Dhiraagu
Ooredoo

އެނދުގައި ފުރޮޅި ފުރޮޅި އޮތް ޒައުލްއަށް ނިދޭގޮތް ނުވުމާއެކު އެންމެފަހުން އޭނާ އެނދުން ތެދުވިއެވެ. އަދި ގޮސް އާދައިގެ ޓީޝާޓެއް ނަގާ އެ ލަމުން ކޮޓަރިން ނުކުމެގެން ބަދިގެ ބަޔަށް ދިޔައެވެ. އެއަށްފަހު ކޮފީ މެޝިނު ކައިރިއަށް ހުއްޓުމަށްފަހު ކޮފީއެއް ހަދަން ޖައްސާލާފައި ކިޗެން ކެބިނެޓްގައި ލެނގިލިއެވެ.

މިރޭވެސް އޭނާގެ ނުތަނަވަސްކަން ގުޅިފައިވަނީ ޙަޔާއާއެވެ. ކޮފީއެއް ބޯލަން ނުކުތީވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްގެ އިޙްސާސް ކުރެވެމުން ދިޔައީތީ އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. މެޝިން ނިމުމާއެކު ކޮފީ ތަށި ހިފައިގެން އޭނާ ގޮސް މޭޒު ކައިރީގައި އިށީނދެލިއެވެ. އޮރެންޖު ކުލައިގެ ފަނޑުއަލިކަމެއްވާ ކާކޮޓަރީގެ ތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ޒައުލް ކޮފީ ތަށިން ފަހަރަކު އެތި ފޮދެއް ބޮމުން ގޮސް އެންމެފަހުން އެ ހުސްވުމާއެކު ތަށި ދޮވެލާފައި ކޮޓަރިއަށް ގޮސް ވަނެވެ. އޮށޯވެލަން އުޅުމަށްފަހުވެސް ގަޑިއަށް ބަލާލާފައި އޭނާ ވަނީ ފާޚާނާއަށެވެ. ތާޒާވެލައިގެން ވުޟޫކޮށްލައިގެން ނުކުމެ މުސައްލަ ނަގައިގެން އޭނާ އަވަސްވެގަތީ ދަމު ނަމާދުކުރުމަށެވެ.

ދަންވަރުގެ ހިމޭންކަމުގައި، ނިދި ޤުރުބާންކޮށްފައި ރޭ އަޅުކަމުގައި ހޭދަކުރާ އަޅުތަކުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. ދަމު ނަމާދަކީ ސުންނަތް ނަމާދެއް ނަމަވެސް ދަމު ނަމާދަކީ މާތް ނަމާދެކެވެ. އެ ނަމާދުގެ މާތްކަމާއި ބެހޭގޮތުން ދާދިފަހުން ދީނީ ޢިލްމުވެރިއަކު ދައްކާފައިވާ ވާހަކަކޮޅެއް އަޑު އެހިފަހުން، ޒައުލްގެ ހިތުގައި ދަމު ނަމާދުކުރުމަށް ވަނީ ލޯބި ޖެހިފައެވެ. ނަމާދުކޮށް ނިމިގެން އޭނާ ދުޢާކުރިއެވެ. އޭނާގެ އުޅުން އިސްލާޙުކޮށްދެއްވުން އެދިއެވެ. ޙަޔާތުގެ ހިތްދަތިކަމާއި މާޔޫސްކަމާއި ކުރިމަތިލުމަށް ފަސޭހަ ކޮށްދެއްވުން އެދިއެވެ. ޙަޔާއާ އޭނާއާ އަދި ނުގުޅުނެއްކަމަކު، އެއީ އޭނާއާ ޙަޔާއަށްވެސް ދެމީހުންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ވާނަމަ އެކަން އެގޮތަށް ހިންމަވައިދެެއްވުމަށެވެ. އަދި އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތެއް މިންވަރު ކޮށްދެއްވުމަށެވެ. ޙަޔާ ފަދަ ދީންވެރި ކުއްޖަކު ނުވަތަ އެއަަށްވުރެވެސް ރަނގަޅު ޞާލިހް އަންހެން ކުއްޖަކު އޭނާގެ ޙަޔާތަށް މިންވަރުކޮށްދެއްވުމަށެވެ. ޙަޔާއަށް އެދޭ އެދުމުގެ ސަބަބުން ގޯސް މަގެއް ޚިޔާރުކުރެވިދާނެތީ އެކަމުން އޭނާ ސަލާމަތްކޮށްދެއްވުން އެދިއެވެ.

