ސްޕެއިން އާއި ނެދަލަންޑްސްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު

ޔުއޭފާ ނޭޝަންސް ލީގު ކްއާޓާ ފައިނަލްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ނެދަލަންޑްސް ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރު ވެގެން ނިމިއްޖެއެވެ.

ނެދަލަންޑްސްގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅުވީވެސް ސްޕެއިންގެއެވެ. މިގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ސްޕެއިނުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނީކޯ ވިލިއަމްސްއެވެ. މި މެޗުގައި ނެދަލަންޑްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯއެވެ. މި ލަނޑާއެކު ނެދަލަންޑްސްއިން ކުރިއަށް ވުރެ އިތުބާރާއެކު ކުޅެމުންދިޔަ އިރު ސްޕެއިން ވެސް ހަމަލާއަށް އިސްކަން ދީގެން ކުޅުނުތަން ފެނިގެންދިޔައެވެ.

މި މެޗުގައި ނެދަަލަންޑްސްއިން ފުރަތަމަ ފަހަރަށް ލީޑު ނަގައިފާވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ލަނޑާއެކު ނެދަލަންޑްސްއިން ދެވަނަ ލެގަށް ދާއިރު ކުޑަލީޑެއް ނެގި ނަމަވެސް އެ ޓީމަށް މެޗު ނިމެންދެން އެ ލީޑު ދެެމެހެއްޓޭ ގޮތެއް ނުވިއެވެ. މި މެޗުގައި ނެދަލަންޑްސްއިން ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅިގެންދިޔައި މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޔޮރެލް ހާޓޯ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ސްޕެއިންއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިކޭލް މެރީނޯއެވެ.

މިމެޗު އެއްވަރު ވުމުން މިއަންނަ އާދިއްތަ ދުވަހު ދެވަނަ ލެގަށް ނިކުންނައިރު ދެ ޓީމަށް ވެސް ސެމީފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވިގެން ގޮސްފައެވެ.

ނަމަވެސް މި މެޗު ކުޅެވިގެންދާނީ ސްޕެއިންގައި ކަމުން އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު