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.
"މަންމާ ކޯނޗެއް މިރެއަށް ތައްޔާރުކުރަނީ؟"
މަންމަ އެނބުރިބަލައިލީ ހިނިތުންވެލަމުންނެވެ. އެއާއެކު ވަޔާއި ހަގުރާމަކުރަމުންދާ އުއްބައްތިއެއްފަދައިން އެ ހިނިތުންވުން ފޭދުނެވެ.
"މިރިއަމް........"މަންމަގެ ބުމަ ކައިރިވިއެވެ. "ތިއީ...........ނޫން.."
"ދެން އަހަންނަކީ ކާކުތަ؟" މިރިއަމް ބުމަ ގޮށްޖެހީ ނުރުހުންވެފައެވެ.
މަންމަ ފުން ނޭވާއެއް ދޫކޮށްލަމުން ބޯ ހޫރައިލިއެވެ." ނޭގޭ ކީއްވެކަމެއް އެކަމަކު......ދެން އަޅާނުލާ..."
އޭނަގެ ނުރުހުން އިތުރުވިއެވެ. ހަމަ ރަގަޅަށްވެސް އޭނަގެ މަންމަ އުމުރުން ދުވަސްވެ ބޯ ސަކަރާތްވަނީއެވެ. ދުވަސްވީ އެހެން މީހުންފަދައިންނެވެ. ހަސަންބެގެ ބޯވެސް މުޅިން ހަމައެއްނުޖެހެއެވެ. ކޮޓަރިއަށް ވަދެފައި އޭނަ އެނދުގައި ޖައްސައިލުމާއެކު ބުނަން ނޭގޭފަދަ ނުތަނަވަސްކަމެއް ހިތުގައި އުފެދުނެވެ.
***
ރުކުގެ ފަންތަކުގެ ދޭތެރެއިން ފުރޭނިގެން އިރުގެ އަލި ބިމަށް އަލިއަޅުވައިލިއެވެ. ކަނޑުގެ ނޫކުލަ ލޮލުކޮޅަށް އޮބާލާފައި އުދަރެހުގައި ބޮސްދެމުންދާއިރު ރާޅުތައް ބީއްސައިލަނީ އެއް ވާނަކަށެވެ. މިރިއަމްއާއި ސާޔާ މޫދުގެ އައްސޭރިފަށުން ހިނގާލާފައި ދިޔައިރު ލޮނާއެކު ބިންގަނޑުގެ ތެތް ވަސް ނޭފަތުގައި ޖެހުނެވެ. ތާޒާ ވަހެކެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ފައިވާން ކުޑަކޮށް ގެނބި ފިޔަވަޅުގެ އަސަރު ދޫކޮށްލައެވެ.
މިދުވަސްކޮޅު އޭނަ ސާޔާއާއެކު ތަންކޮޅެއް ގިނަ ވަގުތު ހޭދަކުރަނީ އޭނަގެ ދަރުސްތައް އެހުމުން ކަންތައް ދަސްވެ ހިތަށް ވަގުތީ ތަސައްލީއެއް ލިބޭތީއެވެ. އަދި އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމެއްގެ ބޮޑުކަމާއިވެސް ރުހެވެނީއެވެ. ލައިލާގެ އަޑުގަދަކަމާއި، ވަރުގަަދަ ހުނުންގަނޑު، ދިމާކުރުންތަކާއި އަދި އެއްވެސް ފިކުރެއް ޚިޔާލެއްނެތި އެއުޅޭގޮތުން އުދަގޫވަނީއެވެ. އޭނަގެ ބޮލުގައި އެއަށްވުރެ ބޮޑު ބުރަދަނެއް އެބައޮވެއެވެ. މަންމަ ކަންތައް ހަނދާން ނައްތައިލާވަރުންނާއިއެކު އޭނަ ނުތަނަސްވެ ލަދުވެސް އެބަގަނެއެވެ.
ތަންކޮޅެއްކުރިން ހިނގަމުން ދިޔަ ފަތުރުވެރިންތަކެއް ނުދަންނަ ބަހުރުވައަކުން ވާހަކަދައްކާއަޑު ދޫނިތަކުގެ ލަވަކިޔުމާއި އެކުވާން ފެށުމުން މިރިއަމްގެ ކަންފަތަށް ކުޑަކޮށް އުދަގޫވިއެވެ. އަޑުގަދަވިޔަސް މިހާރަކަށް އައިސް ނުތަނަވަސްވާގޮތްވަނީއެވެ. އެމީހުންގެ ތެރޭގައި ހުރި ރަންކުލައިގެ އިސްތަށިގަނޑެއްގެ ވެރިޔާ ހުރީ މާޖެހި ކުރު ހެދުމެއްލައިގެންނެވެ. އޭނަ އެނބުރިލިއިރު އެކުދިން ފެނުމުން އަތް ހޫރައިލިއެވެ.
"އެކްސްކިއުޒް މީ..ޑޫ ޔޫ ނޯ ވެއާ ވީކެން ބައި އީދް ޑްރެސް؟ އީދު ފާހަގަކުރަން އުޅޭކަން އެނގުމުން ހިތަށް އެރީ ބައިވެރިވާނީއޭ..."
އޭނައަށް ސާޔާއަށް ބަލައިލެވުނީ ޖަވާބުދޭންވީ ގޮތް ޔަގީންނުވެފައެވެ. އެމީހުން ވާހަކަދައްކަމުން ދިޔައިރު އެކަކު ތާޒާ ކުރުބާ ޖޫހެއް ބޮމުން އަނެކަކު ސެންޑްވިޗެއް ކައިލަނީއެވެ. ސާޔާގެ ލޯ އެދިމާލަށް ދިޔަސް އޭނަ ވަކި އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. ނިގާބުގެ ދަށުން އެމޫނުގެ ޝުއޫރުތައް ކިޔަލަން ފަސޭހައެއްނޫނެވެ.
"އނ....ރަށުތެރޭގައި ފިހާރަތައް ހުންނާނެ. އެކަމަކު އާއްމުކޮށް ހުންނާނީ އަބާޔާ އަދި ދިވެހިން ލައި އުޅޭ ކަހަލަ ހެދުން...."
ފަތުރުވެރިން އެކުދިންނަށް ޝުކުރު އަދާކޮށްފައި ހިނގައިގަތުމުން ސާޔާ ފުންނޭވާއެއް ދޫކޮށްލި ދެއަތްތިލަ މަހައިލަމުންނެވެ."އެމީހުންނަށް މިއީ ރޯދަމަސްކަން ވެސް ނޭގެއެއްނު....."
އޭނަ ދޮންވެލިގަނޑުގެ ތެރެއިން އެއްބައި ފެންނަން ހުރި ބޮއްޔެއްގައި ފައިން ޖައްސައިލިއެވެ."އެމީުންނަށް އެނގޭކަށް ނުޖެހެއެއްނު.. މިތަނަށް ޗުއްޓީއަށް އައި ބަޔެއްވީމަ..."
"ވަރަށް ހައިރާންވޭ....އީދަކީ ކޮންމެހެން އެމީހުން ކްރިސްމަސް ކަހަލަ ދުވަސް ފާހަގަކުރާހެން ފެންސީ ހެދުންތައް ލައިގެން އުޅުމެއްނޫން....ހުޅަނގުގެ އީދުތައް ކޮޕީކުރުމެއްވެސް ނޫން..."
"ތިބުނި އެއްޗެއް ނޭގުނު ސާޔާ..."
ސާޔާގެ ނަޒަރު މޫދުގެ ރާޅުތަކުން އޭނައަށް ދަތުރުކުރިއެވެ."މިހާރު ގިނަ މީހުން އީދު ފާހަގަކުރާގޮތް ރަގަޅުތަ؟ މިއުޒިކް ޝޯތަކާއި މަސްހުނިވެގެން ހިންގާ ހަރަކާތްތައް އެވެސް މޮޑެސްޓް ހެދުމެއްގައެއްނޫން........."
އޭނަ އެވާހަކައަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނައަށްވެސް އަންހެންކުދިން ވިދާ ގަޔަށްބާރު ހެދުންތަކުގައި ނަށާ މަންޒަރު ފެނެއެވެ. އެވަރަށް މޭކަޕްކޮށްގެންނެވެ. އަޑުހަރު ޕާޓީތަކެވެ. މުޅި ރޭގަނޑުހެން އެކަމުގައި ހޭލާތިބެއެވެ. ބަނދަރުމަތީގައި ހަރުކޮށްފައިވާ ސްޕީކަރުތަކުނ ރަށް ގުގުމާވަރަށް ލަވައާއި މިއުޒިކެވެ. އޭނަވެސް ދުށީ އެއީ މަޖާކޮށް އުފާކުރުންކަމުގައެވެ. އީދުވިއްޔާ އުފާވެސް ކުރަންޖެހޭނެ ނޫންހެއްޔެވެ؟ ސާޔާގެ ވިސްނުން ހައްދުފަހަނަޅާ ދަނީހެއްޔެެވެ؟ ނޫނީ ހަގީގަތުގައިވެސް މުސްލިމުންވީމަ އުފާކުރުމުގައި ވަކި މިންގަނޑެއް އޮންނަންވާނެހެއްޔެވެ؟
"އީދަކީ އެންމެ ރީތި ހެދުން އަޅައިގެން އެންމެ ވަރުގަދަ ސައިކަލާއި ކާރުގައި އުޅޭމީހުންނަށް އޮތްކަމެއްނޫން.....އެއީ ރަމަޟާންމަހުގައި އަޅުކަންކޮށް ކިޔަމަންތެރިކަން އަދާކޮށް ފާފަ ފުއްސަވާފައިވާ މީހުންނަށް ޚާއްސަ އީދެއް......"
"ދުވަހަކުވެސް ތިހެން ނުވިސްނަން..." އޭނަ ހަށަން ބަދެލިއެވެ.
"ގިނަ މީހުންނަށް މިހާރު ހީވަނީ އެވެސް ފެސްޓިވަލްއެއްހެން....ހުރިހާ ދުނިޔޭގެ އެދުންތައްވެސް އެކަމަށް ގެނެސްގެން މަޖާކުރުމުގައި އުޅެން ބޭނުންވަނީ....އެކަމަކު ހަނދާން ނެތެނީ އެންމެ ބެސްޓް ސެލެބްރޭޝަންއަކީ ހަގީގަތުގައި ﷲ ތައާލާގެ ރަހުމަތް ލިބުންކަން...މިރިއަމް ކީކޭ ބުނަނީ؟ މިހުރިހާ ކަންތައްތައް ހަމަ އޯކޭތަ؟"
ސާޔާގެ ލަފުޒުތައް އަޑުއަހާފައި އެއަށް ރައްދުދޭން ބޭނުންކުރާނެ އިބާރާތެއް ނުވިސްނުމުން އެދޭތެރެއަށް ހިމޭންކަން ވެރިވިއެވެ.
އެ ހިމޭންކަން ނައްތައިލީ ދަބަރުޖަހާފައިވާ ބައިސްކަލެއްގެ އަޑުންނެވެ.
ނުނިމޭ