އޭނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަރީޝް ފޯނު ބޭއްވީ ފަހުން ގުޅާނެކަމަށް ބުނެފައެވެ.

އަރީޝް ގެ އެ އަމަލުން އޭނާ އިތުރަށް ޒައުލްއާ ވާހަކަ ދައްކަން ބޭނުންނުވާކަން ޚުދު ޒައުލްއަށް ވެސް އެނގުނެވެ.
ފުންނޭވާއެއް ލަމުން ޒައުލް ދުޢާކޮށްލީ އެކުވެރިޔާއަށްވެސް ތެދުމަގު ދެއްކެވުމަށް އެދިއެވެ. އަނދިރިކަމުގެ ތެރެއިން އަލިކަން އޭނާއަށް ދެއްކެވި ފަދައިން އެކުވެރިޔާއަށް ވެސް ދައްކަވާތޯއެވެ. ތެދުމަގު ދެއްކެވުން ވަނީ ﷲ އަށެވެ. އެކަލާނގެ އިރާދަކުރައްވައިފި މީހަކަށް ހީވެސް ނުކުރާ ގޮތްގޮތުން އެކަލާނގެ ތެދުމަގު ދައްކަވައެވެ. އޭނާއަކީވެސް އޭގެ ތެރެއިން އެކަކެވެ. ކުރިން އުޅުނު ދިރިއުޅުން ދޫކޮށްލާފައި ހެޔޮމަގަށް ރުޖޫޢަ ވެދާނެޔޭ ޚުދު އޭނާގެ ހިތަށް ވެސް އޭރަކު ނާރައެވެ. ސަބަބަކީ އޭރު އޭނާގެ ހިތްވެސް ވަނީ އެހާވަރަށް ކިލަނބުވެފައެއެވެ. އެ ސިކުނޑިވީ ޣައިރު މުސްލިމުންގެ ވާހަކަތަކަށް ހެއްލިފައެވެ. ހެވާ ނުބައި ވަކިނުވާނޭ މިންވަރަށެވެ.
އަނެއްކާވެސް ރެއިލިންގައި އަތް އަޅުވާލަމުން ޒައުލް އުޑުމައްޗަށް ބަލައިލިއެވެ. އެ ގޮތުގައި އޭނާ އެތަކެއް އިރަކު އޭނާ ހުއްޓެވެ. ހަޔާތުގެ ދަތުރުގައި އޭނާއަށް ދިމާވި ކަންތައްތަކާއި، އެ ކަމުން ލިބުނު ޢިބުރަތްތަކާމެދު ވިސްނުމުގައެވެ. ދީނާއި ދިރިއުޅުމާ މެދު ފިކުރު ހިންގުމުގައެވެ. އެހެން ހުރިއިރު އޭނާއަށް ސާރާގެ ހަނދާންތައް އާވާން ފެށިއެވެ. އޭނާ ހީކުރީ ސާރާ ނިޔާވުމާއެކު އޭނާގެ މުޅި ދިރިއުޅުން ހުއްޓުނީކަމުގައެވެ. ސާރާ ނޫން މީހަކު އޭނާއަށް ދުވަހަކުވެސް ކަމުނުދާނެކަމުގައެވެ. އެހެންނަމަވެސް ރާއްޖެ އައިސް ޙަޔާއާ ދިމާވެ އެކަންތައްތައް މަޑުމަޑުން ބަދަލުވާން ފެށީއެވެ. އެންމެ ފުރަތަމަ ޙަޔާއާ މެދު އެގޮތަށް ދެކެވެން ފެށުމާއެކު ޒައުލް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިވެސް ކުރިއެވެ. ސާރާއަށް ބޭވަފާތެރިވެވެނީ އޭ އޭނާއަށް ހީވާތީއެވެ. އެހެންނަމަވެސް ދުވަހެއް ދުވަހަކަށް ފުންވަމުން ދިޔަ އިޙްސާސްތަކާއެކު ހަޔާތުގެ ބައިވެރިއަކަށް އެހެން މީހަކު ގެނައުމަކީ އަދި ގޯހެއް ނޫންކަމުގައި ޒައުލްއަށް ވިސްނުނީއެވެ.
ދިރިއުޅުމުގައި އެއްވެސް މީހަކީ އަބަދު އެއް ހިސާބެއްގައި ހުއްޓި ހުރެވޭނެ މީހެއް ނޫނެވެ. މާޒީގެ ފަސްބައިގައި ހިފާ އެލިގަނެގެން އުޅުމުގެ ބަދަލުގައި މުސްތަޤްބަލާމެދު ފޮނި އުންމީދުތަކެއް ކުރުމުގެ ހުވަފެން ހަމަ ކޮންމެ މީހަކަށް ވެސް ދެކުމުގެ ފުރުސަތު އެބަ އޮތެވެ. މަރަކީ އަހަރެމެން ކޮންމެ މީހަކުމެ އެއެއްޗަކާ ކުރިމަތިލާން ޖެހޭނެ އެއްޗެކެވެ. މީހަކު މަރުވެއްޖެނަމަ ދިރިތިބީންނަށް ކުރެވޭނެ ކަމަކީ މަރުވި މީހާއަށް ހެޔޮ ދުޢާކުރުމެވެ.
*****
އެނދުގައި އޮށޯވެލައިގެން އޮތް ހައިޝަމް ވިސްނަމުން ދިޔައީ ނައުފާއާ މެދު ގައެވެ. ނައުފާމެން ގެއަށް ދާނެ ގޮތަކާ މެދުގައެވެ. ޖެހިލުންވަނީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެ ފުރުސަތު އަދިވެސް ފަހިނުވާތީ އެކަމުގައި އޭނާ މާޔޫސްވާގޮތްވި ނަމަވެސް، ދެވަނަ ސިކުންތުގައި އިޙްސާސްތައް ހަމައަކަށް އަޅުވައިލަމުން ﷲ އަށް އިތުބާރުކުރުމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްލަދިނެވެ. އޭނާގެ އެ އެދުމުގައި އޭނާއަށް ހެވެއްވާނަމަ އެކަމެއް މަގުފަހި ކޮށްދެއްވުމަށާއި، އަދި އެކަމުގައި ހެވެއް ނުވާނަމަ އޭނާގެ ހިތުގައި އުފެދިފައިވާ އިޙްސާސްތައް ފިއްލެވުމަށް އެދި އޭނާ ދުޢާކުރިއެވެ. ހައިޝަމްއަށް އޭނާ ކުރި ދުޢާގެ ޖަވާބު ލިބުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ހައިޝަމްމެންނަށް މާލޭގެ ގެއެއް ކުރަހާ އިމާރާތްކުރުމުގެ މަސައްކަތެއް ލިބުނެވެ. އެމީހުން ހުށައެޅި ޕްރޮޕޯސަލް ރަނގަޅުވުމާއެކު، އެ ޕްރޮޖެކްޓް ނެގުމަށްފަހު އިސްވެ ހަރަކާތްތެރިވާގޮތަށް ނިންމީ ހައިޝަމްއެވެ. ވެރިފަރާތާއެކު، އިމާރާތް އަޅާ ބިން ބަލަން ދިޔައިރުވެސް ހައިޝަމް ދިޔައެވެ. އެ ބިމުގެ ވެރި ފަރާތަކީ، އަފްޒަލް ކިޔާ މީހެކެވެ. އަފްޒަލްގެ އުމުރުން ތިރީސް ފަސް އަހަރުވެފައިވާއިރު، އޭނާގެ އެ ހުންނަ މަޑުމައިތިރި މިޒާޖުގެ ސަބަބުން، ހައިޝަމްއާ އޭނާ އެކުވެރިވެ ގާތްކަމެއް އެ ދެމެދުގައި އުފެދުނީ އެދެމީހުންގެ ވިސްނުންވެސް އެއްގޮތްކަމުންނެވެ.
އަފްޒަލްގެ އެދުމަށް އެ ބިން ބެލުމަށްފަހު، އިމާރާތް އެޅުމަށް ކުރެހުން ވެސް ކުރެހީ ހައިޝަމްއެވެ. އަދި ޒައުލްގެ ޚިޔާލެއްވެސް އޭނާ އެކަމުގައި ހޯދިއެވެ. ހައިޝަމްގެ މަސައްކަތަށް ތަޢުރީފުގެ ބަހެއް ނޫނީ ޒައުލްގެ އަތުގައިވެސް ނެތީ އެ މަސައްކަތް ހައިޝަމް ކޮށްފައިވާލެއް ފުރިހަމަކަމުންނެވެ.
ކުރަން ހުރި ހުރިހާކަމެއް ކޮށް ނިންމާލާފައި، މަސައްކަތް ކުރިއަށް ދާނެގޮތް ކިޔައިދިނުމަށްޓަކާ ހައިޝަމް އަފްޒަލްއަށް އޮފީހަށް އައުމަށް ދަޢުވަތު ދިނެވެ. ވީ އެންމެ އަވަހަކަށް އެ ގެ ނިންމަން ބޭނުންވެފައި ހުރި އަފްޒަލްވެސް އެ ހަފްތާގެ ތެރޭގައި އޮފީހަށް އައެވެ.
އަފްޒަލް ގޮވައިގެން ހައިޝަމް މީޓިން ރޫމަށް ދިޔައީ އަފްޒަލްއާ ވާހަކަ ދައްކަމުންނެވެ. އެތެރެއަށް ވަނުމަށްފަހު، އޭނާ އަފްޒަލް ކައިރީގައި ގޮނޑީގައި އިށީންނަން ބުނެލުމަށްފަހު، އިޝާރާތްކޮށްލިއިރު ބޮޑު ކުރެހުމެއް މޭޒުމަތީގައި ފަތުރާލާފައި އޮތެވެ. ފާރުގައި ހަރުކޮށްފައި ހުރި ޓީވީން ވެސް ހުރީ ޕްރެސެންޓޭޝަނެއް އަޅުވާލާފައެވެ. އިށީނދެ ހަމަޖެހިލުމާއެކު، ހައިޝަމް އަފްޒަލްއަށް އެމީހުންގެ ކުރެހުން ދައްކައި އަފްޒަލްގެ ޚިޔާލެއް ހޯދިއެވެ. ހައިޝަމްގެ މަސައްކަތާ މެދު އަފްޒަލް ވަރަށް ހިތްހަމަޖެހުނެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް އޭރުވެސް އެނގޭ ހައިޝަމް ނަމަ ވީ އެންމެ ފުރިހަމައަކަށް މަސައްކަތްކުރާނެކަން. ތީ ހަމަ އަޅުގަނޑުމެންވެސް ބޭނުންވާ ގޮތް. އިތުރު ބަދަލެއް ގެންނާކަށް ބޭނުމެއް ނޫން." އަފްޒަލް ބުނެލިއެވެ. އޭނާ އިނީ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިފައެވެ.
"ކުރާ ކޮންމެ މަސައްކަތެއް ކުރަންވާނީ ފަރުވާ ބަހައްޓައިގެނެއްނޫން ތޯ؟" ހައިޝަމް ބުނެލިއެވެ.
"އާނ. އެކަމަކު އެންމެން އެގޮތަކަށް މަސައްކަތެއް ނުކުރާނެއެއްނު. އޭރުވެސް ނައުފާ ބުންޏޭ ހައިޝަމްގެ ވާހަކަ ބުނީމަ އެންމެ ރަނގަޅުވާނީ ހައިޝަމްއޭ." އަފްޒަލްގެ ދުލުން ނައުފާގެ ނަން ބޭރުވުމާއެކު ހައިޝަމް ހައިރާންވިއެވެ.
"ނައުފާ؟" އޭނާއަށް އަހައިލެވުނެވެ. އެއީ ޔަޤީނުންވެސް އެ އޮފީހުގައި އުޅޭ ނައުފާއޭ ހައިޝަމްގެ ހިތަށް އެރިއެވެ.
"އޯހް. ސޮރީ. ނުބުނެވޭ ދޯ އަދި. ޝީ ވޯކްސް ހިޔައޭ. އެއީ އަޅުގަނޑުގެ ކޮއްކޮ. އޭނަ މިތަން ރިކޮމެންޑްކުރީވެސް." އަފްޒަލް ހައިޝަމްގެ ހައިރާންކަން ފިލުވައިލަދިނެވެ. އަފްޒަލްގެ ވާހަކައިން ހައިޝަމް ހައިރާންވީ ނަމަވެސް، އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
އެގޮތުގައި ވާހަކަ ދައްކަން އިރުކޮޅަކު ދެމީހުން ތިއްބެވެ. ނައުފާގެ އެއްބަނޑު އެއްބަފާގައި ތިން ބޭބެ ތިބޭކަމަށާއި، އޭނާ އަކީ އެންމެ ދޮށީ މީހާކަމަށް އަފްޒަލް ބުންޏެވެ. އަދި ނައުފާއަކީ ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމާއެކު، އެމީހުން ނައުފާ ދެކެ ވަރަށް ލޯބިވާ ވާހަކަ ވެސް ބުންޏެވެ. އެ ވާހަކަތަކުގެ ތެރެއިން ނައުފާގެ ދިރިއުޅުމުގެ ވާހަކަވެސް އަފްޒަލްއަށް ހާމަކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނައުފާ މީގެ ކުރިން ކައިވެނިކުރީ އަނިޔާވެރި މީހަކާކަން، އަފްޒަލް ހާމަ ކޮށްލި، ވަގުތު ހައިޝަމްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އޭނާ ޝަޤުޤުވެރިކަމާއެކު އެ ވާހަކަ އަޑު އަހަން އިންދާ އަފްޒަލް ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އެންމެފަހުން އެ އަނިޔާއަށް ކެތްނުވެގެން ނައުފާ ވަރިވީ އަމިއްލައަށް ކޯޓަށް ގޮސްގެން. އެކަމަކު އެކަމަށްވެސް އާއިލާގެ ގިނަ މީހުންނާ ރައްޓެހިން ބްލޭމްކުރީ ނައުފާއަށް. ކީއްކުރާނީ ދޯ! އެމީހުން ޤަބޫލުކުރަނީ ކޮންމެ ޙާލެއްގައިވެސް އަންހެންކުއްޖާ ކެތްތެރިވާން ޖެހޭނެކަމަށް. އަދި އެވެސް ދަރިއަކު ހުރީތީ…" އަފްޒަލް ބުނެލިއެވެ.
"އަނބިމީހާ ކޮންމެ ކަމެއްގައިވެސް ފިރިމީހާއަށް މީހާއަށް ކިޔަމަންވާން ޖެހޭނެކަމަށް އެންމެންވެސް ކީ. އެކަމަކު ކިހިނެއް އެކަހަލަ މީހަކާ އެކު އުޅޭނީ. ދީނާ ޚިލާފު ކަންތައްތައް ކުރުމަށް ނައުފާ ދެކޮޅު ހަދާ ކޮންމެ ފަހަރަކުވެސް އެހާ ވަރަށް އަނިޔާވެރިވޭ." އަފްޒަލް ދެރަވެފައި އިތުރަށްވެސް ކިޔައިދިނެވެ.
"ކީއްކުރާނީ ދޯ! ތީ ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތް. އަނބިމީހާ، ފިރިމީހާއަށް ކިޔަމަންވާން ޖެހޭނީ ﷲ އަށް އުރެދުން ނުވާ ކަންތައްތަކުގައި." ހައިޝަމް ބުނެލިއެވެ. "ހަޤީގަތުގައި ގިނަ މީހުންނަށް ނޭނގެނީ އަންހެނުންނަށް އިސްލާމް ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމާ ޢިއްޒަތް. އަހަރެމެން ފިރިހެނުންނަކީ އަންހެނުން ހިޔާމަތްތެރިކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް. ފަހަރެއްގައިވެސް އެމީހުންނަށް އަނިޔާވެރިވާން ޖެހޭ ބައެއް ނޫން."
އަޒްލަފްގެ ވާހަކަތައް އަޑުއިވުމުން ނައުފާއާ ދޭތެރޭ މާ ބޮޑަށް ވިސްނެން ހައިޝަމްއަށް ފެށުނެވެ. އަދި ނައުފާއަށް ދެވުނު ޤަދަރު އެތަކެއް ތަނެއް އޭނާގެ ހިތުގައި އުފުލުނެވެ. ރާއްޖޭގައި ވެސް އަނިޔާ ތަޙައްމަލްކުރާ އެތަކެއް ބަޔަކު އުޅޭކަން އޭނާއަށް އެނގެއެވެ. ދަރީންނަށްޓަކާ ނުވަތަ މުޖުތަމައުގެ މީހުންގެ ވިހަ ގަދަ ދޫތަކުން ސަލާމަތްވުމަށްޓަކައި އެކަން ސިއްރުކޮށްގެން އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. އިތުރު ގޮތެއް ނެތޭ ކިޔާފައި ދަރީންގެ ހައްޤުގައޭ ކިޔާފައި އަނިޔާއަށް ކެތްކޮށްގެން އުޅޭ އަންހެނުންވެސް އެހާ ބައިވަރެވެ. އެހެންނަމަވެސް، އެއީ އެކަންތައް އޮންނަން ޖެހޭނެ ގޮތެއް ނޫނެވެ. އެއްވެސް މީހަކަށް އަނެކާއާ މެދު އަނިޔާވެރިވުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ. އެއީ ފިރިމީހާ ނަމަވެސް މެއެވެ. ހައިޝަމް ނައުފާއާ މެދު ފަޚުރުވެރިވިއެވެ. ނައުފާ އެ ނެގި ފިޔަވަޅަކީ ވަރަށް ހިތްވަރު ގަދަ އަންހެނަކަށް ނޫނީ ނެގޭނެ ފިޔަވަޅެއް ނޫނެވެ. އަދި އެވެސް ދަރިއަކު ހުއްޓައެވެ. ނައުފާ އަކީ ހިތްވަރުގަދަ އަންހެނެއްގެ ގޮތުގައި އޭނާއަށް ސިފަވެގެން ދިޔައީ ވެސް އެ ސަބަބުތަކުގެ ސަބަބުންނެވެ.
އެގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ހައިޝަމްއާއި އަފްޒަލްއާ ދެމެދު އުފެދުނު ގާތްކަމަށްފަހު، ހައިޝަމް ނައުފާއާ ކައިވެނިކުރުމަށް އެދުނީ އަފްޒަލްއާއެކު އެގެއަށް ގޮހެވެ. ވާހަކަ ދެކެވުނީ ނައުފާގެ މައިންބަފައިންގެވެސް ކުރިމަތީގައެވެ.
ސޯފާތަކުގައި އިށީނދެ ހަމަޖެހިލުމަށްފަހު، ހައިޝަމް އަފްޒަލްއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. އެއާއެކު އަފްޒަލް ބޯ ޖަހައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ފަދައަކުންނެވެ. އެންމެން އޭނާގެ ކުރިމަތީގައި ތިބުމުން، ހައިޝަމް ޖެހިލުންވެ ނުތަނަވަސްވި ނަމަވެސް، އޭނާ އެއައި ބޭނުން ހާމަކޮށްލީ އުންމީދާއެކުގައެވެ. އެއާއެކު ނައުފާ އިރުކޮޅެއްގެ ހިމޭންކަމެއް އިޚްތިޔާރުކުރިއެވެ. އޭނާގެ މައިންބަފައިންވެސް ނައުފާ ގާތުން ކޮންމެވެސް އެއްޗެއް ބުނަން އެދުނެވެ. އެއާއެކު ނައުފާ ބޯ ޖަހައިލިއެވެ. އަދި އޭނާ ވާހަކަ ދެއްކިއެވެ.
"އަހަރެންގެ ދަރިއަކު ހުރޭ." އާއްމުގޮތެއްގައި އޭނާގެ ކައިވެންޏަށް އެދި އެގެއަށް އަންނަ އެންމެންނަށްވެސް ނައުފާ ހާމަކޮށްލާ ވާހަކަ މިފަހަރުވެސް އޭނާ ޖެހިލުމެއް ނެތި ބުނެލިއެވެ. ގޭގައި ގެންގުޅޭ އިންޑިޔާ ކުއްޖާއަށް ގޮވާލާފައި އޭނާގެ ދެ އަހަރަށްދާ ދަރިފުޅު ގޮވައިގެން އައުމަށް ނައުފާ އެދުނީ ދެނެވެ. ކައިވެންޏެއް ބިނާވާނީ ތެދުވެރިކަމާއި އިތުބާރުގެ މައްޗަށެވެ. އެއްވެސް ކަމެއް ސިއްރުކުރަން އޭނާ ބޭނުންނުވަނީ އެހެންވެގެންނެވެ.
"ކައިވެންޏާ ދެކޮޅު ހަދަނީކީ ނޫން. އެކަމަކު…… މީ އިނާ. މިހާރު ދެ އަހަރު ވަނީ… އަހަރެންގެ ކުރީގެ ކައިވެންޏަށް ލިބިފައިހުރި ކުއްޖެއް. ހައިޝަމްއަށް މިކަން އެނގެން ޖެހޭނެކަމަށް ޤަބޫލުކުރާތީ މިބުނެލީ." ނައުފާގެ ވާހަކައިން ހައިޝަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު ނައުފާ ހައިރާންވެސް ވިއެވެ. މިގެއަށް އޭނާގެ ގާތުން ކައިވެންޏަށް އެދި އަންނަ ކޮންމެ ޒުވާނެއްގެ މޫނުމަތި ބަނަވަނީ އިނާ ފެނިފައެވެ. އިނާ އަކީ އޭނާ އިތުރު ކައިވެންޏެއް ކުރުމަށް ހުރި ހުރަހެއްކަމުގައި ގާތް އެކުވެރިންވެސް ކިޔާ އުޅެއެވެ.
"އަހަންނަށް އެނގޭ." ހައިޝަމް ބުނެލިއެވެ. "އެނގިހުރެ ކައިވެންޏަށް އެދެން ވެގެން އައީ."
ހައިޝަމްއަކީ އަޚްލާޤު ރަނގަޅު ޒުވާނެއްކަން ނައުފާއަށް އެނގެއެވެ. އަދި ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާ މީހެއްކަންވެސް އެނގެއެވެ. ނައުފާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.
ހައިޝަމްގެ ހިތުން ނައުފާގެ ތެދުވެރިކަމަށް ވެސް ތަޢުރީފުކުރެވުނެވެ. ކައިވެނީގެ ކުރިން އެކަކު އަނެކަކު ދަސްވާން ޖެހެއެވެ. އެކަކު އަނެކަކުގެ ކަންތައްތައްވެސް އެނގެން ޖެހެއެވެ. ހައިޝަމް އަފްޒަލްއަށް ބަލައިލުމާއެކު، އޭނާ ވެސް ހިނިތުންވުން ފުޅާކޮށްލިއެވެ.
ހައިޝަމްއަށްޓަަކައި ނައުފާގެ ހިތުން ޖާގައެއް ހުސްވިއެވެ. ހައިޝަމްއަކީ މީގެ ކުރީން މީހަކާ އިން މީހެއްވެސް ނޫނެވެ. ވީއިރު އޭނާ ފަދަ އަންހެނަކާ އަދި ދަރިއަކުވެސް ހުރިއިރު އިންނާނީ ހަމަގައިމުވެސް ރަނގަޅު މީހެއް ވީމައެވެ. އެހެންނަމަވެސް، އޭނާ ޔަޤީން ކުރަން ބޭނުންވިއެވެ. ކައިވެންޏަށް އެއްބަސްވުމުގެ ކުރިން ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް ވެސް އެބަ ހުއްޓެވެ. ވަކި ޖަވާބެއް ދޭން އެނގޭނީ އެއަށްފަހު އެވެެ.
"އަހަންނަކަށް އަހަރެންގެ ދަރިފުޅު ދޫކޮށެއް ނުލެވޭނެ. ކުއްޖާގެ ބައްޕަ ކުއްޖާއަކަށް ޚަރަދެއް ނުކުރޭ. އަހަރެން ދެކެ އައިސްފައި ހުރި ރުޅިވެސް އޭނަ ބާލަމުން ދަނީ މި ދަރިފުޅަށް. އެހެންކަމުން ކުއްޖާއަށް ޚަރަދުކުރަން ޖެހެނީވެސް އަހަންނަށް." އުނގުމަތީގައިން އިން އިނާއަށް ބަލައިލަމުން ނައުފާ ބުންޏެވެ. ނުސީދާކޮށް ނައުފާ އެ ދައްކަނީ ކޮން ވާހަކައެއްކަން ހައިޝަމްގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.
"ނައުފާ ވަޒީފާ އަދާކުރުމަކަށް އަހަރެން ހުރަހެއް ނާޅާނަން…… އެކަމަކު ނައުފާ ވަޒީފާއަށް ދިޔަނަމަވެސް، އަހަރެން ތި ދެމައިންނަށް ހަރަދުކުރާނަން. އެ ޔަޤީންކަން އަހަރެން ދެން. އަދި އިނުމަށްފަހު އެ ޔަޤީންކަން ލިބުނު ދުވަހަކުން ނައުފާ ވަޒީފާ ދޫކޮށްލިޔަސް ވެސް ހެޔޮ. އަދި ކުރިއަށް ގެންދިޔަޔަސް. އަހަރެން ކައިވެންޏަށް މި އެދުނީ މިހުރިހާކަމެއް އެނގިހުރެ، ނައުފާއާއެކު ނައުފާގެ ދަރިފުޅުގެ ޒިންމާވެސް ނަގަން ތައްޔާރުވެގެން ހުރެ، އެނގޭ އިނާގެ ބައްޕައަށް ނުވެވޭނެކަން. ވާނީ ދޮންބައްޕައަކަށް ކަން. އެކަމަކު އަހަރެން ޔަޤީންކަން ދެން އަހަރެން އެ އިޙްސާސް އިނާއަށް ވިޔަކަ ނުދޭނަން. އިންޝާ ﷲ." ހައިޝަމް ގެ އެ ވާހަަކަ އަޑު އެހުމަށްފަހު، ނައުފާ ހިމޭންކަން އިޚްތިޔާރުކުރީ ވިސްނާލުމުގެ ބޭނުމުގައެވެ. ނައުފާގެ ހިތުގައި ވީ އެއްޗެއް އެނގުނު ފަދައަކުން ހައިޝަމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ނައުފާ ވިސްނާލަން ބޭނުންވިޔަސް އެވަގުތުވެސް އަހަރެން ދޭނަން." ހައިޝަމް އެހެން ބުނުމުން ނައުފާގެ ހިތުގައި ހައިޝަމްއާ މެދު އޮތް ޔަޤީންކަން އިތުރުވިއެވެ. "ނައުފާގެ ޖަވާބަކަށް އަހަރެން ތިންތިޒާރުކުރާނަން. އޭގެ ކުރިން ނައުފާ އަހަންނާ ބެހޭގޮތުން އެއްޗެއް އޮޅުން ފިލުވަން ބޭނުންނަމަ އެ ހުރިހާ ސުވާލެއްވެސް ކުރޭ… އަހަންނަށް ވީ ވަރަކުން ޖަވާބު ދޭނަން. އިންޝާ ﷲ." ހައިޝަމް ބުނެލިއެވެ.
"ފަހަރެއްގައި ދުވަހެއްގެ ކޮޅުންވެސް އިނާގެ ބައްޕަ އައިސްފިއްޔާ އިނާއާ…." އެހިސާބަށް ބުނެފައި، ނައުފާ މަޑުޖެހުނެވެ. އެކަން ހައިޝަމް އަށް އެނގުނު ނަމަވެސް، ނައުފާ އެއްޗެއް ބުނޭތޯ އޭނާ މަޑުކުރިއެވެ. އެެހެންނަމަވެސް ދެން އިތުރު އެއްޗެއް ނުބުނުމުން އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އިނާއާ އޭނާގެ ބައްޕަ ބައްދަލުކުރުމަކަށް ހުރަހެއް ނާޅާނަން. އެކަމަކު އެއީ އޭނާގެ ފަރާތުން އިނާއަށް އަނިޔާއެއް ނުލިބޭނެކަމުގެ ޔަޤީންކަން އޮތްނަމަ. ކުއްޖާގެ ކަންތަކުގައި ނައުފާއާ ވާހަކަ ދެއްކުމަކަށްވެސް ހުރަހެއް ނާޅާނަން. އެކަމަކު، ބައްދަލުކުރާނަމަ އެތަނެއްގައި ހުންނަން އަހަރެން ބޭނުން. ސަބަބަކީ ކައިވެންޏަށްފަހު ނައުފާގެ ހުރިހާ ޒިންމާއަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ އެއްޗެއް. ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން އަހަރެން ނައުފާއަށް ދޭން ބޭނުން."
(ނުނިމޭ)