ޖަރުމަނުން އިޓަލީވިލާތް ބަލިކޮށްފި

ޔުއޭފާ ނޭޝަންސް ލީގު ކްއާޓާ ފައިނަލްގެ ޖަރުމަނުވިލާތާއި އިޓަލީވިލާތް ބައްދަލުކުރި ފުރަތަމަ ލެގު ޖަރުމަނުން ކާމިޔާބު ކޮށް ސެމީފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.

އިޓަލީވިލާތުގެ މިލާންގައި ރޭ ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ޖަރުމަނުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީވިލާތުންނެވެ. އަދި މި މެޗުގެ ފެށުން ރަނގަޅު ވެފައިވަނީވެސް އަމިއްލަ ކުޅިބެލުންތެރިންގެ ކުރިމަތީ ކުޅެމުންދިޔަ އިޓަލީވިލާތުގެއެވެ.

މި ގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި އިޓަލީވިލާތުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެދުތެރެއަށް ކުޅެމުންދާ ސަންޑްރޯ ޓޮނާލީއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އިޓަލީވިލާތަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އިޓަލީވިލާތުގެ އިތުރުން ޖަރުމަނުވިލާތަށް ވެސް ލަނޑު ޖަހާނެ ފުރުސަތު މި ހާފުގައި ލިބިގެންދިޔައެވެ.

މި މެޗުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓިމް ކްލެއިންޑިއެންސްޓްއެވެ. މި މެޗުން ޖަރުމަނު މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ލިއޮން ގޮރެޓްޒްކާއެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބު ކުރި ދެ ލަނޑު ޖެހުމުގައިވެސް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ކެޕްޓަން ޖޯޝުއާ ކިމިޗްއެވެ.

މި މެޗުގައި އިޓަލީވިލާތަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު އެ ޓީމުން ތަނަވަސްކޮށްފައިވެއެވެ. މިގޮތުން ޖަރުމަނުގެ ކީޕާ އޮލިވާ ބައުމަން ވަނީ މޮއިސް ކިއާން އާއި ޖިއަކޯމޯ ރަސްޕަޑޯރީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ދިފާއު ކޮށްފައެވެ.

މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އާދިއްތަ ދުވަހު ޖަރުމަނުވިލާތުގެ ޑޯޓްމުންޑްގައެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަށް ބޭނުންނަމަ އިޓަލީވިލާތަށް އެމެޗުން މޮޅުވުން މުހިންމުއިރު ޖަރުމަނުން އެމެޗު އެއްވަރު ކޮށްލައިގެންވެސް އެ ފުރުސަތު ލިބެން އެބައޮތެވެ. މިމުބާރާތުގެ ލީގު އޭ އާއި ބީގެ ޕްލޭ އޮފްގައި ސްކޮޓްލަންޑާއި ގްރީސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސްކޮޓްލަންޑްއެވެ. އެހެން ކަމުން ލީގު އޭގައި ދެމި އޮތުމުގެ ފުރުސަތު މިހާރު ބޮޑީ ސްކޮޓްލަންޑަށެވެ.

ލީގު ބީގެ ގްރޫޕް ޓޫގެ ދެވަނައަށް ދިޔަ ގްރީސް އިން ލީގު އޭއަށް ކޮލިފައިވާން ބޭނުންނަމަ ޖެހޭނީ ދެވަނަ ލެގުގައި ސްކޮޓްލަންޑްގެ ދަނޑުގައި އެ ޓީމު ބަލިކުރާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު