ރަޔާން ސޯފާއިން ތެދުވިއެވެ. ޔަލްވީއާއި ކުރިމަތިލިއެވެ. ޔަލްވީގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ނެގީ ހިނދުކޮޅެކެވެ. ރަޔާން ފެނުމުން، ޔަލްވީ އުފާވިއެވެ. ދެރަވިއެވެ. ރުޅި އައެވެ. ހުރިހާ ޖަޒުބާތުތަކެއް އެކުވެ، ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު، ޔަލްވީއަށް އިސްކުރެވުނީ ރުޅިއެވެ.
********
ރަޔާން މަޑުމަޑުން ހިނގާލާފައި ގޮސް ޔަލްވީގެ ކުރިމަތީގައި ހުއްޓުނެވެ. އޭރުވެސް ޖެހި ބުދެއްހެން ޔަލްވީ ހުރީ ރަޔާންގެ މޫނަށް ބަލާށެވެ. ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށެވެ. ޔަލްވީ ނިންމައިގެން ހުރީ ރަޔާން ރަށަށް ދިޔައީ ކަމުގައެވެ. ނަފީސާގެ ވާހަކަތަކުންވެސް ޔަލްވީއަށް އެނގުނީ ރަޔާން ރަށަށް ދިޔަ ކަމެވެ. މާލޭގައި ދެދުވަސްވީއިރުވެސް ރަޔާން ހަބަރެއްނުވީ ކީއްވެ ހެއްޔެވެ؟ ނިދީ ކޮންތާކު ހެއްޔެވެ؟ ޔަލްވީގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ.
ދެދުވަސްފަހުން ޔަލްވީ ފެނުމުން ރަޔާންގެ ހިތުގައި އޮތް ލޯބި އިތުރުވިހެން އޭނާއަށް ހީވިއެވެ. ރަޔާންގެ ހިތް އެދުނީ ޔަލްވީގެ މޫނުގައި ފިރުމައިލުމަށެވެ. އެހަށިގަނޑުގައި ލޯބިން ބައްދާލުމަށެވެ. ދެއަތުގެ ހިމާޔަތާއި ރައްކާތެރިކަން ދޭށެވެ. އެކަމަކު، އިސްނަގަން ރަޔާން ޖެހިލުންވިއެވެ. ދެމީހުންގެ ދެމެދަށް ވަނީ ދުރުކަމެއް އައިސްފައެވެ. ރަޔާންގެ ނަޒަރު ޔަލްވީގެ މޫނުން ބަނޑަށް ހުއްޓުނެވެ. ބަނޑުގައި ޖައްސައިލުމަށް ރަޔާން އޭނާގެ އަތް އުފުލައިލިއެވެ. ޔަލްވީ ޖެހިލީ ފަހަތަށެވެ.
"ލިމް؟... ބައްޕަވެސް؟... އެންމެން ރާވައިގެން ކުރި ކަމެއްތަ މީ؟" ޔަލްވީގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ.
ކުއްލިއަކަށް ޔަލްވީ ގޮވައިގެން ބޭރަށް ދާން ނިމާލު ބޭނުންވި ސަބަބު ޔަލްވީއަށް އެނގުނެވެ. ޔަލްވީ ރަޔާނާއި ބައްދަލުކުރުވުމަކީ އެންމެން ރާވައިގެން ކުރި ކަމެކެވެ.
"އަހަންނަށް އެނގޭ މިނޫންގޮތަކަށް ޔާލް ނާންނާނެކަން... ނުވެސް އާދެވޭނެކަން..." ރަޔާނަށް ބުނެވުނީ ގޯސް ވާހަކައެއްކަން އެނގުނީ ޔަލްވީ ބަލައިލިގޮތުންނެވެ.
"އަހަރެންތަ ގެއިން ނުކުމެގެން ދިޔައީ؟... އަދިވެސް އަހަރެންތަ ވީ ރެން ކައިރިއަށް އަންނަން؟... އޭނ؟..." ރުޅިގަދަވެގެން ޔަލްވީއަށް ރޮވުނެވެ.
"ޔާލް!..." ރަޔާން ހާސްވެގެން ކުރިއަށް ޖެހިލިއެވެ. "ސޮރީ!"
"ނުކުރާނަން މާފެއް..." ޔަލްވީ ހަޅޭއްލަވައިގަތެވެ.
"އަހަންނަށް އެނގޭ އަހަންނަށް ކަންތައްކުރެވުނީ ގޯސްކޮށް ކަން... އަހަރެން މިހުރީ އެކަމާ ދެރަވެފަ..." ރަޔާން ބޭނުންވީ މައްސަލަ ހައްލުކުރާށެވެ.
"ނުވޭ ދެރައެއް... ދެރަވިނަމަ، އަހަރެންގެ ހާލު ބަލާނެ... އަހަރެން ބަހައްޓާފަ އެގޮތަށް ނުދާނެ... ކުޑަމިނުން އަހަންނަށް ގުޅާވެސްނުލާ!" ޔަލްވީއަށް ގިސްލެވެން ފެށުނެވެ. "ވަރަށް ފަސޭހަދޯ އެގޮތަށް ދާން؟... ވަރަށް ފަސޭހަދޯ އެގޮތަށް ކަންތައްކުރަން؟"
"ޔާލް ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ކިޔާ!.. އަހަރެން މިހުރީ އަޑުއަހަން ތައްޔާރަށް... މިއަދު ބޭނުމެއް ނޫން ހުއްޓުވާކަށް..." ރަޔާން ބޭނުންވީ ޔަލްވީ ޝަކުވާކުރަން ފުރުސަތު ދޭށެވެ. ޔަލްވީގެ ހިތް ރަނގަޅުވާނީ އެ ޝަކުވާތައް ދުލާއި ހަމައަށް އައިސްގެންކަން އޭނާއަށް އެނގެއެވެ.
"ނުކުރާނަން ޝަކުވާއެއްވެސް..." ރަޔާން އެދޭކަމެއް ކުރާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.
"އެހެންވިއްޔާ އާދޭ އިށީންނަން..." ރަޔާން އެދުނެވެ.
"ނީންނާނަން" ޔަލްވީ ވަގުތުން ދެކޮޅުހެދިއެވެ.
"ޔާލް ބޭނުން ނުވިޔަސް، ބޭބީ..." ރަޔާން މަސައްކަތްކުރީ ޔަލްވީއަށް ވިސްނައިދޭށެވެ. އޭނާ ކުރިއަށްޖެހިލީ ޔަލްވީގެ އަތުގައި ހިފާލުމަށެވެ.
"ނާންނާތި!" ޔަލްވީ އޭނާގެ އަތުގައި އޮތް ދަބަސް ރަޔާނާއި ދިމާއަށް ހޫރައިލިއެވެ.
ދަބަސް ގޮސް ޖެހުނީ ރަޔާންގެ މޫނުގައެވެ. ރަޔާން ވަގުތުން ދެއަތުން މޫނު ފޮރުވައިލިއެވެ. ގިނައިރުވުމުން ޔަލްވީ ހާސްވިއެވެ. ރަޔާނަށް ކަމެއް ވީ ހެއްޔެވެ؟ ޔަލްވީ ދަބަސް ހޫރައިލީ ރަޔާނަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައެއް ނޫނެވެ. ދަބަސް ޖެހުނުލެއް ބާރުކަމުން ރަޔާނަށް ތަދުވާނެކަން ޔަލްވީއަށް އެނގެއެވެ.
"ގޯސްވަނީތަ؟" ދޮރުގައި ކަންފަތް ޖަހައިގެން ތިބި ލިމްޔާއާއި އަފްސަމް އެކަކު އަނެކަކަށް ބަލައިލިއެވެ.
"އެހެންދޯ އެވަނީ" އަފްސަމްގެ މޫނުން ހާސްކަން ފެނުނެވެ.
"އެއްޗެއް ވެއްޓުނު އަޑުވެސް އިވިއްޖެ... ހިނގާ އެތެރެއަށް ވަންނަމާ!" ލިމްޔާ ހިޔާލު ދިނެވެ.
"އަދި މަޑުކުރޭ!" އަފްސަމް އެދުނެވެ.
"ތަދުވިތަ؟" ޔަލްވީ އުޅުނީ ރަޔާންގެ މޫނުން އަތް ނަގާށެވެ.
ޔަލްވީއަށް ވިސްނައިލާނެ ފުރުސަތެއްވެސް ރަޔާން ނުދިނެވެ. ރަޔާން ކުއްލިއަކަށް ޔަލްވީގެ ގައިގައި ބައްދައިލިއެވެ. ރަޔާން އުއްމީދުކުރިގޮތަށް ޔަލްވީ އޭނާއާއި ދޭތެރޭގައި ވިސްނާކަން އެނގުމުން އިތުރު ހިތްވަރެއް ލިބުނެވެ.
"އައި މިސްޑް ޔޫ... މިސްޑް ޔޫ ސޯ މަޗް..." ރަޔާންގެ އަޑުގައިވީ އޯގާތެރިކަމެވެ. ލޯތްބެވެ.
ޔަލްވީގެ ހަރަކާތް ހުއްޓުނެވެ. ރަޔާން ދުރުކުރަން ބޭނުންވި ނަމަވެސް، ހިތް އެދުނީ އެގޮތުގައި ހުރެލުމަށެވެ. ރަޔާންގެ އެއަމަލާއިއެކު، ބަނޑުގައި އޮތް ދަރިފުޅު ތޮޅެލިހެން ޔަލްވީއަށް ހީވިއެވެ. ޔަލްވީގެ ހިތަށް ލިބުނު އުފާވެރިކަމުގައި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ.
"ބޭބީ މޫވްކޮށްފި!... ފަސްޓް ޓައިމް ބޭބީ މޫވް އެކުރީ..." ޔަލްވީއަށް ބުނެވުނެވެ.
ރަޔާން ޔަލްވީ އުފުލާލައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. ޔަލްވީގެ ކައިރީގައި އިށީނދެފައި ބަނޑުގައި ކަންފަތް ޖައްސައިލިއެވެ.
"ބައްޕިގެ ސްމޯލް ޕަންޕްކިން އަދި އެއްފަހަރު މޫވްކޮށްލަބަލަ!" ރަޔާން ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. "ބޭބީވެސް ބޭނުންވަނީ މަންމިއާ ބައްޕި ލޯބިން އުޅޭށޭދޯ"
ދަރިފުޅު ދެވަނަ ފަހަރަށް ތޮޅެލީ ރަޔާން އެހެން އިންދައެވެ.
"އަހަންނަށް އިހުސާސްވެއްޖެ... ޔާލް... އަހަރެމެންގެ ބޭބީ..." ރަޔާންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.
ރަޔާން އުފަލުން އުޅުނު މަންޒަރު ބަލަން އިން ޔަލްވީގެ ދެލޯ ފުރުނީ އުފާވެރިކަމުގެ ކަރުނައިންނެވެ. ޔަލްވީ މަޑުމަޑުން ރަޔާންގެ ބޮލުގައި އަތް ޖައްސައިލިއެވެ. ފިރުމައިލިއެވެ. ރަޔާނާއި ނުލައި ޔަލްވީގެ ދިރިއުޅުން ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟ ޔަލްވީ ވަނީ ރަޔާންގެ އަދާތަކަށް އާދަވެފައެވެ. އެއީ މުއްސަނދި ދިރިއުޅުމަކުން ޔަލްވީއަށް ލިބުނު އުފަލެއް ނޫނެވެ. ވެދިޔަ ކަންތަކަށްފަހު، ޔަލްވީއަށް އެއްކަމެއް ވިސްނުނެވެ. މުއްސަނދިކަމުން ތިމާ ބޭނުންވާ ކަންކަން ހާސިލުވިޔަސް، އުފާވެރިކަން ނުލިބޭނެކަމެވެ. ހަގީގީ އުފާވެރިކަމަކީ ލޯތްބެވެ. ބައިވެރިޔާގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަމެވެ. ޔަލްވީގެ ގެއިން ލިބެންހުރި މުއްސަނދިކަން ރަޔާންގެ ގޭގައި ނެތަސް، ރަޔާންގެ ގޭގައި ޔަލްވީއަށް ހުރިހާ އުފަލެއް ލިބުނެވެ.
