ޑެންމާކުން ޕޯޗުގަލް ބަލިކޮށްފި

ޔުއޭފާ ނޭޝަންސް ލީގު ކްއާޓާ ފައިނަލްގައި ޑެންމާކް އާއި ޕޯޗުގަލް ބައްދަލުކުރި ފުރަތަމަ ލެގު ޑެންމާކްއިން ކާމިޔާބު ކޮށްފިއެވެ.

ޑެންމާކްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

މި މެޗުގައި ޕޯޗުގަލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޑެންމާކްއިންނެވެ. މި މެޗުގައި ޑެންމާކްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭގެ ބަދަލުގައި މިމުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ޕޯޗުގަލްއަށް މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކްއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ކްރިސްޓިއަން އެރިކްސަން ފޮނުވާލި ޕެނަލްޓީ ވަނީ ޕޯޗުގަލްގެ ކީޕާ ޑިއޮގޯ ކޯސްޓާ ދިފާއު ކޮށްފައެވެ. މި މެޗުން ޑެންމާކް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަސްމުސް ހޮއިލުންޑްއެވެ. މި ލަނޑު ޖެހުމަށްފަހު ހޮއިލުންޑް އޭނާ އާ ދެކޮޅަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރޭޑްމާކް ސުއި ސެލެބްރޭޝަން ކުރިތަން ފެނިގެންދިޔައެވެ.

މި މެޗުގައި ރޮނާލްޑޯއަށް މާއެދެވޭ ކުޅުމެއް ދެއްކުނު ތަނެއް ފެނިގެން ނުދިޔައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ހޮއިލުންޑް ހާމަކުރިގޮތުގައި އޭނާ ސުއި ސެލެބްރޭޝަން ކުރީ އެއްވެސް ގޮތަނަށް ރޮނާލްޑޯއަށް ދިމާކުރުމުގެ ގޮތުން ނޫން ކަމަށާއި ރޮނާލްޑޯ އަކީ އޭނާ ކުޑައިރުން ފެށިގެން އައިޑޮލް އެއްގެގޮތުގައި ބަލަމުންއައި ކުޅުންތެރިޔާ ކަމަށެވެ. ނަމަވެސް އޭނާގެ އައިޑޮލްގެ އާއި ދެކޮޅަށް ކުޅެ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދެވުމުން އެއަށް ވުރެ އެވަގުތަށް ކަމުދިޔަ ސެލެބްރޭޝަނެއް އޭނާއަށް ނޭނގުނު ކަމަށް ހޮއިލުންޑް ހާމަކުރިއެވެ.

މި ކާމިޔާބީއާއެކު މި އަންނަ އާދިއްތަ ދުވަހު ޕޯޗުގަލްގެ ލިޒްބަންގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ޑެންމާކަށް މިވަނީ ހަނި ލީޑެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި ޑެންމާކްއިން ދެއްކި ކުޅުމާއެކު އެ ޓީމަށް ދެވަނަ ލެގަށް ނިކުންނައިރު ޓީމުގެ ތެރޭގައި އޮތް އިތުބާރު އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ. އަދި ޕޯޗުގަލްއިން މި ނަތީޖާ އާއެކު އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށް ބެލެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު