***
ލައިލާ ކުއްލިއަކަށް މިރިއަމް ގައިގާ އުޅަބޮށި ޖައްސައިލިގޮތުން އޭނަ އަރިއަޅާގޮތްވިއެވެ.
"ކިހިނެއްވީތަ؟" އޭނަ މޭކަށިގަނޑުގައި ފިރުމައިލަމުން ލޯ އަޅައިލިއެވެ. ލައިލާ އެކަމާއި އަޅާލުމެއްނެތި މިސްކިތަށް ވަންނަ ދޮރާއި ދިމާލަށް އިޝާރަތްކޮށްލިއެވެ. އޭނައަށްވެސް އެ ދިމާލަށް ނަޒަރު ހުއްޓައިލެވުނެވެ. އިމާމް ކުޑަކޮށް ބޯ ގުދުކޮށްލައިގެން ހުރެ ހިނގަމުން އައިއިރު އަތުގައި އޮތީ ތަންކޮޅެއް ދުވަަސްވީ މުސްހަފްއެކެވެ. އިސްކޮޅުން ދިގުވެފައި ޒުވާންކަމުން ވިހީގެ އަހަރުތައް ވޭތުކުރާހެން ހީވިޔަސް އޭނަގެ ކޮނޑުގައި އަޅައިގެން ހުރި ޒިންމާގެ ބުރަދަނުގެ ސަބަބުން މާ ހަރުކަމަށް ދައްކައެވެ. އިސްތަށިގަނޑު ކަންފަތާއި ހަމަޔަށް ދިގުކޮށްފައިއޮތްއިރު ލައިގެން ހުރި ހުދު ޖުއްބާގައި އެންމެ ރުލެއްވެސް ނެތެވެ.
"ސީރިޔަސްކޮށް އިމާމްއަށް ތިކަހަލަ ނަޒަރަކުން ބަލަނީ؟" މިރިއަމް ލޯ ހަނިކޮށްލިއެވެ. ލައިލާ ފުން ނޭވާއެއް ދޫކޮށްލީ ނިކަން ޑްރާމާވެފައެވެ. ހުވަފެނީ ލޮލެކެވެ. މިރިއަމް ކަޅި އަނބުރާލާފައި ހަށަން ބަދެލިއިރު މިސްކިތުގެ ތެރެއަށް ފުން މާނަވީ ހިމޭންކަމެއްވެރިވިއެވެ. އެންމެންގެ ސިއްރު ވާހަކަަތަކަށް ނިމުމެއް އައީ އެންމެން ތެދުވެ ސަފުހަދަން ފެށުމުންނެވެ. އިމާމް ކުރިއަށް ޖެހިލިއެވެ. އޭނަގެ ތަކްބީރުގެ އަޑު އޮމާންވެފައި އެއްވެސް ތުރުތުރެއްނެތެވެ.
"ﷲ އަކްބަރު......"
ޚުޝޫއަތް ތެރިކަމާއެކު އެންމެން ހެއްދެވި ފަރާތާއި ކުރިމަތިލައިގެން ތިބިއިރު އެތައް އަސަރުތައް އެ ޖަމާއަތަށް ވެރިވެ ހުރިހާ އެހެން އަޑުތައް ކެނޑިފައިވާފަދައެވެ. ލައިލާގެ ބޭކާރު ތައުރީފުތަކުގެ އަޑުވެސް ގެއްލިގެން ދިޔައީއެވެ.
"وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ ۙ
މާތްﷲ އަލް އިސްރާސޫރަތުގެ އަށްޑިހަ ދެވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ "ތިމަން ރަސްކަލާނގެ ގުރުއާނުން މުއުމިނުންނަށް ރަހުމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.
***
ރޭގަނޑު ފަޒާގެ ތެތް ވައިގާ ހިފާފައިވީ މޫދުގެ ލޮނުވަހާއި އެއްވެފައިވާ އަތަރުތަކުގެ ވަހެވެ. ކޮންމެ ގެއަކުން ނިކުތް އަންހެންވެރިންނާއި ފިރިހެންވެރިން ތަފާތު ވައްތަރުގެ އަތަރާއި ސެންޓް ބޭނުންކޮށްފައިވުމުން ރަށްވެސް ހުވަދުލާފައިވާފަދައެވެ. އެންމެންހެން ގެތަކުން ހުސްވެ މިސްކިތަށް ޖަމާވެފައިވާއިރުވެސް އެންމެ ސޫރައެއް ފެންނަން ނެތެވެ. މިރިއަމް ދޮންވެލިގަނޑުގައި ބޮޑުވާ އިނގިލިން މަޑުމަށުން ތަޅަމުން ދިޔައިރު ނަޒަރު ހުއްޓުނީ ލައިލާގެ މޫނަށެވެ.
"ލައިލާއަށްވެސް ފާހަގަވި ދޯ.."
ޔަގީނެއްނު...މިސް ޕިއަސް ތަރާވީހަށް ނައީ؟ އެއީ ލައިކް......މިސާލަކަށް ނޭގޭ...މަހެއް ފެންގަނޑަށް ނޭރުން ކަހަލަ ކަމެއްނޫންތަ؟"ލައިލާ ނޭފަތުގެ ހިނދުރި ބޮޑުކޮށްލިއެވެ. އޭނަވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެމީހުން ދެނެހުރިގޮތުން ވިއްޔާ އެއަށްވުރެ ތަގުވާވެރި ކުއްޖަކު ރަށުގައި ނޫޅެއެވެ. ވީއިރު އެފަދަ ކުއްޖަކު އަޅުކަމުގެ އެންމެބޮޑު ޖަމާއަތުން ނުފެނުމަކީ ސުވާލު އުފެދޭކަމެކެވެ.
"ބަލިވީކަމަށް ވާނީ..." ގަބޫލުކުރަން ހިތް ދެކޮޅަސް ބުނެލެވުނެވެ.
"ފަހަރެއްގައި ހިތުގެ އަޑިން މިސްކިތް ދެކެ ރުޅިއަންނަނީ ކަމަށްވެދާނެ.." ލައިލާގެ ލޯ ވިދައިލިއެވެ. އޭނައަށް ހެވުނަސް ބޯ ހޫރައިލިއެވެ." ހިނގާބަލަ ޗެކްކޮށްލަން.."
އެމީހުން އެގެއަށް ދާނީ ފޮތެއްހޯދުމުގެ ނަމުގައެވެ. ނޫނީ ފިލާވަޅާއި ބެހޭގޮތުން ސުވާލުކުރުމަށެވެ. އެކަށީގެންވާ ބަހަނާއެއްނޫނަސް ކޮންމެހެންވެސް ހަގީގަތް ހޯދަން މަޖުބޫރުވެއްޖެއެވެ. ސާޔާމެންގެ ހުރި ދިމާލަށް މިސްރާބުޖަހާފައިވެސް ލައިލާ ގެ ފިޔަވަޅުތައް ހުއްޓުނެވެ.
"މިރިއަމް....އަދި ކިހިނެއްވާނެ އެންމެން ތަރާވީސް ނިމެންދެން މަޑުކުރިއްޔާ.ސަބަބަކީ..........."މިރިއަމްގެ ވިހިވަނަ ކިނބިހީގެ ބާރުކަމުން އޭނަގެ ޖުމްލަވެސް ވައިގެތެރޭގައި ހުއްޓުނެވެ.
"ލައިލާ ފެންވަރައިގެން އައީ އަތަރުފުޅިއަކުން ހެން ހީވަނީ...." އޭނައަށް ޝަކުވާކުރެވުނެވެ. މުޅ ސަރަހައްދުގައި އެވަސް ގަދަކޮށްލާފައި އޭނަގެ ގައިގާވެސް ސާލެއްހެން އޮޅާލާފައެވެ. ހޫނު ވަކަރާއި ފޮނިކަންވެސް އެކުލެވޭކަހަލަ ވަރުގަދަ ވަހެކެވެ. ސަލާމަތެއް ނުވެވޭނެއެވެ.
"މަންމަގެ ފުޅި އަތުލީ....އެއަށް ކިޔަނީ އެމްބާ އަދި އޫދު.. ފެންސީ ދޯ......"
"ތިއަށް ކިޔަންވީ ސަފަކޭޓިން...."އޭނަ ކަޅި އަނބުރައިލިއެވެ.
"މިރިއަމް ދެން މިކަހަލަ ލަކްޒަރީއަށް ނުހޭނޭތީއޭ...." ލައިލާ އަމިއްލަ އަތުކުރީގައި ވަސްބަލައިލިއިރު މޫނުމަތިން ފެނުނީ އަޖައިބެއްފަދަ ހިތްހަމަޖެހުމެކެވެ.
"އަހަރެން އާދަވެފައިވަނީ ހަމަޖެހިގެން ނޭވާލާން..." އޭނަގެ ލޮލުން ފެން އަންނަގޮތްވިއެވެ. ލައިލާ ހެމުން ވަށައިގެން ހޫރިގަތުމާއެކު އަނެއްކާވެސް އެ ވަސްގަނޑުވެސް މުޅި ވައިގެ ތެރޭގައި އެނބުރިގަތެވެ. އޭނަގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އަދި ކުޑަކޮށް ކެއްސައިލިއެވެ.
"އަހަރެމެން އަލުން މިސްކިތަކަށް ނުދާނަން. އަދި އެވެސް މީހަކު ދެކެލަން..އަހަރެންގެ ހާލަތު ރަގަޅެއްނޫން...." އޭނަގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކާއެކު ލައިލާ ފަދައިން ފިރިހެނުން ފަހަތުން ދުވަން އޭނަގެ ޝައުގެއްވެސް ނެތެވެ." ހަމަ ހީވަނީ ލައިލާ އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ސެންޓްވެސް ފަހަތުން ދާހެން..."
ލައިލާގެ ތުންފަތަށް ވެރިވީ ފޮނި ހިނިތުންވުމެކެވެ." ތިއީއޭ މިބުނާ ވާހަކައަކީ. އަހަރެން ދާހާ މަގަކުން މީރުވަސް ދުވަންޏާ މީހުން ބުނާނީ ކީކޭ؟ އޭނަ ހިނގާހާ މަގަކުން ސެންޓްވަސް ދުވައޭ. އެއީ ކޮން މިސްޓީރިއަސް އެމޭޒިން ސްމެލިން ގާލްއެއް ހެއްޔޭ؟ ނޫންތަ؟"
އޭނަ ފިޔަވަޅުތައް އަވަސްކޮށްލީ ސެންޓުވަހުން ސަލާމަތްވުމަށެވެ. ނަމަވެސް ލައިލާ ހުރީ ފޫބުޑުގައި ޖައްސާފައެވެ. ނަސީބަކުން ސާޔާމެންގެ މިސްކިތާއި ދުރެއް ނޫނެވެ. ސަފަކަށް ހެދިފައިވާ ރުއް ފަށަލައެއްގެ ދޭތެރެއިން ފެންނަ އެވަކަރުން ހަދާފައިވާ ކުޑަ ގެ ފެންނަން ހުރިލެއް ވަރަށް ހިތްގައިމެވެ. ކުޑަދޮރުތަކުން އޮރެންޖް އަލި ފެންނާން ހުއްޓެވެ. ޖެހިލުންވެފައި ހުރެވެސް އޭނަ އެގޭގެ ދޮރުގައި ޓަކިދިނުމުން ޖަވާބެއް ނުލިބުނެވެ.
"އޭނަ ގޭގައި ނޫޅެނީކަން ނޭގޭ..."ލައިލާ ވައި އަޑަކުން ބުނެލިއެވެ. އެވަރުންވެސް އޭނައަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. އޭނަ އިޝާރާތްކުރީ ކުޑަކޮށް ހުޅުވިފައިވާ ކުޑަދޮރާއި ދިމާލަށެވެ. އެމީހުން ނިކަން ސިއްރުން ހިނގާފައިގޮސް އެތެރެއަށް ބަލައިލިއެވެ.
ސާޔާ އެކަނިމާ އެކަނި ހުރެެގެން ނަމާދުކުރަނީއެވެ.
އެކުޑަ ކުޑަ ސޫރަ ހުދުކުލައިގެ ނަމާދު ދޮޅިއަކުން ފޮރުވިފައިވީއިރު ގުޑިވެސް ނުލައެވެ. ފާރަށް ހިޔަނި އެޅިފައިވިއެވެ. އެންމެފަހުން ސަޖިދައަށް ދިޔަގޮތަށް ނުތެދުވުމުން މިރިއަމްއަށް ލައިލާގެ އަތުގައި ކޮށްޓައިލެވުނެވެ.
"މަރުވީތަ؟" ލައިލާ އަނގައަށް ގެނައި ހަރަކާތުން މިރިއަމްއަށް ފަހުމްވިއެވެ.
ސާޔާ ސަޖިދައިގާ ގަރުނެއްވީފަދައެވެ. ސާޔާ ސަޖިދައިން ބޯ ހިއްލައިލުމުން އޭނަގެ މެޔަށް ބާރުވެލިއެވެ. ސާޔާ ނަމާދުކުރުމުގައި ތަފާތުކަމެއް އެބަހުއްޓެވެ. އެއްވެސް ވަރަަކަށް އަވަސްކުރުމެއްނެތެވެ. އާއްމުކޮށް އެމީހުން ނަމާދުކުރާގޮތެއް ނޫނެވެ. ފޯނަށް ނޯޓިފިކޭޝަންއެއް އަންނައިރަށް ނިންމައިލާފަދަ އަޅުކަމެއް ނޫނެވެ. ނޫނީ އިމާމްގެ އަޑު ރީތިވެގެން އެ އަޑު އަހަން ދިޔުމެއްވެސް ނޫނެވެ. އެހެން މީހުން ތަރާވީހަށް ދާތީ ބައިވެރިވެލާން ދިޔުމެއްވެސް ނޫނެވެ. މިއީ އެހެން ލެވެލްއެކެވެ. ހަގީގީ ނަމާދެވެ. ޔަގީނުންވެސް ސާޔާގެ އެހެން އެއްވސް ދުނިޔަވީ އެދުމެއްނެތެވެ.
"އަހަންނަށް ފީލްވަނީ ކުށްވެރިއެއްހެން..."ލައިލާ ވައިއަޑަކުން ކިޔައިލިއެވެ. އޭނަވެސް ހިންދިރުވައިލަމުން ފަހަތަށް ޖެހުނެވެ. ލައިލާ ބުނީ ދޮގެއްނޫނެވެ. ސާޔާއަށް ޖާސޫސްކުރުމަކީ އެމީހުންގެ ވަޒީފާއެއްނޫނެވެ.
ސަޔާ ނަމާދުކޮށް ނިމިގެން ގޭގެ ލިވިން ރޫމަށް ނިކުންނަން އުޅެފައި އޭނަ މޯޅިއަކަށް ދެމިލިއެވެ. އެއާއެކު ކުޑަދޮރު ކައިރިން ހިލަމެއްވެގެން އޭނަ ދުވެފައި އައިސް ބަލައިލިއެވެ." އަހަރެންގެ ގޭގެ ދޮރުކައިރީގައި ވަގުންހެން ތިއުޅެނީ ކީއްވެތަ؟"
"ހޮލިޑޭ އެސައިންމެންޓަށް ހެލްޕް ބޭނުންވެގެން.."އޭނަ ކަރު ކަހައިލިއެވެ.
"އަހް ހޫމް؟ "ސާާޔާގެ ނަޒަރުން ފައުޅުވަނީ އޭނައަށް އެވާހަކަ ގަބޫލުނުކުރެވުނުކަމެވެ.
