ރޯދައަށް ހުންނައިރު ހަށިގަނޑަށް ވިޓަމިންސް ބޭނުންވޭތަ؟

ރަމަޟާން މަހު ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ އިމިއުނިޓީ ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ--ފޮޓޯ/އެރެބްނިއުސް

ރޯދައަށް ހުންނައިރު ވަރުބަލިކަން އިހުސާސްވެ ގައިގެ ވަރު ދެރަވުމަކީ ބައެއް މީހުން ތަހައްމަލުކުރާ ކަންކަމެވެ. މިފަދަ ކަންކަމަށް ހައްލެއް ހޯދަން ބޭނުންނަމަ ބެލެންސްޑް ނިއުޓްރިޝަނަލް ޑައިޓެއް ޚިޔާރުކޮށް އެފަދަ ކެއުމެއްގައި ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އޭގެ ތެރޭގައި ރޯދައަށް ހުރުމުގެ ކުރިންނާއި ރޯދަވީއްލުމަށް ފަހު ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންސްތައް ބޭނުންކުރުންމަތީ ދެމިހުރުން ހިމެނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްތައް ޚިޔާރުކުރާއިރު އެ މީހެއްގެ ހަށިގަނޑާ ގުޅޭ އޭގެއިން ހަށިގަނޑަށް ސައިޑް އެފެކްޓްސް ނުލިބޭނެ ފަދަ ވިޓަމިންސް ޚިޔާރުކުރުމަށް ސަމާލުކަންދިނުން މުހިއްމެވެ.

މިކަމާ ގުޅޭގޮތުން އިންޑޮނޭޝިއާގެ ސެހަތްކިއުގެ މެޑިކަލް އޮޕަރޭޝަންސްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ސިލްވިއާ ވީގެ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ރަމަޟާން މަހު ރޯދައަށް ހުންނައިރު ހަށިގަނޑުގެ އިމިއުނިޓީ ވަރުގަދަކުރުމުގެ ގޮތުން ވިޓަމިންސް ބޭނުންކުރެވިދާނެއެވެ.

އޭގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވުމުގެ އިތުރުން ރޯދައަށް ހުންނައިރު އިހުސާސްވާ ވަރުބަލިކަމުން މީހާ ދުރުކޮށްލަދިނުމަށް ވެސް އެހީތެރިވެދޭނެ ކަމަށް މި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި ނިއުޓްރިއެންޓްސް ޓެބްލެޓްގެ ބަދަލުގައި ކެއުމުގައި ބޭނުންކުރާ ކާނާތަކުން ހޯދުމަކީ ވެސް ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އެގޮތުން, ބޭނުންކުރެވިދާނެ މުހިއްމު ވިޓަމިންސްގެ ތެރޭ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، ވިޓަމިން ޑީ، ވިޓަމިން އީ، ވިޓަމިން ކޭ އަދި މަލްޓިވިޓަމިންސް ހިމެނެއެވެ. ރޯދައަށް ހުންނައިރު ބޭނުންކުރާ މަލްޓިވިޓަމިންސްތަކަކީ އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ނިއުޓްރިޝަނަލް މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންސްތަކެކެވެ.

އޭގެ ތެރޭގައި ޒިންކް، މެގްނީސިއަމް،ސެލެނިއަމް އަދި އަޔަން ހިމެނެއެވެ. ކެއުމުގައި ހިމަނާލާ ވަރަށް ގިނަ ބާވަތްތަކުން މަތީގައި ބަޔާންކުރެވުނު ވިޓަމިންސް ހަށިގަނޑަށް ލިބޭއިރު ބައެއް ސަޕްލިމެންޓްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ މި ވިޓަމިންސްތައް ބައެއް މީހުން ހޯދައެވެ.

ހަށިގަނޑަށް ބޭނުންވާ މި ވިޓަމިންސްތަކާއި ސަޕްލިމެންޓްސްތައް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑރ. ސިލްވިއާގެ ލިޔުމުގައި ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް