"ޙަޔާ." އިސްއުފުލާލަމުން ލީ ފުންނޭވާ އާއެކު، މިފަހަރު ޒައުލް އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ.
"ޙަޔާ؟" ޤަބޫލުނުކުރެވިފައިވާ ފަދަ ގޮތަކަށް ސުވާލުގެ ނަޒަރަކުން، ޒަމީރު ޒައުލްއަށް ބަލައިލިއެވެ. އަދި ޙަޔާގެ ނަން ތަކުރާރުކޮށްލީ އަޑު އިވުނީ ރަނގަޅަށްތޯ ޔަޤީންކޮށްލުމުގެ ގޮތުންނެވެ.
"ހޫމް." ޒައުލް އިސްޖަހައިލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. ބައްޕަގެ އަމަލުތައް ހުންނާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ނުތަނަވަސްވިއެވެ.
"ޒައުލް ހަމަ ހަޤީގަތުގައިވެސް ޙަޔާއާ ގުޅެން ބޭނުންވަނީތަ؟ ޒައުލްއަށް ޙަޔާ ކަމުދަނީތަ؟" ޒަމީރަށް ސުވާލުކޮށްލެވުނުއިރު އަދިވެސް އޭނާއަށް ޒައުލްގެ ވާހަކަ ޤަބޫލުނުކުރެވޭ ފަދައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޙަޔާއަކީ އެކީ ފޮރުވިގެން ނިޤާބުވެގެން ހުރި އަންހެން ކުއްޖެކެވެ. މީގެ ކުރިން ޒައުލް ގެންގުޅުނު ވިސްނުމާ ޚިޔާލާ ބަދަލުވެފައިވީ ނަމަވެސް، އެހާ ބޮޑު ބަދަލެއް އައިސްފާނެ ކަމަށް އޭނާއަށް ޤަބޫލު ނުކުރެވެނީއެވެ.
"އާނ ބައްޕާ. ކީއްވެ ޤަބޫލުނުކުރެވެނީ؟ އަޅުގަނޑަށް ޙަޔާ ކަމުދޭ." ޒަމީރުގެ ޝައްކުތައް ފުހެލަމުން ޒައުލް ބުންޏެވެ. އެއާއެކު ޒަމީރު ހިމޭންވިއެވެ.
"ބައްޕައަށް އަނެއްކާ އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ގެންނަން ޙަޔާ ކަމުނުދަނީތަ؟" އެންމެފަހުން ޒައުލްއަށް ސުވާލު ކޮށްލެވުނެވެ.
"ނޫނޭ. މާޝާ ﷲ. ޙަޔާ އަކީ ވަރަށް ރަނގަޅު ކުއްޖެއް. އެކަމަކު ދަރިފުޅާ ޙަޔާއާ އެހާ ގިނައިން ބައްދަލެއްވެސް ނުވެއެއްނު." ޒަމީރަށް ބުނެވުނެވެ. ޒައުލްއަށް ޙަޔާ ކަމުދިޔައީ ކޮން އިރަކު ކިހިނެއްކަން އެނގެން އޭނާ ބޭނުންވިއެވެ.
"އަޅުގަނޑާއާ ޙަޔާއާ ދިމާވީ އިނގިލިން ގުނާލެވޭހާ މަދުން ނަމަވެސް، ޙަޔާ އަޅުގަނޑުގެ ހިތުން ޖާގައެއް ކަށަވަރުކޮށްފި ބައްޕާ!. އަދި މިހާރު ބޭނުންވަނީ ކައިވެނިކުރަން ޙަޔާ ގާތުން އެދެން. މިކަމުގައި ބައްޕަގެ އެއްބާރުލުން އަޅުގަނޑު ވަަރަށް ބޭނުން." ޒައުލް ބުނެލިއެވެ.
ޒަމީރަށް ޒައުލްގެ މޫނުމަތިން ފެނުނީ ތެދުވެރި ކަމެކެވެ. އޭނާ އެކަމަށް ބޭނުންވެފައިވާ މިންވަރެވެ. ދަރިފުޅުގެ ފަރާތުން މި ވަރަށް ކަމަކަށް އެދުނު ތަނެއް އަދި އޭނާއަކަށް ފެނިފައެއް ނުވެއެވެ. އެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލީ ޒައުލްއާ ޙަޔާއާ ގުޅޭނެކަމުގެ ހުވަފެންތައް ދެކެމުންނެވެ. ޙަޔާ ޒައުލްގެ ޙަޔާތަށް އަތުވެއްޖެނަމަ ހަމަ ޔަޤީނުންވެސް ޒައުލްގެ ޙަޔާތް ބާއްޖަވެރިވެގެން ދާނެކަން ގައިމެވެ. ޙަޔާއަކީ ދީނަށް ލޯބިކުރާ ދީނީ ތަޢުލީމު އެނގޭ ޒަމާނަށް ލޯ ހުޅުވިފައިވާ ތަހުޒީބީ އަންހެން ކުއްޖެކެވެ. އޭނާ ޒައުލްގެ ޙަޔާތަށް ގެންނަން ބޭނުންވާ ފަދަ އަންހެން ކުއްޖެކެވެ.
"ޒައުލް ތި އެދެނީ ބައްޕަ ޒައުލްއާއެކު އެގެއަށް ދާންތަ؟" ޒައުލްގެ ހިތުގައިވީ އެއްޗެއް އެނގޭފަދައަކުން ޒަމީރު ސުވާލުކޮށްލިއިރުވެސް އޭނާ އިނީ ހިނިތުންވެލައިގެންނެވެ. މިއަދު ޒައުލް އޭނާއަށް އެދިނީ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.
"ލައްބަ ބައްޕާ." ލަދުވެތިކަމާއެކު، އެހެންނަމަވެސް ސާބިތުކަމާއެކު ޒައުލް އޭނާގެ ބަސް އިއްވައިލިއެވެ.
"ޒައުލް ބުނޭ ދުވަހެއް. ބައްޕަ އޭރުން ތައްޔާރުވާނަން." ޒަމީރު ބުންޏެވެ.
"ހައިޝަމްގެ ކައިވެނީގެ ފަހުން އެ ވާހަކަ ދައްކަން ބޭނުންވަނީ. ހައިޝަމް ކައިވެންޏަށްފަހު އޮފީހަށް ނުކުތީމަ އަޅުގަނޑު އެބަ ގަސްތުކުރަން ބޭރަށް ގޮސްލަން. ގޮސް އައިސް ދެެން އެކަމާ އުޅޭނީ… އިންޝާ ﷲ." ޒައުލް ހާމަކޮށްލިއެވެ.
"ބޭރަށް؟ ކެނެޑާއަށްތަ؟" ޒަމީރަށް ސުވާލުކޮށްލެވުނެވެ.
"ނޫން. އިންޑިޔާއަށް ނޫނީ ލަންކާއަށް ދާނީ." ޒައުލް ބުނެލިއެވެ.
"އެއީ އަނެއްކާ ކޮންކަމަކުބާ؟" ޒަމީރު ހައިރާންވިއެވެ.
"އަދި ފަހުން ބައްޕަ ކައިރީގައި ބުނާނަން." ޒައުލް ހީނލިއެވެ.
"އެންމެ ރަނގަޅު." ދަރިފުޅަށް އިތުބާރު ކުރާ ޙާލު ޒަމީރު ބުންޏެވެ.
"ބައްޕަ ދެން މިދަނީ ނިދާލަން. ބޭސްކެއިމަ ނިދިގަދަކަމުން ލަހުން ނިދީމަ ފަތިސްނަމާދަށް ހޭލަން ވެސް އެހާ އުނދަގޫ. މިހާރު ދަމު ނަމާދަށްވެސް ނުހޭލެވޭތާ ދެ ރޭ ވެއްޖެ." ޒަމީރު ތެދުވެ ހިނގައިގަތުމުން ޒައުލްވެސް ޒަމީރުގެ ފަހަތުން ދިޔައެވެ. ޒަމީރު ކޮޓަރިއަށް ވަނުމުން އޭނާ ވެސް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.
ސޯފާއަށް ވެއްޓިގަތުމާއެކު ޒައުލްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހިތުގެ އެދުން ހާސިލްވާކަށް ދެން މާގިނަ ދުވަހެއް ނެތޭ ހިތަށް އެރިނަމަވެސް، އޭނާއަށް ނޭނގުނުކަމީ އޭނާ ދެން ކުރިމަތިލާން ޖެހޭނީވެސް އޭނާގެ ޙަޔާތުގެ ވަރުގަދަ އިމްތިޙާނަކާ ކަމުގައެވެ. އަަމިއްލަ ޖަޒުބާތުތައް ހަމައަކަށް އަޅުވަމުން ޒައުލް އެންމެފަހުން ފޯނުން ފޭސްބުކަށް ވަދެލިއެވެ. އޭނާގެ ރަޙްމަތްތެރިން އިސްލާމް ދީނާ ދެކޮޅު ޕޯސްޓްކޮށްފައި ހުރިތަން ފެނުމުން އެއީ އެމީހުން އޭނާއަށް ދައްކަން ކުރާކަމެއްކަން ޒައުލްއަށް ނަގައިގަނެވުމާއެކު، އޭނާގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އެ މޫނުމަތީން ނުރުހުމުގެ އަސަރުތައް ފާޅުވިއެވެ. ވިސްނާލުމަށްފަހު، އެފަދަ ކޮމެންޓްކޮށްފައި ހުރި ހުރިހާ އެންމެން އޭނާ ފޭސްބުކުން ބްލޮކް ކޮށްލިއެވެ. އެއްވެސް މީހަކު އިސްލާމްދީނަށް ފުރައްސާރަ ކުރާތަން ބެލުމަކީ މިއަދު އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެހާވެސް ބޮޑަށް ޒައުލްގެ ހިތުގައި ދީނާ މެދު ލޯބި އުފެދިފައިވެއެވެ. އަދިވެސް ދީނީ ގޮތުން ދަސްކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުރިނަމަވެސް، ދަސްވާ ކޮންމެ ފިލާވަޅަކާއެކީ ދީނަށް އޮތް ލޯބި އިތުރުވުން ނޫންކަމެއް ނުވެއެވެ.
*****
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އެންމެފަހުން ހައިޝަމްގެ ކައިވެނި ވެސް ކުރެވިއްޖެއެވެ. ކައިވެންޏަށްފަހު ހައިޝަމް ނައުފާ ގޮވައިގެން ބަދަލުވީ އޭނާއާ ޙަޔާއާ އުޅޭ އެޕާރޓްމެންޓަށެވެ. އެއާއެކު، ނައުފާއާ ޙަޔާއާ ދެމެދު އުފެދިފައިވާ އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވިއެވެ. އަދި ނައުފާގެ ދަރިފުޅު އިނާއާއި ޙަޔާއާއި ދެމީހުންނާ ވެސް ގާތްކަމެއް އުފެދިގެން ދިޔައެވެ. ނައުފާ ވެސް ޙަޔާއަށް އެހާ ރަނގަޅެވެ. އެހާ އޯގާތެރިއެވެ. އެކަމުން ހައިޝަމް ހުންނަނީ ވަަރަށް ހިތްހަމަޖެހިފައެވެ. އެ ދެމީހުން އެއްކޮށް އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އުފަލުން ފުރެއެވެ.
*****
ރޭގަނޑެކެވެ. ހައިޝަމް އޮފީހުން އައިސް ގެއަށް ވަތްއިރު، ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު ގޭތެރެއިން އިވެމުން ދިޔައީ ހުޅުވާފައިހުރި ޓީވީގެ އަޑެވެ. ބޫޓު ހަރުގަނޑަށް ލާފައި ވަށައިގެން ބަލައިލުމާއެކު، ސޯފާގައި އިން ނައުފާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ނައުފާ އިނީ އޭނާގެ އިންތިޒާރުގައިކަން އެނގި ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނައުފާވެސް ފަސްއެނބުރިލީ ދޮރު ހުޅުވައިލި އަޑަށެވެ. ހައިޝަމް ފެނުމާއެކު އޭނާވެސް ޓީވީ ނިއްވާލާފައި ތެދުވެލާ ހިންދެމިލިއެވެ. ހައިޝަމް ލަސްވާ ރޭރޭ ނުނިދާ ނީންނަން ބުނި ނަމަވެސް ނައުފާ ހައިޝަމްއަށް އިންތިޒާރުކުރަކީ އެގޮތް އޭނާ ބޭނުންވާތީއެވެ.
އައްސަލާމު ޢަލައިކުމް…" ވަރުބަލިވެފައި ހުރި ހައިޝަމް މޯޅިއަކަށް ދެމިލަމުން އައިސް ނައުފާގެ ގާތުގައި ހުއްޓުނެވެ.
"ވަޢަލައިކުމުއްސަލާމް. ހާދަ ވަރުބަލިވެފަހެން ހީވެޔޭ." ހައިޝަމްގެ ދަބަސް އަތުލަމުން ނައުފާ ބުނެލިއެވެ.
"އާނ. ޒައުލް އަހަންނަށް ޕްރޮމޯޝަން ދީފަވިއްޔަ ބޭރަށް އެދިޔައީ. އެހެންވެ ޒިންމާތައް ގިނަވެގެން އަދި ކަންތައްތައް ހަމައަކަށް ނޭޅޭތީ މިއުޅެނީ. ޒައުލްގެ ދަށުން މަސައްކަތްކުރި މީހާވެސް އިސްތިއުފާދިނީވިއްޔަ. އޭނަގެ މައްސަލައަކަށްވީ ޒައުލް ކަންތައްތަކުގައި އަހަންނާ މަޝްވަރާކުރުން." ހައިޝަމް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ކޮން އިރަކުންތަ ޒައުލް އަންނަނީ؟" ނައުފާ ސުވާލުކޮށްލިއެވެ.
"މި ހަފްތާތެރޭގަހެން ހީވަނީ. އިއްޔެ ނޫން ކުރިން ދުވަހު އަންނަން ކިޔާފަވެސް އާދެވޭގޮތެއް ނުވި." ހައިޝަމް ހިނިތުންވެލުމަށްފަހު، އޭނާއާ ނައުފާ ގާތްކޮށްލިއެވެ.
"ކައިފިންތަ؟" ލޯތްބާއެކު ނައުފާ ސުވާލުކޮށްލިއެވެ.
"އުހުމް. ގެއަށް އައިސް ކާންމަޑުކުރީ. ނައު ކައިފިންތަ؟" ހައިޝަމް ސުވާލުކޮށްލުމުން ނައުފާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ކޮބާ އިނާ؟ ނިދީ؟ ޙަޔާވެސް ނިދަން ދިޔައީތަ؟" ގޭތެރެއަށް ބަލައިލަމުން ސުވާލުކޮށްލަމުން ހައިޝަމް ބުނެލިއެވެ.
"އާނ. ޙަޔާއާއެކު ކޮޓަރީގައިވީ." ހައިޝަމްއަށް ބަލައިލާފައި ނައުފާ ބުނެލިއެވެ.
އެއްޗެހި ބަދަލުކޮށްލައިގެން ހައިޝަމް ނުކުތުމުން ނައުފާ މޭޒުމަތި ތައްޔާރުކޮށްލިއެވެ. އަދި ކެއުމަށް އިންސާފުކުރުމަށް ދެމީހުން އަވަސްވިއެވެ. އިށީނދެ ހަމަޖެހިލުމަށްފަހު، ނައުފާ ހައިޝަމްއަށް ބަލަން އިންނަން ފެށުމުން ހައިޝަމް ބުމަ އަރުވައިލިއެވެ. އޭނާއަށް ހައިޝަމްއާ ދިމާލަށް ބަލަން އިނދެވުނުކަން ރޭކާލި ނައުފާ އިސްޖަހައިލުމާއެކު، ހައިޝަމް ވާހަކަ ދެއްކިއެވެ.
"ކިހިނެއްވީ ؟ އަހަރެންގެ މޫނު މަތީގައި އެއްޗެއް ހުރީތަ އަނެއްކާ؟" ހައިޝަމް ސަމާސާ ރާގަކަށް ބުނެލިއެވެ.
"ނޫން…" ނައުފާ ލުއިކޮށް ހީނލިއެވެ.
"ދެން؟ ކޮންކަމަކާ ތި ވިސްނަނީ؟ ބުނެބަ." ހައިޝަމް އެދުނެވެ.
"އިނގޭތަ؟ އަހަރެން ހީކުރީ އަހަންނާ އިންނާނެ މީހަކު ނުވާނެކަމަށް. ކޮންމެ މީހަކުވެސް އަހަންނަށް ފުރަގަސްދެނީ އަހަރެން ވަރިވެފަ ދަރިއެއް ހުރީމަ. އަހަރެން މޫނު އަޅާތީ. އެކަމާ އަހަރެން ވަރަށް މާޔޫސްވި. ޝަކުވާވެސް ކުރެވުނު. އެކަމަކު ފަހުން އަހަންނަށް ޔަޤީންވީ ﷲ ކޮންމެ ކަމެއްވެސް ލަސްކުރައްވަނީ ސަބަބެއް އޮވެގެން ކަމުގައި. މިއަދު އަހަންނަށް ހައިޝަމް ފަދަ ޙަޔާތުގެ ބައިވެރިއެއް ލިބުނީތީ އެކަމަށް ޝުކުރުވެރިވަން." ނައުފާގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. އެހާ އޯގާތެރި ފިރިއަކާ އެހާ ލޯބި އާއިލާއެއް އޭނާއަށް ލިބިދާނެކަމަކަށް މީގެ ކުރިން ނައުފާ އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް، މިއަދު އޭނާ ވެފައިވަނީ ހަމަ ޔަޤީނުންވެސް ވަރަށް ނަސީބުގަދަ އަންހެން ކުއްޖަކަށެވެ.
"އަހަރެން އަބަދުވެސް ނައުއާ އެކު ހުންނާނަން. " ހައިޝަމް ސަމްސާ ތަށީގެ ތެރޭގައި ބާއްވަމުން ނައުފާގެ އަތުގައި އަތް ޖައްސައިލިއެވެ. ނައުފާވެސް ބޯ ޖަހާލަމުން ކަރުނަތައް ފުހެލިއެވެ.
****
އެ ހަފްތާގައި ޝަކޫރު ހައިޝަމްއަށް ގުޅާފައި ކަމަކު އެމީހުންގެ އާއިލާ ހައިޝަމްމެންނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ހައިޝަމްވެސް ދެކޮޅެއް ނުހަދައެވެ. އެހެންނަމަވެސް، އެއީ ކޮން ކަމަކު ބާއޭ އޭނާގެ ހިތަށް އެރިއެވެ.
ކޮންމެއަކަސް ހޮނިހިރު ދުވަހު ހަވީރު އެމީހުން އަންނަ ވާހަކަ ބުނުމުން ހައިޝަމް ނައުފާގެ ގާތުގައި ބުނެގެން ސަޔަށް އެއްޗެއް ތައްޔާރުކުރިއެވެ.
ގާތްގަނޑަކަށް ހަތަރުގަޑި ބައިވާން އުޅެނިކޮށް އެގެއަށް ޝަކޫރާއި އަފީފާއާއި ސިނާން އަތުވެއްޖެއެވެ. ނާންނަނީ ނޫރާ އެކަންޏެވެ. އިށީނދެ ހަމަޖެހިލާފައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޝަކޫރެވެ.
"ހައިޝަމްގެ ކައިިރިއަށް ވަރަށް އުންމީދާއެކު އަހަރެމެން މިއައީ." ޝަކޫރުގެ ބަސްތަކުން ހައިޝަމްއަށް ބަލައިލެވުނީ ނައުފާއަށެވެ. އެބުނި ބަސްތަކުގެ މާނަ ނަގާނީ ކިިހިނެއްކަން ހައިޝަމްއަކަށް ވެސް ނޭނގުނެވެ. ނައުފާއަށް ކޮންމެވެސް ވަރަކަށް ފަހުމްވި ނަމަވެސް، އޭނާއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭރު ޙަޔާ ވީ ކޮޓަރީގައެވެ. އިނާވެސް އޮތީ ނިދާފައެވެ.
"އަޅުގަނޑަކަށް އަދި ތިބުނި އެއްޗެއް ނޭނގުނު." ހައިޝަމް ބުނެލިއެވެ.
"އަހަރެމެން މިއައީ ޙަޔާގެ ކައިވެނި ސިނާންއާ ކުރުވަން އެދެންވެެގެން.." ޝަކޫރު އެހެން ބުނެލަމުން ސިނާންއަށް ބަލައިލިއެވެ.
"ޙަޔާގެ ކައިވެންޏަށޭ؟" ހައިރާންވީވަރުން ހައިޝަމްއަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. ދެވަނަ ސިކުންތުގައި އޭނާ މާފަށް އެދުނީ އެހެންވެގެންނެވެ. "މާފުކުރޭ…"
"އާނ. ސިނާންއަށް ޙަޔާ ކަމުދޭ… އެހެންވެ މިއައީ. އަހަރެމެންވެސް ބޭނުންވަނީ ޙަޔާފަދަ އަޚްލާޤު ރަނގަޅު ކުއްޖަކާ ސިނާން ކައިވެނީގެ ގުޅުމުން ގުޅުން.. ދެން ހައިޝަމްއަށް ވެސް ސިނާން އެނގެއެއްނު. ބަރާބަރަށް ނަމާދުކުރާތަން ކުޑައިރުން ފެށިގެންވެސް ފެނިފައެއްނު ހުންނާނީ." އަފީފާ ވާހަކަ ދެއްކިއެވެ. "ސިނާން އަކީ ގޯސް ކުއްޖެއް ނޫންކަންވެސް އެނގޭނެ."
"ސިނާން އަކީ ރަނގަޅު ޒުވާނެއްކަން އެނގޭ. އެކަމަކު އަޅުގަނޑަށް ތިކަމާ މެދު އެއްޗެއް ބުނަން އެނގޭނީ ޙަޔާއާ ވާހަކަ ދައްކާލާފައި." ހައިޝަމް ޖަވާބު ދިނެވެ.
"މީގަ ހައިޝަމް ބުނާ ގޮތް ޙަޔާ ހަދާނެއެއްނު." ޝަކޫރު ބުންޏެވެ.
"އެ ތެދެއް ހައިޝަމް، ހައިޝަމްގެ އާބަހެއްނު މީގަ މުހިންމީ…" އަފީފާވެސް ޝަކޫރުވެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދެއްކިއެވެ.
"އެނގޭ ތިކަން. އެކަމަކު ޙަޔާގެ ޚިޔާލެއްވެސް ބޭނުންވާނެއެއްނު. ދީނުގައި އަންހެން ކުދިންނަށް މަޖުބޫރުކޮށްގެން ކައިވެނިކުރުވުމެއް ނޯވެއެއްނު. ސިނާންއާ އެކީ މުޅި ހަޔާތް ވޭތުކުރާނެ މީހަކީ ޙަޔާއަށް ވާއިރު މިކަމުގައި އަހަންނަށް ވުރެބޮޑަށް ޙަޔާގެ ބަސް މުހިންމީ." ހައިޝަމް ބުނެލިއެވެ. ކައިވެންޏަށް ޙަޔާއަށް މަޖުބޫރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ޙަޔާ ބޭނުން އަޚްލާޤު ރަނގަޅު ދީންވެރި ކޮންމެ ޒުވާނެއްވެސް އެ ޙަޔާތަށް ގެނައުމަށް އޭނާ ހުރަހެއް ނާޅާނެއެވެ.
"ދައްތައަށް ޙަޔާއާ ވާހަކަ ދައްކާލެވިދާނެތަ؟" އަފީފާ އެދުނެވެ.
"އަޅުގަނޑު ވާހަކަ ދައްކާލާފަ ޖަވާބެއް ދެންތަ؟ އެހެން ނޫނަސް މިވަގުތު ހަޔާއަކީ ބަލިމީހެއް. ކައިވެންޏަކީ އޭގައި ވަރަށް ބޮޑެތި ޒިންމާތަކެއް ވާއެއްޗެއް. ފިރިމީހާގެ ހައްޤުތަކަށް އަނބިމީހާ ރައްކާތެރިވާން ޖެހޭ. އެގޮތަށް ފިރިމީހާވެސް." ހައިޝަމް ބުނެލިއެވެ. އޭނާ ސިނާންއަށް ކަމެއް އަންގައިދޭން މަސައްކަތްކުރާ ފަދައެވެ.
"ޙަޔާ އަހަންނާ އިނދެފިނަމަ ދެރައެއް ނުދޭނަން. ޙަޔާގެ ބަލި ޙާލަތު އެނގި ހުރެ ކައިވެންޏަށް މި އެދެނީ… އަހަރެން ބޭނުން ޙަޔާއާ ވެސް ވާހަކަ ދައްކާލަން. ގޮވާލެވިދާނެތޯ؟ ވާހަކަ ދައްކާލާފަ އޭގެފަހުން ޙަޔާ ދޭ ކޮންމެ ޖަވާބެއްވެސް އުފަލާއެކު ޤަބޫލުކުރާނަން." ސިނާންގެ ވާހަކައިން ހައިޝަމް ބޯ ޖަހާލާފައި ގޮސް ޙަޔާ ގޮވައިގެން އައެވެ. އަފީފާމެން އައި ސަބަބު އެނގުމުން ޙަޔާ ހައިރާންވެސް ވިއެވެ. އެކަމަކު އެކަން ފޮރުވަމުން އޭނާ އެމީހުން ދައްކާ ވާހަކަ އަޑު އެހިއެވެ.
ސިނާން ޙަޔާއާ ވާހަކަ ދެއްކީ ވަރަށް ވެސް އޮމާންކޮށެވެ. ޙަޔާ ހިތް އެދޭ ފަދަ ގޮތަކަށެވެ. ޙަޔާ ބޭނުންވާނެ ފަދަ ގޮތަކަށެވެ. އެއަށްފަހު، އޭނާ ޙަޔާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
(ނުނިމޭ)