"އަދިވެސް އަހަންނަށް މާފެއް ނުކުރާނަންތަ؟" ރަޔާން ޔަލްވީ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. "ބޭބީވެސް ބޭނުންވަނީ އަހަރެމެން ދެމީހުން ހެޕީކޮށް ތިބެން.. ދެންމެ އެބުނީނު..."
ޔަލްވީ މަޑުމަޑުން ބޯ ޖަހައިލިއެވެ. އެކަމަކު، ހަގީގަތުގައި ޔަލްވީގެ ހިތް ސާފެވެ. ރަޔާންގެ ކުށެއް ނެތެވެ. ޔަލްވީގެ ގޭގައި ރަޔާނާއިމެދު ކަންތައް ހިނގީ ރަނގަޅަކަށް ނޫނެވެ. އެގޭގައި ރަޔާނަށް ނޫޅެވޭނެކަން ހުދު ޔަލްވީ އަމިއްލައަށްވެސް ގަބޫލުކުރެއެވެ. ރަޔާން ދިޔައީ ކެތްނުވެގެންނެވެ. އެއީ ޔަލްވީ އާއިމެދު ކަންތައް ހިނގި ގޮތެއް ނަމަވެސް އޭނާވެސް ކަންތައް ކުރާނީ އެހެންނެވެ. ރަޔާންގެ ގޭގައި ޔަލްވީއަށް އުޅެވުނުހާ މިނިވަންކޮށް، ޔަލްވީގެ އަމިއްލަ ގޭގައި ރަޔާނަކަށް ނޫޅެވުނެވެ. ބަދަލުގައި ލިބުނީ، މަލާމާތާއި ފުރައްސާރައެވެ. ނަފީސާ ރަޔާން ދަށްކޮށްލި މަންޒަރު ބަލަން ޔަލްވީ ހުރީ އެގޮތް ފަސޭހަވެގެނެއް ނޫނެވެ. ޔަލްވީ ހީކުރީ ރަޔާން ކެތްކުރާނެ ކަމަށެވެ. ހަގީގަތަކީ، ކޮންމެ އިންސާނަކުވެސް ކެތްކުރާނީ ވަކި މިންވަރަކަށް ކަމެވެ. ރަޔާންގެ ހިތަށް ކިހާ އަސަރުކުރާނެކަން ޔަލްވީއަށް ކުރިން ވިސްނާލެވުނުނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެ ހުރިހާ ކަމަކާއި އެކުގައިވެސް ރަޔާން ބޭނުންވީ ޔަލްވީ ގޮވައިގެން ދާށެވެ. ރަޔާންއާއިއެކު ދާން ބޭނުން ނުވީވެސް ޔަލްވީއެވެ. އެންމެފަހުން ކުށްވެރިވީވެސް ރަޔާނެވެ. މާފަށް އެދުނީވެސް ރަޔާނެވެ. ކޮންމެ ކަމެއްގައި ރަޔާންގެ ކޮޅު ނިކަމެތިވަނީ ކީއްވެ ހެއްޔެވެ؟ ޔަލްވީގެ ދެލޯ ފެންކަޅިވީ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުންނެވެ.
"ބޭބީ މިހާރު ބައްޕިއަށް މާފުކޮށްފި.. އެކަމަކު، މަންމި އަދިވެސް މާފުކުރާކަށް ބޭނުމެއްނުވޭ!... ކިހިނެއް ހެދިއްޔާ، މާފުކުރާނީ؟" ރަޔާން ވާހަކަދެއްކީ ސަމާސާ ރާގެއްގައެވެ. "ސޮރީ ސޮރީ ސޮރީ... ކިތައް ފަހަރު ސޮރީ ބުނީމަ މާފުކުރާނީ؟"
"ދެން ދުވަހަކުވެސް އެގޮތަށް ނުދާތި!.. އެހެން ނުހަދާތި!" ޔަލްވީ ރަޔާންގެ ގައިގައި ބައްދައިލީ ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވުމަށެވެ. މާފަށް އެދެން ބޭނުންވި ނަމަވެސް، ޔަލްވީއަކަށް ހިތްވަރެއް ނުލިބުނެވެ.
ރަޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ ޔަލްވީގެ ހަށިގަނޑުގައި ދެއަތް ވަށައިލީ ދެން ދުވަހަކުވެސް ދުރުކޮށްނުލާނަމޭ ބުނާ ފަދައިންނެވެ.
"ކޮންމެ ދެމަފިރިއެއްގެ ދޭތެރޭވެސް މައްސަލަ ޖެހޭނެ... ދިރިއުޅުމަކީ އެއީ... އަހަންނަކަށް ޕްރޮމިސްއެއް ނުކުރެވޭނެ، އެކަމަކު، އަހަރެން މަސައްކަތް ކުރާނަން ދެން އެކަހަލަ ކަމެއް ވިޔަ ނުދޭން... އަހަރެންގެ ހުރި ގޯސް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނަން... ޔާލް ވާނެ އަހަންނަށް ހިތްވަރުދޭން ހުންނަން.... ޔާލް އަހަންނާއެކީ ހުރިއްޔާ އަހަންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ..." ރަޔާން ޔަގީންކަން ދިނެވެ.
"ކޮބާ؟ އަޑެއް އިވޭތަ؟" ދޮރުގައި ކަންފަތް ޖައްސައިލަމުން، އަފްސަމް އަހައިލިއެވެ.
"ނީވޭ! ވަރަށް ގިނައިރުވެއްޖެ އަޑެއް ނީވޭތާ" ލިމްޔާ ބޯހޫރައިލިއެވެ.
"ދެން ނުހުރެވޭނެ!... ހިނގާ ވަންނަން... މިހެންދާ އެންމެން އެބަލަނީ އަހަރެމެންނަށް.." އަފްސަމް ދޮރު ހުޅުވަން އުޅުމުން، ލިމްޔާ ތަޅުގައި ހިފޭއްޓިއެވެ.
އަފްސަމް ގަދަކަމުން ދޮރު ހުޅުވިއެވެ. ސޯފާގައި ތިބި ރަޔާންމެން ފަސްއެނބުރި ބަލައިލިއިރު، އަފްސަމް މާފަށް އެދެމުން ދުވެފައި ގޮސް ފާހާނާއަށް ވަންނަނީއެވެ. އަފްސަމް ދިޔަގޮތް ފެނުމުން، ޔަލްވީ ކައިރިއަށް ހިނިއައެވެ. ފަހަތުން ވަން ލިމްޔާ ހުރީ ޔަލްވީ އާއި ދިމާއަށް ބަލައިލަންވެސް ނުކެރިފައެވެ. ޔަލްވީ ސޯފާއިން ތެދުވިއެވެ. ލިމްޔާ ރަޔާނަށް އަވަސް ނަޒަރެއް ދިނެވެ. ރަޔާން އިސްޖަހައިލީ ލިމްޔާ އިތުރަށް ތަޅުވައިލުމުގެ މަގުސަދުގައެވެ.
"މީ ލިމްމެން ރާވައިގެން ކުރި ކަމެއް ދޯ" ޔަލްވީ ހިތްހަމަނުޖެހޭގޮތް ދައްކައިލިއެވެ.
"ސޮރީ... މީ އަހަރެންގެ އައިޑިއާ.." ލިމްޔާ މާފަށް އެދުނެވެ. "ރެންގެ ކުށެއް ނެތް..."
"ތި އެންމެންވެސް ތިތިބީ ކުށްވެރިވެފަ..." ޔަލްވީ ތުންފިއްތައިލިއެވެ.
އަފްސަމް ފާހާނާއިން ނުކުމެގެން އައިއިރު، ލިމްޔާއާއި ޔަލްވީ ތިބި ގޮތް ފެނި، ފަހަތަށް ޖެހެމުން ގޮސް ރަޔާންގެ ކައިރީގައި ހުއްޓުނެވެ.
"ފްލޮޕްތަ؟" އަފްސަމް ސިއްރުން އަހައިލިއެވެ.
އެންމެން އެއްފަހަރާ ހީގަތުމުން، އަފްސަމް ޗޮކެއް ކަނޑައިލިއެވެ. މައްސަލަ ހައްލުވީކަން އެނގުމުން، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަފްސަމަށެވެ.
"މިހާރު އެކޮޅުމަތީގަ އުޅޭނީ ސުނާމީ އަރައިގެން..." އަފްސަމް ދެން ބުނެލި ޖުމުލައިން އެންމެންގެ ހުނުން ހުއްޓުނެވެ.
ޔަލްވީ ހާސްވެފައި ރަޔާނަށް ބަލައިލިއެވެ. ރަޔާންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. ޔަލްވީ ފޮނުވާކަށް ރަޔާން ބޭނުމެއް ނުވެއެވެ. ޔަލްވީ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ގެއަށް ގޮސްފިނަމަ، ޔަލްވީއަށް ދެން ބޭރަށް ނުކުތުމުގެ ހުއްދަ ނުލިބޭނެކަން އޭނާއަށް އެނގެއެވެ.
********
"ކާކުހޭ ޔަލްވީ ބޭރަށް ދާން ހުއްދަ ދިނީ؟ މީހަކު ހުއްދަ ނުދެނީހެއް ޔަލްވީއެއް ނުދާނެ" ނަފީސާ ރޮއެރޮއެފައި ހަޅޭއްލަވަމުން ދިޔައެވެ. "ތާސާ ދޯ ދޮރު ހުޅުވަދިނީ..."
ތާސާ ހުރީ ނަފީސާގެ ކުރިމައްޗަށް ހާޒިރުކޮށްފައެވެ. ބިރުން އިސްޖަހާލައިގެން ހުރިއިރު، ތާސާގެ މުޅި ހަށިގަނޑުވެސް ތުރުތުރުއަޅައެވެ.
"އެއީ ކުޑަކުއްޖެއް ނޫނޭ.. ބޮޑުވެފަ ހުރި ދަރިއެކޭ ނަފީސާ.. މީހަކު ދޮރު ހުޅުވަދީގެން އެކަނިތަ ނުކުމެވޭނީ..." ނިމާލު މަސައްކަތްކުރީ ނަފީސާ ކޮޓަރިއަށް ވައްދާށެވެ.
"ގުޅާ ޔަލްވީއަށް... ގުޅާފަ ބުނޭ ގެއަށް އަންނާށޭ... އެ ރަޔާން ޔަލްވީ ގެންދާނެ... އަހަރެމެން ކައިރިން ދުރުކުރާނެ..." ނަފީސާ ނިމާލުގެ އަތް ފޮޅުވައިލިއެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނިމާލަށް ނަފީސާ ހިފޭޓުނީ ކިރިޔާއެވެ.
(ނުނިމޭ)