"އަސްލުވެސް...."ލައިލާ އަވަހަށް ބުނެލިއެވެ."އަދި ތަރާވީހަށް ނައީ ކީއްވެގެން ކަން ބަލައިލަން......"
"އޯ...އަހަރެން ނަމާދުކުރީ ގޭގައި...އަންހެނުންނަށް އެގޮތް މާރަގަޅު އެނގޭތަ؟"
"ރަގަޅު؟ އެންމެންވެސް މަސްޖިދަށް ދިޔަ..."ލައިލާ ބުމަ ހިއްލައިލިއެވެ.
"ހޫމް....އެކަމަކު މަސްޖިދުގައި ނެތެއްނު އަދި ޕާޓިޝަން ޖަހާފައި...ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައި ވޭ މަސްޖިދަށްވުރެ ގޭގައި ނަމާދުކުރުމުން އަންހެނުންނަށް ސަވާބު އިތުރުކަމަށް..."
"ދެން ތިބުނަނީ އަހަރެމެންވެސް މިސްކިތަށް ނުދާށޭތަ؟" މިރިއަމް އަނގަ ހަދައިލިއެވެ.
"ނޫނޭ...ގޭގައި ނަމާދުކުރީމަ ސަވާބު އިތުރުވާނެ ވާހަކަ....އެކަމަކު މަސްޖިދަށް ދިޔުމުން އީމާންކަން ވަރުގަދަ ވަންޏާ އެވެސް ރަގަޅު...ވަﷲ އައުލަމް.."
މިރިއަމް އެ ޖުމްލައާއިމެދު ވިސްނައިލިއެވެ. ސާޔަފަދައިން ހަދީސްތައް ކިޔައިލިޔަސް އޭނައަށް ދީނީ އިލްމު އެހާ ރަަގަޅަށް އޮޅުން ފިލާފައެއްނެތެވެ. އަދި އެނގުނަސް ހަދީސްއާއި ސުންނަތަށް އުޅެވެނީއެއްވެސް ނޫނެވެ. ކުއްލިއަކަށް ސާޔާ ނޭފަތް ގުރުޑުކޮށްލިއެވެ. އަދި ލައިލާއާއި ދިމާލަށް ބަލައިލީ މުދައްރިސް މުޅި ކްލާސް ހިމޭންކޮށްލާނެފަދަ ނަޒަރަކުންނެވެ.
"ލައިލާ....މީހަކު މިގޭގެ ބޭރަށް ސެންޓްފުޅިއެއް އޮއްސައިލިހެން މަށަށް ހީވަނީ ކީއްވެތަ؟"
"ބިކޯޒް އައި ސްމެލް އެމޭޒިން؟" ލައިލާފެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ.
"މީނަ މިއުޅެނީ އަހަރެން މަރައިލަން ކަމަށް..." މިރިއަމް ދެތިން ކިނބިހި ފުލުފުލުގައި އެޅިއެވެ.
"ލައިލާ ސެންޓް މިވަރަށް ޖަހައިގެން އައީ؟" ސާޔާ ލޯ ފުޅާކޮށްލިއެވެ.
"ހޫމް....އާނ؟" ލައިލާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ.
"އެނގެއެއްނު މިއީ ކުރުން ރަގަޅުކަމެއް ނޫންކަން........؟"
"ވެއިޓް......"ލައިލާ އެސްފިޔަ ޖަހައިލިއެވެ."ތީގެ މާނައަކީ؟"
ސާޔާ ޖަވާބެއް ދިނުމުގެ ކުރިން ޟައީފު އަޑަކުން މީހަކު ގޮވައިލިއެވެ." ސާޔާ...ކާކުތަ؟"
"މިރިއަމްއާއި ލައިލާ......"
މިރިއަމް އެތެރެއަށް ބަލައިލިއިރު ފެނުނީ ދުވަސްވީ ފިރިހެނަކު ކުނަލެއްގެ މަތީގައިި ފޮށާއެއް ބޮލުގައި އަޅައިގެން އިންދައެވެ. ކަކޫމަތީގައި އޮޮތް އަތުގެ އިނގިލިތައް ކަށިގަނޑެއްފަދައެވެ. މަސްކޮޅެއް ނެތެވެ. އެކަމަކު އެ ލޮލުގައި ތޫނުކަމެއްވިއެވެ. ސާޔާގެ މާމަ ބާލީސްތަކަކަށް ލެނގިލައިގެން ލޯ މަރާލައިގެން އިންއިރު ނޭވާ ލަނީވެސް ތަންކޮޅެއް ލަހުންނެވެ. އެހެން ކޮޓަރިއަކުން އައިސް ބޯދިއްކޮށްލީ ސާޔާގެ މަންމައެވެ. އޭނަގެ އަތުގައި ހުރި ޖޯޑުގައި ފަރުވާތެރިކަމާއެކު ހިފަހައްޓައިގެންނެވެ. ދަންނަ މޫނުތަކެއް ފެނުމުން ހީލިއެވެ.
"އަވަހަށް ދެކުދިން އެތެރެއަށް ވަދޭ..."
މިރިއަމް ޖެހިލުންވިއެވެ. ސާޔާ ތަންދެއްކުމުން އެތެރެއަށް ވަނުމާއެކު އާވި އަދި ޒަމާންވީ ވަކަރު ވަހުގެ މައްޗަށް ކުރި ހޯދީ ލައިލާގެ އަތަރެވެ. ގަދަބާރުން ވަދެގަތްފަދައެވެ. އޭރު ސާޔާގެ މަންމަވެސް ބައްޕަގެ ގާތުގައި އިށީދެފައި ނޭފަތަށް ގޮތެއް ހަދައިލިއެވެ. ކާފަ ހީލީ ބަލިކަށިގޮތަކަށެވެ.
"ކޮން މީރުވަހެއް މިދުވަނީ؟ ރަށަށް އައި ވިޔަފާރިވެރިން އާ އެއްޗެއް ގެނައީތަ؟"
ސާޔާ ދެތުންފަތް ޖައްސާބާރުކޮށްލިއެވެ."ނޫން ކާފާ.....ލައިލާ ހަމަ....ތަޖުރިބާއެއްކޮށްލީ..."
ލައިލާ ހިނިއަންނަގޮތްވިއެވެ.
"ރަސޫލު ސައްލަﷲ އަލައިި ވަސައްލަމްގެ ހަދީސްއެއްގައިވަނީ މީހުންނަށް ދައްކަން އެގޮތަށް އަތަރުލައިގެން އަންހެނުން ނުކުތުމަކީ ފާފަވެރިވާނެކަމެއްކަން...އަބޫ މޫސާ ރަޟިއްޔަﷲ އަންހާ ރިވާކުރެއްވި ހަދީސެއްގައިވަނީ މީހުންނަށް މީރުވަސް ދުއްވަން އެގޮތަށް ސެންޓްޖަހައިގެން ދިޔުމުން ފާފަވެރިވާނެކަމަށް..ހިލޭ ފިރިހެނުން ތިބޭތަންތަނަށް ސެންޓްޖަހައިގެން ދިޔުމަކީ ހަރާމްކަމެއް..އަދި ބޮޑު ފާފައެއް..."
"އެކަމަކު އައި ޖަސްޓް ވޯންޓެޑް ޓު ސްމެލް ނައިސް.."ލައިލާ ބުމަ ކައިރިކޮށްލިއެވެ.
"މީރުވަސް ދުވާ އެއްޗެހި ބޭނުންކުރުމަކީ ރަގަޅުކަމެއް..."ސާޔާ އެއްބައިވެލިއެވެ."އެކަމަކު ވަކި ބަޔަކަށް ވަކި ތަނެއްގައި...ސެންޓުންވެސް ހިތްތައް ދަމައިގަންނާނެ. ދީނުގައި އޮންނަގޮތުން މޮޑެސްޓީއަކީ ހަމައެކަނި ހެދުން އަޅާގޮތެއްނޫން. އަހަރެމެން އުޅޭގޮތްވެސް....ދާހާ މަގަކުން ސެންޓްވަސް ދޫކޮށްފައި ދަންޏާ މޮޑެސްޓީއަކަށް ނުވާނެ...."
"ޚާއްސަކޮށް އިމާމް އެޓްރެކްޓް ކުރުމުގެ ނިޔަތުގައި..."މިރިއަމް ތަންކޮޅެއް މަޑުން ބުނެލިއެވެ. ލައިލާ ލޯ އަޅައިލިއެވެ.
"ސާޔާ...އެހެންތަ؟ އަހަރެން ނުދަންނަން..."ލައިލާގެ ހިނިތުންވުމާއެކު އަމިއްލަ ނަފުސަށް އޮތް ޔަގީންކަން ފަނޑުވާންފެށިޔަސް ހިތަށް އެރީ ސާޔާ މާ ހައްދުފަހަނަޅާ ދަނީކަމަށެވެ.
"ގިނަ ކުދިންނަށް ނޭގޭނެ.."ސާޔާގެ މަންމަ ޖޫހާއި ހެދިކާ ތަބައް ގެނެސް މޭޒުމަތީގައި ބަހައްޓާފައި ލައިލާގެ ބޮލުގައި ފިރުމައިލިއެވެ. މަންމައެއްފަދަ އޯގާތެރި ހިނިތުންވުމެކެވެ." ހަދީސްތައް އެނގުނީމަ އެންމެންވެސް އެކަން ރަގަޅުކުރަން މަސައްކަތް ކުރާނެ...."
ކާފަ ހިނިގަނޑެއް ޖަހައިލިއެވެ."އެހެންވެ ކާފަގެ އަނބިގޮއި އަގުބޮޑު އަތަރެއް ގަނެދޭން އުޅުނަސް އެއްބަސްނުވާނެ...އަބަދުވެސް ބުނާނެ....ތިމަން އެހާ މީރުވަސް ދުއްވަން ބޭނުމީ ޖަންނަތުގައޭ...އެކަމަކުވެސް އެންމެ މީރުވަސްދުވާ އަންހެނަކަށް ހުންނަނީ ކާފަގެ އަންހެނުން.........."
ކާފަގެ ވާހަކައިން މިރިއަމްއަށް ހެވުނެވެ. ކާފަމެން ދީނާއިމެދު ދެކެނީ އެމީހުންގެ ދިރިއުޅުމުގެ އެއްބައި ކަމުގަައެވެ. ފަސޭހައިން ހުރިހާ ކަމެއް ބަލައިގަންނަ ދީނާއި ދިރިއުޅުން ގުޅި ލާމެހި އެކަމުގެ ރޫހާނީ އުފާވެރިކަން ލިބިގަންނަ މީހުންހެންނެވެ. ބައެއްމީހުން ދެކޭނީ ދީނުގެ ބައެއްކަންތައްތައް އުދަގޫކަމުގައެވެ. އޭނަގެ ނަޒަރު ސާޔާއަށް ދަތުރުކުރިއެވެ. އެކުއްޖާވެސް އެހާ ތަފާތެވެ. އޭނަ ވާހަކަދައްކާ ގޮތާއި ހަރަކާތްތަކުން އޭނަ އަދި މީހުންނަށް ފޮރުވި ނޫނީ ކުޑަވަނީއެއްނޫނެވެ. އެކަމަކު ރައްކާތެރިކަން ލިބިގެންވާފަދައެވެ. އޭނައަށް ނޭގުނީ ސާޔާއާއިމެެދު ހަސަދަވެރިވީކަން ނޫނީ ތައުރީފުކުރެވުނީކަމެވެ.
"އެންމެ ރަގަޅު....އަހަންނަށް ދެން މާ ގިނައިން އަތަރު ލެވުނީ.."ލައިލާ އެއްބަސްވިއެވެ.
މިރިއަމް ޖޫސްތަށި ބޯންފެށުމާއެކު އަނބާއި މާމުއިގެ ފިނި ފޮނިކަން ކަރުތެރެއަށް އަރާމުކަމާއި ތާޒާކަން ގެނެސްދިނެވެ. ސާޔާގެ ގެއަށް ބެލުނީވެސް ތަފާތު ނަޒަރަކުންނެވެ. ވަކަރު ފާރުތައް އާދައިގެ ގޮތަކަށްވިޔަސް ކުޑަކޮށް ޒީނަތްތެރިކޮށްފައިވިއެވެ. ކުޑަދޮރާއި ދިމާލަށް ތަސްބީހަ މިނާތައް އެލުވާފައިވާއިރު ދޮރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑެއްވިއެވެ. ރީތި އަތުލިޔުމަކުން ލިޔެފައިވަނީ "ލައިލަތުލް ގަދުރު ހާސް މަހަށްވުރެ ހެޔޮކަން ބޮޑު ކަމެވެ." އޭގެ ތިރީގައި އެރޭގެ މަތިވެރިކަމާއި ސަވާބާއި ބެހޭގޮތުންވާ ހަދީސްތައް ލިޔެފައެވެ. އޭނަ ކުޑަކޮށް ބޯ އަރިކޮށްފައި ބަލައިލިއެވެ.
"ލައިލަތުން ގަދުރުވިލޭރޭ އެރޭގެ ސަވާބު ހޯދަން ނަމާދުކުރުމުން ހުރިހާ ފާފަތައް ފޮހެވިގެންދާނެއެވެ. އޭނަގެ ލޯ އެލަފުޒުތަކަށް ދަތުރުކުރިއިރު ނޭގިވެސް އަތުގައިވާ ތަށްޓަށް ބާރުލެވުނެވެ. އަށްޑިހަ ތިން އަހަރުގެ އަޅުކަން އެންމެ ރެއަކުން ލިބޭނެ ރެއެކެވެ. އެރޭ ގެ ރަހުމަތުގެ ދޮރުތައް ހުޅުވޭނެއެވެ. އަދި ﷲގެ އަމުރުފުޅަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. އެންމެ ރަގަޅެވެ. އޭނަވެސް މި ކަންތައް ދަނެއެވެ. އެންމެންވެސް ދަންނާނެއެވެ. އެކަމަކު ސާދާ ދެލިން ކޮންމެ ލަފުޒެއް ވަކިން ސާފުކޮށް ލިޔެފައިވާތަން ފެނުމުން އެތެރެހަށިން ތަފާތު އޮއިވަރެއް އުފެދުނެވެ.
ސާޔާއާއި މިރިއަމްގެ ނަޒަރު ބަދަލުވިއެވެ.
"އެކަމާއިމެދު ވިސްނަނީ؟"
"ދުވަހަކުވެސް.....އެކަން އިހުސާސްވިތަ؟" އޭނަ އެސްފިޔަ ޖަހައިލިއެވެ.
"ކޮންކަމެއްތަ؟"
"އެރޭ......އެވަގުތުކޮޅު...."
ސާޔާ ވިސްނައިލާފަދަ ގޮތަކަށް ބޯ އަރިކޮށްލިއެވެ." އަނެއްހެން ކޮންމެހެން ނުފެނި ހިނގައިދާނެ. ބައެއްމީހުން ބުނާގޮތުން ވައިގާ ތަފާތުކަމެއް ހުރޭ. އުދަރެސް ވަރަށް ސޮފްޓް...ހަނދުވެސް މާ ޖެންޓްލް...ކޮންމެވެސް ވަރަކަށް ވާރޭ ވެހޭ.......އެކަމަކު އަބަދު އެނިޝާންތަކެއް ނޫން ދޯ މިރިއަމް.."
ސާޔާ މަޑުމަޑުން އެ ކަރުދާހުގައި އިނގިލިން ފިރުމައިލިއެވެ." ކޮންމެ ގޮތެއްވިޔަސް އެރޭ ހޯދުން ދޯ މަގުސަދަކީ..."
"ވީމަ އޮނަހިރި ރޭތައް ދޯ....."މިރިއަމް އަހައިލިއެވެ.
"ނޫން.....ހަމައެކަނި އޮނަހިރި ރެއެއްނޫން. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް އަންގަވާފައިވަނީ ފަހު ދިހަރޭގައި އެރޭ ހޯދަން މަސައްކަތް ކުރުމަށް.. ހަމަވެދާނެ އޮނަހިރި ރެއަކަށްވެސް...އެކަމަކު.. މައްސައަކީ އެރެއަކީ ކޮބައިކަން ޔަގީންނުވުން..އެއީ ޕޮއިންޓަކީ.... އެހެން އެނގޭކަމަށް ވާނަމަ މީހުން އަޅުކަން ކުރާނީ ހަމައެކަނި އެރޭ. ބާކީ ހުރިރޭތައް ދޫކޮށްލާފައި....."
ސާޔާ ދެން ބުނެދިނީ އިލްމުވެރިން އެކަމާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކެވެ.
"ވީއިރު ސާޔާ ފަހު ދިހަރޭ އަޅުކަން ބަރާބަރަށް ކުރަން؟" މިރިއަމް ތަށީގައި ބާކީ ހުރި ޖޫސްފޮދު ހަލުވައިލިއެވެ.
"ދިހަރޭ ގިނައީތަ؟"
އޭނަ ޖަވާބެއްނުދީ ވިސްނައިލިއެވެ. ރޭހަތަރު ދަމު ހޭލާއިނދެގެން އަޅުކަން ކުރާނީ ވަރަށް އަޅުވެރި ތަގުވާވެރިންނެވެ. ސާޔާފަދަ މީހުންނެވެ. އޭނަކަހަލަ މީހުނެއްނޫނެވެ. އެކަމަކު މިވިސްނެނީ ކިހިނެހެއްޔެވެ؟ އޭނައަކީ ހެއްލި ގެއްލިގެންދާ މީހުންގެ ތެރޭގައިވާ މީހެއްކަމަށް ގަބޫލުކުރަނީހެއްޔެވެ؟ އެއާއެކު ހަނދާންވީ ހަދީސެކެވެ. ހުރިހާ ފާހަތައް ފޮހެވިގެންދާނެކަމުގައިވާ ހަދީސްއެވެ.
ސާޔާ ކޮނޑު އަރުވައިލިއިރު ތުންފަތުގައި މާނަވީ ހިނިތުންވުމެއްވިއެވެ." މިސާލަކަށް އެ ދިހަރޭގައި ހިތަށް ނުގެނެވޭފަދަ ޚަޒާނާއެއް ލިބޭނެކަމަށް މީހަކު ބުނެފިއްޔާ ހޭލާ ހުރެގެންވެސް އެ ހޯދަން މަސައްކަތް ނުކުރާނަންތަ؟"
މިރިއަމް ޖެހިލުންވިއެވެ.
"އެއީ ބުރަކަމެއްނޫން މިރިއަމް. ލިބޭ ރަނުގެ ފުރުސަތެއް... ހުރިހާ ކަމެއް ބަދަލުވެގެން ދާނީ ކޮން ރެއަކުން ކަމެއް ނޭގޭ...އެކަމަކު ހޯދައިފިއްޔާ ކޮންމެވެސް އެއް ރެއެއް ހިމެނޭނެ ދޯ...."
މިރިއަމް ސިކުނޑިތެރެއިން ހިސާބު ހަދައިލެވުނެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެހެންވީމަ އެއްހާސް މަހަކީ ނަވަވީސްހާސް ވަރަކަށް ދުވަހެކެވެ. އެންމެ މިނިޓަކަށް އަޅުކަން ކުރުމަކީ ފަންސާސް ދުވަހާއި ކައިރިވަރަކަށް އަޅުކަން ކުރުމެވެ. ސުބުހާނަﷲ.ވީއިރު އެއްވެސް މީހަކު އެފަދަ ރެއެއް ދޫކޮށްލާހާ މޮޔަވާނެހެއްޔެވެ؟ އެންމެ ރެއަކުން ހުރިހާ ކަމެއް ބަދަލުވެދާނެއެވެ.
އެވަގުތުކޮޅު ސާޔާގެ މާމަ ކުޑަކޮށް ހަރަކާތްކުރިއެވެ. އަދި އެސްފިޔަތައް ތަޅުވައިލަމުން ތުން ތަޅުވައިލިއެވެ. އަޑުމަޑުކަމުން އެބުނި އެއްޗެއް ދޭހަނުވިޔަސް ސާޔާގެ މަންމަ ކައިރިވެލަމުން އަޑުއެހިއެވެ. އަދި ބޯ ޖަހާލާފައި ތެދުވެގެން އެތެރެއަށް ވަންގޮތަށް އައީ ކުޑަ ބޯތަށްޓެއް ހިފައިގެންނެވެ. ފަތްޕިލާވެލީގައި ހުންނަ މީރުވަހެއް ދުވަންފެށިއެވެ. ކެމޮމައިލްއާއި މާމުއިގެ ވަސް މިރިއަމް ވަގުތުން ދެނެގަތެވެ. ވަގުތުން އޭނަގެ މަންމަ މަތިން ހަނދާންވިއެވެ. މަންމަ މިހާރު އިންނާނީ ކޮން ކަމެއްގައިހެއްޔެވެ؟
ސާޔާ އެ ބޯތަށި މާމަގެ އަތަށް ދެމުން ގައިގާ ފިރުމައިލީ އޯގާތެރިކޮށެވެ. މާމަގެ އަތް ކުޑަކޮށް ތުރުތުރުލިޔަސް ތަށީގައި ހިފަހައްޓަމުން ލަސްލަހުން ބޯންފެށިއެވެ. ސާޔާގެމަންމަ ވެސް ބައްޕަގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއިރު މާމަވެސް ވަރަށް ހިތްހަމަޖެހިފައި އިންކަން މޫނުމަތިން ފައުޅުވެއެވެ. އެވަގުތު މިރިއަމްއަށް ޔަގީންވީ ދީނީ އާއިލާއެއްގެ ދިރިއުޅުމުގައި ހުރި އުފާވެރިކަމެވެ. ސާޔާ ހަމައެކަނި އަގީދާއާއި އީމާންކަމުގެ ވާހަކަދައްކަނީއެއް ނޫނެވެ. ހުރީވެސް އެ އުޅުމެވެ. އެކަމަކު އެހާ ޝާހީކޮށް ލޯބިކޮށް އުޅުނަސް އޭނައަކީވެސް ކޮންމެހެން ހުރިހާ ފުރިހަމަކަން ލިބިގެންވާ ކުއްޖަކަށް ނުވާނެއެވެ.
އޭނަގެ ޚިޔާލަށް އެބަސް އައިތަނާހެން ސާޔަ ކޮލަށް ތެދުވުނެވެ. އެއާއެކު ބިންމަތީގައި އަޅާފައިއޮތް ކުނަލަކަށް ފައިން އެރި އަރިއަޅާލިގޮތަށް އޭނައަށް ހަށިގަނޑު ސަމާލެއްނުކުރެވުނެވެ. ސާޔާގެ ކުޑަކޮށް އަޑެއްލައްވާލިއެވެ. ލައިލާ އަނގަމަތީގައި އަތް އެޅިއިރު މިރިއަމްއަށް ލޯބޮޑުކޮށްލެވުނެވެ. އެއަށްފަހު ހިމޭންކަން ގަރުނެއްހާ ދިގުވެގެން ދިޔަފަދައެވެ. އެއާއެކު ލައިލާގެ ހިނިގަނޑު ފަޅައިގެން ދިޔަގޮތަށް ލޮލުން ފެންއަންނާދެން ހުނުން ހުއްޓައެއްނުލެވުނެވެ. ހަވީރުންފެށިގެން ބޮލުގައި ޓަނެއްގެ ބުރަދަން އެލުވާލައިގެން ހުރި މިރިއަމްގެ ތުންފަތަށްވެރިވި ކުޑަ ހިނިތުންވުން އޭނައަށްވެސް ނުހިފެހެއްޓުނެވެ. ސާޔާ ކަކުލު ހުޅުގައި ފިރުމަމުން ކުކުރައިލިއެވެ." ގަސްތުގައި ހަމަ........."
"ދަ ގްރޭސް...ދަ ޕޮއިޒް.....ދުވަހަކުވެސް މި ހިނދުކޮޅު ހަދާން ނައްތައެއް ނުލެވޭނެ...."ލައިލާއަށް މަޖާވިއެވެ. ސާޔާ ލޯ ހިމަކޮށްލާފައި ބަލައިލި ނަމަވެސް އޭނަގެ ތުންފަތަށްވެސް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ދެކުދިންގެ ސަކަރާތުގެ މުއާމަލާތު ދެކެން އިން މިރިއަމްގެ ހިތަށް ކުޑަ ހޫނުކަމެއް ވެރިވިއެވެ. ސާޔާއަކީ އެކުދިންނާއި ބަލާއިރު މާ މަތީގައި ހުރި ކުއްޖެއްކަމުގެ އިހުސާސް ކުރެވުނަސް މާ ދިގުކޮށް ނަމާދުކުރިޔަސް ބުއްދިވެރި ވާހަކަތައް ދެއްކިޔަސް އަދި ދިރިއުޅުމުގެ ވައްޓަފާޅި ރަގަޅުވިޔަސް ދެންމެ ގުޅައަކަށް ޖެހިފައި އޮވެ ލައިލާއާއި ދިމާލަށް ކުދިކިޔަސް މިރިއަމްއަށް އެނގުނީ އެންމެ ކަމެކެވެ. ސާޔާއަކީވެސް އިންސާނެއްކަމެވެ. އެކުއްޖާއަށްވެސް ދިމާވާ ބަލިކަށި ވަގުތުތަކާއި އިމްތިހާނުތަކާއެކުވެސް ރަގަޅަށް އުޅެން މަސައްކަތްކުރާއިރު ފަހަރެއްގައި މިރިއަމް މެނަށްވެސް އެ މަގު ޚިޔާރު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެކުދިންނަށްވެސް ބަހަނާއެއް އޮވެގެން ނުވާނެއެވެ.
ނުނިމޭ