"ތެންކިއު ސާރ." ހައިޝަމް ޝުކުރު އަދާކުރިއެވެ ދިޔުމަށް ހުއްދައަށް އެދެމުން ތެދުވެލަން އުޅުނު ވަގުތު ޒައުލް އޭނާ މަޑުކުރުވިއެވެ. އޭރު ޒައުލްގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި އަސަރެކެވެ.
ޒައުލް ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭފަދައެވެ. ނުތަނަވަސްވި ނަަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހައިޝަމްއަށް ވެސް ނޭނގޭނެހާ ކުޅަދާނަކޮށް އޭނާގެ މޫނުމަތީން އެ އަސަރުތައް ވަންހަނާކޮށްލިއެވެ.
"އަހަރެން ދެކެނީ ހައިޝަމްތީ އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ގޮތަށް. އެހެންވީމަ އަހަންނާ އެހާ…މީ… ފޯމަލްކޮށް ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ." ޒައުލް ބުނެލިއެވެ. އެވާހަކަ އޭނާ ހައިޝަމްގެ ކައިރީގައި ބުނަން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް، މިވީހާތަނަށްވެސް އެހެން ނުބުނެވިފައިވަނީ މިވީ ދުވަސްތަކުގައި އެ ވާހަކަ ދެއްކުމަށް ޙާލަތު ތަން ނުދިނުމުގެ ސަބަބުންނެވެ. އަދި އެ ގޮތަށް އެވާހަކަ ބުނަން ކުޑަކޮށް ޖެހިލުންވީތީއާ ވެސް އެކުގައެވެ.
"އެކަމަކު ސާރ…" ހައިޝަމްއަށް ބުނެވުނެވެ.
"ޕްލީޒް…ހައިޝަމް. އަހަންނާ ވާހަކަ ދައްކާއިރު ނަމުން މުޚާތަބު ކޮށްފާނަންތަ؟ އަހަރެން ވަރަށް އުފާވާނެ އޭރުން." ޒައުލް އާދޭހުގެ ރާގެއްގައި ބުނެލުމުން ވެސް ހައިޝަމްއަށް ބުނާނެ އެއްޗެއް ނޭނގިފައި ހިނދުކޮޅަކު އިނދެވުނީ މީގެ ކުރިން ދުވަހަކުވެސް އޭނާ ޒައުލްއާ ނަމުން މުޚާތަބުކޮށްފައިނުވާތީއެވެ. އަދި ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ވެރިމީހާއަށް ވާތީއެވެ. ހައިޝަމް އަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ވިސްނަން ހުރެވުނެވެ. އެ ހިމޭންކަން ފެނި ޒައުލް ވާހަކަ ދައްކަން ފެށި އެވެ.
"ހައިޝަމްއަށް އެނގޭތަ؟ އަހަރެންގެ ވެސް ވަރަށް ގާތް އެކުވެރިއެއް ހުރި. އަރީޝް… އޭނަ އުޅެނީ ލަންޑަންގަ. އަހަރެމެން ދެމީހުން އަބަދުވެސް އުޅެނީ އެކީގަ. އެކަމަކު…… މިހާރަކު އޭނާއާ އަހަންނާ އެއްވެސް ގުޅުމެއް ނެތް." އެހިސާބަށް ބުނެފައި ޒައުލް ހައިޝަމްއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ހައިޝަމް އިނީ އޭނާގެ ވާހަކަ އަޑު އަހަންކަން އެނގުމާއެކު ޒައުލް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަހަރެން ރާއްޖެ އައިސް އިސްލާމްދީނުގެ މަގަށް އަލަށް ރުޖޫޢަވި ވާހަކަ ބުނި ދުވަހުގެ ފަހުން އޭނަ އަހަރެންގެ ފޯނަކަށް ޖަވާބެއް ނުދޭ. އަހަންނާ އޮތް ގުޅުން މުޅިން ކަނޑާލީ ކަމަށްވެސް ވެދާނެ. އަރީޝްއާ ނުގުޅިގެން ވަރަށް ފަހުން ދުވަހަކު އެހެން އެކުވެރިއަކަށް ވެސް ގުޅައިލިން. އޭނައަށްވެސް އޮތީ އަރީޝްގެ ކިބައިން އަހަރެންގެ ޚަބަރު ލިބިފަ. އަހަންނާ ދިމާލަށް ވަރަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާފަ ފޯނު ކަނޑައިލީ އަރީޝްވެސް އަހަންނާ ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށް ބުނެ….އެހެންވީމަ ހަޤީގަތުގަ މިހާރު އަހަރެންގެ ރަޙްމަތްތެރިއެއް ނުހުރޭ. ޓު ބީ އޮނެސްޓް އަހަރެން ވެސް ބޭނުން ކަންތައްތައް ޝެއާރކޮށްލާ ވާހަކަ ދައްކައިލެވޭ ވަރުގެ ގާތް ރަޙްމަތްތެރިއެއް." ޒައުލް ހަމަ ހަޤީގަތުގައިވެސް ހާމަކުރީ ތެދެވެ. އެއީ އެކަންތައް ހިނގައި ދިޔަ ގޮތެވެ. އެހާ ގާތްކޮށް އުޅެފައި އަރީޝް އެގޮތަށް ކަންތައް ކުރުމުން އޭނާ ވަރަށް ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ، ﷲ އާ ހުރިހާކަމެއް ވަކީލުކުރީ އެކަލާނގެ ނިންމަވާ ކޮންމެ ނިންމެވުމެއްގެ ފަހަތުގައިވެސް ހެވެއް ވާކަން ޤަބޫލުކުރެވޭތީއެވެ. މިއަދު އޭނާ ކެނެޑާގެ އެކުވެރިންނަކަށް ބޭނުމެއް ނޫނެވެ. މިހާރު އޭނާ ބޭނުންވަނީ ހައިޝަމް ފަދަ ހެޔޮ ލަފާ ރަޙްމަތްތެރިއެކެވެ. ދެ ދުނިޔޭގައިވެސް ކާމިޔާބު ވާނީ އޭރުންނެވެ.
"އަހަރެން ބޭނުން އަހަރެންގެ އެކުވެރިޔާއަށް ވެސް ތެދުމަގު ލިބެން." ޒައުލް އިސްޖަހައިލިއެވެ. އޭނާގެ އަޑުން ފާޅުވި ހިތާމައިގެ އަސަރާއެކު، ޒައުލް އެކުވެރިއަކަށް ބޭނުންވެފައިވާ މިންވަރު ހައިޝަމްއަށް ވެސް ފާހަގަވިއެވެ. އެއާއެކު ޒައުލްގެ އެ އެދުމަށް ހައިޝަމް އިޖާބަދިނީ އޭނާގެ އެކުވެރިންގެ ލިސްޓަށް ޒައުލްގެ ނަން އިތުރުކުރަމުންނެވެ.
"އަހަރެންގެ ދުޢާ އަކީ ސާރގެ… މިބުނީ… ޒައުލްގެ ތި އެކުވެރިޔާއަށްވެސް އިސްލާމީ ހިދާޔަތު ލިބުން..." ހައިޝަމްއަށް ބުނެލުމާއެކު ޒައުލް ހިނިތުންވެލިއެވެ. ހައިޝަމް އޭނާގެ ނަން ކިޔުމުން، ޒައުލްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
"ތީގެ މާނައަކީ މީގެ ފަހުން އަހަރެންމީ ގާތް އެކުވެރިއެއް ގޮތަށް ބަލާނަމޭ ދޯ."
"އާނ ޒައުލް." ހައިޝަމް ބުނެލިއެވެ.
"ތެންކިއު. …." ޒައުލް ޝުކުރު އަދާކުރުމަށްފަހު ހިނިތުންވުން ފުޅާކޮށްލުމަށްފަހު އަނެއްކާވެސް ހައިޝަމްއާ ވާހަކަ ދެއްކިއެވެ.
ކޮންތާކު ކައިވެނި ހަފްލާ އޮތީ؟" ޒައުލް ސުވާލުކޮށްލިއެވެ.
"ކައިވެނި ކުރާނީ ކޯޓުގަ. ދެން ވަލީމާއެއް ކުޑަކޮށްނަމަވެސް ބާއްވާލަން އެބަ ވިސްނަން. ތަނެއް ހަމަ ނުޖެހިގެން މިއުޅެނީ. ގިނަ ތަންތަން ހުންނަނީ އަންހެން ފިރިހެން އެއްވާގޮތަށް. އަހަރެމެން ބޭނުންވަނީ ވަކީން ހުންނަ ގޮތަށް ބާއްވަން." ހައިޝަމް އެހެން ބުނެލުމާއެކު އެއީ އެންމެ ރަނގަޅު ގޮތޭ ޒައުލްއަށް ވެސް ބުނެވުނެވެ.
"އަހަރެމެން ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ އެކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތަށް." ޒައުލް ބުނެލިއެވެ.
"އާނ." ހައިޝަމް ބުނެލިއެވެ.
"އަހަރެން ވެސް ތަނެއް އަޅެ ހަމަޖެހޭތޯ ބަލާނަން އިނގޭ. އެހާ ހާސްނުވޭ. އިރާދުކުރެއްވިއްޔާ އެ ތާރީޚުގެ ކުރިން ރަނގަޅު ތަނެއް ހަމަޖެހޭނެ. " ޒައުލް އެހެން ބުނެލުމުން ހައިޝަމްވެސް އާއެކޭ ބުނެލާފައި ބޯ ޖަހައިލުމުން ޒައުލް އޮފީހުގެ ވާހަކަތައް ދައްކަން ފެށިއެވެ.
"ހައިޝަމް ޗުއްޓީއަށްފަހު އަލުން ނުކުތީމަ އަހަރެން އެބަ ވިސްނަން ބޭރަށް ގޮސްލަން. އޭރަށް ހައިޝަމް ޖެހޭނެ ކަންތައްތައް ރަނގަޅަށް ބަލައިލަދޭން." ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން ޒައުލް ބުނެލިއެވެ.
"އިންޝާ ﷲ…" ހައިޝަމް އެހެން ބުނެލާފައި، ދިޔުމުގެ ހުއްދައަކަށް އެދުނީ އޭނާއަށް އައި ފޯނު ކޯލަކާ އެކުގައެވެ.
ހައިޝަމް ދިޔަ މަންޒަރު ބަލަން އިނދެފައި ޒައުލް، ގޮނޑީގައި ލެނގިލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި އުފާވެރި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.
އެ ދުވަހު ޒައުލް ގެއަށް ދިޔައީ ވަރަށް ހަަމަޖެހިލައިގެން ހުރެއެވެ. ކޮޓަރިއަށް ވަދެ ފެންވަރާލައިގެން އޭނާ އަޞުރު ނަމާދަށް މިސްކިތަށް ދިޔައެވެ. ނަމާދަށްފަހު އޮތް ދަރުސް އަޑު އަހަންވެސް އެ ދުވަހު އޭނާ މަޑުކޮށްލިއެވެ. ދަރުސްދޭން ހުރި މީހާ ވާޙަކަ ދައްކަމުން ދިޔައީ އެއްޗެއް ނޭނގޭ މީހާއަށް ވެސް ނަގައިގަނެވޭނެހާ ލަސްލަހުން ފަސޭހަ އިބާރާތްތަކުންނެވެ. އެ ދަރުހުގެ ސަބަބުން ޒައުލްގެ ހިތަށް ވެސް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެ ހުރިހާ ވާހަކަތަކެއް ވެސް ޒައުލް ހީވަނީ އޭނާގެ ސިކުނޑީގައި ރައްކާކުރަމުން ދިޔަހެންނެވެ. އޭނާ އެހާވެސް ބޮޑަށް ދަރުހަށް ސަމާލުކަން ދިނެވެ.
މިސްކިތުން ފައިބައިގެން އޭނާ ގެއަށް ގޮސް ކޮޓަރިއަށް ވަދެލާފައި ފޯނު ޗާރޖަށް ޖަހައިލީ ފޯނުގައި ޗާޖު ނެތުމުންނެވެ. އެހިނދު ޙަޔާ އޭނާގެ ފޮތުގައި ލިޔެފައިވާ މިސާލެއްގެ ހަނދާން ޒައުލް އާވިއެވެ. ފޯނެއް ޗާޖު ދިޔުމުން އެ ޗާރޖުކުރުމަށް ކަރަންޓު ބޭނުންވާ ފަދައިން، އިންސާނުންވެސް މާޔޫސްވެ ދެރަވާ ވަގުތު ކެތްތެރިވެ ނަމާދާ އަޅުކަމުން ވާގި ހޯދަން ޖެހޭކަމުގައި ހަޔާ ލިޔެފައި އޮތެވެ. އެއާއެކު ޒައުލްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. މިހާރަކަށް އައިސް އެފަދަ ކުދި ކުދި ކަންތައްތަކުން ވެސް އޭނާއަށް ޙަޔާގެ މަތީން ހަނދާންވެއެވެ.
ޙަޔާއާ ކައިވެނީގެ މަތިވެރި ގުޅުމުން އޭނާ ގުޅެން ބޭނުމެވެ. ކުޑަކޮށް ކަންބޮޑުވަނީ ޙަޔާ ނޫނެކޭ ބުނެފާނެތީއެވެ. އެހެންވެއްޖެނަމަ އޭނާ އިންތިހާއަށް ދެރަވާނެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގައިވެސް ހެވެއް ވާކަމުގައި ޤަބޫލުކުރަން ޒައުލް އޭނާގެ އަމިއްލަ ނަފްސަށް ދަސްކޮށްދޭން ބޭނުންވެއެވެ. ޙަޔާ ގާތުން ނާހާ، ވަކި ގޮތެއް ނިންމަން ބޭނުން ނުވި ޒައުލް އުންމީދު ކަނޑައިލަން ބޭނުން ނުވަނީ، އޭނާ އަކީ މިހާރު ކުރީގެ ޒައުލްއަށް ނުވާތީއެވެ. އެހެންކަމުން ބައްޕައާ އެ ވާހަކަ ހިއްސާކުރަން ޒައުލް ނިންމިއެވެ.
*****
ޒަމީރުގެ ޙާލުވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅެވެ. އެރޭ މަޣްރިބު ނަމާދަށް ޒައުލްއާ ޒަމީރާ ދެމީހުން ދިޔައީ އެއްކޮށެވެ. މަޣްރިބު ނަމާދަށްފަހު ޤުރުއާން ކިޔަވާލަން މަޑުކޮށްލި ދެމީހުން ގެއަށް އައީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. އޭރު ގޭގައި ކައްކާ މީހާ ހުރީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައެވެ. ކާން އިށީނދެފައި ޒަމީރު ޒައުލްއަށް ބަލައިލިއެވެ. ފަޚުރުވެރިކަމާއެކުގައެވެ.
"ބައްޕަ ބޭނުންވާފަދަ ހަރުދަނާ ކުއްޖަކަށް ޒައުލްވެއްޖެ." ޒަމީރުގެ އަޑުގައިވަނީ އުފާވެރިކަމެވެ. "ދަރިފުޅު އަދިވެސް ބޭނުންވޭތަ ކެނެޑާއަށް ދާން؟"
"ނޫން ބައްޕާ. މިހާރު ބޭނުމެއް ނޫން. ރާއްޖެ މާ ހިތްހަމަ ޖެހޭ. ބައްޕައަށް އެނގޭތަ؟ ކެނެޑާގައި އަޅުގަނޑުމެން އުޅުނު އަވަށުގައި މުސްލިމުންނެއް ނޫޅޭ. ކައިރި ހިސާބެއްގައި މިސްކިތެއްވެސް ނުހުރޭ. އެހެންވެ ބަންގީގެ އަޑެއްވެސް އެހިސާބަކުން ނީވޭނެ.. މިއަދު ފަސް ވަގުތު އެ ގޮވާ ބަންގީގެ އަޑު އިވޭތީ ވަރަށް ހިތްހަަމަޖެހޭ. އެ އަޑު އެގޮތަށް އިވުމަކީވެސް ކިހާ ބޮޑު ނިޢުމަތެކޭ މިހާރު ހިތަށް އަރާ. އޮފީހުގަ ކިތަންމެ ބުރަކޮށް ގަޑި ހަނދާންނައްތާލާފަ އިންނަ މީހާއަށް ވެސް ބަންގީގެ އަޑު ޖެހުމުން އެނގޭނެ ދެން މަސައްކަތް ބަހައްޓާފައި މިސްކިތަށް ދާންވީކަން." ޒައުލް ބުނެލިއެވެ.
"ٱلْحَمْدُ لِلَّٰهِ, އަހަރެމެންނަށް ލިބިފައިވާ ނިޢުމަތްތައް ގުނާ އަދަދުނުކުރެވޭނެ. " ޒަމީރު ވެސް ބޯ ޖަހާލަމުން ބުނެލިއެވެ. ޒައުލްގެ ވާހަކައިން އޭނާގެ ހިތަށް ވެސް ލިބުނީ އިތުރު ފިނިކަމެކެވެ.
"ދަރިފުޅާ." ކެއުން ނިންމާލުމަށްފަހު، ފެންތަށިން އެތިފޮދެއް ބޮައިލުމަށްފަހު، ޒަމީރު ޒައުލްއަށް ގޮވައިލީ ކަމެއް ބޭނުންވެގެން އުޅޭ ފަދަ ގޮތަކަށެވެ.
"ކިހިނެއްވީ ބައްޕާ؟ ބޭސް ގެނެސްދޭންވީތަ؟" ޒައުލް ހީކުރީ ބައްޕަ ބޭސް ބޭނުންވެގެން އުޅެނީކަމަށެވެ. އެހެންކަމުން އޭނާ އުޅުނީ ތެދުވެގެން އެތަނުން ދާށެވެ. އެހެންނަމަވެސް، ޒަމީރު އޭނާއަށް ހުރަސް އެޅިއެވެ.
"ނޫން ދަރިފުޅާ. ކޮޓަރިއަށް ވަދެފަ އޮށޯންނަމުން ބޭސް ކާނީ. އެއީ ކައިފިއްޔާ ވަރަށް ނިދި އަންނަ ބޭހެއް." ޒަމީރު ބުނެލިއެވެ. "ބައްޕަ މިއުޅެނީ ދަރިފުޅާ އެހެން ވާހަކައެއް ދައްކަން ބޭނުންވެގެން."
ޒަމީރު އެހެން ބުނެލުމާއެކު ޒައުލްވެސް ހިމޭންވެފައި ޒަމީރުގެ ވާހަކައަށް ސަމާލުކަން ދިނެވެ.
"ބައްޕަ ބޭނުންވަނީ ޒައުލް ވެސް ދެން އިތުރު ދިރިއުޅުމެއް ފަށަން." ޒަމީރު ބުނެލި ވާހަކައިން ޒައުލްއަށް ވެރިވީ ހައިރާންކަމެކެވެ.
"އިތުރު ދިރިއުޅުމެކޭ؟" އޭނާއަށް ބުނެވުނެވެ. ކޮންމެހެން އެކަމާ ދެކޮޅު ވީތީއެއް ނޫނެވެ. އެހެންނަމަވެސް ބައްޕަ އެފަދަ ވާހަކައެއް ދެއްކުމުން ކުޑަކޮށް ހައިރާންވީތީ ބުނެވުނީއެވެ.
"އާނ. ކިހިނެއްވީ؟" ބައްޕައަށް އެނގޭ ދަރިފުޅު ސާރާ ދެކެ ވަރަށް ލޯބިވިކަން. އަދި ސާރާ ނޫން މީހަކާ ކައިވެނި ކުރަން ބޭނުންނުވާކަންވެސް. އެހެންވެ ކަންނޭނގެ އެކަމާ ނުވެސް ވިސްނާ ތިހުންނަނީ. އެކަމަކު ދިރިއުޅުމަށް އިތުރު މީހަކު ގެންނަން ޖެހޭނެއެއްނު. މުޅި އުމުރު ކިހިނެއް ތިހެން ހުންނާނީ؟ ދަރިފުޅުގެ ދިރިއުޅުން، އިންޝާ ﷲ ، އަދި އޮތީ ކުރިއަށޭ." ޒަމީރު ޒައުލްއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނާގެ އެވާހަަކަތަކަށްފަހު ވެސް ޒައުލް އެއްޗެއް ނުބުނުމުން ޒަމީރު އަނެއްކާވެސް ޒައުލްއަށް ގޮވައިލާ ވާހަކަ ދެއްކިއެވެ.
"ކިހިނެއްވީ؟ ދަރިފުޅު އަދިވެސް މިކަހަލަ ކަމަކާ ނުވިސްނަންދޯ. ބައްޕައަށް މި ދެއްކުނީ ގޯސް ވާހަކައެއްތަ އަނެއްކާ؟" ޒަމީރު ސުވާލުކޮށްލިއެވެ. ޒައުލް އެއްޗެއް ނުބުނެ ވިސްނަން އިނުމުން ޒައުލް ހިތްހަމަ ނުޖެހުނީއޭ ޒަމީރަށް ހީވިއެވެ. އޭނާއަށް ނޭނގުނީ އޭނާ ދެއްކި ވާހަަކައިން ޒައުލްގެ ހިތަށް ޙަޔާގެ ނަން ވެރިވިކަމެވެ.
"ނޫން ބައްޕާ. އެހެންނެއް ނޫން. ކުއްލިއަކަށް ތިކަހަލަ ވާހަކައެއް ދެއްކީމަ ކުޑަކޮށް ހައިރާންވީ. ބައްޕަ ތިބުނާ އެއްޗެއް އަޅުގަނޑަށްވެސް އެނގޭ." ޒައުލް ބުނެލިއެވެ.
"މިހާރު ބައްޕަ އެންމެ ބޭނުންވަނީ ޒައުލް ވެސް މީހަކާ އިނދެގެން އުފަލުގައި އުޅޭތަން ދެކެން." ޒަމީރު ހިނިތުންވެލިއެވެ.
ޒައުލް ވިސްނަން އިނދެފައި އެންމެފަހުން ޙަޔާގެ ވާހަކަ ބައްޕައާ ހިއްސާކުރަން ނިންމީ އެކަމުގައި އޭނާ ބައްޕަގެ އެއްބާރުލުން ބޭނުންވާތީއެވެ. އަދި ބައްޕަގެ ޚިޔާލެއް ބޭނުންވާތީއާވެސް އެކީގަ އެވެ.
"ބައްޕާ… އަޅުގަނޑަށް ކަމުދާ… ކުއްޖަކު….. އެބަ ހުރި…" އެބަސްތައް ޒައުލްގެ ދުލުން ނުކުތީ އުނދަގުލުންނެވެ. އެހެންނަމަވެސް، ހިތްވަރުކޮށްފައި އޭނާ ވާހަކަ ދެއްކިއެވެ. "އަޅުގަނޑު އޭނާއާ ކައިވެނި ކުރަން ބޭނުން…"
"ކޮން ކުއްޖެއް؟" ހައިރާންވީ ވަރުން ޒަމީރަށް ސުވާލުކޮށްލެވުވުނެވެ. ޒައުލް އެފަދަ ވާހަކައެއް އޭނާގެ ގާތުގައި އެ ދެއްކީ އަލަށެވެ. ރާއްޖޭގައި މިވީ ދުވަސްތަކުގައި ވެސް އަންހެން ކުއްޖަކާ ވާހަކަ ދައްކާހެނެއްވެސް އޭނާއަކަށް ހިޔެއް ނުވެއެވެ. ދަނީ ހަމައެކަނި އޮފީހަށެވެ. ދެން ދާތަނަކަށް ދަނީ ހައިޝަމް އާއެކުގައެވެ. ވީއިރު އެއީ އަނެއްކާ ކޮން ކޮންކަހަލަ ކުއްޖެއް ބާއޭ ޒަމީރުގެ ހިތަށް އެރިއެވެ.
"ޒައުލް… ކޮން ކުއްޖެއްތަ؟" ޒައުލް ހިމޭންވެފައި އިންނަން ފެށުމުން ޒަމީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ. ޒައުލްގެ ހިމޭންކަމުން އޭނާއަށް އުނދަގޫވިއެވެ. ކެނެޑާއަށް ދާން ޚިޔާލެއް ނުކުރަމޭ ބުނުމަށްފަހު އަނެއްކާ އެކޮޅަށް ދާން ޒައުލް އުޅެނީ ހެއްޔެވެ؟ "ކެނެޑާއިންތަ؟"
"ނޫން… ރާއްޖޭން…" ޒައުލް ބުނެލިއެވެ. އޭނާ އިސްޖަހާލިއެވެ. "މީ… ޙަ… ޙަޔާ…" ޒައުލް ފުރަތަމަ އެހެން ބުނެލިލެއް މަޑުކަމުން ޒަމީރަކަށް ވެސް އެބުނި އެއްޗެއް ނޭނގުނެވެ.
"ކީކޭ؟ އަދި ބައްޕައަކަށް އަޑެއް ނީވުނު." ޒަމީރު ބުނެލިއެވެ.
"ޙަޔާ." އިސްއުފުލާލަމުން ލީ ފުންނޭވާ އާއެކު، މިފަހަރު ޒައުލް އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ.
(ނުނިމޭ)