ޒައުލް މާތް ﷲ އަށް އިތުބާރުކުރީ އެކަލާނގެ، އޭނާއަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ. އޭނާ އެ ދަނީ ދީނީ މައުލޫމާތު އަދިވެސް އުނގެނެމުންނެވެ. ބައެއްފަހަރު ހިތުގެ އެދުންތައް ގަދަވެ މާޔޫސްވާ ގޮތްވި ނަމަވެސް، އަމިއްލަ ނަފްސާ ހަނގުރާމަކޮށްގެން ނަމަވެސް އެ އިޙްސާސްތަކުގެ މައްޗަށް ކުރި ހޯދަނީ މާތް ﷲ އޭނާއަށް މިންވަރުކުރައްވާ ކޮންމެ ކަމަކީ ވެސް އެންމެ ރަނގަޅު ގޮތްކަމުގައި ވިސްނައިދެމުންނެވެ. ދުނިޔޭގެ އެދުންތަކުގެ ކުރިމަތީގައި އޭނާ އަލުން ބަލިކަށިވާކަށް ބޭނުމެއް ނޫނެވެ.

ނަމާދަށްފަހު ލިބުނު ހިތްހަމަ ޖެހުމާއެކު ޒައުލްއަށް ނިދޭކަށްވެސް މާ އުނދަގުލެއް ނުވިއެވެ. އޭރު އެ ހިތުގެ ހިތްހަމަ ޖެހުން ގުޅިފައިވަނީ އޭނާގެ ހިތުގައި އޮތް ޔަޤީންކަމާއެއެވެ.

އިންސާނަކަށް ވީތީ މާޔޫސްކަމާއި ހިތްދަތިކަމަކީ ހިތަށް ވެރިވާނެ ޝުޢޫރުތަކެކެވެ. އެހެންނަމަވެސް އިންސާނުންގެ ކެތްތެރިކަން ފެނިގެން ދަނީ އެފަދަ ޙާލަތްތަކުގައެވެ. އެ ޙާލަތުގެ ކޮންޓްރޯލް އަމިއްލަ މީހާގެ އަތްދަށަށް ގެނެވިއްޖެނަމަ ހުރިހާކަމެއް ވެސް ފަސޭހަވެގެން ދާނެއެވެ. ދުނިޔެވީ ހުރިހާ މައްސަލަތަކެއްގެ ހައްލު އިސްލާމްދީނުގައި ވަރަށް ފުރިހަމައަށް ދީފައިވެއެވެ. އުފާވެރިކަމުން ފަށައިގެން ހިތާމަޔާއި ހިތްދަތިކަމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ފުރިހަމަ އިރުޝާދު އިސްލާމް ދީނުގައި ވެއެވެ. އުފާވެރި ވަގުތު، ﷲ އަށް ޝުކުރުވެރިވާ ފަދައިން، ހިތާމަޔާއި މުސީބާތުގެ ވަގުތު ވެސް ކެތްތެރިވެ، ﷲ އަށް ދުޢާކުރުން މަތީ ދެމި ތިބެން ޖެހެއެވެ. ބައެއްފަހަރު އެއީ އުނދަގޫ ޙާލަތެއް ނަމަވެސް ކާމިޔާބު ލިބޭނީ، މާތް ﷲ އަންގަވާފައިވާ ގޮތަށް އަމަލުތައް ބައްޓަން ކުރާ މީހުންނަށެވެ.

*****

ހައިޝަމް އައުމާއެކު ޙަޔާ ސިނާންގެ ވާހަކަތައް ހައިޝަމްއާ ހިއްސާކުރިއެވެ. ޙަޔާގެ ވާހަކައިން ހައިޝަމްގެ ހިތުގައިވެސް ސިނާންއާ މެދު ރުޅިވެރިކަމެއް އުފެދުނެވެ. އޭނާ ވަގުތުން ޝަކޫރަށް ގުޅާފައި އެ ކައިވެންޏާ ދެކޮޅު ހެދިއެވެ. ސިނާން އަކީ އެފަދަ ޒުވާނެއްކަމެއް މީގެ ކުރިއަކުން ހައިޝަމްއަށް ވަޒަންކޮށްލެވިފައެއް ނުވެއެވެ. އެފަދަ މީހަކާ ޙަޔާ ގުޅުމަށް އޭނާ އެއްބަސްވާނީ ކިިހިނަކުން ހެއްޔެވެ؟

ޝަކޫރު ސަބަބު އެހުމުން ހައިޝަމް ބުނީ ޙަޔާ އެ ކައިވެންޏާ ދެކޮޅު ހެދީކަމުގައެވެ. އަދި ޙަޔާ ސިނާން އާ ގުޅެން ބޭނުން ނުވާކަމުގައެވެ. ޙަޔާއަށް މަޖުބޫރުނުކުރާނެކަމަށާއި ޙަޔާގެ ކޮންމެ ނިންމުމަކަށް އޭނާ އިޚްތިރާމްކުރާނެކަމުގައި ހައިޝަމް ބުންޏެވެ. އެއާއެކު ޝަކޫރާއި އަފީފާއަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.

އެހެންނަމަވެސް، އޭގެ ފަހުން އަފީފާ، އޭނާގެ ދަރިފުޅު ނޫރާ، ޙަޔާގެ ކައިރިއަށް ޓިއުޝަނަށް ފޮނުވަން އިންކާރުކުރިއެވެ. ޙަޔާ އޭނާގެ ދަރިފުޅާ އިންނަން އިންކާރުކުރުމުން އޭނާ ޙަޔާ ދެކެ ނުރުހުނީއެވެ. އެކަމުން ޙަޔާ ދެރަވި ނަމަވެސް، އޭނާ އަފީފާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ދެރައީ އޭނާ ދައްކާ ވާހަކަ އަޑު އަހަން އަފީފާ ބޭނުން ނުވާތީއެވެ.

ނޫރާއަށް އޭނާއަށް ދެން ޙަޔާމެން ގެއަށް ނުދެވޭނެކަން އެނގުމުން އެކަމާ ނޫރާ ދެރަވިއެވެ. އޭނާއަށްއެކީ ކީއްވެގެންކަން ވެސް އެނގުނީ އޭގެ ތިން ވަރަކަށް ދުވަސް ފަހުންނެވެ. އެއާއެކު ނޫރާ އިތުރަށް ދެރަވިއެވެ. އޭނާ ޙަޔާމެން ގެއަށް ދާން އަފީފާ ގާތުން އެދުނީ ޙަޔާއަށް ވެސް އޭނާ ބޭނުންވާ މީހަކާ އިނދެވެންވާނެއެއް ނޫން ހެއްޔޭ ބުނެފައެވެ. ނޫރާ އެހެން ބުނެލުމާއެކު އަފީފާ ރުޅި އަންނަ ގޮތްވިއެވެ.

"ނޫރާ. ކުޑަކުދިން ބޮޑެތި މީހުންގެ ކަންތައްތަކުގެ ތެރެއަކަށް ނުވަންނާނެ." އަފީފާ ބުންޏެވެ.

"އެކަމަކު މަންމާ…" ނޫރާ ބޮޑާހާކަން ފެށިއެވެ.

"ނޫރާ… މަންމަ މިބުނި އެއްޗެއް އަޑެއް ނީވޭތަ؟ ހަމަ މިހާރު ދޭ ކޮޓަރިއަށް..." އަފީފާ އެހެން ބުނެލުމުން، އަފީފާއާ ދިމާލަށް ބަލާލާފައި ބާރަށް އެއްޗެއް ބުނަން އުޅުނު ނަމަވެސް ނޫރާ ހިމޭންވިއެވެ. މައިންބަފައިންނަށް ކަމޭހިތުމާ ބެހޭގޮތުން އިސްލާމްދީނުގައި އަންގަވާފައިވާ ވާހަކަތަކާ ބެހޭ ފިލާވަޅު ނަގައިދިންއިރު ޙަޔާ ކިޔައިދިން ވާހަކަތައް އޭނާގެ ހަނދާނަށް އަންނަން ފެށުމުން އޭނާ އެއްޗެއް ނުބުނެ ކޮޓަރިއަށް ވަންނަން ހިނގައިގަތީވެސް ރުޅި އައިސްފައިވާ ޙާލުގައެވެ. ރުޅިގަނޑު ކޮންޓްރޯލް ނުކުރެވޭނެޔޭ ހީވިނަމަވެސް، އެކަން އޭނާ އުނދަގުލުން ނަމަވެސް ކުރިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ނޫރާ ގޮސް އިށީނީ އެނދުމަތީގައެވެ.

*****

އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. ޒައުލްއާއި ހައިޝަމްއާ ދެމީހުންނަށް އޮފީހަށް ދެވުނީ ދާދި އެކުއެކީގައެވެ. ޒައުލްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އޭނާ އޮފީހަށް އެ އައީ ތިން ދުވަހު ނައިސް ހުރެފައެވެ. މިހާރު ރާއްޖޭގައި ފެތުރިގެން އުޅޭ ވައިރަލް ރޯގާގަނޑު ޖެހި ގޭގައި މަޑުކުރަން ޖެހުނީއެވެ.

"ސަލާމް ޒައުލް… މިހާރު ރަނގަޅުތަ؟" ހައިޝަމް އަހައިލިއެވެ.

"ވަޢަލައިކުމް ސަލާމް ހައިޝަމް... الحمد لله. މިހާރު ވަރަށް ބޮޑަށް ރަނގަޅު. " ޒައުލް އެހެން ބުނެލިއިރުވެސް، އެ އަޑުގައި ކޮންމެވެސް ވަރަކަށް ރޯގާގެ އަސަރު ހުއްޓެވެ.

"ޝަފާކަﷲ. މިހާރު ޑޮކްޓަރަށް ދައްކައިފިންތަ؟" ޒައުލްއަށް ބަލައިލަމުން ހައިޝަމް ސުވާލުކޮށްލިއެވެ.

"އާނ. ދައްކައިފިން. ބުނީ ހަމަ މިހާރު އުޅޭ ރޯގާއޭ…" ޒައުލް ބުންޏެވެ.

"ދެން އެހެން ވިއްޔާ މިއަދު އަރާމުކޮށްލަން މަޑުކޮށްލި ނަމައެއްނު." ހައިޝަމް ބުނެލިއެވެ.

"ނޫނޭ އެނގެއެއްނު މިއަދު އޮތް ބައްދަލުވުމަކީ ކިހާ މުހިންމު ބައްދަލުވުމެއްކަން. ނިންމާލާފަ ދާނީ." އެހެން ބުނެލާފައި ޒައުލް ހިނގައިގަތީ މީޓިން ރޫމާ ދިމާލަށެވެ. ހައިޝަމްވެސް ޒައުލްއާއެކު ގޮސް މީޓިން ރޫމަށް ވަނެވެ.

އެންމެން އައިސް ހަމަވީ ފަސްވަރަކަށް މިނެޓް ފަހުންނެވެ. ޒައުލް މީޓިން ފެށުމަށްފަހު ކުރިއަށް ގެންދިޔުމަށް ހައިޝަމްއާ ހަވާލުކޮށްލިއެވެ. ހައިޝަމްވެސް ޕްރެސެންޓޭޝަން އަޅުވާލާފައި ވާހަކަ ދައްކަން ފެށިއެވެ.

ހައިޝަމް ވާހަކަ ދައްކަމުން ކުރިއަށް ދިޔަ ވަރަކަށް، އިރުއިރުކޮޅުން ޒައުލް އޭނާ ހުއްޓުވާ ކުރަން ބޭނުންވާ ސުވާލުތައް ކުރެއެވެ. އަދި ދެން ތިބި މީހުންވެސް އެގޮތަށް އަމަލުކުރިއެވެ. މީޓިން ނިމެން ގާތްގަނޑަކަށް ގަޑިއިރެއްވަރު ވިއެވެ. އެންމެން ނުކުތުމުން ހައިޝަމް ލެޕްޓޮޕް ލައްޕާލުމަށްފަހު ދަބަހަށް ލާން އުޅުނު ވަގުތު ޒައުލް ހައިޝަމްއަށް ބަލަން އިނދެފައި ގޮވައިލިއެވެ.

"ހައިޝަމް…."

"އާނ. ކީކޭ ޒައުލް؟." ލެޕްޓޮޕް ދަބަހަށް ލަމުން ހައިޝަމް ޒައުލްއަށް ސަމާލުކަން ދިނެވެ.

"މީ… ބައްޕަ ބުނި ހައިޝަމް ފަހަރެއްގައި ޗުއްޓީއެއް ބޭނުންވެދާނެޔޭ…" ޒައުލް ބުނެލީ ދޮގެއް ނޫނެވެ. އެއީ ހަމަ އަސްލުވެސް ޒަމީރު އޭނާގެ ގާތުގައި ބުނެފައިވާ ވާހަކައެކެވެ. ޙަޔާގެ ކައިވެނި ހަމަޖެހިއްޖެނަމަ ހައިޝަމް ޗުއްޓީ ބޭނުންވެދާނެ ވާހަކައެކެވެ. މި ދުވަސްކޮޅު އޮފީސް ބުރަކަމުން ދެ ދުވަހުގެ އޮފްއަކުން ވެސް ހައިޝަމް ފަރުޖައްސާލަފާނެޔޭ ބުނެފައި ޒަމީރު އޭނާގެ ގާތުގައި ބުނީ ހައިޝަމް ޗުއްޓީއެއް ބޭނުންނަމަ އޭނާއަށް އެކަން ކޮށްދިނުމަށެވެ. ޒައުލް އެ ސުވާލު އަހައިލީ އެހެންވެގެންނެވެ.

"އެއީ… ކޮންކަމަކަށް؟" ހައޝަމްއަށް ބުމަ އަރުވައިލެވުނެވެ. ޒަމީރު އެހެން އެ ބުނީ ކީއްވެގެންބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އޭރު ހައިޝަމްއަށް ޒަމީރު ކައިރީގައި އޭނާއަށް ޙަޔާގެ ވާހަކަ ބުނެވުނު ކަމެއް ހަނދާނަކު ނެތެވެ.

"އެއީ… ބައްޕަ ބުނި ޙަޔާގެ ކައިވެނި … މީ ހަމަޖެހުނީއޭތަ؟" ޒައުލްއަށް ޖުމްލަ ދުލުކުރީގައި އަތުރައިލަން އުނދަގޫވިއެވެ. އޭނާ އަށް އެހެން ބުނެވުނީ ޖެހިލުންވުމަކާއެކުގައެވެ. ހައިޝަމްގެ ޖަވާބު އަންނާނެ ގޮތެއް ނޭނގި އޭނާގެ ހިތުގެ ތެޅުންވެސް އެހިނދު ބާރުވެލައިފިއެވެ. ހައިޝަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަން އިންދާ ހައިޝަމް އިސްޖަހާލިތަން ފެނި ޒައުލް ވެސް ކަންބޮޑުވެއްޖެއެވެ.

"ސޮރީ… ކިހިނެއް ވީ ހައިޝަމް." ވީގޮތެއް ނޭނގުނު ނަމަވެސް ޒައުލް މާފަށް އެދުނެވެ. ހައިޝަމް ފުންނޭވާއެއް ދޫކޮށްލާފައި އެ ކައިވެންޏާ ޙަޔާ ދެކޮޅު ހެދިކަމަށް ބުންޏެވެ.

"އެހެންވީމަ އަހަރެން ޗުއްޓީއެއް ބޭނުމެއް ނޫން. … ސިނާން އަކީ އަހަރެމެން ހީކުރި ކަހަލަ ޒުވާނަކަށް ނުވި." ހައިޝަމް ހަމައެކަނި ބުނެލީ އެހެންނެވެ. ވީ ކީއްކަމެއް ނޭނގުނު ނަމަވެސް، ޒައުލްއަށް ސިނާން ކުރީ ރަނގަޅުކަމެއް ނޫންކަން އެނގުނެވެ. ކަންތައް ވީ ގޮތް އެނގެން ބޭނުން ނަމަވެސް، އެ ސުވާލު ޒައުލް ނުކުރީ ހައިޝަމް އެ ވާހަކަ ދައްކަން ބޭނުންނުވާކަން ވިސްނުމުންނެވެ. އެހެންނަމަވެސް ޙަޔާއާ މެދު އެ ހިތުގައި އުފެދުނު ނުތަނަވަސްކަން ޙަޔާއާ ބެހޭގޮތުން ސުވާލުކުރުމަށް އޭނާގެ ޒަމީރަށް މަޖުބޫރުކުރިއެވެ.

"ހަޔާ ރަނގަޅުތަ؟" ޒައުލްއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫނެވެ. އެހެންނަމަވެސް މޭތެރޭގައި އޮތް ހިތް ތެޅި ފޮޅިގަތުމުން އޭނާއަށް އެ ސުވާލު ކުރެވުނީއެވެ.

"އާނ. ޙަޔާ ރަނގަޅު." ހައިޝަމް އެހެން ބުނުމުން އަދިވެސް އިތުރަށް އެނގެން ޒައުލް ބޭނުންވިއެވެ. އެހެންނަމަވެސް، މިފަހަރުވެސް އޭނާ އަމިއްލަ އިޙްސާސްތައް އޮއްބައިލިއެވެ. ހައިޝަމް ނުކުމެގެން ދިޔުމުން ވެސް ޒައުލް އިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. ޙަޔާގެ އެ ކައިވެންޏާ ދެކޮޅު ހެދުމުން ހިތަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބުނެވެ. އަދި އަދިވެސް އޭނާއަށް ފުރުސަތެއް އެބަ އޮތޭ ޒައުލްގެ ހިތް ބުންޏެވެ. އެހެންނަމަވެސް، ޙަޔާ އޭނާއާ ދޭތެރޭ ދެކޭ ގޮތެއް ނޭނގޭތީ ޒައުލް ކަންބޮޑުވިއެވެ. އޭނާ ނުތަނަވަސް ވާގޮތްވިއެވެ. އެހެންނަމަވެސް އޭނާ ހިތްހަމަ ޖައްސައިލީ އޭނާގެ ތަޤުދީރުގައި ޙަޔާތުގެ ބައިވެރިއަކީ ޙަޔާކަމުގައި ލިޔެވިފައިވާނަމަ ކިތަންމެ އުނދަގޫތަކެއް ގިރާކޮށްފައިވެސް އޭނާއަށް ޙަޔާ ލިބޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.

ޒައުލް އެ ދުވަހު ގެއަށް ދިޔުމަށްފަހު ޒަމީރާ ވާހަކަ ދެއްކީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ.

"ބައްޕާ. އަޅުގަނޑު ހައިޝަމް ގާތުން ޗުއްޓީއެއް ބޭނުންވޭތޯ އަހައިފިން." ޒައުލް ވާހަކަ ފެށީ އެހާ ހިސާބުންނެވެ. އެންމެ ފުރަތަމަ ޙަޔާގެ ވާހަކަ ފަށަން އޭނާ ޖެހިލުންވީއެވެ.

" ކީކޭ ހައިޝަމް ބުނީ؟" ޒަމީރު ޒައުލްއަށް ބަލައިލަމުން ސުވާލުކޮށްލީ ޒައުލްގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާ ކުރަމުންނެވެ. "ބޭނުމެއް ނޫނޭ ދޯ؟"

"ލައްބަ…. ބޭނުމެއް ނޫނޭ ބުނީ... " ޒައުލް ބުނެލިއެވެ.

"ބައްޕަ ބުނީމެއްނު ފަހަރެއްގައި އޭނަ އެހެން ބުނެފާނެޔޭ. ޒައުލް ނުބުނަންތަ މެނޭޖު ކުރެވޭނެޔޭ." ޒަމީރު ބުނެލިއެވެ.

"ނޫން. ބުނިން. އެކަމަކު…." ޒައުލް ފަސްޖެހޭ ގޮތްވީ ކީއްގެެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ޙަޔާއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ އޭނާ އެ އުޅެނީ އަނެއްކާވެސް ޒަމީރަށް ހާމަކޮށްލަން ކަމަށްވީތީ ކަމަށްވެސް ވެދާނެއެވެ.

"އެކަމަކު…." ޒަމީރު އިނީ ޒައުލް ބުނާނެ އެއްޗެއްގެ އިންތިޒާރުގައިކަން އޭނާ ހާމަކޮށްލީ ޒައުލް ފަހުން ބުނެލި ލަފުޒު ތަކުރާރުކޮށްލަމުންނެވެ.

"ޙަޔާއާ އެޒުވާނާގެ ކައިވެނި ހަމައެއްނުޖެހުނު." ޒައުލް ބުނެލިއެވެ.

"ހަމައެއް ނުޖެހުނޭ…" ޒަމީރަށް ބުނެވުނެވެ.

"އާ. ޙަޔާ އެ ކައިވެންޏާ ދެކޮޅު ހެދީ. އެކަމާ ގުޅުވާ މާ ގިނަ ވާހަކަ ނުދެއްކިއެއްކަމަކު، އެ ޒުވާނާއަކީ އެހާ ރަނގަޅު ޒުވާނެއްހެން ހައިޝަމްގެ ވާހަކަތަކުން ހިޔެއް ނުވޭ. އޭނަ ކޮންމެވެސް ކަމެއް ގޯސް ކޮށް ކުރިހެން ހީވަނީ…" ޒައުލް ބުންޏެވެ.

"އެހެންތަ؟" ކުޑަ ހައިރާންކަމަކާއެކު ޒަމީރަށް ބުނެވުނެވެ. އެއާއެކު ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.

"ބައްޕާ… އަޅުގަނޑު ބޭނުން ޙަޔާއާ ކައިވެނިކުރަން….. މީ…. ވާހަކަ ދައްކަން ބޭނުން…." އެންމެފަހުން ހިމޭންކަން ފޫއަޅުވާލަމުން، ޒައުލް އުންމީދާއެކު ބުންޏެވެ. އެއާއެކު ޒަމީރު ހިނިތުންވެލިއެވެ. ޒައުލްގެ އެދުމާ އެއްގޮތަށް އޭނާ ޒައުލްއާއެކު ހައިޝަމްއާ ވާހަކަ ދައްކަން ދާނެކަމުގައި ޒަމީރު ބުނެލިއެވެ.

ޖެހިގެން އައި ދުވަހު ހައިޝަމްއަށް ޒަމީރު ގުޅިއެވެ. އޭރު އޭނާގެ ގާތުގައި ޒައުލްވެސް ހުއްޓެވެ.

"އައްސަލާމު ޢަލައިކުމް." އެކޮޅުން ހައިޝަމް ބުނެލިއެވެ.

"ވަޢަލައިކުމުއްސަލާމް." ޒަމީރު ސަލާމަށް ޖަވާބު ދެމުން ޒައުލްއަށް ބަލައިލިއިރު ޒައުލްގެ މޫނުމަތީން ފެންނަނީ ހާސްކަމެވެ. ބައްޕަ ވާހަކަ ދައްކާނީ ކިހިނަކުން ބާއޭ ހިތަށް އަރާ ޙާލު އޭނާއަށް ހުއްޓިފައި ހުރެވުނީ އެހެންވެގެންނެވެ. ޒައުލްގެ ހާސްކަން ފެނި ޒަމީރު ބޯ ޖަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނާ ފަދައަކުންނެވެ.

"އަހަރެން ބޭނުން ހައިޝަމްމެންނާ ބައްދަލުކޮށްލަން." ޒަމީރު ބުނެލިއެވެ.

"އަޅުގަނޑު ތިގެއަށް ގޮސްފާނަން." ހައިޝަމް ހީކުރީ އޮފީސްކަމަކު، ޒަމީރު ގުޅީކަމަށެވެ. އޭނާ އެހެން ބުނީ އެހެންވެގެންނެވެ.

"ނޫނޭ. އޮފީސްކަމަކު ނޫން. އަމިއްލަ ކަމެއްގައި. ތިގެއަށް ދިޔަޔަސް އެންމެ ރަނގަޅުވާނެތަ؟" ޒަމީރު ސުވާލުކޮށްލިއެވެ.

"މިގެއަށް؟" ހައިޝަމް އެ ސުވާލުކޮށްލިއިރު އެ އަޑުގައިވަނީ ހައިރާންކަމެކެވެ.

"އާނ. ކިހިނެއްވީ؟ އަނެއްކާ މައްސަލައަކީތަ؟" ލުއި ހުނުމަކާއެކު ޒަމީރު ބުނެލުމުން ހައިޝަމް ނޫނެކޭ ބުނިއިރުވެސް ހައިރާންކަން އެ އަޑުގައިވެއެވެ.

"ޙަޔާ އާ ބެހޭގޮތުން ވާހަކަ ދައްކާލަން ބޭނުމީ…" ޒަމީރު އެހެން ބުނެލާފައި ޒައުލްއަށް ބަލައިލިއެވެ. "ދެން… މީ…. …. ޒައުލް………ޒައުލްވެސް ދާނެ….. މިރޭ ރަނގަޅުވާނެތަ؟"

އެކޮޅުން ހައިޝަމް ބުނީ ކީކޭކަމެއް ޒައުލްއަކަށް ނޭނގުނެވެ. އެހެންކަމުން ފޯނު ބޭއްވުމާއެކު އޭނާ އަވަސް އަވަހަށް ޒަމީރާ ސުވާލުކޮށްލިއެވެ.

"ކީކޭ ހައިޝަމް ބުނީ؟" ޒައުލްއަށް އަހައިލެވުނެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާއަށް ތެޅެމުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
Redstar
comment ކޮމެންޓް
Dhiraagu
ގުޅޭ ޚަބަރު
ގުޅޭ ޓެގު