ދިރާގުގެ ސީއެސްއާރުގެ ދަށުން މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން, މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މަމްސް އެއިޑުގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން، ވަކިން ޚާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.
ދިރާގުން ބުނީ އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނޭ ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ، މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުން ވަނީ ރަމަޟާން މަހަށް ޚާއްސަކޮށްގެން މަމްސް އެއިޑްއިން ކުރިއަށް ގެންދިޔަ "ރަމަޟާން އެއިޑް"އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
"ރަމަޟާން އެއިޑް"އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި އެ ޕްރޮގްރާމްގައި މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށް ދީފައިވެއެވެ.
ދިރާގުން ބުނީ "ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް"ގެ ދަށުން ދިރާގުން 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
މަމްސް އެއިޑްއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ ޕާޓްނާޝިޕްގެ މަގްސަދަކީ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް ދިރާގުން ބުންޏެވެ.