ޔުއޭފާ ނޭޝަންސް ލީގު ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކްރޮއޭޝިއާ އާއި ފަރަންސޭސިވިލާތް ބައްދަލުކުރި މެޗު ކްރޮއޭޝިއާއިން ކާމިޔާބު ކޮށް ސެމީ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.
ކްރޮއޭޝިއާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސީންނެވެ. ނަމަވެސް މިއާއެކުވެސް އެ ޓީމަށް މާބޮޑު ކުރި އެރުންތަކެއް ކްރޮއޭޝިއާ ކައިރީ ހޯދޭގޮތެއް ނުވިއެވެ.
މި މެޗު ކްރޮއޭޝިއާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި ގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ކްރޮއޭޝިއާއަށް ލިބިގެންދިޔަ ޕެނަލްޓީ އެ ޓީމުގެ އަންޑްރޭ ކްރަމަރިޗް ޖެހުމުން ވަނީ ފަރޭންސޭސި ކީޕާ މައިކް މިންޔޮން ދިފާއު ކޮށްފައެވެ.
މި މެޗުގައި ކްރޮއޭޝިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންޓޭ ބުޑިމީރުއެވެ. އަދި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ އިވާން ޕެރިސިޗްއެވެ.
މީގެ އިތުރުން ޖޮސްކޯ ގުވަޑިއޯލްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ހަމަލާ މިންޔޮން ދިފާއު ކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވި ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗު ވެގެންދިޔައީ ހަ މަސް ދުވަހު ޤައުމީ ޓީމާއި ދުރުގައި ހުރުމަށްފަހު ފަރަންސޭސި ކެޕްޓަން ކިލިއަން އެމްބާޕޭ ކުޅުނު ފުރަތަމަ މެޗަށެވެ. ނަމަވެސް ސްޕެނިޝް ލަލީގާގައި މި ފަހަރު 20 ލަނޑު މިހާތަނަށް ކާމިޔާބު ކުރެވިފައިވީ ނަމަވެސް މި މެޗުގައި އޭނާއަށް މާބޮޑު ވަރެއް ކުރެވޭގޮތެއް ނުވިއެވެ.
މި ދެ ޓީމުގެ މެޗުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އާދިއްތަ ދުވަހު ފަރަންސޭސި ވެރިރަށް ޕެރިހުގައެވެ. ފަރަންސޭސީންނަށް ވަނީ ނޭޝަންސް ލީގުގައި އެ ޓީމު އިދިކޮޅު ޓީމުން އެންމެ ފުރަތަމަ ލަނޑު ޖެހި އެންމެ ފަހު ތިން މެޗުން ވެސް މޮޅުވެވޭގޮތް ނުވެފައެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދަން ބޭނުންނަމަ ފަރަންސޭސި ޓީމަށް ޖެހޭނީ އަމިއްލަ ޤައުމުގައި ކުޅޭ މެޗު ތިން ލަނޑުގެ ތަފާތުން ކާމިޔާބު ކުރާށެވެ.
މި މުބާރާތުގެ ލީގު އޭ އާއި ބީގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ތުރުކީޔޭ އާއި ހަންގޭރީ ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ތުރުކީޔޭއެވެ. ލީގު އޭގެ ގްރޫޕް ތިނެއްގެ ތިންވަނައަށް ދިޔަ ހަންގޭރީ އާއި ލީގު ބީގެ ގްރޫޕް ފޯގެ ދެވަނައަށް ދިޔަ ތުރުކީޔޭގެ މެޗުގައި ކުޅޭ މިޕްލޭ އޮފް ކާމިޔާބު ކުރާ ޓީމެއް ލީގު އޭއަށް ކޮލިފައިވެގެން ދާނެއެވެ. އަދި ބަލިވާ ޓީމެއް ލީގު ބީއަށް ރެލިގޭޓް ވެގެންދާނެއެވެ.