ފޯނު ބާއްވަމުން އަޒްލަފްއަށް ބުނާނެ އެއްޗެއް ނޭނގުމުން ހިމޭންކަން އިޚްތިޔާރުކުރެވުނެވެ.

އަޒްލަފްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އަސަރުތަކުގެ ސަބަބުން، ނަޖީބާއި ރިސާމާއަށްވެސް އަޒްލަފް އެ ދައްކަނީ ކޮން މައުވާއެއްގެ ވާހަކަކަން އެނގުނެވެ. ހިނދުކޮޅަކަށް ހިމޭންވެފައި އަޒްލަފް އެއްޗެއް ބުނޭތޯ އެ ދެމީހުން މަޑުކޮށްލީ އެހެންވެގެންނެވެ. އެހެންނަމަވެސް އަޒްލަފް އެއްޗެއް ނުބުނުމުން ފުރަތަމަ ސުވާލުކޮށްލީ ރިސާމާއެވެ.

"އެއީ އެ މައުވާތަ؟" އޭނާ އަހައިލިއެވެ. ރިސާމާ ނަޖީބަށް އަވަސް ނަޒަރެއް ދިންއިރު، ނަޖީބުވެސް އިނީ އަޒްލަފްގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"ޔެސް މަންމާ…. އެއީ…… މައުވާއަކީ އަޅުގަނޑުގެ ޕޭޝަންޓެއް." އަޒްލަފް ހުރީ އެ ވާހަކަ ކޮންމެހެން ނަޖީބާއި ރިސާމާއަށް ސިއްރުކުރާކަށް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކަ ދައްކާނެ ރަނގަޅު ފުރުސަތެއް ނުލިބުމުން ސިއްރުކޮށްގެން ހުރެވުނީއެވެ. އަދިވެސް އަފްނާންއާއި މަންމަމެންގެ ދެމެދު ނުތަނަވަސްކަން ވާތީއާވެސް އެކުގައެވެ. އަނެއްކާ އެކަމުގެ ސަބަބުން އިތުރު ނުތަނަވަސްކަމެއް އުފެދެން ބޭނުންނުވީތީއެވެ. އެ ވާހަކަ ދައްކާނެ ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓާ، ވިސްނާ ނުލެވި ބުނެވުނު އެއްޗެއްގެ ސަބަބުން ހަޤީގަތް ހާމަވުމާއެކު އޭނާ ނުތަނަވަސްވިއެވެ. ނަޖީބުމެން ހިތްހަަމަނުޖެހިދާނެތީ، އޭނާ ކުޑަކޮށް ހާސްވެސް ވިއެވެ.

"ދަރިފުޅާ... ކީއްވެ ތިކަންތައް ސިއްރުކުރީ؟" އަޒްލަފްއަށް ނަޖީބުގެ ސުވާލު އަމާޒުވިއެވެ. "ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދީ."

އިތުރަށް އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާކަމެއް ކިޔައިދނުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އަޒްލަފްއަށް ވިސްނުމާއެކު އޭނާ ހުރިހާ ވާހަކައެއް ނަޖީބަށް ކިޔައިދިނެވެ. އަފްނާން މައުވާ ކައިރިއަށް ގޮސްހުއްޓާ ފެނުނު ވާހަކަވެސް އޭނާއަށް ޖެހުނީ ހާމަކޮށްލާށެވެ. އަދި އޭގެފަހުން އޭނާ އަފްނާންއަށް ވިސްނައިދޭން މަސައްކަތްކުރި ވާހަކަ ވެސް މެއެވެ.

"އެހެންވީމަ އޭގެފަހުން ދޯ އެހާ ބޮޑު ބަދަލެއް އަފޫއަށް އައީ؟ ކޮޓަރިންވެސް އޭނާ ނުނިކުންނަނީއޭ." ރިސާމާއަށް ބުނެވުނެވެ. އަފްނާންއަށް އައި ބަދަލުތަކާ މެދު އޭނާއަށް ވިސްނާލެވުމާއެކު، އެ ބަދަލުތަކުގެ ސަބަބުވެސް ފަހުމްވެއްޖެއެވެ. އަޒްލަފްގެ ވާހަކައިން ނަޖީބަށްވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކު ވިސްނުމެއްގައި އިނުމަށްފަހު، އޭނާ އަޒްލަފްއަށް ބަލައިލިއިރު އެމޫނުމަތީގައިވަނީ ކަމެއް އެނގެން ބޭނުންވެފައި ހުރި ފަދަ އަސަރުތަކެކެވެ.

"އެ އަންހެން ކުއްޖާ ކިހިނެއް މިހާރު؟" ނަޖީބު މައުވާގެ ޙާލު އޮޅުން ފިލުވަން ބޭނުންވިއެވެ.

"އިރާދުކުރެއްވީތީ މިހާރު ވަރަށް ރަނގަޅު. އިތުރު މައްސަލައެއް ނެތިއްޔާ ޑިސްޗާރޖްކޮށްލަންވެގެން އެ ވާހަކަ މި ދައްކަނީ. މައްސަލައަކީ ދޭތެރެ ދޭތެރިން މިހާރަކަށް އައިސް ހުން އަންނާތީ." އަޒްލަފް ހާމަކޮށްލިއެވެ. އޭނާ ނަޖީބަށް ބަލައިލިއެވެ.

"މައިންބަފައިން ރަނގަޅުތަ؟" ނަޖީބު ދެވަނަ ސުވާލެއްކޮށްލިއެވެ. އެއާއެކު އަޒްލަފްއަށް ވިސްނާލެވުނެވެ.

"މައުވާގެ ބައްޕަ ވަނީ ނިޔާވެފަ. މަންމަ އެކަނި ހުރީ." އެހެން ބުނެލުމަށްފަހު، އަޒްލަފް ހުރިހާވާހަކައެއް ކިޔައިދިނެވެ. މައުވާ އެ ޙާލުގައި އޮތް އިރު، ރާމިޒާއާއި ވަސީމް އުޅުނު ގޮތެވެ. ޒުވާން ދަރިފުޅަށް ޓަކައި ކަރުނަ އޮހޮރުވި ވަރެވެ. އަދި ހިތާމަކުރިވަރެވެ.

"މައުވާގެ ބައްޕަ ވަސީމްއަކީ، ހިތުގެ ބަލިމީހެއް. ކުއްލިމަރެއް ނަމަވެސް، ހީވަނީ އެކަމާ ގުޅުމެއް ވެދާނެހެން." އަޒްލަފް އިތުރަށް އޮޅުން ފިލުވައިލަދިނެވެ.

އެ ހުރިހާ ވާހަކައެއް އަޑު އަހަން އިން ނަޖީބާ ރިސާމާއަށް އިތުރަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އެހެން ތިއްބާ އެ މާހައުލުގެ ހިމޭންކަން ފޫއަޅުވައިލީ އާއިން އެވެ. އޭނާ ބަނޑުހައިވެއޭ ކިޔަން ފެށުމުން ރިސާމާ ހިނގާށޭ ބުނެފައި ބަދިގެއާ ދިމާލަށް އާއިން ގޮވައިގެން މިސްރާބުޖެހިއެވެ. އެއާއެކު ނަޖީބާ އަޒްލަފްއާ ދެމީހުން އެތަނުގައި އެކަނިވިއެވެ.

"އަފޫ އޭގެ ފަހުން އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދެއްކިތަ އަޒްލަފް ކައިރީގަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ނަޖީބު އަޒްލަފްއާ ސުވާލުކޮށްލިއެވެ.

"ނޫން. އެއްވެސް ވާހަކައެއް ނުދައްކާ." އަޒްލަފް ހާމަކޮށްލިއެވެ. އެއާއެކު ނަޖީބުވެސް ބޯ ޖަހާލަމުން އިތުރު ސުވާލެއް ނުކުރެއެވެ.

*****

ޔުނިވާސިޓީގެ ލައިބްރަރީ ތެރެއެވެ. ބިއްލޫރިޖަހާ ވަކިކޮށްފައި ހުރި ކުޑަ ރޫމެއްގެ ތެރޭގައި، މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބި އަފްނާންއާ ޔޫޝައުއާ ދެމީހުން ތިބީ އެކަކު އަނެކަކާ ކުރިމަތިވާ ގޮތަށެވެ. ދަބަސް މޭޒުގެ އެއްފަރާތުގައި އަޅުވާލާފައި ހުރިއިރު މޭޒުމަތީގައި ލައްޕާލާފައި ދެ ފޮތް އޮތެވެ. އެކަކު އަނެކަކާ ނަޒަރު ސީދާކޮށްލައިގެން ތިބިއިރު، ދެ މީހުންގެ މޫނުމަތީގައިވެސް ވަނީ ރުޅިވެރި އަސަރުތަކެކެވެ. އަފްނާންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. މުށްކަވާލާފައި އޮތް އަތް މޭޒުމަތީގައި ބާއްވާލެވިފައިވާއިރު އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ. އަފްނާންގެ ހަނދާނަށް އަންނަން ފެށީ، މައުވާގެ ކައިރީގައި އެ ދުވަހު ހޮސްޕިޓަލު ތެރޭގައި ޔޫޝައު ބުނެލި ވާހަކަތަކެވެ. އެޖުމްލަތައް އަދިވެސް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ. މައުވާ ދެކެ ލޯބިވާކަމަށް ޔޫޝައު އެއްބަސްވި ހިނދުން ފެށިގެން އަފްނާންގެ ހިތަށް ވަނީ ނުބައި ގޮތެއް ވެފައެވެ. އޭނާގެ ހިތުގައި އުފެދުނު ނުތަނަވަސްކަމުގެ މައްޗަށް ގަދަވެގަތީ ރުޅިވެރިކަމުގެ އަސަރެވެ. އެހާ ވަރަށް ނުރުހިފައި އެ އިން ސަބަބަކީވެސް އެއީއެވެ. އެ ދުވަހު ޔޫޝައުގެ މޫނުމަތީން އޭނާއަށް ފެނުނު އަސަރުތަކުގެ ސަބަބުން އެއީ ދޮގެއް ނޫނޭ އަމިއްލަ ހިތް ދިޔައީ އޭނާގެ ގާތުގައި ބުނަމުންނެވެ.

އަފްނާންއަށް ބަލަހައްޓައިގެން ޔޫޝައު ހަޝަމަށް އަތް އަރުވާލައިގެން ކަހަލަގޮތަކަށް އިންއިރު، އޭނާގެ މޫނުމަތީން ފެންނަނީ އަފްނާންއެކޭ ދާދި އެއްގޮތް އަސަރުތަކެކެވެ. އަފްނާން އޭނާއާ ނަޒަރު ވަކިކޮށްނުލުމުން، ފުންނޭވާއެއް ދޫކޮށްލާފައި، ޔޫޝައު ދުރުބަލައިލިއެވެ. އަފްނާންއާ ކުރިމަތިލާން ކިތަންމެ ބޭނުން ނޫނަސް، މިވަގުތު އިތުރު ގޮތެއްވެސް ނެތެވެ.

"ކަލޭ އަކަށް މައުވާ ދެކެ ލޯބިވުމުގެ ހައްޤެއް ނޯންނާނެ." ޔޫޝައު އޭނާއާ ނަޒަރު ވަކިކޮށްލިތަން ފެނި، ދަތްކުނޑި ވިކާލައިގެން އިނދެ އަފްނާން ބުނެލިއެވެ. އޭނާ ހީވަނީ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން ދަތިވެފައިވާ މީހެއް ހެންނެވެ.

"ދެން އެ ހައްޤު އޮތީ ކަލެއަށްތަ؟ ހައްޤު އޮތްލެއް ބޮޑުކަމުން ދޯ އެގޮތަށް ކަންތައްކޮށްފަ ރާއްޖޭން ވެސް ދިޔައީ؟" ޔޫޝައު ވެސް ހަމަ އެއިން ގޮތަށް އިނދެ ވާހަކަ ދެއްކިއެވެ. އަފްނާން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ އޭނާ ވަކި އަފްނާންއަށް ދޫކުރާނެ ކަމަށްހެއްޔެވެ؟ އަފްނާން ބުނާ ކޮންމެ އެއްޗަކަށް ދޭނެ ރައްދު އޭނާގެ އަތުގައިވެސް އެބަ އޮތެވެ.

ޔޫޝައުގެ އެ ސުވާލާއެކު، އަފްނާންގެ ހިތަށް ތަދު ވިނަމަވެސް، ޔޫޝައުގެ ކުރިމަތީގައި ބަލިކަށިކަން ދައްކަން ބޭނުންނުވާ ޙާލު އޭނާ ގޮށްމުށްކަވާފައި އޮތް އަތުން މޭޒުމަތީގައި ޖެހިއެވެ. ހިތާމަޔާއި ހިތްދަތިކަމުގެ އަސަރުތައް ޔޫޝައުއަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

"މަ ބިރުގަންނާނެކަމަށްތަ ތިއުޅެނީ؟" ޔޫޝައު ހީވަނީ އަފްނާން އިތުރަށް ރުޅިއަރުވަން ބޭނުންވެގެން އުޅޭހެންނެވެ. "މައުވާ ކަލޭ ދެކެ ވީ ލޯބީގެ އަގު ވަޒަން ނުކުރީ އަހަރެންތަ؟ ލަދެއް ނުގަނޭތަ ދެވަނަ ފަހަރަށް މައުވާގެ ގާތުން ފުރުސަތަކަށް އެދޭކަށް. ކަލޭގެ ސަބަބުން އޭނަގެ ދިރިއުޅުމުން ދެ އަހަރު ގެއްލުނީ. ކަލޭ އެކަން އެގޮތަށް ނުކުރިނަމަ، އެރޭ އޭނާ އެހާ ފަރުވާ ކުޑަކޮށް މަގު ހުރަހެއް ނުކުރާނެ. ހާދަވަަރަކަށް އޭނަ ރުޔޭ. ހާދަ ވޭނެއްގައޭ އެ އޭނަ ޙާލުގައި އޮތީ...... ދެ އަހަރު ވީއިރު މައުވާގެ ޙާލު ބަލައިލަން ނައީވެސް ކަލޭ މައުވާ ދެކެ ލޯބިވާތީތަ؟ މިހާރު ކީއްކުރަން މާ ލޯބިވާ މީހަކަށް ވެގެން ތިއުޅެނީ؟ އަނެއްކާވެސް ބޭނުންވަނީ މައުވާގެ އިޙްސާސްތަކާ ކުޅެންތަ؟ "

ޔޫޝައުގެ ވާހަކަތަކުން އަފްނާންގެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވިއެވެ. އޭނާގެ ހިތަށް ވީ ތަދު މޫނުމަތީގެ އަސަރުތަކުން ހާމަވާން ފެށުމުން ދެންވެސް ރުޅިވެރި އަސަރުތަކުން އެކަންތައް ފޮރުވުމަށް އަފްނާން މަސައްކަތްކުރިއެވެ. އެއްޗެއް ނުބުނެ އޭނާ އިނދެފައި ކުއްލިއަކަށް ދަބަސް ހިފައިގެން ތެދުވަން އުޅުނެވެ. އެވަގުތަށް އެކަނިވެލަން ބޭނުންވުމުންނެވެ. އަދި އޭނާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރުތައް ޔޫޝައުއަށް ދައްކަން ބޭނުން ނުވުމުންނެވެ.

"ހަނދާންކުރައްޗޭ އިނގޭ ދެން މަ ހިމޭނުން ނުހުންނާނެކަން." ޔޫޝައު ހީވީ އަފްނާންއަށް އިންޒާރެއް ދިންހެންނެވެ. "މަށާ ކަލޭގެ ތަފާތު އިނގޭތަ؟"

ޔޫޝައުގެ ސުވާލާއެކު އަފްނާންގެ ހަރަކާތް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަ ވެސް މިފަހަރު ޔޫޝައުގެ މޫނުމަތީން ފެނުނު އަސަރާއެކުވެސް އޭނާ އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. ރުޅިއައިސް ޔޫޝައުގެ ގަޔަށް އަތް އިސްކުރާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ސަބަބުން މައިންބަފައިން ލަދުގަންނަން ޖެހޭ ވަރުކަމެއް ދެވަނަ ފަހަރަށް ކުރާކަށް އަމިއްލަ ނަފްސަށް ފުރުސަތު ދޭކަށް އަފްނާން ބޭނުމެއް ނޫނެވެ.

"ދަނީތަ؟ އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ. " ގޮނޑިން ތެދުވެ ދާންވެގެން ފަސް އެނބުރުނު އަފްނާންއާ ޔޫޝައު ވާހަކަ ދެއްކީވެސް އެއިން ގޮތަށް އިނދެއެވެ. އަފްނާންގެ މޫނުމަތި މިލައިގެންދިޔަ މަންޒަރު ރީއްޗަށް އޭނާއަށް ފެނުނެވެ. އަދި ރުޅިވެރިކަމުން އެ މާޔޫސީ އަސަރުތައް ފޮރުވަން މަސައްކަތްކުރިތަންވެސް މެއެވެ.

އަފްނާން އެނބުރިލާ ޔޫޝައުއާ ކުރިމަތިލިއެވެ.

"އަހަރެން އަބަދުވެސް މައުވާއަށް އިޚްތިރާމްކުރަން. އަހަރެން މައުވާ ދެކެ ލޯބިވީވެސް އިއްޔެއަކު މިއަދަކު ނޫން. އަފްނާން މައުވާ ދެކެ ލޯބިވުމުގެ ކުރިންވެސް އަހަރެން މައުވާ ދެކެ ލޯބިވޭ. އެކަމަކު އެ ހުރިހާކަމެއް އަހަރެން ސިއްރުކުރީ މައުވާގެ އުފަލަށް އެދޭތީ. މައުވާގެ ހިތްހަަމަޖެހުމަށް ވިސްނާތީ. އައި ގޭވް ޔޫ އަ ޗާންސް ބްރޯ. ކަލޭގެ ލޯބި ޕްރޫވްކޮށްދޭން ފުރުސަތު ދީފަ މަ ދުރަށް ދިޔައީ. އެކަމަކު ކަލޭ ކުރީކީއް؟ ޔޫ ލެފްޓް ހާރ. އުހުމް. ބޭޒާރުކޮށްލާފަ އެވަރު ނުވެގެން ފިލީ…" ޔޫޝައު ބުންޏެވެ.

އެ އަޑު އަހަން ހުރި އަފްނާންއަށް އިތުރަށް މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ. އެއާއެކު އޭނާ ބާރު ފިޔަވަޅުތަކެއްގައި ގޮސް ލައިބްރަރީއިން ނުކުތެވެ.

ޔުނިވާސިޓީއިން ނުކުތުމާއެކު ގޮސް ސައިކަލަށް އެރުމަށްފަހު، ގެއަށް ދިޔުމަށް ސައިކަލު ދުއްވާލާފައިވެސް އޭނާ ވިސްނުން އަނބުރައިލިއެވެ. އަފްނާން ދެން މިސްރާބުޖެހީ، ހޮސްޕިޓަލާ ދިމާލަށެވެ. ޔޫޝައުގެ ވާހަކަތަކުން އޭނާ ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. މައުވާ ގެއްލިދާނެތީ ނުތަނަވަސްކަން ދެގުނަވިއެވެ. ހޮސްޕިޓަލާ ހިސާބަށް ގޮސް ސައިކަލު ޕާކުކޮށްލާފައި، ހޮސްޕިޓަލަށް ވަދެގެން ގޮސް ލިފްޓުން މައުވާ އޮންނަ ފަންގިފިލާއަށް އެރިއިރުވެސް މީހާގެ އެތެރެ ހަށީގައި އުފެދުނު ހައިޖާނުގަނޑު މައިތިރިއެއް ނުވިއެވެ. ޖަޒުބާތުގައި ޖެހި ހޮސްޕިޓަލަށް އައުމަކީ ހެދުނު ގޯހެއްކަން ކެނޑިނޭޅި ސިކުނޑިން ވިސްނައިދެމުން ދިޔަނަމެވެސް، އެ އިންޒާރުތަކާ މެދު ވިސްނޭވަރަށް ވުރެ އޭނާގެ ޙާލަތު ގޯހެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އަމިއްލަ އިޙްސާސްތައް މައިތިރިކުރަމުން އޭނާ ހުރިހިސާބުގައި މަޑުޖެހިލުމަށްފަހު، ފާރުގައި ލެނގިލިއެވެ. އޭނާއަށް މިކުރެވެނީ އަދި މުޅިއަކުން ރަނގަޅުކަމެއް ނޫނެވެ. މައުވާއަށް ވަގުތު ދޭން އެބަ ޖެހެއެވެ. ޔޫޝައުގެ ވާހަކަތަކުން ކިތަންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނަސް މައުވާ ގާތަށް ދިޔުމަކީ މިއަދު އޭނާ ކޮށްގެންވާނެކަމެއް ނޫނެވެ. ލޯތްބަށްޓަކައި ލޯތްބާ ދުރުގައި ހުންނަން އޭނާވެސް ދަސްކުރަން އެބަ ޖެހެއެވެ. ލޯބިވާ މީހާގެ ހިތްހަމަޖެހުމަށް ވިސްނަން އެބަ ޖެހެއެވެ. މައުވާ އެވަނީ ސާފު ބަހުން އޭނާގެ ގާތަށް ނައުމަށް ބުނެފައެވެ. ވީއިރު ކިތަންމެ ހިތަށް ތަދުވިނަމަވެސް، އެ ބަހަށް ޤަދަރުކުރަން ދަސްކުރަން އޭނާ އެބަޖެހެއެވެ. މައުވާގެ ބަހަކީ އޭނާއަށް ކިހާ މުހިންމު ބަހެއްކަން މައުވާއަށް އިޙްސާސްކޮށްލަދޭން އެބަ ޖެހެއެވެ. އަފްނާންއަށް އޭނާގެ އަމިއްލަ ޖަޒުބާތުތަކަށް ވުރެ މައުވާގެ އިޙްސާސްތައް މުހިންމުވިއެވެ. އެހިސާބުން މަޑުޖެހެވުނު ސަބަބަކީ އެއީއެވެ.

****

"ގަޑިން ކިހާ އިރެއް މަންމާ؟" ރޫމުގައި އޮތް މައުވާ ރާމިޒާއާ ސުވާލުކޮށްލިއެވެ.

"ތިނެއް ޖަހާ ބޮޑުވެއްޖެ.." ގަޑިއަށް ބަލަައިލުމާއެކު ރާމިޒާ ބުނެލިއެވެ.

"މިހާރު އަންނާނެ ކަންނޭނގެދޯ. މިއަދު ހާދަ ލަސްވެއްޖެޔޭ. އެހެން ނޫނީ ފަނަރަ މިނެޓް ކުރިން އަންނާނެ. " މައުވާ ބުނެލިއެވެ. އިރުކޮޅެއް ނުވެ ރޫމުގެ ދޮރު ހުޅުވާލާފަައި ވޯރޑް ބޯއީ އެތެރެއަށް ވަނެވެ. އެއާއެކު މައުވާ ގޮނޑީގަައި އިށީނުމަށް ރާމިޒާ އެހީތެރިވެދިނެވެ.

"މަންމަ އޯކޭ ނަޔަސް. " މައުވާ ބުނެލިއެވެ. ރާމިޒާ އެއްބަސްވީ މައުވާ އާއެކު ގޮސްވެސް އޭނާ އިންނަން ޖެހޭނީ ބޭރުގައި ކަމަށް ވާތީއެވެ.

ވޯރޑް ބޯއީ އާއި ނަރުސް ކުއްޖާއާ ދެމީހުން މައުވާ ގޮވައިގެން ގޮސް ކޮޓަރި ދޮރު ލައްޕައިލުމުން ރާމިޒާ މައުވާ އޮންނަ އެނދު ކުޑަކޮށް ރީތިކޮށްލާ ރޫތައް ފިލުވައިލިއެވެ. ރޫމުން ނުކުތުމަށްފަހު، ނަރުސް ކުއްޖާ އަދި މަޑުކޮށްލާށޭ ބުނެފައި ނަރުހުންގެ ޖަގަހައާ ދިމާލަށް ހިނގައިގަތީ ފައިލަށް ބަލައިލިއިރު ކުރީގެ ލިޔުމެއް ނެތުމުންނެވެ.

އެވަގުތު މައުވާވެސް އެއްލި ކަޅިއާއެކު އެއްފަރާތު ގޮނޑި ބަރީގައި އިން އަފްނާން ލޮލުގައި އަޅައިގަނެއްޖެއެވެ. އެއާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އަފްނާން އިނީ އިސްޖަހާލައިގެންނެވެ. ހަރަކާތެއް ވެސް ނުކޮށެވެ. އެ މަންޒަރުން އޭނާގެ ހިތަށް ތަދުވިއެވެ. މައުވާއަށް އަފްނާންއާ ދިމާލަށް ބަލައިލި ގޮތަށް ނަޒަރު އެހެން ދިމާލަކަށް އަނބުރާލާކަށްވެސް ނޭނގުނެވެ.

އެހެން އިނދެފައި އަފްނާން އިސް އުފުލައިލި ވަގުތު، ތަންކޮޅެއް ދުރުން ނަމަވެސް، ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެ ހިނދު އަފްނާންއަށް ވެސް އެހެން ދިމާލަކަށް ނަޒަރު އަނބުރާލުމަކީ ނާދިރުކަމަކަށް ވެއްޖެއެވެ. މައުވާއަށް ބަލަހައްޓައިގެން އޭނާއަށް ވެސް އިނދެވުނީއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު