ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަޕާން

މި އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަޕާން ވެއްޖެއެވެ.

މި މުބާރާތަށް ޖަޕާން ކޮލިފައިވެފައިވަނީ އޭޝިއާގައި ކުޅެމުންދާ ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ގްރޫޕް ސީގައި އަމިއްލަ ޤައުމުގައި ބަހްރެއިން އާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ޖަޕާންގެ ސައިޓާމާގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަޕާންއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަޕާން އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިންގްލިޝް ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދާ ޑައިޗީ ކަމާޑާއެވެ. އަދި ދެވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއެޑާޑްއަށް ކުޅެމުންދާ ޓަކެފޫސާ ކޫބޯއެވެ.

މި ކާމިޔާބީއާއެކު ޖަޕާން މިހާރު އުޅެނީ ގްރޫޕް ސީގައި ހަތް މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޖަޕާންއިން ވޯލްޑް ކަޕަށް ކޮލިފައިވެފައިމިވަނީ ބާކީ ތިންމެޗު އޮއްވައެވެ.

ކެނެޑާ އާއި މެކްސިކޯ އަދި އެމެރިކާގައި މުބާރާތް ބާއްވާތީ މިތިން ޤައުމަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުވެފައިވީ ނަމަވެސް ޖަޕާން ވެފައިވަނީ ކޮލިފައިން ކުލެގެން އެ މުބާރާތުން ޖާގަހޯދި ފުރަތަމަ ޓީމަށެވެ. މި އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާ 48 ޓީމުގެ ތެރެއިން އޭޝިއަން ފުޓްބޯލް ކޮންފަޑަރޭޝަންއަށް ވަނީ އަށް ޖާގަ ލިބޭގޮތަށް ހަމަޖެހިފައެވެ. އަދި އިތުރު އެއް ޖާގަ އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފް ކުޅެގެން ލިބުމުގެ ފުރުސަތު އެބައޮތެވެ. އޭޝިއާގެ ކޮލިފައިންގައި 18 ޓީމެއް ވަނީ ތިންވަނަ ބުރުގައި ތިން ގްރޫޕަކަށް ބަހާލާ، ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމެއް ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުން ތިންވަނަ އަދި ހަތަރު ވަނައަށްދާ ދެ ޓީމު ހަތަރު ވަނަ ބުރަކަށް ގޮސް ބާކީ އޮތް ޖާގަތަކަށް ވާދަކުރާށެވެ.

ޖަޕާން ވަނީ އެންމެ ފަހުން ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކާ ފަހު 16 ޓީމުގެ ބުރުން ޖާގަހޯދައިފައެވެ. ޖަޕާން މުބާރާތުން ކެޓީ ކްރޮއޭޝިއާ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ކޮލިފައިންގެ ދެވަނަ ބުރުގައި އެ ޓީމު ކުޅުނު ހަ މެޗުން މޮޅުވެފައިވާއިރު ތިންވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށް އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިގްރޫޕްގެ ދެވަނައިގައި އުޅޭ އޮސްޓްރޭލިއާ އުޅެނީ 10 ޕޮއިންޓްގައެވެ.

މި ގްރޫޕްގައި އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ ބައްދަލުކުރި މެޗު ފަސް ލަނޑު އެއް ލަނޑުން އޮސްޓްރޭލިއާ ކާމިޔާބު ކުރިއިރު ސައުދީ އަރަބިއާ އާއި ޗައިނާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސައުދީ އަރަބިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު