ނާއުންމީދުން އެހިތް ފުރިގެން ދިޔަ ހިނދު, މާތް ﷲ ގެ މަތީން ޒައުލް ހަނދުމަ ނެތުނުކަން އޭނާއަށް ކުއްލިއަކަށް ހަނދާންވާން ފެށިއެވެ. އެއާއެކު ތެދުވެގެން ގޮސް ވުޟޫކޮށްލައިގެން ނުކުމެ އޭނާ ނަމާދު ކުރަން އަވަސް ވެގަތެވެ. މާޔޫސްވާ ވަގުތުތަކުގައި ނަމާދުކުރުމަކީ މިހާރު ޒައުލްގެ އާދައެކެވެ. އެކަމުން އޭނާގެ ހިތަށް ހަަމަޖެހުން ލިބޭތީއެވެ
އަނދިރިކަމުގެ ތެރޭގައި ވަނިކޮށް އެތަކެއް ބައެއްގެ ތެރެއިން އަލިކަމަށް އޭނާ ނެރެދެއްވި އިލާހުގެ ކޮންމެ ނިންމެވުމަކަށް އޭނާ ރުހި ޤަބޫލުވާން ބޭނުމެވެ. ކޮންމެ ނިޢުމަތަކަށްމެ ޝުކުރުވެރިވާ މީހަކަށް ވާން އޭނާ ބޭނުންވެއެވެ. ހިތްދަތިކަމާއި ހިތް ނުތަނަވަސްވާ ވަގުތުގައި ނަމާދުކޮށް ދުޢާ ކޮށްލުމުން ހިތަށް އެ ލިބޭ ފިނިކަން އެހެން އެއްވެސް ކަމެއް ކޮށްގެނެއް ނުލިބޭނެއެވެ. ޒައުލް ވަނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައެވެ. ހިތުގެ އެދުން ހާސިލް ނުވިއެއްކަމަކު، އޭނާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލުކުރަނީ އެކަލާނގެ އޭނާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ.
ނަމާދުކޮށްލައިގެން ދުޢާކޮށް ނިންމައިލިތަނާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. މުސައްލަ ނަގާފައި ގެންގޮސް އެ އޮތްތަނުގައި ބާއްވާފައި ފޯނު ބަލައިލުމާއެކު، ކުޑަކޮށް ހައިރާންވެސް ވިއެވެ. މެސެޖުކޮށްފައިވަނީ ނުދަންނަ ނަންބަރަކުންނެވެ. އެ މެސެޖު ހުޅުވައިލުމާއެކު ޒައުލްއަށް ހައިރާންކަމަކާ އެއްވަރަށް އުފާވެރިކަމެއް ވެސް ލިބުނެވެ. އެހިނދު އޭނާގެ ނުތަނަވަސްކަން މަތީން ކުޑަކޮށް ހަނދާން ނެތޭ ގޮތްވިއެވެ. ފޯނު ހިފައިގެން ގޮސް ސޯފާގައި އިށީނދެފައި އިރުކޮޅަކު ޒައުލް ވިސްނަން އިނެވެ. އޭނާގެ ޙަޔާތް ބަދަލުވެފައިވާ މިންވަރާ މެދުގައެވެ. ސާރާ ނިޔާވުމާއެކު އޭނާ ހީކުރީ އޭނާގެ މުޅި ޙަޔާތް އަނދިރިވީކަމަަށެވެ. އަލުން ދެން އޭނާއަށް އުފާވެރިކަމެއް ނުލިބޭނެކަމަށެވެ. ދީނާ އެންމެ ބޮޑަށް ދުރުވީވެސް، ސާރާ ވަކިވުމުގެ ހިތާމައަށް ކެތްނުކުރެވުމުންނެވެ. ދިމާވި ހިތްދަތިކަމަށް ކެތްތެރިވުމުގެ ބަދަލުގައި އޭނާއަށް ޚިޔާރުކުރެވުނީ ހަލާކުގެ މަގެވެ. އެންމެ ފަހުން އޭނާގެ އީމާންތެެރިކަން އެކީ ބަލިކަށިވެގެން ދިޔައީއެވެ. ފޯނުން ޤުރުއާނުގެ ތަރުޖަމާ އެޕް ހުޅުވައިލުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އޭނާ އެންމެފަހުން ބަލާފައިވާ އާޔަތާއި މާނައެވެ. އެއީ سورة البقرة ގެ 153 ވަނަ އާޔަތާއި މާނައެވެ. ކެތްތެރިވެ ނަމާދުން ވާގި އެދުމަށާއި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައި ކަމުގައި އެ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ޒައުލް އެ އާޔަތް ކިޔައިލިއެވެ. މިހާރު އޭނާ ވަނީ ޤާރީންގެ އަޑު ދަށުން ކިޔަވަމުން ގޮސް ޤުރުއާންވެސް ބަލައިގެން ކިޔެވޭ ވަރަށް ފަރިތަ ކޮށްފައެވެ. މާ ފަރިތަ ނޫނަސް، އޭނާއަށް މިހާރު ޤުރުއާން އެކަނި ކިޔެވެއެވެ.
ކުރީގައި ނަމާދާ ދުޢާކުރުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރި މަގު ހަނދާންވުމުން އެކަމަށް ފާފަ ފުއްސެވުމަށް އެދި އޭނާއަށް އެހިނދު ދުޢާ ކުރެވުނެވެ. އަދި ހިދާޔަތް ދެއްކެވިކަމަށްޓަކައި އެތަކެއް ފަހަރަކު ﷲ އަށް ޙަމްދުކޮށް ޝުކުރުކުރެވުނެވެ.
*****
މާލެ އައުމާއެކު ލިބުނު ޚަބަރުން ޒައުލްގެ ހިތަށް އުނދަގޫވަމުން ދިޔައީ އިންތިހާއަށެވެ. އޮފީހަށް ގޮސް ވެސް އޭނާއަށް އަބަދާ އަބަދު ވިސްނެމުން ދިޔައީ ޙަޔާއާ މެދުގައެވެ. ޙަޔާއާއި އެބުނާ ޒުވާނާއާއި ކައިވެނި ހަމަ ހަމަޖެހުނީތޯ ހައިޝަމްގެ ކައިރީގައި އަހަން ބޭނުންވި ނަމަވެސް، އޭނާއަށް އެކަމެއް ނުކުރެވުނެވެ. ހީވަނީ ދުލުގައި ތަޅެއް ލެވިފައިވާހެންނެވެ.
ޒައުލް އެދުވަހު މެންދުރު ނަމާދަށްފަހު، ޤުރުއާން ކިޔަވާލުމަށް މިސްކިތުގައި މަޑުކޮށްލިއެވެ. އެއީ މިހާރު އޭނާގެ އާދައެވެ. ކޮންމެ ނަމާދަކަށްފަހު ކިތަންމެ ބުރަ ނަމަވެސް، ޤުރުއާނުގެ މިންވަރެއް ކިޔެވުމަށް އޭނާ އިސްކަން ދެއެވެ. އޭނާ ބަލަނީ ޤުރުއާން ކިޔަވާއިރު ތަރުޖަމާއާއެކު ކިޔުމަށެވެ. އެކަމުން އޭނާއަށް ނޭނގޭ އެތަކެއް ބައިވަރު ކަންތައްތަކެއް ދަސްވާތީއާ ވެސް އެކުގައެވެ. އަދި ޤުރުއާނުގެ ޢިލްމު އުނގެނުމަށް އޭނާ ބޭނުންވާތީ ވެސް މެއެވެ.
އޮފީހުގައި އެތަކެއް ފަހަރަކު ހައިޝަމްއާ ބައްދަލުވެ ވާހަކަ ދެކެވުނު ނަމަވެސް ޙަޔާއާ ބެހޭގޮތުން ހައިޝަމްއާ ސުވާލުކޮށްލަން ޒައުލް އުޒުރުވެރިވެއެވެ. އެހެންނަމަވެސް ޙަޔާއަށް އެދެވެމުން ދިޔަ މިންވަރު ޒައުލްގެ ހިތުގައި އިތުރުވަމުން ދިޔައެވެ. ޙަޔާ ފަދަ ބައިވެރިއެއް އޭނާ ޙަޔާތުގެ ބައިވެރިޔާއަށް ބޭނުމެވެ. އެފަދަ ޚިޔާލުތައް މާ ގިނައިން ވެރިވާން ފެށުމުން އެކަމާ ނުވިސްނަންވެސް ޒައުލް މަސައްކަތްކުރިއެވެ.
*****
ޙަޔާއަށް އޭނާ ކުރި އިސްތިޚާރާ ނަމާދުގެ ޖަވާބު ލިބުނީ ހީވެސް ނުކުރާ ގޮތަކަށެވެ.
ކައިވެނީގެ ވާހަކަތައް ދެއްކުމަށްފަހު، އޭނާ އާއެކޭ ވެސް ނުުބުނެ އޮއްވާ ސިނާން އޭނާގެ ނަންބަރު ކޮންމެވެސް ގޮތަކުން ހޯދައިގެން އުނދަގޫ ކުރަން ފެށީ އާއެކޭ ބުނާށޭ ކިޔާފައެވެ. ޙަޔާގެ ނުރުހުމާ އެކުވެސް އޭނާ އެކަމެއް ނުހުއްޓިއެވެ. ސިނާން ކެނޑި ނޭޅި ޙަޔާއަށް މެސެޖު ކުރަނީ އޭނާއާ ވާހަަކަ ދެއްކުމަށް އެދިއެވެ. ބައްދަލު ނުކުރިނަމަވެސް، ފޯނުން ވާހަކަ ދައްކަން ތިބެވިދާނެކަމަށް ބުނެއެވެ. ޙަޔާ ބުނީ އޭނާ އަދި އާއެކޭ ވެސް ނުބުނާ ކަމަށެވެ. އޭނާއަށް ވަގުތު ދިނުމަށެވެ. އެހެންނަމަވެސް ސިނާން އެކަމެއް ނުހުއްޓިއެވެ. ފޯނުން ވާހަކަ ދެއްކުމަކުން މައްސަލައެއް ނެތްތާއޭ ސިނާން ބުންޏެވެ. ސިނާން އެހާވަރަށް އުނދަގޫކޮށް މެސެޖުކުރާތީ ޙަޔާގެ ހިތުގައި ސިނާންއާ މެދު ފުރަތަމަ ފަހަރަށް ފޫހިކަމެއް އުފެދުނެވެ. އޭނާ ބަލިވެ ކަމަށްބުނާ ފަހަރުވެސް ކެނޑި ނޭޅި ހަމަ ގުޅާފާނެއެވެ. އޭނާގެ އިޙްސާސްތަކަށް އެއްވެސް ވަރަކަށް ޤަދަރުކުރާ ފަދަ ސިފަތަކެއް ސިނާންގެ ކިބަޔަކުން ޙަޔާއަކަށް ނުފެނުނެވެ.
އެއީވެސް އާދައިގެ ދުވަހެކެވެ. ޙަޔާއަށް ސިނާންގެ މެސެޖެއް ލިބުނެވެ. މެސެޖު ނުބަލަން ހުރެފައިވެސް ސިނާން ދައްކާ ވާހަކައެއް ބަލައިލުމުގެ ނިޔަތުގައި އޭނާ އެ މެސެޖު ކިޔާލިއެވެ. އޭގައި އޮތީ ވަޒީފާއަށް ދިޔުމަށްވެސް އޭނާ ޙަޔާއަށް ހުރަސް ނާޅާނެކަމުގައެވެ. އޭނާގެ މަންމަގެ ފަރާތުން ޙަޔާ ވަޒީފާއަށް ވެސް މީގެ ކުރިން ކުރިމަތިލިކަން އެނގުނުކަމަށާއި އެކަމަކު ނިޤާބުގެ ސަބަބުން ވަޒީފާ ހަމަ ނުޖެހޭކަން އެނގޭ ކަމުގައެވެ. ނިޤާބު ނަގާފައި ބުރުގާ އަޅަންވީނުންތޯ އެހުމުން ޙަޔާ އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. އޭރުން ވަޒީފާވެސް ލިބޭނެކަމުގައި، ސިނާން ބުނެފައި އޮތެވެ. އޭނާ ނިޤާބު އަޅަނީ ޚުދު އޭނާއަށް އަމިއްލައަށް ވެސް ރައްކާތެރިކަން އިޙްސާސްވާތީއެވެ. އަދި ދީނުގައި އަންގަވާފައި އޮންނަ އެންމެ ފުރިހަމައަކަށް އުޅެން މަސައްކަތްކުރާތީއެވެ. ކުޑަ އިރުއްސުރެން ބުރުގާ އަޅައިގެން އުޅެފައި ނިގާބަށް ބަދަލުކުރީ ޚުދު އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ. އެކަމުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކާއި އުނދަގޫތަށް ވެސް އެނގިގެންނެވެ. އެހެންނަަމަވެސް އޭނާއަށް މުހިންމީ އެންމެނަށް ވުރެ ﷲ ގެ ރުހިވޮޑިގަތުމެވެ. ދެންވެސް ސިނާން ދައްކަން ފެށީ ޙަޔާ މާ ގަޔާވާ ވާހަކައެއް ނޫނެވެ. ވައިބާއިން ކުރި މެސެޖު ޙަޔާ ބެލިކަން އެނގި ފުލުފުލުގައި މެސެޖު ފޮނުވަން ފެށިއެވެ.
އެންމެ ފަހުން ޙަޔާ ނިންމީ އެ ކައިވެނި ނުކުރުމަށެވެ. އެހެންނަމަވެސް އެ ކައިވެންޏާ ދެކޮޅު ހެދުމަށްޓަަކައި ހައިޝަމްއާ ވާހަކަ ދައްކަން އުޅުނު ދުވަހު ދެ ދުވަހަކަށް ހައިޝަމް ރާއްޖެތެރޭ ރަށަކަށް ފުރަން ޖެހުނެވެ. ހައިޝަމް އުޅުނީ ވަރަށް ބުރަކޮށް ކަމުން، ޙަޔާ އެ ވާހަކަ އެންމެ ފުރަތަަމަ ހިއްސާކުރީ ނައުފާއާއެވެ. ނައުފާއަށް ޙަޔާއަށް ނަސޭހަތްދިނީ އެފަދަ މީހަކާ ދުރުވުމަށެވެ. އެ ދެމީހުން ނިންމީ ހައިޝަމް އައުމުން ސިނާންގެ އެ އެވާހަކަ ހިއްސާކުރުމަށެވެ.
ޖެހިގެން އައި ދުވަހެވެ. ހޮސްޕިޓަލުން އައިސް ޙަޔާ ގެއަށް ވަދެލިއެވެ. އެހެންޏާ އޭނާއާއެކު، ނައުފާ އަބަދުވެސް ދާނެއެވެ. އެހެންނަމަވެސް މިއަދު އިނާ ހުން އައުމުން ޙަޔާ ދިޔައީ ނައުފާގެ މަންމައާއެކުގައެވެ. ނައުފާގެ މަންމަ އޭނާ ލާފައި ގެއަށް ނުވަދެ ދިޔައީ ތަނަކަށް ދާންޖެހުމުންނެވެ.
ގޭތެރެއަށް ވަނުމާއެކު ޙަޔާއަށް ކުރިމަތިލާން ޖެހުނީ އޭނާ އެންމެ ކުރިމަތިލާން ބޭނުންނުވާ މީހާއެވެ. އާއެކެވެ. ސިނާންއާއެވެ. އޭރު ސިނާންވެސް ލިފްޓުން ނުކުމެގެން، ދޮރާ ދިމާލަށް އައީ ތަނަކަށް ދާން ކަންނޭނގެއެވެ.
"ޙަޔާ…ދެން ކޮން އިރަކުން އަހަންނަށް ޖަވާބެއް ދޭނީ؟" ސިނާން ސުވާލުކޮށްލިއެވެ.
"ސިނާން…." ޙަޔާ ވާހަކަ ދައްކަން އުޅުނު ނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ސިނާން އެ އައި ގޮތަށް އައިސް އޭނާގެ އަތުގައި ހިފެއްޓިއެވެ. އެއާއެކު ރުޅިވެރިކަމާއެކު ޙަޔާއަށް އޭނާގެ އަތް ފޮޅުވައިލެވުނެވެ.
"އަހަންނަށް އަބަދުވެސް ޙަޔާ ވަރަށް ރީތި... އިނގޭތަ؟ ސްކޫލު އިރުން ފެށިގެންވެސް އަހަންނަށް ޙަޔާ ކަމުދޭ. އެކަމަކު ތިހެން ހުރީމަ މިހާރު ތި މޫނުވެސް ނުފެނޭ..." ސިނާން ޙަޔާގެ މޫނުފޮތިކޮޅުގައި އަތް ޖައްސާލަން އުޅުނެވެ. ސިނާން ނިންމާފައިވަނީ އިނުމަށްފަހު އޭނާ ބޭނުންވާ ގޮތަކަށް ޙަޔާގެ ކަންތައްތައް ބަދަލު ކުރުމަށެވެ. ޙަޔާ މުޅީން ބަދަލުކޮށްލުމަށެވެ. ހަޤީގަތުގައި މެލޭޝިޔާއިން އައިއިރު އެކަކަށް ނޭނގުނު ނަމަވެސް ވަރަށް ގިނަ ކަންތައްތައް ވަނީ ބަދަލުވެފައެވެ. އޭނާގެ ވިސްނުން ވެސް މެއެވެ. މީހަކަށް ނޭނގުނު ނަމަވެސް އޭނާ ނަމާދާވެސް ވަރަށް ދުރެވެ. ދީނީ ކަންތައްތަކަށްވެސް ސަމާލުކަމެއް ނުދެއެވެ.
"އަތްލައިގެން ނުވާނެ." ރުޅި އައިސް ރަތްވެފައި ހުރި ޙާލު ޙަޔާ ފަހަތަށް ޖެހުނެވެ.
"އަޅެ ކޮބާތަ މައްސަލައަކީ. މިއަދު ސީސީޓީވީ އެ ހުރީ ހަލާކުވެފަ. އެހެންވީމަ ނުފެންނާނެ އިތުރު މީހަކަށް. " ސިނާން ދައްކަމުން ދިޔަ ވާހަކަތަކާއި އެ އަޑުގައިވި އަސަރުތަކުން، ޙަޔާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ސިނާންގެ އަސްލު ސިފަ އޭނާއަށް ފެންނަން ފަށައިފިކަން ޙަޔާއަށް އެގުނެވެ. އެއާއެކު އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ.
ޙަޔާ ދާން އުޅުމުން ވެސް ސިނާން އެކަމަށް ހުރަސްއެޅިއެވެ. އޭނާ ޙަޔާއާ ގާތްވާން އުޅުނެވެ. ޙަޔާ ސިނާންގެ އަތް ފޮޅުވާލާފައި ގޮސް ލިފްޓަށް އެރުމާއެކު ސިނާންވެސް ފާޑަކަށް ހީނލަމުން ދިޔައީއެވެ.
ޙަޔާ ގޮސް އެ ވާހަކަ ނައުފާއާ ހިއްސާކުރިއެވެ. އެއާއެކު ނައުފާ ވެސް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ކިހިނެއްވެގެންތަ އެ އުޅެނީ؟ އޭނަ ދެން ކީއްކުރަން ޙަޔާ ކަހަލަ މީހެއް ބޭނުންވެގެން އެ އެއުޅެނީ؟ އޭނާ ބޭނުންވާގޮތަށް ހެދުން ލާ މީހެއް ހޯދަންވީނު." ނައުފާ ބުނެލިއެވެ.
"ދޮންބެ އަންނަނީ ކޮން އިރަކުންތަ؟" ޙަޔާއަށް ބުނެވުނެވެ.
"ބުނި ކުރަން ދިޔަ ކަންތައް ނިމިއްޖެޔޭ. މާދަމާ އަންނާނަމޭ ބުނީ. އައިމަ ތި ވާހަކަ އަވަހަށް ދޮންބެއާ ހިއްސާކުރާތި. އެހެންނޫނީ އޭނާގެ އުނދަގޫ މާ ބޮޑު ވެދާާނެ." ނައުފާ އެހެން ބުނުމުން ޙަޔާ ބޯ ޖަހައިލިއެވެ.
"އިނާ ކޮބާ؟" ކުއްލިއަކަށް ހަނދާންވާފަދައަކުން ޙަޔާ ސުވާލުކޮށްލިއެވެ.
"ނިދިފަ އޮތީ. މިހާރު ހުންގަނޑުވެސް މަތަވެއްޖެ." ހަނޑޫ ދޮންނަން އުޅެމުން ނައުފާ ބުންޏެވެ. ޙަޔާ ނައުފާއަށް އެހީވާން އުޅުމުން ނައުފާ އެކަމަށް ދެކޮޅު ހެދިއެވެ.
"އޯކޭވާނެ. ނޫރާ އަންނާނެއެއްނު އިރުކޮޅަކުން ކިޔަވަން. ޙަޔާ ދޭ ނޫރާ އަންނަން ވާއިރަށް އަރާމުކޮށްލަން. " ނައުފާ އެހެން ބުނީ ޙަޔާ ހުންނާނީ ވަރުބަލިވެފައިކަން އެނގޭތީއެވެ.
"ނޫރާ ވީ ސްކޫލު ޓްރިޕެއްގަ ރަށަކަށް ގޮސް. އެހެންވީމަ މިއަދަކު ނާންނާނެ." ޙަޔާ ބުނެލިއެވެ.
"އެހެންވިޔަސް ހެޔޮ. މި ނިމުނީއޭ. ދޭބަލަ އަރާމުކޮށްލަން." ނައުފާ އެހެން ބުނުމުން ޝުކުރު އަދާކޮށްފައި ޙަޔާވެސް ގޮސް ވަނީ ކޮޓަރިއަށެވެ.
ރޭގަނޑެވެ. ޙަޔާ ނިދަންވަތްތަނާ އޭނާގެ ފޯނަށް މެެސެޖެއް އައެެވެ. އޭނާ އެ މެސެޖު ކިޔައިލުމާއެކު، ދެބުމަ ގޮށްޖެހުނެވެ. އޭނާ މަތީން ހަނދާންވާކަމަށް ބުނެ ސިނާންކޮށްފައި އޮތް މެސެޖުގައި ހުތުރު ވާހަކަތަށް ވެސް ހުއްޓެވެ. އެފަދަ މެސެޖެއް ސިނާންގެ ފަރާތުން އަންނާނެކަމަކަށް އޭނާ އުންމީދެއް ވެސް ނުކުރެއެވެ. މެސެޖު ފޮނުވީ އާދައިގެ މަތިން ވައިބާއިންނެވެ. ޙަޔާ މެސެޖު ބެލިކަން އެނގި ދެވަނަ މެސެޖެއްވެސް ސިނާން ކުރިއެވެ. ދެ ދުވަހަކަށް އަފީފާ ނޫރާ ގޮަވައިގެން ސްކޫލުކަމެއްގައި ރާއްޖެތެރޭ ރަށަކަށް ދިޔަކަމަށާއި، އޭނާ ގޭގައި އުޅެނީ އެކަނި ކަމުގައި ސިނާން ބުންޏެވެ. އަދި އެގެއަށް އައުމަށް އޭނާ ޙަޔާއަށް ދަޢުވަތު ދިނެވެ. އޭނާ އުޅެނީ ކޮންމެހެން ހަރާމް ކަންތައް ކުރަން ނޫންކަމަށާއި ހަމައެކަނި ބޭނުންވަނީ ޙަޔާއާ ވާހަކަ ދައްކާލަން ކަމަށް ބުނެފައި، އެއީ މައްސަލައެއް ނޫނޭ ސިނާން ބުނެފައި އޮތެވެ. ކައިވެނީގެ ކުރިން ދެމީހުންނަށް އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ހުއްދަ އޮންނާނެއެއް ނޫންހޭވެސް އަހާފައި އޮތެވެ.
ޙަޔާ ސިނާންއާ އިންނާކަށް ބޭނުމެއް ނޫނޭ ބުނުމަށްފަހު، ވަގުތުން ދެކޮޅު ހެދިއެވެ. އަދި އަންހެނަކާ ފިރިހެނަކު އެކަހެރިވާނަަމަ ތިންވަނައަށް އެތަނުގައި ޝައިޠާނާ ހުންނާނެކަމަށްވެސް އޭނާ ބުނެލިއެވެ. އެއަށްފަހު ސިނާންއަށް އިތުރު އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނަންބަރު ވަގުތުން ބްލޮކްކޮށްލިއެވެ. އެހިނދު އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
ޙަޔާ ނިދީ މާދަމާ ހައިޝަމް އައުމުން ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމައިގެންނެވެ.
*****
އެނދުގައި ފުރޮޅި ފުރޮޅި އޮތް ޒައުލްއަށް ނިދޭގޮތް ނުވުމާއެކު އެންމެފަހުން އޭނާ އެނދުން ތެދުވިއެވެ. އަދި ގޮސް އާދައިގެ ޓީޝާޓެއް ނަގާ އެ ލަމުން ކޮޓަރިން ނުކުމެގެން ބަދިގެ ބަޔަށް ދިޔައެވެ. އެއަށްފަހު ކޮފީ މެޝިނު ކައިރިއަށް ހުއްޓުމަށްފަހު ކޮފީއެއް ހަދަން ޖައްސާލާފައި ކިޗެން ކެބިނެޓްގައި ލެނގިލިއެވެ.
(ނުނިމޭ)