"ގުޅާ ޔަލްވީއަށް... ގުޅާފަ ބުނޭ ގެއަށް އަންނާށޭ... އެ ރަޔާން ޔަލްވީ ގެންދާނެ... އަހަރެމެން ކައިރިން ދުރުކުރާނެ..." ނަފީސާ ނިމާލުގެ އަތް ފޮޅުވައިލިއެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނިމާލަށް ނަފީސާ ހިފޭޓުނީ ކިރިޔާއެވެ.
********
ރަޔާންގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތް ނަން ފެނުމުން، ރަޔާންގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. ރަޔާން ފޯނު ނަގާފައި ޔަލްވީގެ އަތަށް ދިނެވެ.
"ޔަލްވީ އެބަހުރިތަ؟" ނިމާލު ހީކުރީ ފޯނު ނެގީ ރަޔާން ކަމަށެވެ.
"މީ ޔަލްވީ.." ޔަލްވީ ބުނެލިއެވެ.
"ދަރިފުޅު ފޯނު ނުލާތަ ދިޔައީ؟ ބައްޕަ ވަރަށް ގުޅައިފީމޭ" ހަމަޖެހިލަން މަސައްކަތް ކުރަމުން ނިމާލު ވާހަކަ ދެއްކިއެވެ.
"ފޯނު ބާއްވާފަ އާދެވުނީ... ބައްޕާ! އަޅުގަނޑު ނިންމައިފިން ރެންއާއެކީ ރަށަށް ދާން" ނިމާލު އިތުރު އެއްޗެއް ބުނުމުގެ ކުރިން ޔަލްވީ އޭނާގެ ނިންމުން ހާމަކުރިއެވެ. ޔަލްވީ ހީކުރީ ނިމާލު ގުޅީ ނަފީސާ ކަންތައް ގޯސްކޮށްލުމުން، ޔަލްވީ ގެއަށް ގެންދަން ކަމަށެވެ.
"ތީ އެންމެ ރަނގަޅު ގޮތް... ދަރިފުޅުމެން އުޅޭނެ ތަނެއް ނިންމާނީ ދަރިފުޅުމެން ދެމަފިރިން ވާހަކަ ދައްކައިގެން... ދީބަލަ ރަޔާންގެ އަތަށް ފޯނު..." ނިމާލު އެދުނެވެ. ހާލަތުގެ ގޮތުން އިތުރު ވާހަކައެއް ދައްކާނެ ވަގުތު ނެތުމުން ނިމާލު ބޭނުންވީ ސީދާ މައުޟޫޢުއަށް ވާހަކަ ދައްކާށެވެ.
"ބައްޕަ މިހުރީ އައިސީއެމް ކްލިނިކްގަ..." ރަޔާންގެ އަޑު އިވުމުން ނިމާލު ބުނެލިއެވެ.
ރަޔާން ޔަލްވީއަށް ބަލައިލާފައި ފޯނު ހިފައިގެން ދުރަށްޖެހުނެވެ.
"ކިހިނެއްވީ؟..." ރަޔާން ހާސްވިއެވެ.
"މަންމަ ސަކަރާތްވެގެން އެމަޖެންސީގަ ގެނައީ..." ނިމާލު ދޫކޮށްލީ ފުން ނޭވާއެކެވެ. "ބައްޕައަށް އެނގޭ، ރަޔާންއާ ދޭތެރޭ ކަންތައްވީ ރަނގަޅަށް ނޫންކަން... ބައްޕަ އެކަމަށް މާފަށް އެދެން... މިހާލަތުގަ މަންމަގެ ކައިރީ ޔަލްވީ ހުރުން ވަރަށް މުހިއްމު... ބައްޕައަށް އެނގޭ ރަޔާނަށް އުނދަގޫވާނެކަން... އެކަމަކު، ބައްޕަ ބުނަން މިއުޅެނީ...."
"އަޅުގަނޑުމެން މިދަނީ ތިކޮޅަށް..." ރަޔާން ޝަކުވާ ކުރުމެއްނެތި ފޯނު ކަނޑައިލިއެވެ.
ޔަލްވީއާއި ރަޔާން ހޮސްޕިޓަލަށް ދިޔައިރު ނިމާލު ހުރީ ބޭރުގައެވެ. ޔަލްވީ ހާސްވެގެން އުޅެންފެށިގޮތުން، ނިމާލަށް ފުރަތަމަ ޖެހުނީ ޔަލްވީއަށް ނަސޭހަތް ދޭށެވެ.
"ޓެސްޓްތަކެއް ހަދަން އެތެރެއަށް ވައްދާފަ ވީ... އިރުކޮޅަކުން ނެރޭނެ..." ނިމާލު ތަފްސީލް ދިނެވެ.
"މަންމައަށް ކިހިނެއްވީ؟" ނަފީސާ ރަނގަޅަށް ހުރެފައި، ކުއްލިއަކަށް ހޮސްޕިޓަލަށް ގެންދިޔުމުން، ޔަލްވީގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ.
"މަންމަގެ ވަރަށް ބޮޑަށް ނަފުސާނީ މައްސަލަ ހުރޭ... ވަރަށް ކުރިން ފެށިގެންވެސް... މިދޭތެރެއިން ބޭސްކެއުން ހުއްޓާލީމަ، މިފަހަކުން އެކަން މާ ގޯސްވީ... ޑޮކްޓަރު ބުނި އަލުން ބޭސްކާން ފެށީމަ ރަނގަޅުވާނޭ.." ޔަލްވީ ހާސްވެދާނެތީ ނިމާލު ވާހަކަ ދެއްކީ ވަރަށް ވިސްނައިގެންނެވެ.
"ތިހާ ބޮޑުކަމެއްވީއިރު، އަޅުގަނޑަކަށް ނޭނގެ.." ޔަލްވީ ދެރަވިއެވެ.
"މަންމަގެ ބިރަކީ ރަޔާން ދަރިފުޅު ގެންދިޔުން... މަންމައަށް އަދިވެސް ހީވަނީ ދަރިފުޅު ތީ ކުޑަކުއްޖެކޭ... އެހެން މީހެއްގެ ކައިރީ އުފަލުގަ ނޫޅެވޭނެއޭ..." ނިމާލު އިތުރު ތަފްސީލް ދިނެވެ.
ނަފީސާ ވޯޑަށް ބަދަލުކުރުމުން ޔަލްވީ އެތެރެއަށް ވަނެވެ. ނިމާލާއި ރަޔާން މަޑުކުރީ ބޭރުގައެވެ. ޔަލްވީ ފެނުމުން، ނަފީސާ ފުންމައިގެން ތެދުވިއެވެ. ރަޔާން ފެނޭތޯ ހޯދައިލިއެވެ. ރަޔާން ފެންނަން ނެތުމުން ނަފީސާއަށް ހިނިތުންވެލެވުނެވެ. ނަފީސާ ފުރަތަމަވެސް ކުރީ ޝަކުވާއެވެ. ޔަލްވީ އެފަދަ ގޮތަކަށް ދެން ދުވަހަކުވެސް ނުދިޔުމަށް އެދުނެވެ.
"އަޅުގަނޑަށް އެގޮތަށް ކަންތައް ކުރެވުނީމަ މާފަށް އެދެން..." ރަޔާން މާފަށް އެދުނެވެ. "އަޅުގަނޑަށް ކުރިން ނޭނގެ މަންމަގެ އެފަދަ މައްސަލައެއް ހުންނަ ކަމެއް... އެނގުނުނަމަ، އެގޮތަށް ކަންތަކެއް ނުކުރާނަން..."
"އެވާހަކަ ނުބުނުން އެއީ ބައްޕަގެ މައްސަލަ... ބައްޕަ ހިއެއް ނުކުރަން އެހާ ކުޑަ ކަމެއް، ބޮޑު ބައްޔަކަށް ވެދާނެކަމަކަށް..." ނިމާލު އަމިއްލަ ކުށް ގަބޫލުކުރިއެވެ.
********
ދުވަސްތައް ފާއިތުވަމުން މާޒީއަށް ފަސްލައި ފޮރުވެމުން ދިޔައެވެ. ނަފީސާގެ ތަބީއަތު ރަނގަޅުވާން ފެށިއެވެ. ކުރިއެކޭ އެއްގޮތަށް ހިނިތުންވެ، މީހުންނާއި ގާތްކޮށް ވާހަކަ ދައްކަން ފެށިއެވެ. ނަފީސާ ކޮންމެ އެއްޗެއް ކިޔަސް، ޔަލްވީއާއިއެކު ރަޔާން ދިރިއުޅުނީ ނަފީސާގެ ގޭގައެވެ. ނަފީސާގެ ބަސްތަކުން ރަޔާންގެ ހިތަށް ލުއިކޮށްދޭން ޔަލްވީ ކައިރީގައި ހުރެއެވެ. ރަޔާނަށް އެވަރު ފުދެއެވެ. ރަޔާންގެ ހިތްހެޔޮކަން ފެނި، ނަފީސާގެ ހިތް ރަޔާނަށް ސާފުވިއެވެ. ކުރިން ގަބޫލުކުރިގޮތް ދޫކޮށް، ރަޔާނަކީ ދަރިއެއްގެ ގޮތުގައި ބަލައިގަތެވެ.
"ޔާލް އަހަރެންގެ ހަޔާތަށް އައުމަށްފަހު އަހަރެން މިއުޅެނީ ވަރަށް އުފަލުގަ...." ޔަލްވީގެ އުނގުގައި ބޯއަޅައިލަމުން ރަޔާން ބުނެލިއެވެ. "މިލޯބިލޯބި ކުއްޖާ އާއެކީ އުމުރުގެ ބާކީބައި ހޭދަކޮށްލަން ލިބުން އެއީ މިދުނިޔެމަތިން އަހަންނަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބު.... ދުވަހަކަށްވުރެ ދުވަހެއް އަހަންނަށް ޔާލް ހާއްސަވާން ފަށައިފި... ކުރިއަށްވުރެ މާ ބޮޑަށް މިހާރު ލޯބިވާން ފަށައިފި"
"އަހަރެން ރެންދެކެ މާ ލޯބިވޭ..." ޔަލްވީ ރަޔާންގެ ނޭފަތުގައި ހިފައިލިއެވެ.
"ޔަގީންތަ؟" ރަޔާން ލާނެތް ސަމާސާއެއް ކޮށްލިއެވެ.
"ދެން ރެން..." ޔަލްވީ ތުން ފިއްތައިލީ ރަޔާންގެ ސަމާސާގައި ބައިވެރިވެލުމަށެވެ.
"އަހަރެންގެ ލައިފް ދެން ފުރިހަމަވާނީ މި ކުޑަކުޑަ ޕަންޕްކިން އައީމަ" ރަޔާން ކުޑަކޮށް ތެދުވެލާފައި ޔަލްވީގެ އުފުލިފައިވާ ބަނޑުގައި ތުންފަތް ޖައްސައިލިއެވެ.
"އޭރުން އަހަރެން ބާކީވާނެތަ؟" ޔަލްވީ މައުސޫމު ގޮތަކަށް އަހައިލިއެވެ.
"ކިހިނެއް މިކުއްޖާ ބާކީކޮށްލާނީ؟ މިހާ ލޯބި ކުއްޖަކާ ދުރުގަ ކިހިނެއް އަހަރެން ހުންނާނީ؟" ރަޔާން ޔަލްވީ ގެނެސް މޭގައި ޖައްސައިލިއެވެ.
"ރެންގެ ހަޔާތުން އަހަންނަށް ޖާގައެއް ލިބުން އެއީ ހާދަ ބޮޑު ނަސީބެކޭ...." ޔަލްވީ ބުނެލިއެވެ. "ރެންދެކެ ލޯބިވެވުމުން އަހަރެންގެ ކިބުރުވެރިކަމާ ބޮޑާކަން ފިލައިގެން ގޮއްސި... މުޅިން އެހެން މީހަކަށް ބަދަލުވެވިއްޖެ.... ހަގީގީ ނަސީބުވެރިއަކީ އަހަރެން... އަހަންނަށް ހެޔޮ ވިސްނުން ލިބުނީ އަހަރެންގެ ހަޔާތަށް ރެން އައި ހިސާބުން..."
"އައި ލަވް ޔޫ.... ވަރަށް ލޯބިވޭ.... ވަރަށް ބޮޑަށް ލޯބިވޭ..." ރަޔާން ތަކުރާރުކޮށް ލޯބިވާ ވާހަކަ ބުންޏެވެ.
ހަގީގީ ލޯތްބަކީ ދިރިއުޅުމުގެ އެތައް ކަމެއް ބަދަލުކޮށްލާ އެއްޗެކެވެ. އެލޯބީގެ ބާރުގައި ޔަލްވީ އާއި ރަޔާން އެ ދެމަފިރިންގެ ދިރިއުޅުމުގެ އައު ބާބެއް ފެށީ ކިތަންމެ ގަދަ ކަނޑެއްގައި ފަތަންޖެހުނަސް ދެމީހުންކުރެ އެކަކުވެސް ވަކި ނުވުމަށް އަޒުމުކަނޑައަޅައިގެންނެވެ. އަބަދުގެ އަބަދަށް އެކީގައި ވުމަށް ހުވާކުރަމުންނެވެ.
(ނިމުނީ)