ސިނާން ޙަޔާއާ ވާހަކަ ދެއްކީ ވަރަށް ވެސް އޮމާންކޮށެވެ. ޙަޔާ ހިތް އެދޭ ފަދަ ގޮތަކަށެވެ. ޙަޔާ ބޭނުންވާނެ ފަދަ ގޮތަކަށެވެ. އެއަށްފަހު، އޭނާ ޙަޔާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
އޭނާގެ އެ ވާހަކަތަކަށްފަހު، ސިނާން އުންމީދުކުރީ ޙަޔާ އާބަސް ދޭނެކަމަށެވެ. ވިސްނުންތެރިކަމާއެކު ބައްޓަންކުރި ވާހަކަތަކުން ޙަޔާގެ ސިކުނޑިއަށް އަސަރުކުރާނެކަމުގައި ސިނާން އުންމީދުކުރިއެވެ. އެހެންނަމަވެސް ޙަޔާ ދިނީ އޭނާ އުންމީދުކުރި ޖަވާބެއް ނޫނެވެ. އެއާއެކު އޭނާއަށް ކުޑަކޮށް ދެބުމަ ގާތް ކޮށްލެވުނެވެ. ކުޑަކޮށް ނުރުހުނީ އޭނާ އެހާވަރަށް ވާހަކަ ދެއްކުމުން ވެސް ވިސްނާނަމޭ ބުނުމުންނެވެ. އެހެންނަމަވެސް އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަމުން އޭނާ އެ އަސަރުތައް ނިކަން އަވަސް އަވަހަށް މޫނުމަތިން ވަންހަނާކޮށްލިއެވެ.
"އަހަރެން ބޭނުން ވަގުތުކޮޅެއް. އެއަށްފަހު ޖަވާބެއް ދޭނަން." ޙަޔާ ބުނެލިއެވެ. އަވަސް އަރުވާލައިގެން ޖަވާބު ދޭކަށް ޙަޔާ ބޭނުމެއް ނޫނެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. އެއީ ސަމާސާ އެއްވެސް ނޫނެވެ. ސިނާންއަކީ ކިތަންމެ ރަނގަޅު ޒުވާނަކަށް ވިޔަސް އެފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހޭނީ ވަރަށް ވިސްނާފައެވެ.
"އެންމެ ރަނގަޅު." ޙަޔާގެ ރުހުން ހޯދުމަށްޓަކައި ސިނާން އެއްބަސްވީ ހިތާ ދެކޮޅަށެވެ. އޭނާ ޙަޔާގެ ކުރިމަތީގައި ބެލީ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯއެވެ.
ޙަޔާ ހައިޝަމްއާ ކުރިމަތިލީ އެމީހުން ދިޔަފަހުންނެވެ.
"މިހާރު އެހެން ބުންޏަސް އިނީމަ އަހަންނަކީ އުނދަގުލަކަށް ނުވާނެތަ ދޮންބޭ؟" އޭނާގެ ޙާލަތު ހުރި ގޮތުން ޙަޔާއަށް ސުވާލުކޮށްލެވުނެވެ. "އެހެން ނޫނަސް، ވިސްނާފަ ނޫނީ ގޮތެއް ނިންމާކަށް އަހަރެން ބޭނުމެއް ނޫން."
"ޙަޔާ. މިކަމުގައި އެއްވެސް ވަރަކަށް ޙަޔާއަށް މަޖުބޫރުކަމެއް ނެތް. ސިނާން އަކީ ރަނގަޅު ޒުވާނެއް ނަމަވެސް، ޙަޔާ ބޭނުންވަންޏާ އެ ގުޅުމަށް ފުރުސަތު ދޭނީ. ދޮންބެ ނޫޅެން ޙަޔާ ބަލަން ޖެހޭތީ އުނދަގޫވެގެނެއް. އެހެންވީމަ ޙަޔާ ވިސްނާނެވަރަކަށް ވިސްނާފަ ޖަވާބެއް ދީ. ދޮންބެމެންނަށް މުހިންމީ ޙަޔާގެ އުފާ." ހައިޝަމް ބުނެލިއެވެ. އޭނާ ޙަޔާގެ ބޮލުގައި ފިރުމައިލިއެވެ.
"އެބުނީ ތެދެއް. ދިރިއުޅުމެއް ފަށާނީ ޙަޔާ. ވީއިރު މިކަމާ މެދު އެންމެ ބޮޑަށް ވިސްނާފަ ގޮތެއް ނިންމަންޖެހޭނީވެސް ޙަޔާ." ނައުފާ ބުންޏެވެ.
"ދޮންބެގެ ޚިޔާލެއް ދީބަލަ. ސިނާން ރަނގަޅުތަ؟" ޙަޔާ އެ ސުވާލުކޮށްލީ ސިނާންއާ މެދު ހައިޝަމް ދެކޭ ގޮތެއް ބަލައިލުމުގެ ބޭނުމުގައެވެ. ކޮންމެވެސް ދުވަހަކުން އޭނާވެސް މީހަކާ އިންނަން ޖެހޭނެކަން ޙަޔާއަށް އެނގެއެވެ. އެހެންނަމަވެސް މިއީ އެންމެ އެކަށޭނެ ވަގުތުބާއޭ އޭނާގެ ހިތަށް އަރައެވެ. ބަލިވީމަ އަޅާލާނަމޭ ބުނެލަން ވަރަށް ފަސޭހަވާނެއެވެ. އެހެންނަމަވެސް އަމަލުން ދައްކަން އެއީ ފަސޭހަކަމެއް ނޫނެވެ.
"ސިނާންއަކީ ގޯސް ޒުވާނެއް ނޫން. އެއީ ހަމަ ރަނގަޅު ޒުވާނެއް. މޭލޭޝިޔާއަށް ދިޔުމުގެ ކުރިންވެސް ބަރާބަރަށް ނަމާދުކުރޭ. އަނެއްކޮޅުން އެ އާއިލާއަކީވެސް ގޯސް އާއިލާއެއް ނޫން. އެކަމަކު، ގޮތް ނިންމަން ވާނީ ޙަޔާ. މީ ޙަޔާގެ ދިރިއުޅުން. ޙަޔާގެ މުސްތަޤްބަލް. " ހައިޝަމް އެެހެން ބުނުމުން ޙަޔާ ބޯ ޖަހައިލިއެވެ. އަދި ގޮސް ކޮޓަރިއަށް ވަނެވެ.
އެރޭ ވަރަށް ގިނައިރު ވަންދެން ޙަޔާ އެކަމާ މެދު ވިސްނިއެވެ. ސިނާން އަކީ ދޮންބެމެން އެންމެން އެ ބުނާހެން ރަނގަޅު ޒުވާނެކެވެ. ވިީއިރު އެ ހުށައެޅުން ޤަބޫލުކުރަންވީ ހެއްޔެވެ؟ ސިނާންއާ މެދު އޭނާގެ ހިތުގައި އިޙްސާސްތަކެއް ނުވިއެއްކަަމަކު ފޫހިކަމެއް ވެސް ނޯވެއެވެ. ސަބަބަކީ ކުރީގައި ސިނާން ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާކަން އޭނާއަށް އެނގޭތީއެވެ. ދެރައީ މިހާރުގެ ގޮތް ނޭނގޭތީއެވެ. އެހެންނަމަވެސް އަފީފާއްތަމެން ކަހަލަ ބައެއްގެ ކުއްޖަކު ގޯހެއް ނުވާނެޔޭ އޭނާގެ ހިތަށް އެރިއެވެ.
އެހެން އިންދާ އޭނާއަށް ކުއްލިއަކަށް ޒައުލްގެ މަތިން ހަނދާންވާން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ޙަޔާއަކަށް ނޭނގުނެވެ. ދެވަނަ ސިކުންތުގައި އޭނާ އަމިއްލަ ނަފްސަށް އިންޒާރު ދިނެވެ. ޒައުލްގެ ހިތުގައި އޭނާއާ މެދު އިޙްސާސްތަކެއް ވާނީކީވެސް ނޫނެވެ. އޭނާއާ އިންނަން ބޭނުންވެގެން އައި ސިނާންއެވެ. ޒައުލްއެއް ނޫނެވެ. އެހެން ނޫނަސް ލޯބީގެ ގޮތުން ގުޅުމެއްނެތި، ޒައުލްފަދަ މީހަކަށް އޭނާ ކަނުގޮސްފާނެހެއްޔެވެ؟ ޚިޔާލުތައް މާ ދުރަށް ދާން ފެށި އިޙްސާސްއާއެކު، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން، ޙަޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
ސިނާންއާ މެދު ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން ޙަޔާ މަދަދަށް އެދުނީ ﷲ ގެ ހަޟްރަތުންނެވެ. އޭނާއަށް ކަންތައްތައް ނިންމަންވީ ގޮތް ފަސޭހަކޮށްދެއްވުމަށް އެދި އިސްތިޚާރާ ނަމާދުކުރިއެވެ. ސިނާންއާ ކައިވެނިކުރުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތްކަމުގައިވާނަމަ އެކަން ފަސޭހަކޮށްދެއްވުމަށެވެ. އަދި އެއީ އޭނާއަށް ނުރަނގަޅު ގޮތެއްކަމުގައިވާނަމަ އޭނާއަށް ދާންވީ ރާސްތާ ދައްކަވައިދެއްވުމަށް އެދިއެވެ. އެގޮތުގައި މުސައްލަ މަތީގައި ވެސް ދުޢާކުރުމުގައި އޭނާ އެތަކެއް އިރެންވަންދެން އިނެވެ.
*****
ޖެހިގެން އައި ދުވަހު، ޒައުލް މާލެ އަންނަން އުޅުނު ނަމަވެސް ދިމާވި ކަމަކާ ގުޅިގެން ދަތުރު ލަސްވުމުން އޭނާއަށް އާދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޮފީހުގައި ހައިޝަމް އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ.
އޮފީހުގައި އިނދެފައި، ޒަމީރުގެ ޚިޔާލެއް ހޯދާލަންވެގެން ހައިޝަމް އެ ގެއަށް ދިޔައީ ޒަމީރު އޮފީހަށް ނުގެންނަންވެގެންނެވެ. ކުރަން ދިޔަ މަސައްކަތް ނިންމާލާފައި ހައިޝަމްވެސް މަޑުކުރާ ޚިޔާލު ނުކުރީ އޮފީހުގެ މަސައްކަތްތައް ގިނަކަމުންނެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅީ ޒަމީރެވެ. ޒަމީރު އެދުނީ އޭނާއާއެކު ވާހަކަ ދައްކައިލަން އިރުކޮޅަކު މަޑުކޮށްލުމަށެވެ. ޒައުލްވެސް ނެތުމުން ގޭތެރެ ފަޅުވާހަަކަ ދައްކާފައި އޭނާ އެދުނީ އޭނާއާއެކު ކޮފީއެއް ބޯލުމަށެވެ. ޒަމީރު އެހާ އާދޭހާއެކު ބުނުމުން ހައިޝަމްއަށް ވެސް، ދެކޮޅު ހަދާކަށް ނުކެރުނެވެ. ކޮފީއަށް އިންސާފުކުރަން ފެށުމަށްފަހު ދެކެވެން ފެށި ވާހަކައެއްގެ ތެރެއިން ހައިޝަމްއަށް ޙަޔާގެ ވާހަކަ ފެށުނެވެ. ޒަމީރާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން އޭނާއަށް ޙަޔާގެ ކައިވެންޏަށް އެދި ޒުވާނަކު އައި ވާހަކަ ވެސް ބުނެވިއްޖެއެވެ.
އެއާއެކު ޒަމީރުގެ މޫނުމައްޗަށް ވެރިވީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ޒައުލް އޭނާގެ ގާތުގައި ދައްކާފައިވާ ވާހަކަ ޒަމީރު ހަނދާންވީއެވެ.
"އަނެއްކާ ކޮން ކަހަލަ ކުއްޖެއްތަ؟ ރަނގަޅުތަ؟" ޒަމީރު ސުވާލުކޮށްލީ ނުތަނަވަސްވެފައިވާ ޙާލުގައެވެ. ހައިޝަމްއަށް އެނގުމުގެ ކުރިން އޭނާ އެ އަސަރުތައް ފޮރުވަން މަސައްކަތްކުރަމުން ހިނިތުންވެލިއެވެ.
"ރަނގަޅު ކުއްޖެއް. މެލޭޝިޔާއިން އެ އައީ. އެކޮޅަށް ދިޔުމުގެ ކުރިންވެސް މިސްކިތަށް ގޮސް ހަމަ ވަރަށް ރަނގަޅަށް އުޅޭ ކުއްޖެއް އެއީ." ޒައުލްގެ ވާހަކަ ބުނަން ހިތް އެދުނު ނަމަވެސް، ހައިޝަމް އެހެން ބުނެލުމުން އެ ވާހަކަ ބުނާނެ ހިތްވަރެއް ޒަމީރަކަށް ނުލިބުނެވެ. އޭނާ ހީކުރީ ހައިޝަމް އޮތީ ހުރިހާކަމެއް ނިންމާފައި ކަމުގައެވެ. ޒައުލްއަށްޓަކައި ޒަމީރު މާޔޫސްވާ ގޮތްވިއެވެ.
"އޯކޭތަ ދެން އަޅުގަނޑު ގޮސްލިޔަސް؟" ކޮފީ ބޮއި ނިންމާލާފައި ހައިޝަމް އެދުމުން ޒަމީރު ވެސް އާއެކޭ ބުނެލާފައި ބޯ ޖަހައިލިއެވެ. ހައިޝަމްވެސް ޝުކުރު އަދާކޮށްފައި ގޮސް ގެއިން ނުކުތެވެ. އެ މަންޒަރު ބަަލަން އިން ޒަމީރަށް ސޯފާގައި ލެނގިލެވުމާއެކު ފުން ވިސްނުމަކަށް ގެއްލުނެވެ.
*****
އޭގެ ދެ ދުވަސްފަހުން ޒައުލް މާލެ އަތުވެއްޖެއެވެ. އަރާމުކޮށްލުމެއް ވެސް ނެތި ޒައުލް އޮފީހަށް ދިޔައީ މި ދިޔަ ދުވަސްތަކުގައި ހައިޝަމް އުޅުނީ ވަރަށް ބުރަކޮށް ކަން އެނގޭތީ ހައިޝަމްއާ ބައްދަލުކޮށްލުމުގެ ނިޔަތުގައެވެ. އޭނާ ހައިޝަމްގެ ކެބިންއަށް ވަންނަން ދޮރު ހުޅުވައިލި ވަގުތު، ހައިޝަމް ނުކުންނަން ދޮރު ހުޅުވާލަނީއެވެ. ސިހިފައި އެއްފަރާތަކަށް ޖެހެން އުޅުނު ވަގުތު ޒައުލްގެ އަތް ދޮރުގައި ޖެހުނެވެ. އެއާއެކު އޭނާގެ އަނގައިން މަޑު ވޭނީ އާހެއް ބޭރުވިއެވެ.
"ޒައުލް…" އަތުގައި އަތް އަޅާލައިގެން ހުރި ޒައުލް ފެނި ހައިޝަމްއަށް ބުނެވުނެވެ. "ސޮރީ.."
"މާ ބޮޑުކަމެއްނޫން. ޖެހުނު ގޮތަކުން ތަދުވީ." ޒައުލް އޭނާގެ ގަމީހުގެ އަތްކުރި އޮޅައިލިއެވެ. އަދި އަތަށް ބަލައިލިއެވެ. އޭނާ ޓެޓޫ ފިލުވުމަށް ނެގި ސެޝަންއާއި ފަރުވާއަށްފަހު، ޓެޓު ވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ.
"ޒައުލް… ތީ…" ހައިޝަމްއަށް ބުނެވުނެވެ.
"މީތި ފިލުވާލަންވެގެން ބޭރަށް ދިޔައީ. އެއް ސެޝަނަކުން ނުވާނެއެއްނު." ޒައުލް ހައިޝަމްއަށް ބަލައިލިއެވެ. ހައިޝަމްގެ މޫނުމަތީން ފެނުުނު އަސަރުތަކުން އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުންވެގެން މިކަން މިކުރަނީ. ޔަޤީންކުރޭ. އަހަރެން ހީކުރިހާ ތަދެއް ނުވޭ. ފަހަރެއްގައި ވެދާނެ މި ފުހެލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންވެސް. މީގައި ދީނާ ނުގުޅޭ އެއްޗެއްވެސް ކުރެހިފައި އެބައޮތް. އެހެންވެ އަހަރެން ހަމަ ބޭނުންވީ މި ފުހެލަން. އެމީހުން ވެސް ވަރަށް ތަދުނުވާނެ ގޮތް ބަލައިގެން ޓްރީޓްމެންޓް ދެނީ. " ޒައުލް ބުނެލިއެވެ. ހައިޝަމްވެސް އެއްޗެއް ނުބުނީ ޒައުލްގެ އަތުގައި ކުރެހިފައިވާ މަންޒަރު އޭނާއަށް ފެނިފައިވާތީއެވެ.
"ބާރަށް ޖެހުނީމަ ތަދެއް ވޭ ފާޑަކަށް. އެހެންނޫނީ އޯކޭ. " ޒައުލް ބުނެލިއެވެ.
"މިއަދު އައި ގޮތަށް އޮފީހަށް ތިއައީ އަނެއްކާ ބޮޑުކަމެއް އޮތީތަ؟" ހައިޝަމް ސުވާލު ކޮށްލިއެވެ.
"އާނ. ކުޑަކަމަކުއާ އެކީ އަސްލު މިއައީ. މާ ގިނައިރަކު މަޑެއް ނުކުރާނާން. ތެންކިއު އިނގޭ ހައިޝަމް އޮފީހުގެ ކަންތައްތައް ބަލައިދިނީމަ." ޒައުލް ބުނެލިއެވެ. ހައިޝަމްވެސް ހިނިތުންވެލުމަށްފަހު ޒައުލްއާ އެކު ދިޔައީ ޒައުލް އޭނާގެ އެހީތެރިކަން ބޭނުންވާ ވާހަކަ ބުނުމުންނެވެ.
އެ މަސައްކަތް ކޮށް ނިންމާލާފައި އެދުވަހު ޒައުލް ގެއަށް ދިޔުމަށްފަހު، ޒަމީރާ ވާހަކަ ދެއްކިއެވެ. ޙަޔާގެ ކައިވެންޏަށް އެދެން ދާން ބޭނުންވާ ވާހަކަ ޒައުލް އަނެއްކާވެސް ބުންޏެވެ. އޭރު އެ އަޑުގައިވަނީ އުންމީދުގެ ކުލަވަރެވެ. ޙަޔާ އޭނާގެ ޙަޔާތަށް ގެންނަން ބޭނުންވެފައިވާ ވަރު ޒައުލްގެ އަޑުން އެކަނިވެސް ދޭހަވަމުން ދިޔައެވެ. އެކަމުން އެންމެ އަސަރުކުރީ ޒަމީރަށެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި ހިމޭންކަން ޚިޔާރުކުރެވުނީ ޙަޔާގެ ކައިވެންޏަށް އެހެން ޒުވާނަކު އެދިފައިވާކަން ހާމަކުރާނީ ކިހިނަކުންކަން ނޭނގޭ ޙާލުގައެވެ.
ޒަމީރު ހިމޭންވެފައި އިންނަން ފެށުމުން ޒައުލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ބައްޕަގެ މޫނުމަތީގެ ކުލަވަރުތަކުން، އޭނާއަށް ކަމެއް ގޯސްވެއްޖެޔޭ ވެސް ހީވާން ފެށިއެވެ. ޒައުލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ހީވީ މޭ ފަޅާފައި ނުކުމެދާނެެންނެވެ. އަނެއްކާ ބައްޕަ އޭނާ ނެތްއިރު އެ ވާހަކަ ހައިޝަމްގެ ގާތުގައި ދެއްކީހެއްޔެވެ؟ ހައޝަމްއާއި ޙަޔާއާ ދެމީހުން އެކަމަށް ދެކޮޅު ހެދީ ހެއްޔެވެ؟ ނޫނެކެވެ. ހައިޝަމްއާ އޭނާއާ މިއަދުވެސް ދިމާވެ ވާހަަކަ ދެކެވުނެވެ. އެކަން އެގޮތަށް ހިނގާފައި އޮތްނަމަ މިއަދު އެކަން އޭނާއަށް އެނގޭނެއެވެ.
"ބައްޕާ…. ޙަޔާމެން ގެއަށް ދާން އަޅުގަނޑު ބޭނުމޭ…" ޒައުލް އަނެއްކާވެސް ބުނެލިއެވެ.
"ޒައުލް… ބައްޕަ މި ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައްޗޭ." ޒަމީރު ވާހަކަ ދައްކަން އުޅުނެވެ.
"ބައްޕާ… އަޅުގަނޑު ބޭރުގައި ހުއްޓާ ކޮންމެވެސް ކަމެއް ވެއްޖެ ދޯ. އެހެންވެގެން ދޯ ބައްޕަ ތިއުޅެނީ.؟" ޒައުލްގެ ކެތްތެރިކަންވަނީ ކޮޅުންލާ ހިސާބުގައެވެ. އޭނާއަށް އަވަސްއަވަހަށް ވާހަކަ ދެކެވުނެވެ. ބައްޕަ އޭނާގެ ކެތްތެރިކަން އިމްތިޙާނު ކުރަނީ ހެއްޔޭވެސް ޒައުލްގެ ހިތަށް އެރިއެވެ. ވީ ގޮތެއް އެނގެން ތެޅިފޮޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވާނެ ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ.
"ބައްޕާ." އޭނާއަށް އަނެއްކާވެސް ޒަމީރަށް ގޮވައިލެވުނެވެ. ގިނަ އިރުނުކޮށް ވީގޮތެއް ބުނާށޭ އޭނާ ބުނާފަދަ އަކުންނެވެ.
"ބައްޕައަށް ހީވަނީ ޙަޔާގެ ކައިވެނި އެހެން ޒުވާނަކާ ހަމަޖެހިއްޖެހެން." ޒަމީރު ބުނެލިއެވެ. އެއާއެކު ޒައުލްއަށް ލިބުނު ޝޮކާއެކު، ހިމޭންވިއެވެ. އޭނާގެ ހިތުގެ ތެޅުންވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ މިހުރިހާ ދުވަހު، އެކަހަލަ ކަމެއް ނުވެ ހުރެފައި ހަމަ އޭނާ ބޭރަށް ދިޔުމުން ޙަޔާގެ ކައިވެނި ހަމަޖެހުނީ ކިހިނެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އޭނާގެ ނަސީބުގައި ޙަޔާ ނެތީ ހެއްޔެވެ؟ ޒައުލްގެ ހިތް ޝަކުވާއެއް ފުރުނެވެ.
"ބައްޕަ ކީކޭ ތިކިޔަނީ؟ ތީ ކާކު ދެއްކި ވާހަކައެއް؟" ޒައުލްއަށް ސުވާލުކޮށްލެވުނެވެ. އިށީނދެގެން އިނދެފައި ކުޑަކޮށް ތެދުވެވެސް ލެވިއްޖެއެވެ. އޭރު މޭގައި ކޮންމެވެސް ވަރެއްގެ ދިލަ ތަދެއް ވަނީ އުފެދިފައެވެ.
"ހައިޝަމް މީގެ ތިން ދުވަސްކުރިން މިގެއަށް އައި. އައިސް ބުނި ޙަޔާއާ ކައިވެނިކުރަން ބޭނުންވެގެން ޒުވާނަކު ދިޔަ ވާހަކަ. ބަރާބަރަށް ނަމާދުކޮށް ކަންތައް ކުރެޔޭ ބުނީ. އެހެންވީމަ ބައްޕައަށްވެސް ހީވަނީ ހައިޝަމް ވެސް އެ ޒުވާނާއާ ގަޔާވާހެން." ޒަމީރު ބުންނެވެ.
"ދެން ބައްޕަ އިތުރު އެއްޗެއް ނުބުނަންތަ؟" ހިތުގެ އިޙްސާސްތައް ހަމައަކަށް އަޅުވަމުން ޒައުލް ވާހަކަ ދައްކަމުން ދިޔަނަމަވެސް އޭރު އޭނާގެ މޭގައި ރިހެމުން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ހެއްދެވި ފަރާތް މަތިން ހަނދުމަ ނެތޭ ގޮތްވިއެވެ. ޝަކުވާއާ ވަހުމުން ހިތް ފުރިގެން ދިޔައެވެ. ކުރީގެ ޒައުލްގެ ސިފައެއް ފެންނަން ފެށިއެވެ.
"ބައްޕަ ވަކި ކީކޭ ބުނާނީ؟ ބައްޕައަށް ކީކޭ ބުނެވޭނީ؟" ޒަމީރަށް ބުނެވުނެވެ.
"އަޅުގަނޑު ބޭނުމީ އެކަނިވެލަން." އެހެން ބުނެލާފައި ޒައުލް ސޯފާއިން ތެދުވިއެވެ.
"ދަރިފުޅާ." ޒައުލް ހިނގައިގަތުމުން ޒަމީރު އޭނާއަށް ގޮވައިލި ނަމަވެސް ޒައުލް މަޑެއް ނުކުރިއެވެ. އެ ދިޔަ ގޮތަށް އޭނާ ވަނީ ކޮޓަރިއަށެވެ. ޒަމީރުވެސް ދެރަވެފައި ޒައުލް ދިޔަ މަންޒަރު ބަލަން އިނީ ޒައުލްގެ މާޔޫސްކަން އޭނާއަށް ފަހުމްވުމުންނެވެ. އެ ދަރިފުޅު އެވަނީ ވަަރަށް ބޮޑަށް ދެރަވެފައިކަން ޒަމީރަށް އެނގެއެވެ. އެހެންނަމަވެސް އެކަމުގައި އޭނާ ވަކިކުރާނީވެސް ކޮން ކަމެއް ހެއްޔެވެ؟ ދަރިފުޅުގެ އުފާތައް އޭނާވެސް ބޭނުމެވެ. އެ އުންމީދުތައް ފުރިހަމަކޮށްދޭންވެސް ބޭނުމެވެ. އެކަމަކު އެއީ އޭނާގެ އަތް މަތީގައި އޮތް ކަމެއް ނޫނެވެ.
ކޮޓަރިއަށް ވަތްގޮތަށް އެނދުމައްޗަށް ވެއްޓި ގަތުމަށްފަހު، ޒައުލްއަށް އިރުގަނޑަކު އެގޮތަށް އޮވެވުނެވެ. އޭނާގެ ހުރިހާ އުންމީދެއް ފުނޑު ފުނޑުވެއްޖެއެވެ. އެހިތަށް ވަރަށް ބޮޑަށް ތަދުވެ ޒަހަމްވެއްޖެއެވެ. އަނިޔާ ލިބިއްޖެއެވެ. ޝަކުވާ ކުރެވެން ފެށި ޒައުލްގެ ދެލޯވެސް ފެންކަޅިވިއެވެ. ދިރިއުޅުން އޭނާއަށް އަބަދު މާޔޫސްކަން ދެނީ ކީއްވެގެން ހެއްޔެވެ؟ ނާއުންމީދުން އެހިތް ފުރިގެން ދިޔަ ހިނދު, މާތް ﷲ ގެ މަތީން ޒައުލް ހަނދުމަ ނެތުނުކަން އޭނާއަށް ކުއްލިއަކަށް ހަނދާންވާން ފެށިއެވެ. އެއާއެކު ތެދުވެގެން ގޮސް ވުޟޫކޮށްލައިގެން ނުކުމެ އޭނާ ނަމާދު ކުރަން އަވަސް ވެގަތެވެ. މާޔޫސްވާ ވަގުތުތަކުގައި ނަމާދުކުރުމަކީ މިހާރު ޒައުލްގެ އާދައެކެވެ. އެކަމުން އޭނާގެ ހިތަށް ހަަމަޖެހުން ލިބޭތީއެވެ.
(ނުނިމޭ)