ޓުކެލް އާއެކު އިންގްލަންޑްގެ ފެށުން ރަނގަޅު ކޮށްފި

އިންގްލަންޑްގެ ކޯޗު ކަމާ އަލަށް ހަވާލުވި ޖަރުމަނުވިލާތުގެ ކޯޗު ތޯމަސް ޓުކެލްގެ ކޯޗު ކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗު އިންގްލަންޑްއިން ކާމިޔާބު ކޮށްފިއެވެ.

ޓުކެލްގެ ކޯޗު ކަމުގެ ދަށުން އިންގްލަންޑް ކުޅުނު ފުރަތަމަ މެޗަކަށް ވެގެންދިޔައީ މި އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ގްރޫޕް ކޭ ގައި އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗެވެ.

އިންގްލަންޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި އިންގްލަންޑްގެ ފަރާތުން ގިނަ ބަޔަކު އުންމީދު ކުރި ވަރުގެ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް ޓުކެލްގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗާ ބަލާއިރު މެޗުން މޮޅުވުމުން ގިނަ ބަޔަކު ތިބީ ހިތްހަމަ ޖެހިފައެވެ.

ޓުކެލް ވަނީ އޭނާގެ ޓީމުގެ ފަރާތުން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ގެނެސްދޭނެކަން ހާމަކޮށްފައެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި މިއައްވުރެ ރަނގަޅު ކުޅުމެއް އިންގްލަންޑްގެ ޓީމުން ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދު ކުރަމުންނެވެ.

މި މެޗުގައި އިންގްލަންޑްއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޒުވާން ޑިފެންޑާ މައިލްސް ލުވިސް ސްކެލީއެވެ. މި ލަނޑާއެކު ލުވިސް ސްކެލީ ވެގެން ގޮސްފައިވަނީ އިންގްލަންޑަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 176 ދުވަހެެވެ. ކުރިން މިރިކޯޑް އޮތީ ރޭގެ މެޗުގައި ލުވިސް ސްކެލީ އާއެކު އެއް ޓީމަށް ކުޅެމުންދިޔަ މާކަސް ރަޝްފަޑް އަތުގައެވެ. އެއީ 33 ދުވަހުގެ ތަފާތުންނެވެ.

މި މެޗުގައި އިންގްލަންޑްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ އޭނާ އިންގަލަންޑްއަށް ކުޅެމުންދިޔަ 104 ވަނަ މެޗުގައި ކާމިޔާބު ކޮށްދިން 70 ވަނަ ލަނޑެވެ.

comment ކޮމެންޓް